އައްޑޫ ހިތަދޫ
އައްޑޫ ސިޓީއިން 500 ގޯތި ދޫކުރަން ދަންވަރު އިއުލާން ކޮށްފި
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން 500 ގޯތި ދޫކުރަން އައްޑޫ ސިޓީ ކައުންސިލުން ރޭ 12:00 ފަހުން އިއުލާން ކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެ ސިޓީގެ ހުޅުދޫ އާއި މީދޫއިން 2،000 އަކަފޫޓުގެ 100 ގޯތި ކޮންމެ ރަށަކުން ދޫކުރުމަށް ނިންމާފައި ވާކަމަށާއި، ފޭދޫއިން 1،500 އަކަފޫޓުގެ 300 ގޯތި ދޫކުރުމަށް ނިންމާފައި ވާކަމަށެވެ. 

މީގެ އިތުރުން މި ހަފްތާ ތެރޭ އައްޑޫސިޓީ ހިތަދޫއިން ވެސް ގޯތި ދޫކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވަނީ ވިދާޅުވެފަ އެވެ. 

މި ގޯތިތަކަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައި ވާކަމަށާއި، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން މެންދުރު 13:00 އަށް ފޯމު ބަލައިގަތުން ކުރިއަށް ދާނެ ކަމަށް ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ވަނީ ބުނެފަ އެވެ. 

އިއުލާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ގޯތި ދިނުމުގައި އިސްކަންދޭނީ އެ އަވަށެއްގައި އުޅޭ މީހުންނަށް ކަމަށާއި، އެގޮތުން 90 އިންސައްތަ ގޯތި އެ އަވަށެއްގައި އުޅޭ މީހުންނަށް ދޫކުރާއިރު، 10 އިންސައްތަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ، އެހެން އަވައްތަކުގެ މީހުންނަށެވެ. 

އައްޑޫއިން ދޫކުރާ ގޯތިތަކަށް ކުރިމަތިލެވޭނީ އައްޑޫ ސިޓީގެ ރައްޔިތުންނަށް އެކަނި ކަމަށާއި، ގޯއްޗަށް އެދޭ ފަރާތްތަކުގައި ހުންނަޖެހޭ ޝަރުތު އައްޑޫސިޓީ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގައި ވަނީ ހިމަނާފަ އެވެ. 

އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދީ، އެރަށުން ގޯތި ދިނުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މުހިއްމު އެއް ވައުދެވެ. 

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި