ކުރީގެ ރައީސް އަބްދުﷲ ޔާމީން--
ވަކި މައްސަލައެއް ބަލަން އިލްތިމާސްކުރުމަކީ ގޯހެއް ކަމަށް ވިދާޅުވީ ކޮން ބޭފުޅެއްތޯ؟
ޝަރިއަތުގައި ހިންގަމުންދާ މައްސަލަތައް ބެލުމަށް ގައުމުގެ ރައީސް އަރިހުގައި ދެންނެވުމަކީ ހެދޭ ގޯހެއްކަމަށާއި އެ ދެވެނީ ނުބައި މެސެޖެއްކަމަށް ރައީސް އަބްދުﷲ ޔާމިން ކުރިން ވަނީ ވިދާޅުވެފަ އެވެ. މިއަދު މާފުށީ ޖަލުގައި އެމަނިކުފާނު، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނައިރު އިދިކޮޅު ކޯލިޝަނުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް އެއް އަޑަކުން ގޮވާލުމެއް ގޮވާލަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އެއީ ރައީސް ޔާމީނު މިނިވަންކުރުމެވެ.
Advertisement

ރައީސް ޔާމިންގެ އިސްތިއުނާފުގެ ޝަރިއަތް ކޮވިޑް-19 ގުޅިގެން ލަސްވަމުންދާތީ އިދިކޮޅު ކޯލިޝަނުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް އެކަން އަވަސްކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ. ވައިރަހުގެ ސަބަބުން ގޭގައި ތިބިގެން ސަރުކާރު ހިންގުމުގެ ތެރެއިން ކޯޓުގެ ބައްދަލަތުވުންތައް ވީޑިއޯ ކޮންފަރެންސްތަކުން ކުރިއަށް ގެންދެވެންޏާ ޔާމިންގެ ޝަރިއަތް އެގޮތަށް ނުގެންދެވެންވީ ކީއްވެތޯ އިދިކޮޅު ކޯލިޝަނުން ސުވާލު އުފައްދަވާފަ އެވެ. 

އެހެންކަމުން ރައީސް ޔާމިންގެ ޝަރިއަތް އަވަސްކޮށް އެމަނިކުފާނު ގެއަށް ބަދަލުކުރަން ވެސް އިދިކޮޅުން އަންނަނީ ގޮވާލަމުން ނެވެ. އެގޮތުން އެމަނިކުފާނަކީ ސިޔާސީ ހައްޔަރީންގެ ތެރެއިން ހިމެނި ވަޑައިގަންނަވާ ބޭފުޅެއްކަމަށާއި އެމަނިކުފާނުގެ ސަރީއަތް އަވަސް ކުރުމަށް އިދިކޮޅު ކޯލިޝަނުން އަންނަނީ ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ.

ރައީސް ޔާމިންގެ ޝަރީއަތަށް މި ސަރުކާރުން ނުފޫޒު ފޯރުވާ ޖަލުގައި ދުވަސްތައް ހޭދަކުރުމަށް ބާރު އަޅާ ގޮތަށް ކަންކަން ބައްޓަންކުރަމުންދާ ތަން ފެންނަ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުގެ އިސް ބޭފުޅުން ބުނެފައިވާއިރު އެމަނިކުފާނުގެ ސިޔާސީ ކުރިމަގު ހަލާކު ކުރުމަށް މި ސަރުކާރުން އަންނަނީ ކެނޑިނޭޅި މަސައްކަތްކުރަމުން ކަމަށް ވެސް ކޯލިޝަނުން ބުނެފައިވެ އެވެ. އަދި އެމަނިކުފާނަށް ޒާތީ ހަސަދަ ފިލުވަމުންދާކަމަށް ވެސް އިދިކޮޅު ކޯލިޝަނުގެ ބޭފުޅުން ބުނެ އެވެ. 

"މިއީ ކަނޑައެޅިގެން ޒާތީ ހަސަދައެއް ފިލުވާލުމައްޓަކައި ރައީސް ޔާމިން ދިވެހި ރާއްޖޭގެ ސިޔާސީ މަޝްރަހު ގެއްލުވާލުމަށްޓަކައި އެމަނިކުފާނުގެ އަގުވައްޓާލުމައްޓަކައި މިއަދު ސަރުކާރުން އިސްވެ އޮވެގެން ކުރަމުންދާކަމެއްކަމާ ދޭތެރެ އަޅުގަނޑުމެން ޝައްކެތް ނުކުރަން. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތް. އަދި ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ މީހުން އެކަން ގަބޫލުކުރާ ގޮތް. " އަބްދުރަހީމް ވިދާޅުވި އެވެ.

ކޮންމެއަކަސް ވަކި މައްސަލައެއް ބަލަން މި ސަރުކާރަށް އިދިކޮޅު ކޯލިޝަނުން އަންނަނީ ޕްރެޝަރުކުރަމުންނެވެ. އެކަމަކު، އަޅުގަނޑުގެ ހިތަށް އަންނަނީ ރައީސް ޔާމިން އޭރު ޝަރީއަތުގައި ހިނގަމުންދިޔަ މައްސަލަތައް އަވަސްކޮށްދިނުމަށް އެމަނިކުފާނުގެ އަރިހުގައި އެދެމުންދިޔުމުން އެކަމަށް ރައްދު ދެއްވާ ވިދާޅުވި ބަސްފުޅެއްގެ މަތިންނެވެ.


" ވަކި މައްސަލައެއް ހިނގާތީ އެ މައްސަލައަކަށް ހުރަސް އަޅަން ނޫނިއްޔާ ވަކި މައްސަލައެއް ހިނގާތީ އެ މައްސަލަ ބެލިޔަ ނުދޭން އަޅުގަނޑަށް އެއްވެސް ބޭފުޅަކު އިލްތިމާސްނުކުރައްވާ! އެއީ ގޯހެއް އެ އިލްތިމާސްކުރާ ބޭފުޅުންނަށް އެނގިލައްވާނެ ހައްދަވަނީ ގޯހެއްކަން. އެކަން ނިއްމަވާނީ ޝަރުއީ ކޯޓު، ކޯޓު ރޫމްތެރޭގައި ނިންމާނީ. އެއީ ރައީސް ނިންމަންޖެހޭ ކަމެއް ނޫން. އެއްވެސް ރައީސްއަކު ނިންމަންޖެހޭ ކަމެއް ނޫން އެއިކީ. ރައީސުންނަށް އެކަންކަން ނިންމަން ބާރު ދެއްވާކަމަށް ވަންޏާ އިލްތިމާސްކުރައްވަންޏާ އެ ގޮވާލައްވަނީ ރައީސުން އަދުލުވެރިން ނުވުމަށް. އަދުލުވެރިވާނީ ފަނޑިޔާރުގޭގައި ނިއްމާ މައްސަލަ ފައިސިލާކޮށްފައި ރައީސުލްޖުމްހޫރިއްޔާއަކީ އެގޮތަށް މައްސަލަތައް ނިންމަން ފައިސިލާކުރާކަށް ބާރުވެސް އޮންނަ މީހެއް ނޫން. އަދި އޭނަގެ މަސައްކަތް ހަވާލުކުރެވިފައި އޮންނަ މީހެއްވެސް ނޫން،" ރައީސް ޔާމިން ކުރިން ވިދާޅުވެފައިވެ އެވެ.

އަދުލުވެރިކަމާ ގުޅިގެން ރައީސް ޔާމިން ވިދާޅުވެފައިވާ އެ ބަސްފުޅަކީ ވަރަށް ވެސް ހިކުމަތްތެރި ބަސްފުޅަކަށްވާއިރު އިންސާފުން ބޭރުން ކަންކަން ކުރުމަށް ފުރުސަތު ނުދެއްވާނެކަމަށާއި އެދުވަސް މާޒީވެ ގޮސްފައިވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ކޮންމެއަކަސް އިދިކޮޅު ކޯލިޝަނުން ބުނަނީ ރައީސް ޔާމިންއަކީ ކުށެއް ނުކުރައްވާ ބޭފުޅެއްކަމަށާއި އެމަނިކުފާނަށް ކޮށްފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށެވެ. އަދި އެމަނިކުފާނު ޖަލަށް ލާފައިވަނީ މި ސަރުކާރުން އެމަނިކުފާނުގެ ސިޔާސީ ކުރިމުގު ފެނި އެކަން ހަޖަމުނުކެރެވިގެން ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ.

އެހެންކަމުން ރައީސް ޔާމިން މިނިވަން ނުކުރާ ހިނދަކު ސަރުކާރާއެކު ކޯލިޝަނުން މަޝްވަރާތަކުގައި ބައިވެރިނުވާނެކަމަށް ބުނެ އެވެ. އަދި މި ހާލަތުގައި ވެސް އެހެން ގައުމުތަކުގައި ސިޔާސީ ކުށްވެރިން ދޫކޮށްލަމުންދާތީ އެކަން ކޮށްދެއްވުމަށް ރައީސް ސޯލިހުގެ ކިބައިން ތަކުރާރުކޮށް އެދިވަޑައިގަންނަވަ އެވެ. ނަމަވެސް އެކަމުގައި ރައީސް ދެއްވި ޖަވާބު ވަރަށް ތަފާތެވެ.

"ޖަލުގައި ތިބި ފަރާތްތަކާއި ތިއްބެވި ފަރާތްތަކަށް މައާފު ދިނުމުގެ އިހުތިޔާރު މި އޮންނަނީ ގާނޫނުގެ ތެރެއިން ވަކި އުސޫލެއްގެ ތެރެއިން ހަމަޖެހިފައި. އެގޮތުގެ މަތިން އަޅުގަނޑު އަމަލުކުރަމުން މި ގެންދަނީ ދަނީ. އެހެންކަމުން އަޅުގަނޑު އެގޮތަށް އަމަލުކުރަމުން ގެންދާނަން. ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުން އަޅުގަނޑު ނެތް،" ރައީސް ސޯލިހު އެންމެ ފަހުން ގައުމާ މުހާތަބު ކުރެއްވި ދުވަހު ވިދާޅުވި އެވެ. 

ކޮންމެއަކަސް އިދިކޮޅުން ރައީސް ޔާމިން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލަމުންދާއިރު މީގެކުރިން އެބޭފުޅުން އެކި ޓީވީ ޗެނަލްތަކުގައި ވާހަކަ ދައްކަމުން ވިދާޅުވެފައި ވަނީ އެ ބޭފުޅުން ދަރިވަރުވީ އެ ބޭފުޅުންގެ ތަރައްގީގެ ބާނީގެ އަރިހުން ކަމަށެވެ. އަދި އަމަލު ކުރައްވާނީ ވެސް އެބޭފުޅާ ނަމޫނާ ދެއްކެވި ގޮތަށް ކަމަށެވެ.

އެހެން ކަމަށްވާނަމަ ޖަލަށްލެވޭ މީހުންނާއި ސިޔާސީ ހުކުމް ތަންފީޒުކުރާ ފަރާތްތަކާމެދު އަމަލުކުރަން ވަރަށް އިންސާފުވެރި ގޮތްތައް ރައީސް ޔާމީން ވިދާޅުވެ ދެއްވާފައިވާއިރު އެގޮތަށް އަމަލުކޮށް ނަމޫނާ ދެއްކުން މުހިންމެވެ. އަދި އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުން ކޯޓުތަކުގައި ހިނގާ މައްސަލަތަކުގައި ވަކި ގޮތަކަށް ކަންކުރަން އެ ވަގުތު ގައުމު ހިންގުމާ ހަވާލުވެ ހުންނަވާ ބޭފުޅަކަށް ދެންނެވުމަކީ ވަރަށް ބޮޑު ގޯހެކެވެ. އަދި އެދެނީ ނުބައި މެސެޖެކެވެ.

50%
އުފާވި
38%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
13%
ރުޅިއައި