ކާށީދޫ: ކާށިދޫ ފަޅުގައި ތަރައްގީ ކުރާ ރިސޯޓު ހުޅުވުމުން ރަށުގެ ރައްޔިތުންނަށް ފައިދާ ކުރާނެ - ފޮޓޯ:ގޫގުލް އާތު
"ކާށިދޫ ފަޅުގައި ރިސޯޓު ތަރައްގީ ކުރުމުން ރައްޔިތުންނަށް ފައިދާކުރާނެ"
ކ. ކާށިދޫ ފަޅުގައި ތަރައްގީ ކުރާ ރިސޯޓާ އެކު ރަށުގެ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ހުޅުވާލުމަށް ނިންމުމާ ގުޅިގެން މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދުރު ވިސްނުން ދައްކުވައިދޭ ކަމެއް ކަމަށެވެ. ކާށިދޫ ފަޅުގައި ތަރައްގީ ކުރާ ރިސޯޓުގެ މަސައްކަތް އެންމެ ގިނަވެގެން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަން ފާހަގަކުރައްވާ މައުސޫމް ވިދާޅުވެފައި ވަނީ ރިސޯޓު ހުޅުވިގެން ދިޔުމުން ކާށިދޫގެ ރައްޔިތުންނަށް، ހާއްސަކޮށް ރަށުގެ ދަނޑުވެރިންނަށާއި މަސްވެރިންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. 

ސަރުކާރުން ވަނީ ކާށިދޫ ފަޅު ހިމެނޭހެން ރިސޯޓު ތަރައްގީ ކުރުމުގެ 14 މަޝްރޫއެއް ބީލަމަށް ހުޅުވާލާފައެވެ. ބީލަމަށް ހުޅުވާލި ރަށްތަކާ ފަޅުތަކުގެ ތެރެއިން ލީޒް އެކުއިޒިޝަން ކޮސްޓެއްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ ކާށިދޫ އާއި ނިލަންދޫ ފަޅުން ރިސޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތަކަށެވެ. އެގޮތުން މިއިން ކޮންމެ މަޝްރޫއަކަށް އެންމެ މަދުވެގެން ލީޒް އެކިއުޒިޝަން ކޯސްޓުގެ ގޮތުގައި 2.3 މިލިއަން ޑޮަލަރު (ގާތްގަނޑަކަށް 35 މިލިއަން ރުފިޔާ) ދައްކަން ޖެހެއެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ފަޅު ހިއްކައިގެން ރިސޯޓު ތަރައްގީ ކުރުމަށް ހުޅުވާލާފައިވަނީ ގިނަ ކަންތައްތަކަކަށް ބެލުމަށް ފަހުގައި ކަމަށާއި އެކަމަށް ކުރަން ޖެހޭ ދިރާސާތައްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރިސޯޓު ތަރައްގީ ކުުރުމަށް ތިލަދުންމަތިން އިތުރު ތިން ރަށެއް ދޫކުުރުމަށް ވެސް ވަނީ އިއުލާނުކޮށްފައެވެ.

ތިލަދުންމަތީގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުގެ ފަރާތުން އިތުރު މަސައްކަތްތަކެއް ކުރަން ފަށާފައި މި ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ. ސަރުކާރުގެ އަމާޒަކީ އެ އެއާޕޯޓާ އެކު، އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ 8،000 އެނދު ތަރައްގީ ކުރުމެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި