އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް
ހަސަން ލަތީފަށް ހުޅުވާލެވިފައިވާ ސިޓީއެއް!
އެމްޑީޕީގެ ޗެއަރޕަރސަން އަލްއުސްތާޛު ޙަސަން ލަތީފަށް. ވެދުން ސަލާމަށް ފަހު ދަންނަވަމެވެ. ރައީސް ޔާމީންގެ ވެރިކަން ނިންމާލުމަށް އެމްޑީޕީއަށް ވޯޓުލީ ނުހަނު ފޮނި އުއްމީދުތަކަކާއި އެކުއެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހު ރައީސްކަމަށް އިންތިޚާބުވެވަޑައިގަތްތާ ދުވަސްކޮޅެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އައުމާއި އެކު، އެޖެންޑާ 19 އަށް ވޯޓް ދިނީ އަދި އެއަށްވުރެ ފޮނި އުއްމީދުތަކަކާއި އެކުއެވެ.
Advertisement

ވެރިކަން ކުރެއްވުމަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާނެ ކަމަށް ވިދާޅުވުމުން އެއްވެސް ހާސް ކަމެއް ނެތި ދިވެހި ރައްޔިތުން ނުކުމެ އެމްޑީޕީއަށް ވޯޓް ދީފިއެވެ. ކޯލިޝަނެއް އޮތަސް ނެތަސް، ބޭނުންވެއްޖެ ހިނދެއްގައި ޤާނޫނު އަސާސީގައިވެސް އިތުރު އެހެން އެއްވެސް ޕާޓީއެއްގެ މަދަދާއި ނުލާ، އަތް ލެވޭ ވަރަށް މަޖިލީހުގެ މެޖޯރިޓީ، މަނިކުފާނު ޗެއަމަންކަން ކުރައްވާ އެމްޑީޕީއަށް ދިނީ، ދަރިފުޅު ހެނދުނު ސްކޫލަށް ގޮސް ބޯނެ ކިރުތަށްޓަކާއި، ދެ ވަށް ދޮންކެޔޮ ހޯދާކަށް ނޫނެވެ. ބޭނުންވަނީ އިންސާފެވެ. އަދުލުވެރިކަމެވެ.

ހަސަން ލަތީފުއެވެ. މަނިކުފާނުވެސް ހިމެނޭ ގޮތަށް މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ދިނީ ހާދަހާ ފޮނި އުއްމީދެއްކޮށްގެނެވެ. މަޖިލީސް އިންތިޚާބަށް އަހަރެއްވީ އިރުވެސް ފޮނި ވާހަކަ ދެއްކުން ނޫން ކަމެއް ކުރެވިއްޖެތޯ އަހާލަން މިޖެހެނީ އެހެންވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި، މަނިކުފާނު ސުޕްރީމް ކޯޓަށާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ފާޑު ވިދާޅުވި ވާހަކަ އިއްޔެ ނޫހަކުން ކިޔާފައި އަޅުގަނޑު ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. ތިޔަ އުޅުއްވަނީ ކާކަށް ކޮން ކަމެއް އޮޅުވާލަންތޯއެވެ؟ ފެއިލްވީ ޖޭއެސްސީއެއްވެސް ސުޕްރީމް ކޯޓެއްވެސް ނޫނެވެ. ފެއިލްވީ އެތަންތަން ޒިންމާދާރު ކުރުވަން ތިބެއްވި މީހުން ނޫންތޯ އެވެ.

މިއަދު ދިމާވެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަޅުގަނޑުވެސް ގަބޫލުކުރަމެވެ. އިގްތިސާދީ ގޮތުން އެތައް އަހަރެއް ރާއްޖެ ފަހަތަށް ސޮއްސާލާނެ ކަމާއި، އެކަމުގައި ސަރުކާރުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވަމުން ގެންދަވާކަން ހިތުގެ އަޑިން ގަބޫލުކުރަމެވެ. އެކަމަކާއި ޝަކުވާއެއް ނެތެވެ. ޝަކުވާ އޮތީ އިންސާފު ނުލިބޭތީއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ފާޑު ކިޔާނީ އަޅުގަނޑުމެންނެވެ. މަނިކުފާނު ތިޔަ އިންނެވީ އެ ފާޑު ކިޔުންތައް އަޑު އައްސަވައި ފިޔަވަޅު އެޅުއްވޭ މަގާމުގައެވެ. މަނިކުފާނު ފާޑު ވިދާޅުނުވެ އަމަލުން އެކަން ދައްކަވާށެވެ. ޝަކުވާތައް ބައިވަރެވެ. ޤާނޫނުތަކަށް އަޅުގަނޑަށްވުރެ މަނިކުފާނު މާ ފަރިތަވާނެއެވެ.

އައު މަޖިލީހުން އެންމެ ފުރަތަމަ ފާސްކޮށް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ތަސްދީގު ކުރެއްވި އެއް ގާނޫނީ ސުޕްރީމް ކޯޓުގެ ބެންޗު ފަހަކުން ހަތަކަށް ބަދަލުކުރުމުގެ ޤާނޫނެވެ. ކޯޓުތަކުގެ ޤާނޫނަށް ގެންނެވި އިސްލާހާއި އެކު، ސުޕްރީމް ކޯޓުގައި ކުރިން ތިއްބެވި ފަނޑިޔާރުން ފަޓާސް ބަރިއެއްހެން ވަކިކޮށް އާ ފަސް ފަނޑިޔާރުން އައްޔަން ކުރެއްވި ސްޕީޑަކީ ހަގީގަތުގައި އަޅުގަނޑުމެން ދުށް އެމްޑީޕީގެ ހަލުއި ދުވެއްޔެވެ. އެކަމަކު އޭނގެ ފަހުން އެއްކަލަ "ފިނިހަކަ" ސްޕީޑަށް ވެއްޓުނީއެވެ. ޤާނޫނުން ޖޭއެސްސީއަށް މަތިކޮށްފައިވަނީ ސުޕްރީމް ކޯޓަށް ފަސް ފަނޑިޔާރުން އައްޔަން ކުރުމަށެވެ. އަދިވެސް ދެ ޖާގަ އޮތީ ހުހަށެވެ. އެކަން ތިޔަ މަޖިލީހަށް ޖޭއެސްސީގެ މެންބަރުން ގެންނަވައިގެން ނިކަން ސުވާލު ކުރައްވައިގެން ބައްލަވާ ބަލާށެވެ. މަނިކުފާނުގެ ލީޑަރު ޖޭއެސްސީގައި އިންނަވާތީ އެކަން ނުކުރެވެނީތޯ އެވެ؟

ދެންވެސް ހަމަ ޤާނޫނުގައި އޮތް ވާހަކައެކެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެއް އައްޔަން ކުރުމަކީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ޖޭއެސްސީއަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާއެކެވެ. އެ މަގާމަށް މީހަކު ހޯދަން ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާގައި އިއުލާންކުރި ފަހުން މިހާރު ފަސް މަސްވެގެން ދިޔައީއެވެ. އަދި ވެސް އެ މަގާމަށް މީހަކު އައްޔަން ނުކުރެވި ކުރިންވެސް ހުންނެވި ބޭފުޅާ އެ މަގާމުގައި އެ ހުންނަވަނީ ޖޭއެސްސީން ކޮން ކަމެއް ހާސިލުކުރައްވަންތޯ ނިކަން ތިޔަ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކޮށްގެން އެ ބޭފުޅުން ކުރެން އައްސަވާ ބައްލަވާށެވެ.

އިންސާފު ނުލިބި ލަސްވުމަކީ އިންސާފު ގާއިމް ނުވުން ކަމަށް މަނިކުފާނު އެތައް ތަނެއްގައި ވިދާޅުވެފައި އެބަހުއްޓެވެ. އެއީ ހަމަ އެކަނި ކޮންމެ އިންތިޚާބަކާ ދިމާކޮށް ވޯޓް ހޯއްދަވަން ދައްކަވާ މޮޅު ވާހަކައަކަށް ނުހައްދަވައި، ނިކަން އަމަލުން ދައްކަވާށެވެ. މަޖިލީހުގެ މެޖޯރިޓީގެ ބޭނުން ނިކަން ހިއްޕަވާށެވެ.

ފަނޑިޔާރުންނާ ގުޅޭ ކިތައް މައްސަލަ ޖޭއެސްސީގައި އެބައޮތްތޯ ނިކަން މަނިކުފާނުގެ އެކުވެރި ހިސާން އަރިހުން އައްސަވާ ބައްލަވާށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުގެ އެކަނިވެސް ކިތައް މައްސަލަ ޖޭއެސްސީގައި ޕާކު ކޮށްފައި އެބައޮތްތޯ މަޖިލީހުގެ ޖަލްސާއެއްގައި ނިޒާމީ ނުކުތާއެއް ނަންގަވައިގެން މަޖިލީހުގެ ރައީސް އަރިހުން އައްސަވާ ބައްލަވާށެވެ. ހައިކޯޓުގެ ފަނޑިޔާރެއް ސަސްޕެންޑްކޮށްފައި ހުންނަތާ ހައެއްކަ މަސް ވެގެން ދިޔައިރު، އޭނާގެ ޚިދުމަތް ދިވެހި ރައްޔިތުންނަށް ނުލިބި މަހުން މަހަށް މުސާރަ ދެއްވަމުން އެދަނީ ދައުލަތުގައި މާ ބައިވަރު ލާރި ހުރީތޯއެވެ.

your imageމަޖިލިސް ކެމްޕެއިންގައި ރައީސް ސޯލިހް، ނަޝީދު އަދި ހަސަން ލަތީފު

ދަށު ކޯޓުތަކުގެ ކިތައް ފަނޑިޔާރުންގެ ކިތައް މައްސަލަ ޖޭއެސްސީގައި ޕާކުކޮށްފައި އެބައޮތްތޯ ނިކަން ބައްލަވާށެވެ. ވަކިން ޚާއްސަކޮށް މިހާރުވެސް ބޮޑެތި މައްސަލަތައް ބައްލަވަމުންދާ ކްރިމިނަލް ކޯޓު އަދި ސިވިލް ކޯޓުގެ ކިތައް ފަނޑިޔާރުންގެ ކިތައް މައްސަލަތޯ ނިކަން އޮޅުންފިލުއްވާށެވެ. މެޖިސްޓްރޭޓުންގެ ކިތައް މައްސަލަ ހުއްޓިފައި އެބައޮތްތޯއެވެ؟ ސަސްޕެންޑްވެސް ކުރެވެނީ ވަކި ބައެއް އެކަންޏެއް ނޫންތޯ އައްސަވާ ބައްލަވާށެވެ. އިންސާފު ގާއިމު ނުކުރެވެއޭ މިދަންނަވަނީ މިހެންވީމައެވެ.

ޖުޑިޝަރީ ކޮމިޓީއާއި އެހެން ކޮމިޓީތަކުގައި މޮޅެތި ވާހަކަ ދެއްކެވުމުގެ ބޭނުމެއް ނެތެވެ. ކަން ނުކުރެވެންޏާ އިސްތިއުފާ ދެއްވުން އެއީ ރީތި ގޮތް ކަމަށް ގައިމު މަނިކުފާނު އިދިކޮޅުގައި ހުންނެވި އިރު އެތައް ފަހަރަކު ވިދާޅުވިއެވެ. ދަންނަވަންތޯއެވެ. އެއީ ހަގީގަތުގައިވެސް ރަނގަޅު ވާހަކައެކެވެ. ހަމަ ޔަގީނުންވެސް ކޮންމެ ވެސ ބަޔަކު ފެއިލް ވެއްޖެއެވެ. އިންސާފު ގާއިމުކޮށްދޭނަމޭ ކިޔައިން މުޅިންވެސް ހެއްދެވީ އިތުރުފުޅުކަން މިއަދު ޔަގީން ނުވޭތޯ އެވެ.

އިހްތިރާމް ގަބޫލު ކުރެއްވުން އެދެމެވެ.

އަހުމަދު ހަސަން

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި