މާލޭގެ ބޭރުގައި އިޓަލީގެ 'އެމްއެސް ކޯސްޓާ ޑެލިޒިއޯސާ' ބަނދަރު ކުރުމާ އެކު އެ ކްރޫޒް ލައިނާ އިން އައި ފަތުރުވެރިން ވަނީ މާލެއަށް ފައިބާފައެވެ. ބައެއް ފަތުރުވެރިން ރިސޯޓުތަަކަށް ވެސް ދިއައެވެ.
އިޓަލީގެ ކޮސްޓާ ކްރޮސިއެރޭއިން އޮޕަރޭޓްކުރާ 'ކޯސްޓާ ޑެލިޒިއޯސާ'
ކޮވިޑަށްފަހު ކްރޫޒް ލައިނާތަކުގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށާފައިވާއިރު މިއީ މިއަހަރު މާލެއަށް ބަނދަރުކުރި ދެވަނަ ކްރޫޒްލައިނާއެވެ. ނިމިދިޔަ މަހު 1،000 އަށް ވުރެ ގިނަ ފަތުރުވެރިންނާ އެކު ޖަރުމަނުގެ ކްރޫޒް ލައިނާއެއް ކަމަށްވާ 'އެމްއެސް އާޓިއާނިއާ' ވަނީ މާލެއަށް ބަނދަރުކޮށްފައެވެ. އެ ކްރޫޒް ލައިނާ ވަނީ އައްޑޫ ސިޓީއަށްވެސް ދަތުރުކޮށްފައެވެ.
ރާއްޖެއަށް މިއަހަރު އައުމަށް ހަމަޖެހިފައިވާ ކްރޫޒްލައިނާތަކުގެ ތެރޭގައި އެމްއެސް ސިލްވާ ޝެޑޯ އާއި އެމްއެސް ސެވަން ސީސް މެރީނާ އާއި އެމްއެސް އައިޑާބެއްލާގެ އިތުރުން އެމްއެސް ވަސްކޮ ޑަ ގާމާ ނިކޯ އަދި އެމްއެސް ފްރެޑް އޮލްސެން ބޮލެޓް ހިމެނެއެވެ. މި ކްރޫޒް ލައިނާތަކުގެ ތެރެއިން އެމްއެސް ސިލްވާ ޝެޑޯ ބަނދަރުކުރާނީ އައްޑޫ ސިޓީގައެވެ. އެމްއެސް ފްރެޑް އޮލްސެން ބޮލެޓް ބަނދަރުކުރުމަށް ހަމަޖެހިފައިވަނީ ހއ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީގައެވެ.
މި އަަހަރު ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ކްރޫޒް ލައިނާތަކަކީ މިދިޔަ އަހަރު ރާއްޖެ އައި ކްރޫޒް ލައިނާތަކަށް ވުރެ ބޮޑެތި ކްރޫޒް ލައިނާތަކެެކެވެ.