އިބްރާހީމް ރަޝީދު--
ކޯލިޝަނާ ލައިގެން ރައްޔިތުންނަށް ހިދުމަތެއް ނުދެވޭނެ: ބޮންޑޭ
ކޯލިޝަން ލައިގެން ރައްޔިތުންނަށް ހިދުމަތް ނުދެވޭނެ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.
Advertisement

ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމުގައި ބޮންޑޭ ވިދާޅުވީ އެމްޑީޕީ ސަރުކާރު ވެރިކަމާ ހަވާލުވީ ރައްޔިތުންގެ އުންމީދުތައް ފުއްދައިދިނުމަށް ކަމަށާއި އެޕާޓީއަކީ މީހުން ނަޖިސް އަޅަން ހަދާފައިވާ ގޮނޑެއް ނޫން ކަމަށެވެ.

އެހެންކަމުން ރައްޔިތުންކުރާ އުންމީދު ފުނޑުފުނޑުވަމުން ދަނީ ކޯލިޝަނުގެ ހިއްސާވާ ބައެއް ފަރާތްތަކުގެ އަމަލުތަކުގެ ސަބަބުންކަން ފާހަގަކުރައްވާ ބޮންޑޭ ވިދާޅުވީ އެފަދަ ބޭފުޅުން ދެކޭ ގޮތުގައި ބައެއް މިނިސްޓްރީތަކަކީ އެމީހުންގެ   ގަނީމާ މުދާތަކެއް ކަމަށާއި ކޯލިޝަންލައިގެން ރައްޔިތުންނަށް ހިދުމަތް ނުކުރެވޭނެ ކަމަށެވެ.

"އެއީ ކޯލިޝަނުގެ އެއް ބައިވެރިޔާ ކޮބައިތޯ ކޯލިޝަން މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަނި ކަންނޭގެ އަޅުގަނޑަށް ފެންނަނީ މަސައްކަތެއް ކުރާތަން. ދެން މަބްރޫކް އަޒީޒް އަޅުގަނޑަށް ފެނޭ. ކޮބާ ކޯލިޝަންވެފަ. ގާސިމް އިބްރާހިމް އިބްރާހިމް ކޮބާތޯ؟ އެއީ ފިނޭންސް މިނިސްޓަރެއް ކުރީގަ. އެއީ ފިނޭންސް މިނިސްޓަރުކަން ކުރީގަ ކުރެއްވި ބޭފުޅެއް. އަދި ރައްޔިތުންގެ މަޖީލީހުގެ ހާއްސަ މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި. އަދި ބަޖެޓު ކޮމިޓީގެ އެތައްދުވަހެއް ވަންދެން ތަޖުރިބާކާރު ބޭފުޅެއް " އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

އޭގެ އިތުރުން، މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގެ ނައިބުކަން ކުރައްވާ ރަޝީދު ވިދާޅުވީ ސަރުކާރުން އިގްތިސޯދީ ތަދުމަޑުކަމުން އަރައިގަންނަން މަސައްކަތްކުރާއިރު އެކި ސިނާއަތުގަ މަސައްކަތްކުރާ ފަރާތްތައް ހިފެހެއްޓުން މުހިންމު ކަމަށެވެ. ނަމަވެސް ފެނިގެންދަނީ މި ދަނޑިވަޅުގައި ވެސް އަމިއްލަ ވިޔާފާރިއަށް ގެއްލުންވާނެކަމަށް ބަލައި މުވައްޒަފުން ވަޒީފާ ވަކިކުރަމުންދާ ތަން ކަމަށް ވެސް ވިދާޅުވި އެވެ. 

" ކޮރޯނާ ވައިރަސް މުޅި ދުނިޔެއަށް ފެތުރިގެން މުޅި ރާއްޖެއަށް ފެތުރި ދެން މިސާލަކަށް ރާއްޖޭގެ ރިސޯޓުތަކާއި މުޅި އިކޮނޮމީއަށް މިއޮތީ ވަރަށް ބޮޑަށް އަސަރުކޮށްފަ. ދެން މީގެ އެންމެ ބޮޑު މައްސަލައަކީ މި ނިމޭނެ ދުވަހެއް އަޅުގަނޑުމެންނަކަށް ނޭންގެ.ގޮސް ހުއްޓޭނެ ހިސާބެއް ނޭންގެ. ދުވަހެއް ނޭންގެ. ޕެނިކް މޯޑްގަ މިތިބީ ހުރިހާ އެންމެން. ކުއްލި ކުއްލި ފިޔަވަޅު އަޅަނީ ވިސްނާނުލާ. ރިސޯޓުތަކުންވެސް ވަޒީފާއިން އަވަހަށް ކަނޑާފަ ދަރަނިވެރިވެދާނެތީ މުވައްޒަފުން ތަކާއި އެއްޗިހި ދުރައްލާ އެމީހަކާ އެމީހެއް ސަލާމަތްވާން މިއުޅެނީ. ފުރަތަމަ ގެނބިގެންދާ މީހާ އަވަހަށް ގެނބިދާނެކަމަށް ސަލާމަތްވާން މި އުޅެނީ. ކަނޑުވެގެން އޫޅޭ ބައެއްގެ ގޮތަށް " އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވި އެވެ.

ކޮންމެ ރިސޯޓަކުން މުވައްޒަފުން ވަޒީފާއިން ކަނޑާނުލައި ހިފަހައްޓަންޖެހޭކަން ފާހަގަކުރައްވަމުން ރަޝީދު ވިދާޅުވީ އޮފް ސީޒަންތަކުގައި ވެސް މުވައްޒަފުންނަށް މުސާރަ ދޭކަމަށާއި އެހެންކަމުން މުވައްޒަފުން މި ދަނޑިވަޅުގައި ނިކަމެތިވާ ގޮތަށް އަމަލުކުރަން ނުޖެހޭކަމަށެވެ. 

ރިސޯޓު އޯނަރުން ސަރުކާރަށް އެހީތެރިވާންވީ ވަގުތުތަކީ މިއީ ކަމަށާއި އިގްތިސޯދީ ގޮތުން އަރައިގަތުމަށް ހުރިހާ ސިނާއަތުގެ މަސައްކަތްކުރާ ފަރާތްތަކާ މަޝްވަރާކުރެންޖެހޭކަމަށް ވެސް އޭނާގެ ވާހަކައިގައި ފާހަގަކުރައްވަ އެވެ. 

އޭގެ އިތުރުން އޭނާ ވިދާޅުވީ ތަކެތީގެ އަގު ކޮންރޯލްކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވިޔަފާރިވެރިންނަށް ބެންކު މެދުވެރިކޮށް ފައިސާ ލިބޭތޯ ބެލުން މުހިންމު ކަމަށެވެ. އަދި ޑޮލަރު ކަޅު ބާޒާރުގައި ވިއްކަމުން ދޭތޯވެސް ބެލެންޖެހޭކަމަށް ވިދާޅުވި އެވެ.

100%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި