މާލޭގައި ބޭއްވި ކޮރޯނާ ވައިރަސް ޑްރިލްގެ ތެރެއިން-- ފޮޓޯ: ނަސްރުﷲ މުހައްމަދު
ބިރުވެރިކަމެއް ނެތް، ކަރަންޓީނުން ދޫކޮށްލާ މީހުން އެކަހެރިކޮށް ނުލާ!
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ ހުރިހާ ބައްރަކަށް ކޮވިޑް-19 ފޯރައިފި އެވެ. މީގެ މަހެއް ކުރިން ރާއްޖެއިން މި ބައްޔަށް ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވްވިއިރު މިބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ގިނަ މަސައްކަތްތަކެއް ރާއްޖެއިން ދަނީ ކުރަމުންނެވެ. ބައްޔަށް ކިރިޔާ ވެސް މީހަކު ޝައްކުކުރެވޭނަމަ ދަނީ އެކަހެރިކޮށް ފަރުވާދެމުންނެވެ. އަދި ބަލި ޖެހިފައިވާ މީހަކާ ބައްދަލުވެފައިވާނަމަ އެމީހަކު ވެސް ދަނީ އެކަހެރިކުރަމުންނެވެ. މިވަގުތު ރާއްޖެއިން ބޭރުން އަންނަ އެންމެން ވެސް ކަރަންޓީން ކުރަމުން އަންނަނީ މިއީ ގައިންގަޔަށް އަރައި ނުރައްކާތެރި ބައްޔެއް ކަމުންނެވެ.
Advertisement

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނާ ގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރެވިފައިވާ ކަރަންޓީން ފެސިލިޓީތަކުގައި ޖުމްލަ 1002 މީހަކު ކަރަންޓީނުގައި އެބަތިއްބެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 11 މީހަކު އެބަތިއްބެވެ. މި އެންމެނަކީ ބަލީގެ އަލާމާތް ފެނިގެން ކަރަންޓީނުގައި ނުވަތަ އައިސޮލޭޝަނުގައި ތިބި ބައެއް ނޫނެވެ. ކޮންމެ މީހަކު ވެސް ވަކި ކޮޓަރިއެއްގައި އެކަހެރިކޮށް، އެމީހުންގެ ހާލަތު ގާތުން ބަލަން ޑޮކްޓަރުނާއި ނަރުހުން ތިބެ އެވެ. މި މީހުން އަނބުރާ މުޖުތަމައަށް ދޫކޮށްލަނީ 14 ދުވަހުގެ މުއްދަތެއް ހަމަކޮށް، ޓެސްޓްކޮށް ބަލި ނެތްކަން ކަށަވަރުކުރުމަށް ފަހެވެ.

އާއިލާއާ ވަކިން ކޮޓަރިއެއްގެ ތެރޭގައި ކަރަންޓީނުގައި ބޭތިއްބުމަށް ފަހު އަނބުރާ މުޖުތަމައަށް ފޮނުވާލުމުން، މި މީހުންނަށް މުޖުތަމައުގެ ތެރެއިން ނޭދެވޭ ގިނަ ކަންތައްތަކަކާއި ކުރިމަތިލާން އެބަ ޖެހެ އެވެ. އެމީހުންނާއި ކައިރިވާން މީހުން ފަސް ޖެހޭއިރު މާލެ އައިސް ގެއަށް ދިއުމަށް ޓެކްސީއަކަށް އަތް ނެގުމުން އެއަށް އަރުވަން ވެސް މީހުން އެބަ ދެކޮޅު ހަދަ އެވެ. ކަރަންޓީން ފެސިލިޓީއަކަށް ގެންދާ ހިސާބުން އެމީހުންނާމެދު ދެކޭގޮތް ވަރަށް ބޮޑަށް ބަދަލުވަމުން އަންނައިރު ޑޮކްޓަރުން ތަކުރާރުކޮށް ބުނަމުން ދަނީ މިގޮތަށް ދޫކޮށްލާ މީހުންގެ ސަބަބުން މުޖުތަމައަށް ބިރެއް ނޯންނާނެ ކަމެވެ. މިހެންކަމުން، މި މީހުންނާ މެދު މިފަދަ ގޮތަކަށް އަމަލުނުކުރުމަށް އިލްތިމާސްކުރެ އެވެ. 

"ވަރަށް ގިނަ ބަޔަކު އެބަ ބިރުގަނޭ މިކަހަލަ ކަންތައްތަކާ، އަޅުގަނޑުމެން އެ ގަބޫލު ވެސް ކުރަން. އެހެންނަމަވެސް، ދޫކުރާ މީހުންނަކީ ޓެސްޓްތައް ހަދާފަ، އޭގެ އިތުރުން ބަލަން ޖެހޭ މިންގަނޑަށް ބަލާފަ އަޅުގަނޑުމެން ދޫކުރާ ބައެކޭ. އެހެންވީމަ، އެ ސްޓާފުން ރަށަށް ދިޔައިމަ އެއްވެސް ކަހަލަ މައްސަލައެއް ޖެހިގެން ނުވާނެ،" ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

މީގެ ކުރިން ޑރ. މޫސާ މުރާދު ވެސް ވަނީ މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ވިދާޅުވީ، މިއީ ނުރައްކާތެރި ބިރުވެރި ބައްޔެއް ކަމަށާއި އެކަމަކު މިދަނޑިވަޅުގައި ބައްޔަށް ޝައްކުކުރެވޭ މީހުންނާ މެދު ވެސް މުޖުތަމައުގެ ތެރޭގައި ހިނގާ ކަންކަމަކީ ބަލައިގަންނަން ދަތި ކަންތައްތަކެއް ކަމަށެވެ. ކަރަންޓީންކުރުމުން، އެމީހުން ދިރިއުޅޭ ތަންތަނަށް ނުވައްދާ މައްސަލައާ މިފަދަ ކަންކަމަކީ އެއްގޮތަކަށް ވެސް ކުރުން ރަނގަޅު ކަންތައްތަކެއް ނޫންކަން ފާހަގަކުރެއްވި އެވެ. 

ޑރ. މުރާދު ވިދާޅުވި ގޮތުގައި މިފަދަ ކަންކަމުގެ ސަބަބުން ނަފްސާނީ ގޮތުން ބޮޑު ބަލި ކަމެއްގެ ތެރެއަށް އެމީހުން ވެއްޓެ އެވެ. އިތުރު ވޭނަކާއި ތަކުލީފެއް އުފުލަން ޖެހެ އެވެ. 

މިހާލަތުގައި ނަފްސަނީ ގޮތުން މީހުންނަށް ކުރިމަތިވާ ކަންކަމަށް އެހީތެރިވުމަށްޓަކައި ނޭޝަނަލް އެމެޖެންސީ ސެންޓަރުގައި ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މި ސެންޓަރުން ހިއްސާކުރާ މައުލޫމާތަށް ބަލާއިރު މިހާތަނަށް އެންމެ މި ހިދުމަތް ދެވިފައިވާ މީހުންނަކީ ކަރަންޓީން ފެސިލިޓީތަކުން ދޫކޮށްފައިވާ މީހުންނެވެ. 

މި ބައްޔަކީ ގައިން ގަޔަށް އަރައި ބައްޔެއް ނަމަވެސް މިގޮތަށް ކަރަންޓީން ފެސިލިޓީތަކުން ދޫކުރާ މީހުންނާ މެދު ދެކޭ ދެކުން މިވަނީ ބަދަލުކުރަން ޖެހިފަ އެވެ. މިވަގުތު ގަބޫލުކުރަން ޖެހޭ ހަގީގަތަކ އެމީހުންގެ ގައިގާ ބަލީގެ އަލާމާތެއް ހުރިނަމަ އަނބުރާ މުޖުތަމައުގެ ތެރެއަށް ޑޮކްޓަރުން އެމީހުން ދޫކޮށް ނުލާނެ ކަމެވެ. އެކަމަކީ އާންމުންނެކޭ އެއްގޮތަށް ޑޮކްޓަރުންނާއި ނަރުހުންނާއި އެމީހުންގެ އާއިލާތަކަށް ވެސް މި ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ ކަމެކަމެވެ. މިވަގުތަކީ އެންމެންގެ ސަލާމާތާއި ރައްކާތެރިކަމަށްޓަކައި ނުފުރޮޅާ އެންމެ ގާކޮޅެއް ވެސް ނުބާއްވާނެ ދަނޑިވަޅެއް ކަމަށް ޑޮކްޓަރުން ދަނީ ބުނަމުންނެވެ.

ބަލި ކޮންޓްރޯލް ކުރުމަށް މިވަގުތު ވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައި އެބަހުއްޓެވެ. ފަތުރުވެރިން އައުން ހުއްޓުވައި، ރާއްޖޭގެ އިގްތިސޯދު އެކަމަކަށް އެންމެ ބޮޑަށް ބަރޯސާވެފައި އޮތް ފަތުރުވެރިކަމުގެ ދާއިރާއަށް ވަނީ ބޮޑު ހުސްކަމެއް ގެނުވާފަ އެވެ. ސަރުކާރު ބަންދުކޮށް، ކޮލެޖް ޔުނިވާސިޓީ އަދި ސްކޫލުތަކުގެ ކިޔެވުން އޮތީ ހުއްޓިފަ އެވެ. މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވެސް ވަގުތީ ގޮތުން މެދުކަނޑާލާފައިވާއިރު މިމަހުގެ ދެ ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކޮންމެ މާލެ ސަރަހައްދުގައި ތިން ގަޑިއިރަށް ކާފިއު ވެސް ހިންގި އެވެ. މިހާރު ވެސް ތިން މީހުންނަށް ވުރެ އިތުރަށް މީހުން އެއްވެ އުޅުން މަނަ އެވެ.

ދެން އޮތީ މިފިޔަވަޅުތަކަށް އާންމުން ކިޔަމަންތެރިވެ، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުބާރު ކުރުމެވެ. ހަމަގައިމުވެސް، މި ފަރާތްތައް މުޖުތަމައަށް ދެރަ ގޮތެއްވިޔަ ނުދޭނެ އެވެ. 

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި