ސްޕެއިން، އިނގިރޭސިވިލާތާއި، ފްރާންސް އަދި އިޓަލީއާއި އެމެރިކާގައި އެތައް ކާމިޔާބީތަކެއް ހޯދާފައިވާ އުމުރުން 38 އަހަރުގެ ޒްލަޓާން މަހަށް ގޮސްފައިވާ ފޮޓޯއެއް އާއްމުކޮށްފައިވާއިރު، އޭނާ މި ވަގުތު ހުރީ އަމިއްލަ ގައުމުގަ އެވެ.
ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކެއް ނުރައްކާތެރި ކޮރޯނާ ވައިރަހާ ގުޅިގެން ހުއްޓިފައިވާއިރު، ކޮރޯނާއާ ދެކޮޅަށް މަސައްކަތް ކުރުމަށް އެންމެ ފުރަތަމަ ނުކުތް ކުޅުންތެރިންގެ ތެރޭގައި ޒްލަޓާން ހިމެނެ އެވެ. މީގެ ދުވަސްކޮޅެއް ކުރިން އޭނާ އާއްމު ކުރި ވީޑިއޯއެއްގައި ކޮރޯނާއާ ދެކޮޅަށް އެ މީހަކަށް ވެވުނު މިންވަރަކުން އެހީތެރިކަން ފޯރުކޮށް ދިނުމަށް އެދި ފަންޑެއް ހުޅުވާލުމަށް އޭނާވަނީ ހުރިހާ ކުޅިވަރެއްގެ އެތްލީޓުންނަށް ގޮވާލާފަ އެވެ.
ޒްލަޓާން އިބްރޮހަމަވިޗްގެ ކެރިއަރުގެ ބޮޑު ބައެއް އޭނާ ހޭދަކޮށްފައިވަނީ އިޓަލީވިލާތުގަ އެވެ. އިޓަލީގެ ޔުވެންޓަސް، އިންޓަމިލާން އަދި އޭސީ މިލާނާ ސްޕެއިންގެ ބާސެލޯނާއަށް އޭނާ ކުޅެފައިވެ އެވެ. އޭގެ ފަހުން ފްރާންސްގެ ޕީއެސްޖީއާއި އިނގިރޭސި މެންޗެސްޓާ ޔުނައިޓެޑްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު އޭނާ ދެން ބަދަލުވީ އެމެރިކާ ލީގަށެވެ. އެއަށް ފަހު އަނެއްކާވެސް އެނބުރި މިހާރު އޭނާގެ ކުރީގެ ޓީމުކަމަށްވާ އޭސީ މިލާނާވަނީ ގުޅިފަ އެވެ.