އަރަބިއްޔާ ބެލެނިވެރިން ކުރި މުޒާހަރާއެއް/ނޮވެމްބަރު 6 2022
2023 ގެ ބަޖެޓުގައި އަރަބިއްޔާ ސްކޫލް ހިމަނައިފި
ދައުލަތުގެ 2023 ވަނަ އަހަރުގެ ބަޖެޓުގައި އަރަބިއްޔާ ސްކޫލް ހިމަނައި އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފި އެވެ.

ރައްޔިތުން މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން އިއްޔެ ވަނީ، 160 މިލިއަން ރުފިޔާ އިތުރުކޮށް 2023 ވަނަ އަހަރުގެ ބަޖެޓު ފާސްކޮށްފަ އެވެ.

ބަޖެޓަށް އަލަށް އިތުރުކުރި ހަރަދުތަކުގެ ތެރޭގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތާއި، ޖަމާލުއްދީން އެނެކްސް އިމާރާތައް 6.4 މިލިއަން ވަނީ ހިމަނާފައެވެ. 

އަންނަ އަހަރުގެ ބަޖެޓު ސަރުކާރުން މަޖިލީހަށް ހުށަހެޅިއިރު މިހާރު އިމާރާތްކުރަމުންދާ އަރަބިއްޔާގެ އާ އިމާރާތައް ބަޖެޓު ހިމަނާފައި ނުވާތީ އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށް، ފާޑުވެސް ކިޔާފަ އެވެ. ސޭވް އަރަބިއްޔާގެ ނަމުގައި ހިންގަމުންދާ ކެމްޕެއިންގެ ދަށުން މިފަހުން ކުރި މުޒާހަރާގައިވެސް ބަޖެޓު ކޮބައިތޯ ސުވާލުކޮށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައި ވެެއެވެ.

މި ކަންބޮޑުވުންތައް ފާޅުކުރަން ފެށުމުން ސަރުކާރުން އޭރު ބުނީ، އަރަބިއްޔާ އަށް ބަޖެޓު ހަމަޖެއްސި ކަމަށާއި ބަޖެޓުގައި ހިމަނާފައި ނުވަނީ އިދާރީ އޮޅުމަކުން ކަމަށެވެ. 

އަރަބިއްޔާގެ އާ އިމާރާތެއްގެ މަސައްކަތް ސަރުކާރުން ފެށީ އަރަބިއްޔާގެ ބާ އިމާރާތް ދަރިވަރުންނަށް ކިޔަވައިދިނުން ރައްކާތެރި ނޫން މިންވަރަށް ރެދުލައި ސްކޫލު ބާވެފައިވާކަމުގެ ކަންބޮޑުވުން ބެލެނިވެރިން ކުރަން ފެށުމުން ނެވެ.

އަރަބިއްޔާ ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވަނީ ބާ ޖަމާލުއްދީން ތަޅާލުމަށްފަހު އެތަނުގައި އަޅާ އާ އިމާރާތަށެވެ. މިވަގުތު އަރަބިއްޔާ ދަރިވަރުން ކިޔަވަމުންދަނީ ވަގުތީ އިމާރާތެެއްގަ އެވެ.

އަރަބިއްޔާ މަޝްރޫއުއަކީ އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން 420 ދުވަސްތެރޭ އެމަސައްކަތް ނިންމާގޮތަށް ކުރިއަށްދާ މަޝްރޫއުއެކެވެ. އެންމެ ފަހުން ސަރުކާރުން ބުނެފައިވާގޮތުގައި އެތަނުގައި މިހާރު ކުރިއަށްދަނީ އަރަބިއްޔާ އަޅާ ބިމުގައި ހުރި ބާޖަމާލުއްދީން ތަޅާލުމުގެ މަސައްކަތެވެ. އެމަސައްކަތް ނޮވެމްބަރު މަހުގެ ފަހުކޮޅަށް ނިމޭނެ ކަމަށް ވަނީ ލަފާކޮށްފައިވާއިރު ސްކޫލް 2024 ގައި ހުޅުވާނެ ކަަމަށް ވަނީ ބުނެފައެެވެ. 

ސަރުކާރުން ބުނާގޮތުން، އަރަބިއްޔާ ނިމޭއިރު ކުރީގެ އަރަބިއްޔާއަަށްވުރެ މާ ފުރިހަމަވެފައި ޖާގަވެސް ތަނަވަސްވާނެ އެވެ.

އެގޮތުން:

  • އަރަބިއްޔާގެ ކުރީގެ އިމާރާތުގައި 26 ކްލާސް ރޫމު ހުރިއިރު އަލަށް އަޅާ އިމާރާތުގައި 41 ކްލާސް ރޫމް ހުންނާނެ
  • ބާ އަރަބިއްޔާގައި ހުރީ 44 ފާހާނަ، އާ އިމާރާތުގައި 110 ފާހާނަ ހުންނާނެ
  • ބާ އަރަބިއްޔާގައި ހުރީ ތިން ލެބް، އާ އިމާރާތުގައި ހަތަރު ލެބް ހުންނާނެ
  • އިންޑޯ ގާޑަންއެއްް އިތުރުކުރެވޭނެ
  • ބާ އަރަބިއްޔާގައި ދެ ސްޓާފް ރޫމް، އާ އިމާރާތުގައި ހަތަރު ސްޓާފް ރޫމް
  • ބާ އިމާރާތުގައި ހުރީ ދެ އެޑްމިން ބްލޮކް، އާ އިމާރާތުގައި ތިން ބްލޮކް
  • ބާ އިމާރާތުގައި ހުރީ ދެ ލިފްޓު، އާ އިމާރާތުގައި ހަތަރު ލިފްޓު 
  • އެކްޓިވިޓީ އޭރިއާގެ ފަސް އޭރިއާ ހުންނާނެ
  • ރީޑިން އޭރިއާގެ ދެ އޭރިއާ ހުންނާނެ
0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި