ފައިސަލް، ހުސެއިން އަދި އިޔާން އަބްދުލް އަލީމް
ގައުމީ ޓީމުގެ ތިން ކީޕަރުން މާޒިޔާއަށް
ރާއްޖޭގެ ގައުމީ ޓީމުގެ ތިން ކީޕަރުންގެ ސޮއި މާޒިޔާއިން ހޯދައިފިއެވެ.

މާޒިޔާއަށް އަންނަ ސީޒަންގައި ކުޅޭނެ ކުޅުންތެރިން މި ދެ ދުވަހު އިއުލާން ކުރަމުން އަންނައިރު، މިއަދު އިއުލާން ކުރި ގޯލް ކީޕަރަކީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭއަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އަދި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު ފައިސަލްއެވެ. ފައިސަލްއާއެކު މާޒިޔާއަށް ކުރިއަށް އޮތް ސީޒަންގައި ކުޅޭނެ ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމުގެ ތިން ކީޕަރުން ހިމެނުނީއެވެ. 

ފައިސަލްގެ ކުރިން ހުސެއިން ޝަރީފް، އަދި އިޔާން އަބްދުލް އަލީމްވަނީ މާޒިޔާގެ ކޮންޓްރެކްޓް އާކޮށްފައެވެ.

މި ދެ ކުޅުންތެރިންނަކީވެސް މާޒިޔާގައި ތިބި ދެ ކުޅުންތެރިންނެވެ. މާޒިޔާގައި މި ދެ ކުޅުންތެރިން ތިބިނަމަވެސް މިދިޔަ ސީޒަންގައި މާޒިޔާގެ ގޯލްގައި މައިގަނޑު ގޮތެއްގައި ހުރީ ބިދޭސީ ކީޕަރެކެވެ. 

މާޒިޔާއިން ކުރިއަށް އޮތް ސީޒަނަށް އަލަށް ގެނައި ކުޅުންތެރިންގެ ތެރޭގައި އީގަލްސްގެ ހަސަން ރާއިފް އަދި ހުސެއިން ޝިފާއު ހިމެނެއެވެ. މީގެ އިތުރުން ހަމްޕު އާއި ދާދުވެސްވަނީ މާޒިޔާގެ ކޮންޓްރެކްޓް އާކޮށްފައެވެ. 

މާޒިޔާގެ ގިނަ ކުޅުންތެރިންތަކެއް ކޮންޓްރެކްޓް އާކޮށްފައިވާއިރު، މާޒިޔާއަކީ އެންމެ ފަހުގެ ލީގުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން މި އަހަރުވެސް އޭއެފްސީ ކަޕުގައި ރާއްޖެ ތަމްސީލް ކުރާނެ ޓީމެވެ. މާޒިޔާގެ ގިނަ ކުޅުންތެރިންތަކެއް ކޮންޓްރެކްޓް އާކޮށްފައިވާއިރު، އެ ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ ސީޒަނަށް ޕްރެކްޓިސް ފަށާށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ މަހުގެ ފަހުކޮޅު އާ ސީޒަން ފަށާނެއެވެ.

100%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި