ހޯރަފުށި ކައިރިން ހިފި ކިނބޫ
6 ފޫޓު ދިގު ކިނބުލެއް ރާއްޖެއިން ހިފައިފި
ދިގު މިނުގައި ހަ ފޫޓޫ ހުރި ކިނބުލެއް ހޯރަފުށި ކައިރިން ހިފައިފި އެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދޭގޮތުގައި، އެ ކިނބޫ ފެނުނީ ހއ. ހޯރަފުށި ކައިރިންނެވެ. އެ ކިނބުލުގެ ދިގު މިނުގައި ހަ ފޫޓު ވަރު ހުންނާނެ ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފަ އެވެ. 

"ހއ.ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ އުނގުލުފިނޮޅާއި ހުވަހަންދޫ އާ ދެމެދުން، ދިގުމިނުގައި ގާތްގަނޑަކަށް ހަ ފޫޓު ހުރި ކިނބުލެއް ފެނިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވާން ފަށައިފި." އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން އާއްމު ކޮށްފައިވާ ފޮޓޯ ތަކުން ކިނބޫ މޫދުން ނަގާ މަންޒަރު ފެންނަ އިރު، ކިނބުލުގެ އަނގައިގައި ވާގަނޑެއް އައްސާފައިވެ އެވެ. އަދި ލޯންޗަށް ކިނބޫ ލާފައި އޮތް އިރު އޭގެ އަނގައިގަ އާއި ފައިތަކުގައި ޓޭޕު އަޅާފައިވާ މަންޒަރުވެސް ފޮޓޯތަކުން ފެނެ އެވެ. 

މިއަދު ހޯރަފުށި ކައިރިން ކިނބުލެއް ފެނިފައި ވާއިރު، މިމަހުގެ 13 ވަނަ ދުވަހު ކ.ބޮލިދުއްފަރު ކައިރިން ވެސް ވަނީ ކިނބުލެއް ފެނިފަ އެވެ. 

އެ ސަރަހައްދުން ފެނުނު ކިނބޫ އެމްއެންޑީއެފް ކޯސްޓްގާޑުން ހިފައި، ބޮލިދުއްފަރުން ބޭރަށް ދޫކޮށްލާފައި ވާއިރު، އެ ކިނބުލުގެ ދިގު މިނުގައި 14 ވަރަކަށް ފޫޓު ހުރި ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ. 

100%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި