ރިސޯޓުތަކުގެ މުވައްޒަފުންގެ ޝަކުވާތައް ހުސްނުވެ!
ކޮވިޑް-19 އާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް އައި ލޮޅުމުގެ ސަބަބުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ޝަކުވާ ހުސްނުވެ ތިބި ބަޔަކީ ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުންނެވެ.
Advertisement

އެންމެ ފުރަތަމަ ދުވަހު ކަންބޮޑުވެ ޝަކުވާ ކުރެވެން ފެށުނީ، ބޮޑު ބަލިމަނޑު ކަމެއްގެ ތެރޭގައި މަސައްކަތް ކުރަން ޖެހުމުންނެވެ. ދުނިޔޭގައި ކޮވިޑް-19 ފެތުރެން ފެށައި ރާއްޖޭ އަންނަ ފަތުރުވެރިންގެ ކިބައިން ވެސް ބަލީގެ އަލާމާތްތައް ފެނުން އެކަށީގެންވާ ކަމުގެ ބިރުވެރި ކަމުގެ ތެރޭގައި އެދުވަހު މަސައްކަތް ކުރަން ޖެހުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް އެތަށް މުވައްޒަފުންނެއް ޝަކުވާ ކުރި އެވެ. 

ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތަށް އެއްދުވަހުން އަނެއް ދުވަހަށް މަދުވާން ފެށުމުން އެކަމުގެ ޝަކުވާއެއް ރިސޯޓް މުވައްޒަފުން ނުކުރެ އެވެ. އަދި ރާއްޖެއަށް ފަތުރުވެރިން ގެނައުން މަޑު ޖައްސާލަން ވެސް އެންމެ ފުރަތަމަ ގޮވާލީ ރިސޯޓު މުވައްޒަފުންނެވެ. ކަންވާނީ ވެސް އެހެންތާ އެވެ. 

ރާއްޖެއިން ކޮވިޑް-19 އަށް މީހަކު ޝައްކު ކުރެވި އެންމެ ފުރަތަމަ ބައްޔަށް މީހަކު ޕޮޒިޓިވް ވީ ވެސް ރާއްޖޭގެ ރިސޯޓަކުންނެވެ. މިއާއެކު ރިސޯޓުތަކުގެ މުވައްޒަފުންގެ ކަންބޮޑުވުންތައް އިތުރުވެގެން ދިޔަ އެވެ. ކުރިއަށް ވުރެ ބާރަށް އެ ބިރުވެރި ކަމުގެ ތެރޭގައި މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށް ބުނަމުން ދިޔަ އެވެ. 

އެއް ގައުމަށް ފަހު އަނެއް ގައުމުން ފަތުރުވެރިން އައުން މަނާ ކުރަމުން ގޮސް އެންމެ ފަހުން ސަރުކާރުން މިވަނީ ރާއްޖެ އިން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލާފަ އެވެ. އަދި ރާއްޖެއަށް ފަތުރުވެރިން އައުން މިވަނީ ވަގުތީގޮތުން މަޑު ޖައްސާލާފަ އެވެ. 

އެހެންނަމަވެސް ރިސޯޓު މުވައްޒަފުންނަށް ލުއި ލިބިގެނެއް ނުދިޔަ އެވެ. އެމުވައްޒަފުންގެ ވަޒީފާތައް ގެއްލި މުސާރަތައް ކުޑަ ވާން ފަށައި ފިއެވެ. ރިސޯޓުތަކުން އަނބުރާ ނާދެވޭ ގޮތަށް ގިނަ ދުވަސްތަކެއް ވަންދެން ރިސޯޓުތަކުގައި ތާށިވި އެވެ. 

މިކަމާ ގިނަ އަދަދެއްގެ ރިސޯޓު މުވައްޒަފުން ނުރުހުންފާޅު ކުރަމުން ގޮސްފައި ވާއިރު، ބައެއް މުވައްޒަފުން ވަނީ ހުއްދަނެތި ރިސޯޓުން ފޭބުމުގެ މަސައްކަތް ވެސް ކޮށްފަ އެވެ. 

ރިސޯޓު މުވައްޒަފުންގެ ޝަކުވާތައް އިތުރުވާ ފެށީ ރިސޯޓުތަކުގައި ތިބި އެންމެ ފަހު ފަތުރުވެރިޔާ ފުރާގެން ދިއުމަށް ފަހު 14 ދުވަސް ފަހުން މުވައްޒަފުންނަށް ރިސޯޓު ދޫކޮށް ދިއުމުގެ ހުއްދަ ދިނުމާއެކު ވެސް އެ މުވައްޒަފުންނަށް ރިސޯޓުތައް ދޫކޮށް ދިއުމަށް ހުރަސް އެޅެން ފެށުމުންނެވެ. ގިނަ އަދަދެއްގެ ރިސޯޓު މުވައްޒަފުން މިކަމުގެ ޝަކުވާ އުފުލަމުންދާއިރު އެޗްޕީއޭ އިން މިވަނީ މިކަންތަކަށް އިތުރު ލުޔެއް ދިނުމަށްވެސް މަސައްކަތް ކޮށްފަ އެވެ. 

ރިސޯޓުތަކުގައި މިގޮތަށް ތާށިވެފައި ތިބި އިރު، ރިސޯޓުތައް ދޫކޮށް އައުމަށް ފަހު އަނބުރާ ރިސޯޓަށް ގޮސް ވަޒީފާ އަދާކުރެވޭނެ ކަމުގެ އުންމީދު ނެތް އެތައް މުވައްޒަފުންނެއް އެބަތިބި އެވެ. 

ސަރުކާރުން އަންނަނީ މިހުރާ ޝަކުވާތަކެއް ވެސް ޖޮބް ސެންޓަރަށް ހުށައެޅުމަށް އެދެމުންނެވެ. އެހެންނަމަވެސް ގިނަ މުވައްޒަފުން ދަނީ މިކަމާ ޖެހިލުން ވަމުންނެވެ. ނޯޕޭ އަށް ފޮނުވާލި ނަމަވެސް ކޮވިޑް-19 ގެ ކަންތައް ނިމުމުން އަނބުރާ އެ ވަޒީފާއަށް ބޭނުންވާތީ ރިސޯޓު މެނޭޖްމެންޓްގެ ޝަކުވާ ކުރުމަށް އެ މުވައްޒަފުން ޖެހިލުންވެ އެވެ. 

ކަންމިހެން ހުރުމުން ރިސޯޓު މުވައްޒަފުންގެ މި ޝަކުވާތައް އަޑުއަހާ އެ މުވައްޒަފުންނަށް ލުއެއް ލިބިގެންދާނީ ކޮން އިރަކުންތޯ ސުވާލުއުފެދެ އެވެ. 

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި