ސްޓޭންޑާޑް ހުރުވަޅި ރިސޯޓް
ސްޓޭންޑާޑް ހުރުވަޅި މުވައްޒަފުން ވާނުވާގައި!
ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ އެކު ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުމަކަށް އައިސް، ރިސޯޓުތަކަށް އަންނަ ފަތުރުވެރިން އައުން މަޑު ޖެހިފައިވާ މިދަނޑިވަޅުގައި، ރިސޯޓުތަކުގެ މުވައްޒަފުން އެތަން ތަނުގައ ތާށިވެފަ ތިބި އިރު، އެ ހުރިހާ މުވައްޒަފުންވެސް އެދެމުން އަންނަނީ ވީހާވެސް އަވަހަކަށް އެމީހުންގެ އާއިލާތައް ކައިރިއަށް ދިއުމަށެވެ.
Advertisement

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޕްރޮޓޮކޯލްގެ ދަށުން މިހާރު ރިސޯޓުތަކުން ފޭބުމުގެ ހުއްދަ ރިސޯޓުތަކަށް ދެމުން އަންނަ އިރު، ރިސޯޓުގެ އެންމެ ފަހު ފަތުރުވެރިޔާ ފުރއިގެން ދިޔަތާ 14 ދުވަސް ފަހުން ރިސޯޓުގެ މުވައްޒަފުންނަށް ރިސޯޓުން ފައިބައިގެން ދެވެން ޖެހޭނެއެވެ. 

ސްޓޭންޑާޑް ހުރުވަޅި ރިސޯޓުގެ އެންމެ ފަހު ފަތުރުވެރިޔާ މާޗް މަހުގެ 25 ވަނަ ދުވަހު ފުރައިގެން ގޮސްފައި ވާއިރު، 14 ދުވަސް ހަމަ ކޮށް އޭޕްރިލް މަހުގެ އަށް ވަނަ ދުވަހު އެ ރިސޯޓުގެ މުވައްޒަފުންނަށް ރިސޯޓު ދޫކޮށް ދެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ރިސޯޓުގެ މެނޭޖްމެންޓުން ވަނީ އަށް ވަނަ ދުވަހު މުވައްޒަފުންނަށް ނުފޭބޭނެ ކަމަށް ބުނެފައެވެ. އަދި މުވައްޒަފުންނަށް ރިސޯޓުން ފޭބޭނެ ދުވަހަކީ އޭޕްރިލް މަހުގެ 14 ވަނަ ދުވަސް ކަމަށް މެނޭޖްމެންޓުން ވަނީ ބުނެފައެވެ. 

މިއާ އެކު މުވައްޒަފުންނަށް އަވަހަށް ގެއަށް ދެވޭނެ ކަމުގެ އުންމީދު ގެއްލި ވަނ މާޔޫސްވެފަ އެވެ. އިތުރު ހަފްތާ އަކަށް ރިސޯޓުގައި ތާށި ވިއިރު، ރިސޯޓުން ނުފޭބި ލަސް މިވަނީ ކީއްވެކަން ވެސް މެނޭޖްމެންޓުން މުވައްޒަފުންނާ ހިއްސާ ނުކުރާ ކަމަށް ވެއެވެ. މިކަން މިހެން ހުރުމާއި އެކު ރިސޯޓުގެ މުވައްޒަފުން ތިބީ ބޮޑު ހާސްކަމެއްގެ ތެރޭގައެވެ.

ވާނުވާގައި މުވައްޒަފުން ތިބި އިރު، ވައިފައި ކަނޑާލާފައި ހުރުމުން ގިނަ މުވައްޒަފުންނަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައި އެވެ. އަދި އެ މުވައްޒަފުންނަށް ކާން ލިބޭ ތަކެއްޗާ މެދު މުވައްޒަފުންގެ މެދުގައި ވަނީ ގިނަ ޝަކުވާތަކެއް އުފެދިފައެވެ. އާންމު ކޮށް ކާން ލިބެން ހުންނަ އެއްޗެހި މިހާރު ނުލިބޭ އިރު، ގިނަ މުވައްޒަފުންނަށް މި އެއްޗެހި ނުކެވޭ ކަން ބައެއް މުވައްޒަފުން ފާހަގަ ކުރެ އެވެ.

މުވައްޒަފުންގެ މުސާރަ އާއި މެދު ވެސް މާ ބޮޑު އުންމީދެއް އެ ރިސޯޓުގެ މުވައްޒަފުންގެ ނެތެވެ. މާޗް މަހުގެ މުސާރަ ލިބިފައި ވީނަަމަވެސް އެ މަހުގެ ސާވިސް ޗާޖް އަދިވެސް މުވައްޒަފުންނަކަށް ނުލިބެއެވެ. އޭޕްރިލް މަހުން ފެށިގެން އެއް މަހުގެ މުސާރަ ދީފަ މުވައްޒަފުން ނޯޕޭ ލީވަށް ފޮނުވާލަން ރިސޯޓުގެ މެނޭޖްމަންޓުން ނިންމާފައި ވާއިރު، އެ މުސާރަ ވެސް ލިބޭނެ ކަމުގެ އެއްވެސް އުންމީދެއް މުވައްޒަފުންގެ ނެތެވެ. 

މިފަދަ ދަނޑިވަޅެއްގައި މިހާ ދުވަހު ރިސޯޓުން ނުފޭބި ވާނުވާގައި ބައިތިއްބާފައި ތިބުމުން ގިނަ މުވައްޒަފުން ތަކެއް އެކަމާ ނުރުހުންފާޅު ކުރަމުން އަންނަ އިރު، ބައެއް މުވައްޒަފުން ތިބީ ހާސްވެ ކަންބޮޑު ވެފައެވެ. 

އެހެން ނަމަވެސް ރިސޯޓުގެ މެނޭޖްމެންޓުން ވަނީ މިކަންތައް ދޮގުކޮށްފައެވެ. ރިސޯޓުން ފޭބުމަށް ހުއްދަ ނުދެވިގެން އުޅެނީ އެޗްޕީއޭ އިން އެކަމަށް ހުއްދަ ނުދީގެން ކަމަށާއި އެކަން ކުރުމަށް އެޗްޕީއޭ އާ އެއްކޮށް މަޝްވަރާތަށް ކުރަމުން އަންނަ ކަމަށް ބުނެ އެވެ. އަދި އެ ރިސޯޓުން ކޮވިޑް-19 އަށް ޝައްކުކުރެވިގެން ސާމްޕަލް ނެގުމުން އެކަމުގެ ސަބަބުން ރިސޯޓުން މުވައްޒަފުން ދިއުމަށް ހުއްދަ ދިނުން ލަސްވާކަމާށެވެ. 

މީގެ އިތުރުން ރިސޯޓުން ވަނީ އެއްވެސް މުވައްޒަފަކު ނޯޕޭއަށް ފޮނުވުމުގެ ވިސްނުން ނުގެން ގުޅޭ ކަމަށާއި ރިސޯޓު ބަންދުކުރުމަށް ނިންމާފައި ވާއިރު، މުވައްޒަފުން ފޮނުވާލަނީ އެއް މަހުގެ މުސާރަ ދީފައި ކަމަށް ބުނެފަ އެވެ. އަދި މާޗް މަހުގެ ސާވިސް ޗާޖް ދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އޭޕްރިލް މަސް ނިމުމުގެ ކުރިން ސާވިސް ޗާޖް ދޭނެ ކަމަށް ރިސޯޓުން ބުނެއެވެ. 

ރިސޯޓުން ވަނީ ކާ އެއްޗެހީ އާއި ވައިފައި ގައި ވެސް މައްސަލަ އެއް ނުހުންނާނެ ކަމަށް ބުނެފައެވެ. 

އެޗްޕީއޭގެ ޕްރޮޓޮކޯލްގެ ދަށުން ސާމްޕަލް ނަގާ ނެގަޓިވް ނުވާނަމަ 14 ދުވަހަށް އިތުރު ދުވަހެއް އިތުރު ނުވާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި މިރިސޯޓުންވެސް ބޭނުންވާ ލިޔެކިޔުން ތަކަށް އެދުމުން އެކަން ކޮށްދޭނެ ކަމަށާއި ޕްރޮޓޮކޯލް ގެ ދަށުން ސްޓޭންޑާޑް ހުރުވަޅިގެ މުވައްޒަފުންނަށް އަށް ވަނަ ދުވަހު ރިސޯޓުން ފޭބުމުގެ ހުއްދަ ދެވޭނެ އެވެ. 

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި