އާސަންދަ އޮފީސް-- ފޮޓޯ: އަވަސް
އާސަންދަ ނިޒާމު ގެނައުމުގެ މަގްސަދު ހާސިލުވޭބާ؟
ރައްޔިތުން ބޭސް ފަރުވާއަށް ސަލާން ޖެހުން ހުއްޓުވުމަށް ތައާރަފުކުރެވުނު އާސަންދަ ނިޒާމުގެ މަގުސަދާ މެދު މިއަދު ހަމަ ސުވާލު އުފެދެ އެވެ. އަދި އެކަން ހައްލު ނުވުމަކީ ބޭސް ފަރުވާއަށް ކުރިން އަމަލުކުރި ގޮތަށް ތަބާވާން މަޖުބޫރުކުރުވާ ކަމެކެވެ.
Advertisement

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރާއްޖޭގެ ވެރިކަމާ ހަވާލުވެ ތައާރަފުކުރި އާސަންދަ ނިޒާމަކީ ރައްޔިތު މީހާ ބޭސް ފަރުވާއަށް ސަލާންޖެހުން ހުއްޓުވުމަށްޓަކައި ތައާރަފްކުރި ނިޒާމެކެވެ. އެކަމުގެ މަގްސަދަކީ ރައްޔިތު މީހާ މުއްސަނދިން ކައިރިއަށް ގޮސް ސަލާން ޖެހުމުގެ ސަގާފަތް ނައްތާލުމާއި އެފަދަ ފަރާތްތަކަށް ޔަގީންކަމާއެކު އެ ހިދުމަތް ފޯރުކޮށްދިނުމުގެ މާތް މަގްސަދުގައި ތައާރަފުކުރި ނިޒާމެކެވެ. 

އެގޮތުން އައިޑީކާޑު ދައްކާލުމުން ސަރުކާރު ހޮސްޕިޓަލުތަކާއި ޕްރައިވެޓް ކްލިނިކްތަކުން އަގު ހެޔޮކޮށް ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ބޭސް ލިބޭނެ އިންތިޒާމް ހަމަޖެހުނެ އެވެ. އަދި ރާއްޖޭން ބޭރަށް ގޮސް ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމްވެސް ހަމަޖެހިގެން ދިޔަ އެވެ.

އެމްޑީޕީ ސަރުކާރުން ތައަރަފްކުރި އާސަންދަ ނިޒާމު އިތުރަށް ފުރިހަމަ ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި އާސަންދަގެ ނަން " ހުސްނުވާ އާސަންދަ" އަށް ބަދަލުކުރެވުނެ އެވެ. އަދި ކުރިން އައިޑީ ކާޑު ދެއްކުމުން ލިމިޓްކުރެވިފައިވާ ހިދުމަތް ހުސްނުވެ ލިބޭނެކަމަށް އިއުލާނުކުރެވި އެ ހިދުމަތް ދޭން ފެށުނެ އެވެ.

އާސަންދަ ނިޒާމު އިތުރަށް ހަރުދާނާކުރާނެކަމަށް މި ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ. އެގޮތުން އާސަންދައިގެ ހަރަދުގައި އިންޑިއާއަށް ބޭސް ފަރުވާއަށް ގޮސް ތިބި ދިވެހިންނަށް އަނބުރާ ރާއްޖެ އާދެވެންދެން އެމީހުންގެ ހަރަދުތައް ބަލަހައްޓާނެ ކަމަށް މީގެ ކުރިން އާސަންދަ ކުންފުނިން ބުނެވައިވާއިރު އެ ކުންފުނިން ކްލިނިކުތަކާއި ހޮސްޕިޓަލުތަކުން ފޯރުކޮށްދޭ ނަފްސާނީ ބަލީގެ ބައެއް ފަރުވާތައް، މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އާސަންދަ ސްކީމުގެ ތެރެއިން ލިބޭނެ އިންތިޒާމް ހަމަޖެއްސި އެވެ. 

ކޮންމެއަކަސް އާސަންދަ ނިޒާމު ތައާރަފުކުރި ޕާޓީން އެ ހިދުމަތުގެ ކްރެޑިޓް ނަގަމުންދާއިރު އެކަން ރައްޔިތު މީހާ ބޭނުންވާ ގޮތަށް ލިބެމުންދޭތޯ މިއީ އުފެދޭ ސުވާލެކެވެ. އަދި މޮޅުކޮށްލުމަށް ހުސްނުވާ އާސަންދައިގެ ނަމުގައި ތައާރަފުކުރި ހިދުމަތްތަކުން ވެސް އެކަށީގެންވާ ނަތީޖާއެއް ނިކުމޭތޯ މިއީ އުފެދޭ ސުވާލެކެވެ. 

އެހެންކަމުން އާސަންދަ ނިޒާމު ގެނައުމުގެ މަގުސަދު ހާސިލުކުރެވޭނަމަ އުފެދޭ ސުވާލަކީ އާންމު ރައްޔިތު މީހާ ފަންޑުފޮށި ހިފައިގެން ޓާމިނަލްތަކާއި، ބެންކްތަކާއި ގިނަ މީހުން އެއްވެ އުޅޭ ތަންތަނުގައި ތިބެން ޖެހެނީ ކީއްވެތޯ އެވެ. އަދި ބޮޑެތި އޮޕަރޭޝަނަށް ދެވަނަ ފަހަރަށް ދެވޭނެ ގޮތެއް ނެތި ގޮތް ހުސްވެފައި ތިބޭނެތޯ؟ އަދި ރައްޔިތުން ބޭނުންވާ އާސަންދަ ނިޒާމެއްގައި ހާލުގައި ޖެހިގެންދާ ވަގުތު ސިޔާސީ ޕާޓީއަތަކަށް ވަނުމަށް މަޖުބޫރުކޮށް، ސިޔާސީ ލީޑަރުންނަށް ސަނާ ކިޔަން ޖެހޭނެބާ އެވެ. 

ކޮންމެއަކަސް އާސަންދަ ނިޒާމަކީ ހާލުގައި ޖެހިފައިވާ ނިކަމެތި ރައްޔިތުންނަށް އެހީތެރިވުމަށް ގެނެވުނު ނިޒާމަކަށްވާއިރު ސިޔާސީ ފަރާތްތަކާއި ޕާޓީން ކުރާ ކޮންމެކަމެއް ވަރިހަމަ މީހުންނަށް އިސްކަންދީ ބޭސްފަރުވާ ނިޒާމު ހަމަޖެހިގެން ނުދާނެ އެވެ. މި ނިޒާމުގެ މަގްސަދަށް ވާސިލުވާން ބޭނުންނަމަ ބޭސް ސިޓީއަށް ސަލާން ޖަހަން އެމީހުން ދޫކޮށްލައިގެން ނުތިބޭނެ އެވެ. އަދި ބޭސްފަރުވާއަށް ސަލާންޖެހުމަށް މުއްސަނދިން ކައިރިއަށްދާ ފަލްސަފާއަށް ނިމުމެއް ގެނައުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރަން ޖެހެ އެވެ. ނަމަވެސް ހިތާމައަކީ އެ ނިޒާމު ހަރުދަނާ ނުކުރެވި ރައްޔިތު މިހާ ބޭސްފަރުވާގެ ހިދުމަތް ހޯދުމަށް ގޮތް ހުސްވެފައި އަދި ވެސް މަހުޖަނުންގެ ފައިބުޑަށް ވެއްޓެން ޖެހޭ ޖެހުމަށް ނިމުމެއް އައިސްފައި ނުވާ ކަމެވެ. 

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި