މާލެ---ފޮޓޯ:ފުލުހުން
ކާފިއު އުވާލިޔަސް ބިރުވެރިކަން ވަކި ކުޑައެއް ނޫން!
ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މާލެ ސަރަހައްދުގައި އިއްވާފައިވާ ކާފިއު އުވާލާފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހުއެވެ. އެހެން ނަމަވެސް މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި އެއްވެސް ވަގުތެއްގައި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓުވޭނެކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
Advertisement

މިދަނޑިވަޅުގައި ސާފުތާހިރުކަން އިސްކޮށް، އިޖުތިމާއީ ގައިދުރުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. އެގޮތުން ކޮންމެހެން ބޭރަށް ދާންޖެހިއްޖެ ހަލަތެއް ނޫނީ ގެއިން ބޭރަށް ނުނިކުތުން ވަރަށް މުހިންމެވެ.

ނަމަވެސް އަދިވެސް ފެންނަ ހިތާމަވެރި މަންޒަރަކީ މީހުން އަދިވެސް އެކަމަށް ސީރިއަސް ނުވާ މަންޒަރެވެ. އަދި ވެސް މި ފެނިގެންދަނީ ގުރޫޕު ހަދައިގެން މަލޭ މަގުމަތީގައި އުޅޭ މަންޒަރެވެ. ކުރިއެކޭ އެއްގޮތަށް ފިހާރަތަކަށް ދާ މަންޒަރެވެ.

އެއްވެސް ބިރުވެރިކަމެއް ހިތުގައި ނެތެވެ. ރައްޓެހިންނާއެކު އަދިވެސް ބޭރުގައި ގިނަ ވަގުތު ހޭދަކުރެވެ. 

ކާފިއު ނެގިޔަސް، އެއްގޮތަކަށް ވެސް ބަލީގެ ނުރައްކާ ކުޑައެއް ނޫން!

ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވި ގޮތުގައި ތިން ގަޑިއިރަށް ކާފިއު އިއުލާންކުރުމުން ވެސް ފެނިގެންދާނީ އެ ވަގުތު ނިމުމާއެކު ގިނަ ބަޔަކު ބޭރަށް ނިކުމެ މަގުތައް ތޮއްޖެހިގެންދާ މަންޒަރު ކަމަށެވެ.

އެގޮތަށް ކަންކަން ހިނގަމުން އަންނަނިކޮށް ކާފިއު ނަގާފައި ވަނީ އެއްގޮތަކަށް ވެސް މިކަމުގެ ނުރައްކާ ރާއްޖެއަށް އޮތް މިންވަރު ކުޑަވެގެން ނޫން ކަމަށާއި ދުނިޔެއިން 1.5 މިލިއަނެއްހާ މީހުންނަށް މި ބަލި ޖެހި، ލައްކައަކަށް ވުރެ ގިނަ މީހުން މަރުވުމުން ވެސް މިކަމުގެ ނުރައްކާ އެނގިގެންދާ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

ކާފިއުގެ ވަގުތުތަކުގައި މީހުން މަގުތަކުގައި އުޅެން މަނާކޮށްފައިވާއިރު ގިނަ މީހުން އެ އެންގުމަށް ބޯލަނބާލާފައިވާ ކަން ފާހަގަކުރެވެއެވެ. ނަމަވެސް ބައެއް މީހުން އެ އެންގުމަށް ސަމާލުކަން ދީފައި ނުވާކަން ފާހަގަކޮށްލެކެވެ.

ޖުމްލަ 1237 މީހަކަށް ނަސޭހަތްދީފައިވޭ:

ހަތް ދުވަހުގެ މުއްދަތަކަށް އިއުލާނު ކުރި ކާފީއުގެ ވަގުތުގައި ގަވާއިދާ ހިލާފަށް މަގުމަތީގައި އުޅުނު 1237 މީހުނަށް ވަނީ ނަސޭހަތްދީފަ އެވެ. އޭގެ ތެރެއިން ގިނައީ ދިވެހިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ވަނީ އެމުއްދަތުގެ ތެރޭގައި ދެ ދުވަހެއްގެ މަތިން ދެ މީހަކު ޖޫރިމަނާކޮށްފަ އެވެ. 

އެންމެވެސް ނަމޫނާ ދައްކަމާ!

މިއީ ނަމޫދާ ދައްކަންވި ވަގުތެވެ. އެގޮތް ގޮތަށް އަމަލު ކުރުމަށް އަންގަނީ ސަރުކާރަށް ފައިދާ އަކަށް ނޫނެވެ. ފަރުދުންގެ ރައްކާތެރިކަމަށްޓަކަ އެވެ. ވީމާ ތިމާ އާއި ތިމާގެ އާއިލާ އަދި އެންމެންގެ ރައްކާތެރި ކަމަށްޓަކައި އަންގާފައިވާ ގޮތްގޮތަށް އުޅުން މުހިއްމެވެ. 

މިހާތަނަށް ރާއްޖެއިން 20 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 14 މީހަކު ރަނގަޅުވެފައިވާއިރު މިހާރު އެބަލިން ރަނގަޅު ނުވެ ތިބީ ހަތަރު ދިވެހިންނެވެ. 

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި