އިންޑިއާ ބޭސް ޝިޕްމަންޓް
ބޭސް ފޯރުކޮށްދިނުމުން ގައުމުތަކުގެ ޝުކުރު އިންޑިއާއަށް
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ފަރުވާދޭން ބޭނުންކުރާ އެންޓި މެލޭރިއާ ޑްރަގް ނުވަތަ "ހައިޑްރޮސިކްލޮރޯކުއިން" އިން 13 ގައުމަކަށް ފޯރުކޮށްދޭން ނިންމި ނިންމުމާއެކު ގައުމުތަކުން އިންޑިއާއަށް ޝުކުރު އަދާކޮށްފި އެވެ.
Advertisement

މި ޑްރަގް އުފައްދަމުން އަންނަ އިންޑިއާއިން ވަނީ އެންޓި މެލޭރިޔާ ޑްރަގް އެކްސްޕޯޓްކުރުން މެދުކަނޑާލާފަ އެވެ. އެކަމަކު މިހާރު މިވަނީ 13 ގައުމަކަށް މި ބޭސް ފޯރުކޮށްދޭން ނިންމާފަ އެވެ.

މި ލިސްޓުގައި ސަަރަހައްދީ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ހިމެނެނީ ނޭޕާލް، ބޫޓާން، އަފްގާނިސްތާން އަދި ބަންގްލަދޭޝް އެވެ. ދެން މި ލިސްޓުގައި ހިމެނެނީ މި ބަލި އެންމެ ބޮޑަށް ފެތުރެމުންދާ އެމެރިކާ އާއި ސްޕެއިން އާއި ބަހްރެއިން އަދި ސީޝެލްސް އަދި މޮރިޝަސްގެ އިތުރުން ޑޮމިނިކަން ރިޕަބްލިކެވެ.

މިކަމާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް މިކަމަށް ޝުކުރު އަދާކޮށްފައިވާއިރު ސްރީލަންކާ ގެ ސަރުކާރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށާއި އިންޑިއާގެ ސަރުކާރަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ. އެގައުމުން ބުނީ ހާއްސަ ފްލައިޓެއްގައި ކޮވިޑް-19 އަށް ފަރުވާދޭ ބޭހާއި ބޭނުންވާ އެހެނިހެން ސާމާނު ފޯރުކޮށްދިނުމުން އެކަން ހިތުގެ އަޑިން ބަލައިގަންނަ ކަމަށެވެ. 

ފުރަތަމަ އެއްބަސްވުމުގެ ދަށުން ކުރީ ހަފްތާގެ އަންގާރަ ދުވަހު ދިހަ ޓަނުގެ ބޭހާއި އެހެނިހެން ސާމާނު ލަންކާ އަށް ވަނީ ވައިގެ މަގުން އިންޑިއާ އިން ފޯރުކޮށްދީފަ އެވެ. އަދި ދެވަނަ އެއްބަސްވުމުގެ ދަށުން އިންޑިއާ ސަރުކާރުން ވަނީ އެއް މިލިއަން ޓެބްލެޓު ލަންކާ އަށް ފޯރު ކޮށްދިނުމަށް ނިންމާފަ އެވެ.

އެގައުމުގެ އިތުރުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވެސް ވަނީ ގައުމުން ބޭރުކުރަން މަނާކުރެވުނު އެ ބޭސް އެމެރިކާއަށް ފޯރުކޮށްދޭން ނިންމި ނިންމުމާއެކު ޝުކުރު އަދާކުރައްވާފަ އެވެ. އަދި ދިމާވެފައިވާ މި ބިރުވެރި ދަނޑިވަޅުގައި އިންޑިއާއިން ދިން އެހީތެރިކަން ހަނދާނުން ނުފިލާނެ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް މި ބޭސް އިންޑިއާއިން ފޯރުކޮށްދޭން ނިންމި ގައުމުތަކުން އެހެން ގައުމުތަން ވެސް ވަނީ ބޭސް ފޯރުކޮށްދޭތީ އެގައުމަށް ޝުކުރު އަދާކޮށްފަ އެވެ.

އެންޓި މެލޭރިއާ ބޭހަކީ ކޮވިޑް-19 އިން ރައްކާތެރި ކޮށްދޭ ބޭހެއް ކަމަށް ގިނަ މާހިރުން ވަނީ ބުނެފަ އެވެ. އަދި އިންޑިއާގެ ކައުންސިލް އޮފް މެޑިކަލް ރިސާޗުން ވެސް ވަނީ މި ބޭސް ކޮވިޑް-19 ގެ ފަރުވާ އެއްގެ ގޮތުން ބޭނުން ކުރުން ރަނގަޅު ކަމަށް ކަނޑައަޅާފަ އެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި