ރައީސް މާޅޮހު ކައުންސިލާ ބައްދަލު ކުރެއްވުން
ރައީސް މާޅޮހު ކައުންސިލާ ބައްދަލު ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްގީއަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި މާޅޮހު ކައުންސިލް މެންބަރުން ވަނީ މީގެ ކުރިން ރައީސުލްޖުމްހުރިއްޔާ ވަޢުދުވެވަޑައިގެންނެވި ގޮތަށް މާޅޮހުގައި ފެނާ ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއު ފަށައިގެން މިހާރު ކުރިޔަށްދާކަމަށާއި، ފާއިތުވި ސަރުކާރުތަކުން ކުދި ރަށްތަކުގެ ތަރައްގީ ވަރަށް ބޮޑަށް ދޫކޮށްލާފައިވީ ނަމަވެސް މި ސަރުކާރުން ކުދި ރަށްތަކަށް ވެސް ތަރައްޤީ ގެނައުމަށް މަސައްކަތް ކުރައްވަމުންދާކަން ފާހަގަކުރައްވާފައެވެ.

މާޅޮހު ކައުންސިލުން ވަނީ އެރަށުގެ ތަރައްގީއަށް މިހާރު ހިނގަމުންދާ މަޝްރޫތަކާއި، އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ހިއްސާކުރައްވާފައެވެ. 

އެގޮތުން، ރަށުގެ ބަނދަރުގެ ދަތިކަން ފާހަގަކުރައްވައި ކައުންސިލުން ވަނީ އެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް ރައްޔިތުން އެދޭކަން ފާހަގަކުރައްވާފައެވެ. 

މީގެ އިތުރުން ވެސް ހިބަޅިދޫ މާޅޮހު ކައުންސިލްގެ އިހްތިސާސްގައި ހިމަނައިދިނުމަށާއި، ބަނދަރާއެކީ ރަށްގިރުމުގެ މައްސަލައާއި ދޯނި ފަހަރު އެހެލުމަށް ބޭނުންވާ ސަރަހައްދެއް ހަމަޖައްސައިދިނުމަށް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ. ހަމައެއާއެކު މިސްކިތުގެ ޖާގަ ކުޑަވުުުުމުން ދިމާވާ ދަތިތަކާއި، ދީނީ ޕްރޮގްރާމްތައް ހިންގުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަމަށާއި، ކުޅިވަރު ކުޅޭނެ ވަސީލަތްތައް ބޭނުންވާކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

މާޅޮހު އ.ތ.މ. ކޮމިޓީއިން ވެސް ވަނީ ހިބަޅިދޫ މާޅޮހު ކައުންސިލްގެ އިހްތިސާސްގައި ހިމަނައިދެއްވުމަށް އެދި ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާޅޮހުގެ ތަރައްޤީއާ ގުޅޭ މަޝްރޫތަކުގެ ފަހުގެ މައުލޫމާތުތައް ކައުންސިލާ ހިއްސާ ކުރައްވާފައެވެ. އަދި، ކައުންސިލާއި އ.ތ.މ. ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ސަރުކާރުން ރަށްރަށަށް ތަރައްގީ ގެނައުމުގައި ކައުންސިލްތަކާއެކީ މަޝްވަރާކުރައްވައިގެން ރައްޔިތުން އެންމެ އެދޭގޮތަށް ކަންކަން ކުރިޔަށްގެންދެވޭތޯ މަސައްކަތްކުރައްވާކަން ފާހަގަކުރައްވާފައެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި