ފޮޓޯ: އެޗްޑީސީ
އެޗްޑީސީން ސިޓީ ޕޮސިބަލްގެ މެމްބަރަކަށްވުމަށް މާސްޓަކާޑާއެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ޕޭމަންޓް އިންޑަސްޓްރީގެ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ މާސްޓަކާޑާއި އެކު މެމަރެންޑަމް އޮފް އަންޑަސްޓޭންޑިން އެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިއަދު ސޮއި ކުރެވުނު މި އެއްބަސްވުމުގެ ދަށުން މާސްޓަކާޑުގެ ސިޓީ ޕޮސިބަލް ނެޓުވޯކުގެ މެމްބަރޝިޕް އެޗްޑީސީއަށް ލިބިގެން ދާނެ އެވެ. 

ސިޓީ ޕޮސިބަލްއަކީ ދުނިޔޭގެ އެކި ސިޓީތަކާއި، ވިޔަފާރިތަކާއި، ތައުލީމީ ދާއިރާ އަދި ކޮމިއުނިޓީތައް އެކުވެގެން ދެމެހެއްޓެނިވި އަދި އުފެއްދުންތެރި އާބަން ތަރައްގީ ގެނައުމަށް އެކުލަވާލެވިފައިވާ ވިއުގައެކެވެ.

މީގެ ތިން އަހަރު ކުރިން އުފެދިގެންއައި މި ނެޓުވޯކުގައި މިހާރު 50 ގައުމުގެ މައްޗަށް އެކުލެވޭހެން 300 އަށް ވުރެ ގިނަ ސިޓީއާއި 600 އަށްވުރެ ގިނަ ކޮމިއުނިޓީތައް ހިމެނެ އެވެ.

ސިޓީތަކަށް ދެމެހެއްޓެނިވި އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީ ފުރިހަމަ ގޮތުގައި ގެނައުމަށް މި ނެޓްވޯކުގައި ހިމެނޭ ފަރާތްތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ފާހަގަ ކުރެވެ އެވެ.  

މި ނެޓުވޯކުގެ މެމްބަރަކަށް ވުމުން، އެޗްޑީސީން ކުރިއަށްގެންދާ ސްމާޓް ސިޓީ މަޝްރޫއަށް ގިނަގުނަ ފައިދާތަކެއް ލިބިގެން ދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އެގޮތުން އެހެން ސިޓީތަކުގައި ބޭނުން ކުރެވެމުން އަންނަ ތަފާތު ސްމާޓް ސޮލިއުޝަންތަކާ ބެހޭ ތަޖުރިބާކާރު މައުލޫމާތާއި އެފަދަ ސޮލިއުޝަންތައް ދިވެހިރާއްޖޭގައި، އަދި ހުޅުމާލެ ފަދަ ސިޓީއެއްގައި އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރާނެ ގޮތްތައް އެގިގެން ދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. އަދި ހުޅުމާލެ ތަރައްގީ ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތައް ދެނެގަނެވި، ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ. 

ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ލުއިފަސޭހަ ސްމާޓް ސިޓީއަކަށް ހުޅުމާލެ ހެދުމަށްޓަކައި އެޗްޑީސީން އަންނަނީ އެކޯޕަރޭޝަންގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

އެގޮތުން އޯޕަން އެކްސެސް ނެޓުވޯކަކާއިއެކު ވަރުގަދަ ޑިޖިޓަލް އިންފްރާސްޓްރަކްޗައެއް ހުޅުމާލޭގައި ގާއިމުކޮށް ތަފާތު ޑިޖިޓަލް ސޮލިއުޝަންތައް ދަނީ ތައާރަފު ކުރަމުންނެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި