މަބްރޫކް އަޒީޒް-- ފޮޓޯ: ރާއްޖެއެމްވީ
ކާފިއު ނެގީ، އެއްގޮތަކަށް ވެސް ބަލީގެ ނުރައްކާ ކުޑަވެގެނެއް ނޫން: މަބްރޫކް
ކާފިއުގެ ވަގުތު ނަގާފައި ވަނީ ރާއްޖެއަށް ކޮވިޑް-19 ގެ ނުރައްކާ އެއްގޮތަކަށް ވެސް ކުޑަވެގެން ނޫން ކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
Advertisement

މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ތިން ގަޑިއިރަށް ކާފިއު އިއުލާންކުރުމުން ވެސް ފެނިގެންދާނީ އެ ވަގުތު ނިމުމާއެކު ގިނަ ބަޔަކު ބޭރަށް ނިކުމެ މަގުތައް ތޮއްޖެހިގެންދާ މަންޒަރު ކަމަށެވެ. 

މިގޮތަށް ކަންކަން ހިނގަމުން އަންނަނިކޮށް ކާފިއު ނަގާފައި ވަނީ އެއްގޮތަކަށް ވެސް މިކަމުގެ ނުރައްކާ ރާއްޖެއަށް އޮތް މިންވަރު ކުޑަވެގެން ނޫން ކަމަށާއި ދުނިޔެއިން 1.5 މިލިއަނެއްހާ މީހުންނަށް މި ބަލި ޖެހި، ލައްކައަކަށް ވުރެ ގިނަ މީހުން މަރުވުމުން ވެސް މިކަމުގެ ނުރައްކާ އެނގިގެންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. 

މަބްރޫކް އިތުރަށް ވިދާޅުވީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ބަލި މަޑުކަމެއް ފެތުރި ދުނިޔޭގެ އެންމެ ވަރުގަދަ އިގްތިސޯދު އޮތް ގައުމުތަކަށް ވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެގައުމުތަކުން އުޅެމުން އަންނަނީ ހިފަހައްޓާ ނުލެވިގެން ކަމަށެވެ. 

ރާއްޖެއާ ވަށައިގެން އޮތް ގައުމުތަކުން މިވަގުތު ވެސް ވަރަށް ހާލުގައި އުޅެމުން އަންނައިރު ރާއްޖެއަށް މި ބަލީގެ ނުރައްކާ އޮތްކަން ފާހަގަކުރައްވަމުން މަބްރޫކް ވިދާޅުވީ މި ބަލި މަޑުކަމުން އަރައިގަނެވޭނެ ސީދާ ތާރީހު ނޭނގޭ ކަމަށް ސިއްހީ މާހިރުން ވެސް ބުނަމުން އަންނަ ކަމަށެވެ. 

މަބްރޫކް އިތުރަށް ވިދާޅުވީ، މިދަނޑިވަޅުގައި ސާފުތާހިރުކަން އިސްކޮށް، އިޖުތިމާއީ ގައިދުރުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. 

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި