އައިޕީއެލް ފަސްކުރަން މަޖުބޫރުވީ މުޅި އިންޑިޔާގައި އިއުލާން ކޮށްފައިވާ ކާފިއުގެ މުއްދަތު އޭޕްރީލް މަހުގެ ފަނަރައަށް ހަމަވާގޮތަށް އޮތް ނަމަވެސް ބައެއް ސްޓޭޓްތަކުގައި ކާފިއުގެ މުއްދަތު އިތުރުކޮށް އަދި ބޯޑަރުތައްވެސް ހުޅުވާލާފައި ނުވާތީ އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް ލީގުކަމަށްވާ އައިޕީއެލް ފަސްކުރަން މަޖުބޫރުވެފައިވީ ނަމަވެސް ދަ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިޔާ ބީސީސީއައިއިން އަދި އެކަން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. ބެލެވޭ ގޮތުގައި ހޯމަ ދުވަހުގެ ވަގުތެއްގައި ބީސީސީއައިން އެކަމާޢި މެދު ނިންމާ ގޮތެއް އިއުލާން ކުރާނެ އެވެ.
އަންނަ ޖުލައި މަހުގެ ތެރޭގައި އައިޕީއެލް ބޭއްވޭނެ ގޮތެއްވޭތޯ ވެސް ބީސީސީއައިއިން އަންނަނީ ބަލަމުންނެވެ. ކޮރޯނާއާ ގުޅިގެން މުބާރާތުގެ ފެށުން މިހާރުވެސް ފަސްކޮށްފައިވާއިރު، މިހާރު ކަނޑައަޅާފައިވާ ތާރީހުގައި މުބާރާތް ނުފެށޭނެކަން ޔަގީންވެފައިވެ އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް ލީގުކަމަށްވާ އައިޕީއެލްގެ މިއަހަރުގެ މުބާރާތް ފަށަން އެންމެ ފުރަތަމަ ތާވަލުކުރީ މާރިޗު މަހުގެ 29 ވަނަ ދުވަހަށެވެ. މުބާރާތާ ގުޅޭ ގޮތުން ކުރިއަށް ދިޔަ މަޝްވަރާތަކުގެ ތެރޭގައި ސަޕޯޓަރުން ނުވައްދާ މެޗުތައް ކުރިއަށް ގެންދިޔުމާއި އަދި ބިދޭސީ ކުޅުންތެރިން ނުހިމަނާ މުބާރާތް ކުރިއަށް ގެންދިޔުންވެސް ހިމެނެ އެވެ.
އެހެންނަމަވެސް މިއިން އެއްވެސް މަޝްވަރާއެއް ކޮޅެއްގައި ޖެހި އަދި ވަކިގޮތެއް ނުނިމެ އެވެ. އައިޕީއެލް ޓުވެންޓީ ޓުވެންޓް ކްރިކެޓް މުބާރާތުގައި އިންޑިއާގެ އަށް ސްޓޭޓަކުން ވާދަކުރާއިރު ސްޓޭޓްތަކުގެ ޓީމުތަކުގައި ދުނިޔޭގެ އެންމެ މޮޅެތި ކްރިކެޓް ކުޅުންތެރިން ވާދަކުރެ އެވެ.
ދެހާސް ހަތްވަނަ އަހަރުން ފެށިގެން ކުރިއަށްދާ މި މުބާރާތަކީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅިވަރު މުބާރާތްތަކުގެ ތެރޭގައި ވެސް ހިމެނޭ މުބާރާތެކެވެ.