ވެލާނާ އެއާޕޯޓް: ގައުމުގެ އިގުތިސާދުވަނީ އަލުން ތަރުތީބު ކުރަން ޖެހިފައި--
"ބޮޑުބޭބެ ދިނީމަ ކައިގެން އުޅޭ އުސޫލު ދޫކޮށްލަން ޖެހޭ"
ކޮވިޑް 19 ގެ ސަބަބުން މުޅި ދުނިޔެއާއި ދިވެހިރާއްޖޭއަށް ތަޙައްމަލު ކުރަންޖެހިފައިމިވަނީ ދުވަހަކުވެސް ނުދެކޭފަދަ ދުވަސްތަކެކެވެ. އާދަކޮށް އުޅެމުން އައި ދިރިއުޅުމާއި، މާތް ﷲ ދެއްވާފައިވާ މަތިވެރި ނިޢުމަތްތަކާއިމެދު ވިސްނާލަން ލިބުނު މުހިއްމު ފުރުސަތެކެވެ.
Advertisement

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޔޫރަޕުގެ ގައުމުތަކާއި އެމެރިކާގައި ކޮންމެ ދުވަހަކު އެތައް މީހުން މަރުވަމުންދާއިރު، އެތައް ހާސްބަޔަކުވަނީ މިބަލީގެ ޝިކާރައަކަށްވެފައެވެ. ދުނިޔޭގެ ގިނަ ގައުމުތައް މިވަނީ ލޮކްޑައުންއަށް ގޮސް އެތައް މިލިއަން ބަޔަކު ގޭގައި ތިބުމަށް މަޖުބޫރުވެފައެވެ. އޮފީސްތަކާ، މަދަރުސާތަކާ، ސަރުކާރުގެ އިދާރާތައް ބަންދުކުރަންޖެހިފައެވެ.  ފިހާރަތަކާ އެތަކެއް ރެސްޓޯރަންޓްތަކާ ކެފޭތައްވެސް ބަންދު ކުރަންޖެހިފައެވެ. އާދަކޮށް އުޅުނު ދިރިއުޅުން މުޅިން ހުއްޓިފައެވެ. 

އެއްގަމު ދަތުރުތަކާއި، ވައިގެ ދަތުރުތައްވެސް މަޑުޖެހިފައެވެ. މިހުރިހާ ކަމަކުން ލިބިދޭ އެންމެ މުހިއްމު އެންމެ ބޮޑު ފިލާވަޅަކީ، މިދެންނެވި ހުރިހާ ކަމަކީ އަޅުގަޑުމެން އިންސާނުންނަށް ލިބިފައިވާ ކިހާމެ މުހިއްމު ނިއުމަތްތަކެއްކަން ކުރިން ވިސްނާލެވިފައިވޭތޯއެވެ؟ އަދި މިފަދަ ހާލަތެއްގައި ތިބޭއިރު، އަޅުގަޑުމެންނަށް ލިބިފައިވާ ގިނަގުނަ ނިއުމަތްތަކާއި، ބޮޑެތި އިޚްތިޔާރުތަކާއިމެދު ވިސްނާ ފިކުރުކޮށްލަން އެބަޖެހެއެވެ. މި ޙާލަތަކީ މިއިން އެއްވެސް ކަމަކާ ވިސްނާނުލާ، ތިމާއާއި މުޖުތަމައުގެ އެއްވެސް ކަމެއް އިސްލާހުނުވެ، ހުރިހާކަމެއް ހަމަޔަކަށް އެޅުމުން، އިހު އުޅުނު ގޮތަށް ހުރިހާކަމެއް ކުރަމުން ގެންދިއުންވާނީ، މިދުވަސްތަކުގައި މިވާ ގުރުބާނީއަކީ ބޭކާރު ކަމަކަށެވެ.

ގައުމީ ލެވެލްގައި ދަސްވި އެންމެ ބޮޑު ފުރަތަމަ ފިލާވަޅަކީ، ފަތުރުވެރިކަމަށް އެކަނި ބަރޯސާވެގެން ތިބެވެން ނެތްކަމެވެ. މީގެ 16 އަހަރުކުރިން ކުރިމަތިވި ސުނާމީ ކާރިސާގައިވެސް ވަރަށް ގިނަ ރިސޯޓުތައް ބަންދުކުރަންޖެހި، އެކަމުގެ ސަބަބުން މުޅި އިގްތިޞާދަށް އެކަމުގެ ލޮޅުން އެރިއެވެ. އެހެންނަމަވެސް، 2006 ވަނަ އަހަރުގެ އިގްތިޞާދީ ކުރިއެރުމާއިއެކު، ފަތުރުވެރިކަމުގެ އަދި ރާއްޖޭގެ އިގްތިޞާދުގެ ނާޒުކުކަން ހަނދާން ނެތުނެވެ. 

ފަރުތުވެރިކަމަށް އެކަނި ބަރޯސާވުމުގެ ނުރައްކަލުގެ މަތިން ވިސްނަންވެސް ބޭނުމެއް ނުވިއެވެ. އޭގެ ފަހުން 2007 ގައި ފެނުނީ އިތުރު ރަށްތައް ރިސޯޓުހަދަން ދޫކުރެވުނު ތަނެވެ. މިއަދާއި ހަމައަށް ސިޔާސަތަކަށްވެފައިމިވަނީ ފަޅު ރަށެއް އޮތަސް، އަދި ފަޅެއް އޮތަސް ފަތުރުވެރިކަމަށް ބޭނުންކުރުމަށެވެ. މަސްވެރިކަމާ ދަނޑުވެރިކަމާބެހޭ މިނިސްޓްރީއެއް މިއޮތް ހުރިހާ އަހަރުތަކުގެ ހުރެ، ކުރެވިފައިވަނީ ކޮން މަސައްކަތްތަކެއް ބާވައެވެ؟ އިގްތިޞާދީ ތަރައްގީއާއި ވިޔަފާރިއާއިބެހޭ މިނިސްޓްރީއަށް، އިތުރު އިންޑަސްޓްރީތައް އުފައްދަން ކުރެވިފައިވަނީ ކޮން މަސައްކަތެއް ބާވައެވެ؟ ފެންނަން އޮތީ އެންމެ ކަމެކެވެ. ފަތުރުވެރިން ނެތް ނަމަ އިގްތިޞާދެއްވެސް ނެތީއެވެ.

ދިވެހިންގެ ތެރޭގައި އޮތް އެންމެ ބޮޑު އެއްކަމަކީ، ގޭގައި ނުވަތަ އާއިލާގެ ތެރޭގައި ހުންނަ ކޮންމެވެސް އެއް ދޮންބެއަކަށް ނުވަތަ ބޮޑުބޭބެއަކަށް ނުވަތަ ދައްތައަކަށް ބަރޯސާވެވޭގޮތްވުމެވެ. އެއްވެސް ގޮތެއް ނެތިއްޔާ 'ބޭބެ ހުންނާނެ' މި ވިސްނުމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު ތިބެނީ މާލީ މިނިވަންކަމެއް ނެތިއެވެ. ރަނގަޅު އާމްދަނީއެއް ލިބޭ ދުވަސްވަރު، ކޮންމެވެސް މިންވަރެއް ރައްކާކޮށް ނުވަތަ އިންވެސްޓްކުރާކަށް ނުވިސްނައެވެ. ލިބޭއިރު ޚަރަދުވެސް ބޮޑުވަނީއެވެ. އާޚިރުގައި އެއްޗެއް ނުލިބޭ ދުވަހު ދާން މިޖެހެނީ ބޮޑުބޭބެ ކައިރިއަށެވެ. 

ކޮވިޑް 19 ގެ ސަބަބުން އިގްތިޞާދު ހުއްޓުމަކަށް އައުމާއިއެކު، އަޅުގަޑުމެންނަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުންވެސް، އަދި އެހެނިހެން މިނިސްޓަރުންގެ ފަރާތުންވެސް އިވެނީ އިންޑިޔާ ސަރުކާރުގެ އެހީގެ ވާހަކައާއި، އައިއެމްއެފްގެ އެހީގެ ވާހަކައާއި، ވާރލްޑް ބޭންކުގެ އެހީގެ ވާހަކައެވެ. ގޭތެރޭގެ ބޮޑުބޭބެ އާއި އެއްވެސް ތަފާތެއް ނެތެވެ. އަޅުގަޑުމެންނަށް އާދަވެފައިމިވަނީ އަބަދުވެސް ކޮންމެވެސް އެހެންބަޔަކަށް ބަރޯސާވުމަށެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ، މާލީ މިނިވަންކަމަށް މަސައްކަތް ކުރެވޭ ތަނެއް ނުވަތަ އޭގެ ވާހަކައެއްވެސް ނުދެކެވެއެވެ.

އަލަށް ސަރުކާރާ ހަވާލުވެގެންވެސް އެންމެ ގިނައިން ދެކެވުނީ އިންޑިއާ ސަރުކާރުގެ އެހީގެ ބިޔަ ޕެކޭޖެއްގެ ވާހަކައެވެ. އެހެނަސް 2019 އަހަރު ގައި ދައުލަތަށް ވަނީ 23 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައެވެ. މިއީ ޖީޑީޕީގެ 26 އިންސައްތަ އެވެ. އެންމެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ދައުލަތުގެ ޖުމްލަ އާމްދަނީއަކީ ޖީޑީޕީގެ ގާތްގަނޑަކަށް މިހާކަންހާ ވަރެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ ވޭތުވެދިޔަ ހަ އަހަރަށް ބަލާއިރުވެސް ފެންނަންއޮތީ ދައުލަތަށް ބޮޑެތި އަދަދުތަކުން އާމްދަނީ ލިބިފައިވާކަމެވެ. 

އެހެނަސް، އެންމެ ހަ މަސް ދުވަހަށް ހިފަހައްޓާލެވޭ މިންވަރުގެ ރިޒާވެއްހާ މިންވަރުވެސް ގާއިމްކުރެވިފައެއް ނެތެވެ. ލިބޭ މިންވަރަށް ވުރެ ކޮންމެ އަހަރަކުވެސް އިތުރަށް ދަނީ ޚަރަދުކުރެވެމުންނެވެ. ދެން މިއިވެނީ ކަރަންސީ ސްވޮޕެއްގެ ވާހަކައެވެ. އެހެނަސް ކަރަންސީ ސްވޮޕަކީ އަދި އަމުދުން މިއަދުގެ ޙާލަތަށް އޮތް ހައްލެއް ނޫނެވެ. 

އެއީ، ދެގައުމުގެ ދެމެދުގައި ބޮޑެތި ވިޔަފާރި ކުރެވޭއިރު، ދެގައުމުގެ ދެ ސެންޓްރަލް ބޭންކުގައި އަނެއްގައުމުގެ ފައިސާ ވަގުތީ ގޮތުން ބަހައްޓާ އިންތިޒާމެކެވެ. އެއީ އެއްވެސް ހާލެއްގައި އަޅުގަޑުމެންނަށް ލިބިގެންދާ ޑޮލަރުގެ އެހީއެއް ނޫނެވެ. ކޮންމެއަކަސް، އަދުގެ ކާރިސާއިން އެއްވެސް ފިލާވަޅެއް ލިބޭނަމަ، ދެވަނަ ފިލާވަޅަކަށް އަޅުގަނޑު ދަންނަވާނީ ލިބޭ މިންވަރުން އުޅެން ދަސްކުރުމާއިއެކު އިގްތިޞާދީ އަދި މާލީ މިނިވަންކަން ހޯދުމަށް މަސައްކަތް ކުރުމެވެ. އާދެ، ބޮޑުބޭބެގެ އެހީއާއި ނުލާ އުޅެން ދަސްކުރުމެވެ.


ކޮރޯނާ ވައިރަސްގެ ބިރުވެރިކަމާއިއެކު މިފެނުނީ ސިއްހީ ދާއިރާގެ ފަންނީ މީހުންގެ ބަސް ސަރުކާރުން ގަބޫލްކޮށް ޕްރޮފެޝަނަލް މާހިރުންގެ ލަފަޔާއެކު ގައުމުގެ މުހިއްމު ބޮޑެތި ކަންކަން ނިންމަމުން ދިޔަ އަދި ދާތަނެވެ. މިއީ ފަހަކަށް އައިސް ގައުމުން ނުފެންނަ ކަމެކޭ ދެންނެވިދާނެއެވެ. ފަހަކަށްއައިސް ރައްޔިތުންގެ މެދުގައި ސިޔާސީ މީހުންގެ މަޝްހޫރުކަން ބޮޑުވެ، ސިޔާސީ ޙަރަކާތްތައް މިވަނީ އިތުރުވެފައެވެ. 

އެހެނަސް، ވޭތުވެދިޔަ ދުވަސްތަކުގައި ސިޔާސީ ފަރާތްތަކުގެ ސަބަބުން، އަދި ސިޔާސީ ނިންމުތަކުގެ ސަބަބުން މުޅި ގައުމަށާއި ރައްޔިތުންނަށް ލިބިފައިވާ ގެއްލުން ވަރަށް ބޮޑުވެސްމެއެވެ. ރައްޔިތުންގެ އެތައް މިލިއަން ފައިސާއަކަށް ޚިޔާނާތްތެރިވުމާއި، ރީތި ފަޅުތަކާއި ރަށްތަކާއި ރާއްޖޭގެ ތިމާވެށި ހަލާކުކޮށްލުމާއި، އިޖްތިމާޢީ ފޭރާން ހަލާކުކޮށްލުމާއި، މުއައްސަސާތަކުގެ ކަރާމާތާއި އަގު ވައްޓާލުން ފަދަ ކަންކަމަކީ އަދި ބައެއް ކަންތަކެވެ.

އެހެނަސް، ވޭތުވެދިޔަ ދުވަސްތަކުގައި ސިޔާސީ ފަރާތްތަކުގެ ސަބަބުން، އަދި ސިޔާސީ ނިންމުތަކުގެ ސަބަބުން މުޅި ގައުމަށާއި ރައްޔިތުންނަށް ލިބިފައިވާ ގެއްލުން ވަރަށް ބޮޑުވެސްމެއެވެ. ރައްޔިތުންގެ އެތައް މިލިއަން ފައިސާއަކަށް ޚިޔާނާތްތެރިވުމާއި، ރީތި ފަޅުތަކާއި ރަށްތަކާއި ރާއްޖޭގެ ތިމާވެށި ހަލާކުކޮށްލުމާއި، އިޖްތިމާޢީ ފޭރާން ހަލާކުކޮށްލުމާއި، މުއައްސަސާތަކުގެ ކަރާމާތާއި އަގު ވައްޓާލުން ފަދަ ކަންކަމަކީ އަދި ބައެއް ކަންތަކެވެ. 

ކޮންމެއަކަސް، ވޭތުވެދިޔަ އެއް މަސްދުވަހަކީ ސިޔާސީ އިސް މީހުންގެ އަޑު މަޑު އަދި އެމީހުންގެ 'ރެލަވަންސް' ކުޑަ، ދުވަސްތަކެކެވެ. އާދެ، ތިންވަނަ ފިލާވަޅެއްގެ ގޮތުން އަޅުގަނޑު ދަންނަވާނީ، ރައްޔިތުން މިހާރު މިތިބީ ސިޔާސީ މީހުންނާއި ސިޔާސީ ކަންތަކުން ފޫހިވެ ވަރުބަލިވެފައެވެ. ގައުމަށް ބޭނުންވަނީ ކަންކަމުގެ ފަންނީ މާހިރުންނާއި، އިލްމީ ތަޖުރިބާކާރުންނެވެ. ސިޔާސީ މީހުންނާއި ސިޔާސާ ޙަރަކާތް ވީހާވެސް މަދުކޮށް، ގައުމުގެ ތަރައްގީއަށް މަސައްކަތް ކުރާއިރު އިޖްތިމާއީ ފޭރާން ހަރުދަނާކޮށް ޒީނަތްތެރިކުރަންޖެހެއެވެ.

ވަރަށް ދިގު ލިސްޓަކުން މިދަންނަވާލެވުނީ އަދި ވަރަށް މަދު މިންވަރެކެވެ. ދުނިޔޭގެ  ނިސްބަތުންވެސް މި ހާލަތަށްފަހު ބޮޑެތި ބަދަލުތައް އަންނާނެކަން ޔަގީނެވެ. މިގޮތުން ވައިގެ ދަތުރުފަތުރު ކުރުމުގައާއި، އަދި އެއް ގައުމުން އަނެއް ގައުމަށް އެތެރެވާއިރު ދެވޭ ވިސާ ދިނުމުގައި ބަދަލުތަކެއް އައުން ގާތެވެ. ކުރިން ދެމުން ދިޔަގޮތަށް "އޮން އެރައިވަލް" ވިސާ ދިނުން ނިމުމަމަކަށް އައުން އެކަށީގެންވެއެވެ. މީގެ އިތުރުން، ޓެކްނޮލޮޖީގެ އެހީގައި ވަރަށް ގިނަ ޚިދުމަތްތަކާއި، ވިޔަފާރިތައް އޮންލައިންކޮށް ނުވަތަ ގޭގައި ތިބެގެން ކުރެވޭގޮތަށް ބަދަލުވެގެން ދިއުން އެކަށީގެންވެއެވެ. ދުނިޔޭގެ ތަރައްގީއަށް މުޅިން އައު އިންގިލާބެއް އައިސް އިންފޮމޭޝަން  ޓެކްނޮލޮޖީގެ އައު އުސްމިނަކަށް ދިއުމަކީ ލަފާކުރެވޭ ކަމެކެވެ. ޔާގީންވަނީ އެންމެ ކަމެކެވެ. ކޮވިޑް 19 އަށް ފަހު، ދުނިޔޭގައި ތިބި ބަޔަކާ ބައްދަލުކުރާނީ މުޅިން ތަފާތު ސިވިލައިޒޭޝަނެކެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި