ސްޕީޗް އެންޑް ހިއަރިންގް ކޭމްޕުގެ ތެރެއިން
ހދ އަތޮޅުގައި ސްޕީޗް އެންޑް ހިއަރިންގް ކޭމްޕެއް ކުރިޔަށް ގެންގޮސްފި
އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރަން (އާކް) އިން ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް އެސޯސިއޭޝަން ގުޅިގެން މި ނޮވެމްބަރު މަހުގެ 16 އިން 20 އަށް ހދ އަތޮޅުގައި ސްޕީޗް އެންޑް ހިއަރިންގް ކޭމްޕެއް ކުރިޔަށް ގެންގޮސްފިއެވެ.

މިކޭމްޕުގައި ހދ ނޮޅިވަރަންފަރު، ނޮޅިވަރަމް އަދި ކުޅުދުއްފުށި ސިޓީގައި އަޑުއިވުމާއި ވާހަކަ ދެއްކުމުގައި ދަތިތައް ހުންނަ 90 އަށްވުރެ ގިނަ ކުޑަކުދިންނަށް ރާއްޖެއިން ބޭރުގެ ސްޕީޗް ތެރަޕިސްޓެއް މެދުވެރިކޮށް ކޮންސަލްޓޭޝަން، ޑައިގްނޯސިސް، އިންޑިވިޖުއަލް އެސެސްމަންޓް އަދި އޯޑިއޯމެޓްރިކް ޓެސްޓް ހިލޭ ހަދައިދީފައިވެއެވެ.

މީގެ އިތުރުން، ނޮޅިވަރަންފަރު ސްކޫލް، ނޮޅިވަރަމް ސްކޫލް، ހދ އަތޮޅު ތައުލީމީ މަރުކަޒު، އަފީފުއްދީން ސްކޫލް އަދި ޖަލާލުއްދީން ސްކޫލްގައި މަސައްކަތްކުރާ 70 އަށްވުރެ ގިނަ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް(ސެން) ޓީޗަރުންނާއި ފައުންޑޭޝަން ސްޓޭޖް ޓީޗަރުންނަށް އަމާޒުކޮށް ނޮޅިވަރަންފަރު އަދި ކުޅުދުއްފުށި ސިޓީގައި ވަކިވަކިން 2 ދުވަހުގެ ވާކްޝޮޕެއްވަނީ ކުރިއަށް ގެންގޮސްފައެވެ. 

މި ވާކްޝޮޕުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއެކު މަސައްކަތްކުރާ ޓީޗަރުންނަށް ކްލާސް ރޫމްގައި ބޭނުންކުރެވޭނެ ފަސޭހަ އިންޓަވެންޝަންތައް އަދި ކުޑަކުދިން ވާހަކަދެއްކުމުގައި ހުންނަ ދަތިތައް ފާހަގަކޮށް އެކަންކަމަށް ހައްލު ހޯދާދިނުމަށް ކުރެވޭނެ ކަންކަމުގެ މުހިންމު މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ކޭމްޕް ކުރިއަށް ގެންދިޔުމުގައި ކުޅުދުއްފުށި ސިޓީ ކައުންސިލް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ނޮޅިވަރަންފަރު ހެލްތް ސެންޓަރ، ނޮޅިވަރަމް ހެލްތް ސެންޓަރ، މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ސްކޫލްތަކުގެ ބައިވެރިވުމާއި އެހީތެރިކަން ފާހަގަކޮށް އާކް އާއި ބިއުޓިފަލް އައިޒް ޑައުންސިންޑްރޯމް އެސޯސިއޭޝަން އިން ޝުކުރު އަދާކުރެއެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި