އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު--
ތަކެތީގެ އަގު ކޮންޓްރޯލް ކުރީ އެސްޓީއޯއިން ނޫން، އިކޮނޮމިކް މިނިސްޓްރީން: އަމްރު
ތަކެތީގެ އަގު ކޮންޓްރޯލް ކުރީ އެސްޓީއޯ އިން ނޫން ކަމަށާއި އަގުތައް ކޮންޓްރޯލް ކުރީ އިކޮނޮމިކް މިނިސްޓްރީ އިން ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓާ ހުސެން އަމްރު ވިދާޅުވެއްޖެ އެވެ.
Advertisement

އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފަ ވަނީ، ބައެއް އަސާސީ ކާބޯތަކެތި ވިއްކޭނެ އެންމެ ބޮޑު އަގު ކަނޑައަޅާ، އަގު ކޮންޓްރޯލް ކުރީ އެސްޓީއޯ އިން ނޫން ކަމަށެވެ. އަދި މި ތަކެތީގެ އަގު އިކޮނޮމިކް މިނިސްޓްރީން ކޮންޓްރޯލް ކުރީ ތަކެތީގެ އަގު އެއަށް ވުރެ ބޮޑު ވެދާނެ ކަމަށް ބަލާ އެކަން ހުއްޓުވުމުގެ ގޮތުން ކަމަށް އަމްރު ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން އަމްރު ވިދާޅުވެފައިވަނީ މިތަކެތި ވިއްކޭނެ އެންމެ ބޮޑު އަގު ކަނޑައެޅުމުގެ ބޭނުމަކީ މާލެ އާއި ރާއްޖޭގެ އެހެން ރަށްތަކާއި ތަފާތުކުރުމެއް ނެތި ވަކި އަގަކަށް ވުރެ ބޮޑު ނުވެ ގަންނަން ލިބޭނެ ކަން ޔަގީންކޮށްދީ އެނޫން ގޮތަކަށް އެތަކެތި ނުވިއްކޭނެ ގޮތް ހެދުން ކަމަށެވެ. 

އިކޮނޮމިކް މިނިސްޓްރީ އިން ވަނީ ފިޔާ، އަލުވި، ބިސް އަދި މުގު ގެ އަގު އޭޕްރިލް ހަ ވަނަ ދުވަހުން ފެށިގެން ކޮންޓްރޯލް ކޮށްފައެވެ. އެގޮތުން ފިއާ އަދި އަލުވި ކިލޯއެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 20 ރުފިޔާ އެވެ. އަދި މުގު ކިލޯއެއްގެ އަގު 45 ރުފިޔާއަށް ވުރެ ބޮޑު ނުކުރެވޭ އިރު ބިސް ވިއްކުން ހުއްދަ ދީފައި ވަނީ އެއް ރުފިޔާ އަށްޑިހަ ލާރިއަށް ބިހެއް ގެ ރޭޓުންނެވެ. 

އިކޮނޮމިކް މިނިސްޓްރީން ވަނީ މި އަގުތައް ކޮންމެ ހަފްތާއަކު މުރާޖާ ކުރެވޭނެ ކަމަށާއި އިއުލާނުގައި ވާ އަގުތަކަށް ވުރެ ބޮޑު އަގުގައި މުދާ ވިއްކައިފިނަމަ އެންގުމާ ހިލާފުވާ ފުރަތަމަ ފަހަރު، އެ ފަރާތެއް އެންމެ ގިނަވެގެން 100,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައެވެ. އަދި ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ މީހަކު އެންމެ ގިނަވެގެން 100,000 ރުފިޔާއިން ޖޫރިމަނާކޮށް، ހަ މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގޭނެ ކަމަށް މިނިސްޓްރީ އިން ބުނެއެވެ. 

އެސްޓީއޯ އިން ރީޓެއިލް ކޮށް ފިޔާ ކިލޯއެއް ވިއްކަނީ 15 ރުފިޔާއަށެވެ. އަދި އަލުވި ކިލޯއެއް ވިއްކާ އަގަކީ 12 ރުފިޔާ އެވެ. ބިސް ވިއްކަނީ އެއް ރުފިޔާ ފަންސާސް ލާރިއަށް ބިހެއްގެ ރޭޓުންނެވެ.  

އެސްޓީއޯ އިން ވަނީ ފިޔާ، އަލުވި އަދި ބިސް ހޯލްސޭލްކޮށް ވިއްކަން ވެސް ފަށާފައެވެ. އެގޮތުން ފިޔާ ބަސްތާއެއް 325 ރުފިޔާ އަށް ވިއްކާ އިރު، އަލުވި ބަސްތާއެއް އެސްޓީއޯ އިން ވިއްކަނީ 250 ރުފިޔާ އަށެވެ. އަދި ބިސް ކޭހެއް ވިއްކަނީ 290 ރުފިޔާ އަށެވެ.  

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި