ފެނަކައިން މީޓަރު ޓެސްޓިން ހިދުމަތް ފެށުން——
ކަރަންޓު މީޓަރު ޓެސްޓުކުރުމުގެ ހިދުމަތް ފެނަކައިން ފަށައިފި
ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ކަރަންޓް މީޓަރު ޓެސްޓް ކުރުމުގެ ހިދުމަތް ފެނަކައިން މިއަދު ފަށައިފި އެވެ.

މި ހިދުމަތް ތައާރަފް ކުރީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ކަރަންޓް މީޓަރު ޓެސްޓް ކުރުން މުޅި ރާއްޖޭގައި، އެންމެ ފަރާތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެއުމަށެވެ. 

އެގޮތުން މިހާރަށްވުރެ އަވަސް މަގުން މީޓަރު ޓެސްޓުކޮށް އެކަށީގެންވާ އަވަސް މިނުގައި ދެމެހެއްޓެނިވި ހިދުމަތެއް ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، ފެނަކައިން މީޓަރު ޓެސްޓިން ބެންޗެއް ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފެށީ މިއަހަރުގެ ޖޫން މަސްތެރެ އެވެ

އެންމެ ފަހުގެ ޒަމާނީ، އިންޓަނޭޝަނަލް ސްޓެންޑަޑްތަކަށް ފެތޭ މީޓަ ޓެސްޓް ބެންޗެއްގެ ޒަރިއްޔާއިން، ކަރަންޓު މީޓަ ޓެސްޓްކުރެވޭ ފެސިލިޓީއެއް ފެނަކައިގައި މިއަދު ވަނީ ގާއިމްކޮށްފަ އެވެ.

މިއަދުު މިހިދުމަތް ފެށުމަށްފަހު ފެނަކައިން ބުނީ އެ ހިދުމަތް ތައާރަފު ކުރުމުން، މިހާރު ރައްޔިތުންނަށް އެ ހިދުމަތް ލިބޭ އަގަށްވުރެ އެތަށް ގުނައެއް އަގު ހެޔޮވެ، މިހާރު ހިދުމަތަށް ނަގާ މުއްދަތަށް ވުރެ އަވަސްކޮށް ހިދުމަތް ލިބި، ރައްޔިތުންނަށް ހުރިހާ ގޮތަކުން ލުއި ފަސޭހަ ވެގެންދާނެ ކަމަށެވެ. އެގޮތުން، މީޓަރު ޓެސްޓްކުރުމަށް ރިކުއެސްޓް ލިބޭތާ  ތިނެއް ނުވަތަ ހަގަޑިއިރުގެ ތެރޭގައި މީޓަރު ޓެސްޓްކޮށް ނިމޭނެ ކަމަށާއި އެއް ގަޑިއިރު ތެރޭގައި މަދުވެގެން 75 މީޓަރު ޓެސްޓް ކުރެވިގެންދާނެ ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނީ، އެ ކުންފުނީގެ އަމާޒަކީ، ކުރިއަށް އޮތް ތަނުގައިވެސް، ޔުޓިލިޓީ ހިދުމަތްތަކުގެ ދާއިރާގައި ރައްޔިތުންނަށް ތަކްލީފަކަށް ވެފައި ހުރި ކަންކަމަށް ލުއިފަސޭހަ ހައްލު ހޯދައިދެވޭނެ މަގު ފަހި ކޮށްދިނުން ކަމަށެވެ.

ރިޑިން ނެގުމާއިއެކު ހިދުމަތް ހޯދާފަރާތުން އެމަހެއްގައި ދައްކަންޖެހޭ ފައިސާގެ ތަފްސީލު ވަގުތުން ރައްޔިތުމީހާ އަތަށް ލިބޭ ހިދުމަތް ވެސް މިދިޔަ އަހަރު ނޮވެމްބަރުތެރޭ ފެނަކައިން ފަށާފައިވެއެވެ.

100%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި