ކުރިން އޮތްގޮތުން އެއިމާރާތަށް އޮފީސްތައް ބަދަލުކޮށް ހުޅުވުމަށް ނިންމާފައިއޮތީ މިމަހުގެ 15 ގައެވެ. ނަމަވެސް ބައެއް އޮފީސްތައް ބަދަލުކުރުމުގެ މަސައްކަތް ނުނިމޭތީ މިމަހުގެ 15 ގައި އެ އިމާރާތް ނުހުޅުވުނެވެ.
ހައުސިން މިނިސްޓްރީން ބުނީ އޮފީސް އިމަރާތް އަންނަ މަހުގެ 15 ގައި ހުޅުވުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހުޅުމާލޭގައި އޮފީސް އިމާރާތެއް ތަރައްގީ ކުރުމަށް ނިންމާފައިވަނީ ސަރުކާރުގެ ގިނަ އޮފީސްތަކެއް އަމިއްލަ ތަންތަނުގައި މުއްދަތެއް ނެތް ގޮތަށް ބޮޑު ކުއްޔަށް ނަގައިގެން ހިންގަން ޖެހޭތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ.
މާލޭއަށް ދިމާވެފައިވާ ބިމުގެ ދަތިކަމާ ހުރެ ސަރުކާރުން ނިންމާފައިވަނީ ހުޅުމާލޭ ގައި އެ އިމާރާތް ތަރައްގީ ކުރުމަށެވެ. އެގޮތުން 2019 ވަނަ އަހަރު 185 މިލިއަން ރުފިޔާ އަށް ޗައިނާގެ ހުނާން އިންޖީނިއަރިން އާ އެ އޮފީސް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރިއެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ތަރައްގީ ކުރި އޮފީސް އިމާރާތަށް ތިން މިނިސްޓްރީ އަކާއި ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީ ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އެ އިމާރާތުގެ އެންމެ ތިރި އަދި ފުރަތަމަ ފަންގިފިލާ ހާއްސަކޮށްފައިވަނީ ޕާކިން ސަރަހައްދެއްގެ ގޮތުގައެވެ. ދެވަނަ ފަންގިފިލާ ޖެންޑަ މިނިސްޓްރީ އަށް ހާއްސަކޮށްފައިވާއިރު ތިންވަނަ ފަންގިފިލާ ޓްރާސްޕޯޓް މިނިސްޓްރީ އަށް އަދި ހަތަރު ވަނަ ފަންގިފިލާ އެމެރިކާ އެމްބަސީ އަށް ދިނުމަށް ވަނީ ނިންމާފައެވެ. ފަސްވަނަ ފަންގިފިލާ އަށް ހަޔަ އެޑިއުކޭޝަން ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އިމާރާތުގެ ހަވަނަ ފަންގިފިލާ ތަރައްގީ ކޮށްފައިވަނީ ކުދި މީޓިން ރޫމްތަކާއި ސެމިނާ ރޫމެއްގެ އިތުރުން ޓެރަހެއް ހިމެނޭ ގޮތަށެވެ.