އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަ ގޮތުގައި، މީހަކު ލިފްޓު ކައިރީ މަޑުކޮށްގެން ހުންނަ މަންޒަރު ފެނެ އެވެ. އަދި ލިފްޓުން މީހުން ފޭބުމުން ކުނި ކޮތަޅުތައް ލިފްޓަށް އެރުވުމަށްފަހު ލިފްޓު ދޮރުގައި އަތް އަޅުވާލައިގެން ހުންނަ މަންޒަރު ފެނިގެންދެ އެވެ.
އޭގެ ފަހުން އެޕާޓްމަންޓެއްގެ ބޭރުން ކުނި ކޮތަޅުތައް ނަގައިގެން އެނބުރި ލިފްޓު ކައިރި އަށް އައިސް ލިފްޓު ކައިރީ ބެހެއްޓުމަށްފަހު ސިޑިން މައްޗަށް އަރާ މަންޒަރު ފެނެ އެވެ. އެއަށްފަހު އެމީހާ އެނބުރި ލިފްޓަށް އަރަން އަންނަ އިރު ލައިގެން ހުރި ޖިންސު ރަނގަޅު ކުރަމުން ގެންދާ މަންޒަރު ފެނެ އެވެ. މި ވީޑިއޯ އިން އިތުރަށް ފެންނަ ގޮތުގައި އެމީހާ ލިފްޓުން ތިރިއަށް ދާފަހުން އެޕާޓްމަންޓުގައި އުޅޭ މީހަކު ބޭރަށް ނިކުންނަ އިރު، އެޕާޓްމަންޓު ދިމާ ތަޅުމުގައި ބޮޑުކަމު ގޮސްފައި ހުންނަ މަންޒަރު ފެނެ އެވެ.
މިކަމާއި ގުޅިގެން ވެމްކޯ އިން މިއަދު ބުނީ، ވީޑިއޯއިން ފެންނަ މުވައްޒަފު ސަސްޕެންޑުކޮށް މިހާރު އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި، މިފަދަ ކަންކަމަކީ އެ ކުންފުނިން އެއްވެސް ވަރަކަށް ބަލައިގަންނަ ކަންކަން ނޫން ކަމަށެވެ.
އަދި މިފަދަ އަމަލެއް އެކުންފުނީގެ މުވައްޒަފެއްގެ ކިބައިން ފެނުމުން އެކަމަށް ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށާއި، އެފަދަ ކަމެއް ދެން ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ވެމްކޯއިން ވަނީ ބުނެފަ އެވެ.
މި އަމަލު ހިންގާފައިވަނީ، އެކުންފުނީގެ ދިވެހި މުވައްޒަފެއް ކަމެއް ބިދޭސީ މުވައްޒަފެއް ކަމެއް އެ ކުންފުނިން ހާމަ ކޮށްފައި ނުވެ އެވެ.