ކޮވިޑް-19ގައި އެންމެ ބޮޑު އަސަރެއް ކުރާނީ ރާއްޖޭގެ އިގްތިސާދަށް: ވޯލްޑް ބޭންކް
ކޮވިޑް-19 ގައި ދެކުނު އޭޝިއާ އަށް ކުރާނެ އަސަރު ބޮޑު ކަމަށާއި މިކަމުގައި އެންމެ ބޮޑު ގެއްލުމެއް ވާނީ ދިވެހި ރާއްޖެއަށް ކަމަށް ވޯލްޑް ބޭންކިން ބުނެފި އެވެ.
Advertisement

ވޯލްޑް ބޭންކިން ނެރެފައިވާ ރިޕޯޓަށް ބަލާއިރު ކޮވިޑް-19 ބަލިމަޑުކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ކުޑަ އަދަދަކަށް މާލިއްޔަތު ލިބޭ މީހުންގެ އިތުރުން، ހޮސްޕިޓާލިޓީ ނުވަތަ ޓޫރިޒަމް ދާއިރަގައި މަސައްކަތް ކުރާ މީހުން އަދި ރީޓެއިލް ނުވަތަ ޓްރާންސްޕޯޓު އިދާރާގައި މަސައްކަތް ކުރާ މީހުންނަށެވެ. 

މިގޮތުން، ރާއްޖޭގެ އިގްތިސާދު ޓޫރިޒަމަށް ބަރޯސާވެފައިވާ މިންވަރު ބޮޑުވެފައި، ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް ދާއިރާ އެއްކޮށް ހުއްޓިފައިވާތީ، ރާއްޖޭގެ އިގްތިސާދަށް މިބަލިމަޑުކަމުގެ ސަބަބުން ކުރާނެ އަސަރު އެހެން ގައުމުތަކާއި ބަލާފައި ބޮޑެވެ.

ވޯލްޑް ބޭންކުން ލަފާ ކުރާ ގޮތުގައި ދެކުނު އޭޝިއާގެ އިގްތިސޯދީ ހާލަތު އެންމެ ގޯސްވާ ދަނޑިވަޅުގައި، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް މައިނަސް 8.5 - 13 ޕަސެންޓާ ދެމެދުގެ އަދަދަކަށް ވެއްޓޭނެ އެވެ. 

ރާއްޖޭގެ އިތުރުން މި ސަރަހައްދުން ދެން އެންމެ ބޮޑަށް އަސަރު ކޮވިޑް-19 ގެ ސަބަބުން ކުރާނެ ކަމަށް ބުނެފައިވަނީ އަފްގާނިސްތާން، ޕާކިސްތާން އަދި ސްރީލަންކާ އަށެވެ. 

މިއީ ފާއިތުވި 40 އަހަރު ތެރޭގައި ދެކުނު އޭޝިއާގެ އިގްތިސާދު އެންމެ ބޮޑަށް ދަށްވާނެ ކަމަށް ލަފާކުރާ އަހަރު ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފަ އެވެ. ފާއިތުވެދިޔަ އަހަރުތަކުގަައި މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑަށް ކުރިއަރަމުން އައި އިގްތިސާދު އޮތް ގައުމުތައް ހިމެނެނީ މި ސަރަހައްދުގަ އެވެ. 

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި