ބަލި މީހެއް ގެންދަނީ--
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތައް މަދުކޮށްފިނަމަ ގެއްލުން ބޮޑުވާނެ: ޑަބްލިއުއެޗްއޯ
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ދެކޮޅަށް ގައުމުތަކުން އަޅަމުން އަންނަ ފިޔަވަޅުތައް ހުޓުވުން ނުވަތަ މަދުކުރުމުން ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށް ޑަބްލިއުއެޗްއޯ ބުނެފި އެވެ.
Advertisement

ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދްއަނޮމް ޖެބުރޭޔަސުސް މިދިޔަ ހުކުރު ދުވަހު ވިދާޅުވީ ޑަބްލިއުއެޗްއޯ ބޭނުންވަނީ ކޮވިޑް19 އިން އަވަހަށް ގައުމުން ސަލާމަތްވުން ކަމަށާއި އެކަމަކު މިކަމާ ދެކޮޅަށް އަލާ ފިޔަވަޅުތައް މާއަވަހަށް ނަގާނަމަ، ބަލި ފެތުރިދާނެ ކަމުގެ ބިރުވެރިކަން އެބަ އޮތް ކަމަށެވެ. 

މިހާރު ކޮވިޑް-19 އަށް 1.9 މިލިއަނަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން ރަނގަޅުވެފައި ވަނީ 404،236 މީހުންނެވެ. އަދި މި ބަލީގައި 108،862 މީހުން މަރުވެފައިވެ އެވެ.

ސިއްހީ މާހިރުން ބުނާ ގޮތުގައި މަރުވި މީހުންގެ އަދަދު އެއަށް ވުރެ އިތުރުންވުން އެކަށީގެންވެ އެވެ. ސަބަބެއް ކަމަށް މި ފަރާތްތަކުން ބުނަނީ މަރުތައް ޔާގީންކުރަން ދަތިތަކެއް މެދުވެރިވުމާއި ހޮސްޕިޓަލުން ބޭރުގައި މަރުވެފައިވާ މީހުންގެ އަދަދު ވެސް އިތުރުކަމުންނެވެ. އަދި ބައްޔަށް ޓެސްޓް ކުރުމުގައި ވެސް ދަތިތަކެއް ހުރިިއިރު މަރުތައް ގުނުމުގައި އެކި ގައުމުތަކުން ގެންގުޅެނީ ތަފާތު ގަވައިދުތަކެއް ކަމަށާއި މަރުވާ މީހުންގެ އަދަދު ސިއްރުކުރުމަކީ ވެސް ގައުމުތަކުން ކޮށްފާނެ ކަމެއް ކަމަށެވެ.

ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަށް މަދުކޮށްފިނަމަ ނުވަތަ އުވާލައިފިނަމަ ކުރިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް ބޭކާރުވާނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެ އެވެ. އަދި މި ވައިރަސް އިތުރަށް ފެތުރިއްޖެ ހާލަތެއްގައި ވަރަށް އުނދަގޫތައް ކުރިމަތިވާނެ ކަމަށް ވެސް ބުންޏެވެ.

ވެކްސިނެއް މިހާތަނަށް ހެދިފައި ނުވާއިރު، ދުނިޔެއަށް ކޮވިޑް-19 އާއެކީ އޮތީ ވަރަށް އުނދަގޫ ހަނގުރާމައެއް ކަމަށް ޔުނައިޓެޑް ސްޓޭޓްސްގެ ކައުންސިލް އޮފް ފޮރިން ރިލޭސަންސްގެ ސީނިޔާ އޮފް ގްލޯބަލް ހެލްތު ޔަންޒޯންގް ހުވާންގް ވިދާޅުވި އެވެ. ކާމިޔާބުކަމާއެކު އެއް ގައުމުން މި ވައިރަސް ނައްތާލި ނަމަވެސް މި ބަލި ފެތުރުމުގެ ފުރުސަތު އެ ގައުމަށް ވެސް އޮވެދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އަލުން ފެތުރުމުގެ ދެ ރިސްކެއް އޮންނަ ކަމަށާއި އެއީ ވައިރަސް ޖެހިފައިވާ އޭގެ އަލާމާތްތައް ނުފެންނަ މީހުންނަ މީހުންނާއި ގައުމަށް އެތެރެވާ މީހުންގެ ގައިން ބަލީ ފެތުރުން ކަމަށެވެ.

ޓެޑްރޯސްގެ ވާހަކައިގައި ވަނީ ކޮވިޑް-19 ޖެހޭ ހެލްތު ވޯކަރުންގެ އަދަދު އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން ބައެއް ގައުމުތަކުގައި ހެލްތު ވޯކަރުންގެ ތެރެއިން ދިހަ އިންސައްތަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

ޓެޑްރޯސް ވިދާޅުވީ މި ބަލިމަޑުކަމުން އެނގިގެންދަނީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތައް ވެސް މިފަދަ ހާލަތްތަކަށް ތައްޔާރު ނޫންކަން ކަމަށެވެ. އަދި މިކަމުން އަރައިގަނެވޭނީ ތެދު މައުލޫމާތު ހިއްސާކޮށް މިކަމާއި ގުޅިގެން ވާހަކަ ދައްކައިގެން ކަމަށް ވިދާޅުވި އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޑް-19 އާ ދެކޮޅަށް އެކި ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. ގައުމުތައް ލޮކްޑައުނަށް ދިއުމާއި ކާފިއު އިއުލާންކުރުން ފަދަ ފިޔަވަޅުތަކަށް އާންމުން ކިޔަމަންތެރިނުވާނަމަ ޖޫރިމަނާ ކުރަން ސަރުކާރުތަކުން ނިންމާފައިވެ އެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި