މި ފަހުން މިކަން ފުރަތަމަ ފާހަގަވީ މިދިޔަ ހަފްތާގައި ހައިކޯޓުގައެވެ. ހައިކޯޓުގައި މިދިޔަ ހަފްތާގައި އޮތް، އދ. ދަނގެތީގައި އަނިޔާވެރިގޮތަކަށް މަހުމޫދު އަބޫބަކުރުގެ ގާތިލު ޝާ އޮލަމް މިއާ(ސާލިމް)ވަނީ އޭނާގެ ވަކީލު އަދި ޓްރާންސްލޭޓަރު ވެސް ކަމު ނުދާކަމަށް ބުނެފައެވެ. ދަށު ކޯޓުގައި އަމިއްލައަށް އިއުތިރާފުވެފައިވާ ސާލިމްގެ ވާހަކަ ބަދަލުވީ ހައިކޯޓުގެ ޝަރީއަތުގައެވެ.
މަހްމޫދުގެ މަރުގެ މައްސަލައިގައި މިދިޔަ ހަފްތަގައި ހައިކޯޓުގައި ވާހަކަ ދައްކަމުން ސާލިމްވަނީ އޭނާގެ ތަރުޖަމާން އަދި ގާނޫނީ ވަކީލެއްގެ ގޮތުގައި ތަހުގީގު މަރުހަލާގައި އަދި ދަށު ކޯޓު މަރުހަލާގައި މަސައްކަތް ކުރި މީހުން ބަދަލު ކުރަން ބޭނުން ކަމަށް ބުނެފަ އެވެ. މިއީ ކުރިން ޝަރީއަތުގައި ސާލިމް ދެއްކި ވާހަކަތަކެއް ނޫނެވެ.
މި ފަދަ ދެ ވަނަ ހާދިސާ އައީ ހޯމަ ދުވަހު އެވެ. ހޯމަ ދުވަހުގެ ހާދިސާއަކީ ސުޕްރީމް ކޯޓުގެ މަރުހަލާގައި ދިމާވި ކަމެކެވެ. ޖުލައި، 2012 ގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ މުހައްމަދު ސަމާހަށް އޭނާގެ ދިފާއީ ވަކީލުގެ އެއްބާރުލުން އެކަށީގެންވާ މިންވަރަށް ނުލިބޭ ކަމަށް ބުނެ ސުޕްރީމް ކޯޓުގައި ޝަކުވާ ކުރި އެވެ. މި ޝަކުވާގެ އަލީގައި އޭނާގެ ވަކީލުކަމުން މިހާރުގެ ވަކީލު ސުޕްރީމް ކޯޓުން ވަނީ ވަކިކޮށްފަ އެވެ. އަދި ދެން އެ މައްސަލަ ކުރިއަށް ގެންދާނީ އާ ވަކީލަކު ހަމަޖެއްސުމަށް ފަހު ކަމަށް ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވާ ބެންޗުން އިއުލާން ކުރެއްވި އެވެ.
ގަސްތުގައި މީހަކު މެރުމުގެ މި ދެ މައްސަލައިގައި ވެސް ފާހަގަ ކުރެވޭ އެއް ކަމަކީ ދަށު ކޯޓުގެ މަރުހަލާގައި އަމިއްލައަށް ކުށަށް އިއުތިރާފުވުމަށް ފަހު މަތީ މަރުހަލާގައި ވާހަކަ ބަދަލުވުމެވެ.
ގަސްތުގައި މީހުން މެރުމަށް ފަހު އެކަމަށް އިއުތިރާފުވެ، އަދި ކޯޓުން އެކަމަށް ހުކުމް ކުރުމުން، ފަހުގެ މަރުހަލާތަކުގައި އެ އިއުތިރާފުން ރުޖޫއަވެ، އަދި ވަކީލުން ގޯސްވުމުގެ ޓްރެންޑެއް މިހާރު އުފެދެމުން އަންނައިރު، މިއީ ކަންބޮޑުވަންތަކެއް އެކަމުގައި ހުރި ކަމަކެވެ. މިކަމާ މެދު ކަމާ ބެހޭ ފަރާތްތަކުން ސީރިއަސްކޮށް ވިސްނަން ޖެހެއެވެ.