'އާބަން އައިލް' ގައި ގެސްޓް ހައުސް ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓު (އީއައިއޯ) ހުށަހެޅުމަށް ހުޅުވާލި ފުރުސަތު މި މަހުގެ 19 ވަނަ ދުވަހަށް ހަމަވާ ގޮތަށް އޮތް ނަމަވެސް، އެ މުއްދަތު މި މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ 14:00 އާ ހަމައަށް އިތުރުކޮށްފައި ކަމަށް އެޗްޑީސީން ބުނެފިއެވެ. އެޗްޑީސީން ބުނީ ގެސްޓް ހައުސް ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް 'އާބަން އައިލް'ގެ އިންވެސްޓަ ޕޯޓަލް މެދުވެރިކޮށް އީއައިއޯ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
'އާބަން އައިލް' އަކީ ހުޅުމާލޭގެ އެންމެ އުތުރުން އޮންނަ ފަތުރުވެރިކަމަށް ހާއްސަ ކުރެވިފައިވާ ރަށަކަށް ވާއިރު، ގާތްގަނޑަކަށް 23 ހެކްޓަރުގެ އެ ރަށުގައި ފަތުރުވެރިންނަށް ހާއްސަ ތަފާތު ގިނަ އެކޮމަޑޭޝަން ފެސިލިޓީތައް ހިމެނޭނެކަމަށް އެޗްޑީސީން ބުނެއެވެ.
މި ކޮމްޕޯނަންޓްތަކުގެ ތެރެއިން ގެސްޓް ހައުސް ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ 15 ޕްލޮޓަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެޗްޑީސީގެ ފަރާތުން ހުޅުވާލާފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި ފަތުރުވެރިކަމުގެ އިންޓަގްރޭޓަޑް މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތްތައް ހިނގައިގަތުމުން މުޅި ދިވެހި އިގުތިސާދަށް އަދި ހާއްސަކޮށް މާލެ ސަރަހައްދަށް ސީދާ ގޮތުންނާއި ނުސީދާގޮތުން އެތަކެއް މަންފާއެއް ލިބިގެންދާނެ ކަމުގައެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ފަތުރުވެރިކަމާ ގުޅުންހުރި ގިނަ ދާއިރާތަކަކުން އެތައް ބައިވަރު ވަޒީފާގެ ފުރުސަތުތަކެއް ތަނަވަސްވެގެންދާނެކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. 'އާބަން އައިލް' ގެ ސަބަބުން ދިވެހި ފަތުރުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނުވާނެ ކަމަށާއި އިގުތިސާދީ އެތައް ކުރިއެރުންތަކެއް ލިބުމާ އެކު، އެ ތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހިތްގައިމު ތަޖުރިބާތަކެއް ކުރެވިގެންދާނެ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.