ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ދާގޮތް މިއަދު ނޫސްވެރިންނަށް ދައްކާލުމަށް ބޭއްވި އިވެންޓްގައި އެކޯޕަރޭޝަނުން ނުނީ ހުޅުމާލޭގައި މިހާރު ތަރައްގީ ކުރަމުންދާ ފްލެޓްތަކުގެ ތެރެއިން ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގަކީ މެއިންޓަނަންސްއާއި އެކު 7000 ރުފިޔާ ކަމަށެވެ. އަދި ތިން ކޮޓަރީގެ ކުއްޔަކީ 13000 ރުފިޔާ ކަމަށެވެ.
ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ކުރީގެ ސަރުކާރުން މަސައްކަތްފަށައި އެޗްޑީސީން ކުއްޔަށް ދީފައިވާ ހިޔާ ފްލެޓްގެ ދެ ކޮޓަރީގެ ކުއްޔަކީ މެއިންޓަނަންސްއާއެކު 8500 ރުފިޔާއެވެ.
ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ތަރައްގީކުރާ ފްލެޓްތަކަކީ ހިޔާ ފްލެޓްތަކަށްވުރެ ޖާގަވެސް ތަނަވަސް ފްލެޓްތަކެކެވެ. އެގޮތުން މިހާރު ތަރައްގީކުރަމުންދާ ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ ސައިޒަކީ 650 އަކަފޫޓެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ ސައިޒަކީ 900 އަކަފޫޓެވެ.
18 ފަންގިފިލާގެ 32 ޓަވަރު ހުޅުމާލޭގައި ތަރައްގީ ކުރަމުން ގެންދާއިރު އޭގެތެރެއިން 13 ޓަވަރުގައި ހުންނަނީ ދެކޮޓަރީގެ އެޕާޓްމަންޓް ތަކެވެ.
މިމަޝްރޫއުގެ ދަށުން ފުރަތަމަ ނިންމުމަށް ހަމަޖެހިފައިވަނީ ދެ ކޮޓަރީގެ އެޕާޓްމަންޓް ތަކެވެ. އެއީ 1200 އެޕާޓްމަންޓެވެ. މީގެއިތުރުން ތިން ކޮޓަރީގެ 2800 އެޕާޓްމަންޓްގެ މަސައްކަތްވެސް 2024 އަދި 2025 ގައި ނިމޭނެކަމަށް ކޯޕަރޭޝަނުން ބުނެއެވެ.