ޝީރީން އާއި ޗޯދްރީ
މުސްލިމް 2 ޑޮކްޓަރުންގެ ހަނީމޫން ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމުގައި
ކައިވެނިކުރަން ނިންމާ ހިސާބުން ފެށިގެން ކައިވެނި ކުރެވޭ ދުވަހާ ހަމައަށް އަންނައިރު އެ ދުވަހަކީ ހަޔާތުގައި އަންނަ އެންމެ ފުރިހަމަ ދުވަހަށް ހެދުމަށް ކައިވެނި ކުރާ ކޮންމެ ޒުވާނަކުވެސް ބޭނުންވެ އެވެ. އެގޮތަން މުސްލިމު ޒުވާން ދެ ޑޮކްޓަރުން ކަމަށްވާ ޝީރީން އާއި އޭނާގެ ލޯބިވެރިޔާ ޗޯދްރީ ވެސް ތައްޔާރު ވަމުންދިޔައީ އެ ދެމީހުންގެ ހަޔާތުގައި ވެސް އަންނާނެ އެންމެ މުހިންމު ދުވަހަށެވެ.
Advertisement

ކައިވެނި ކުރާނެ ދުވަހާއި، ކައިވެނި ޕާޓީ ބާއްވާނެ ތަނެއް ކަނޑައަޅާ، އެދުވަހު ލާނެ ރީތި ހެދުމެއް ޝީރީން އިހްތިޔާރު ކުރި ފޮނި ހުވަފެންތަކަކާއެކު އެވެ. ހަނީމޫނަށް ދާނެ ތަނެއް ނިންމާ މާޗް މަހު ކައިވެނި ކުރުމަށް ދެ ލޯބިވެރިން ދެކެމުން އައި ހުވަފެންތައް ވެއްޔާ މޮޑެލީ މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑު ކަމެވެ.

އެމެރިކާގައި ބަލި ފެތުރެން ފެށުމާއެކު، މި ޒުވާން ދެ ޑޮކްޓަރުންގެ އުފާވެރި ދުވަސް މުޅިން ބަދަލުވެގެން ދިޔަ އެވެ. ރޭވީ ކައިވެނި ޕާޓީ ބޭއްވޭ ގޮތެއް ނުވި އެވެ. އަދި ހަނީމޫނަށް ދާން ރޭވި ރޭވުންތައް ވެސް ވީ ދެކެވުނު ހުވަފެނަކަށެވެ.

އެހެންނަމެވެސް ޝީރީން އާއި ޗައުދަރު ނިންމީ ފަސްނުކޮށް ކައިވެނި ކުރާށެވެ. ނިއު ޖާޒީގެ އިމާމް އެއް ކައިރީ އެދިގެން ދެ ޒުވާނުން މިދިޔަ ހޮނިހިރު ދުވަހު މިސްކިތުގައި ކައިވެނި ކުރުމަށް ފަހު، 12 ގަޑިއިރު ފަހުން ޝީރީން ވަނީ އޭނާގެ ފިރިމީހާ އާ ނިޔު ޔޯކް އެއާޕޯޓުން އަލްވަދާއު ކިޔާފަ އެވެ.

ކައިވެނި ކުރުމަށް ފަހު އެކުގައި ވަގުތު ހޭދަކޮށްލަން ކިތަންމެ ބޭނުންވި ނަމަވެސް ދެ މީހުންނަށް ޖެހުނީ ހިތާ ދެކޮޅަށް ދުރަށް ދާށެވެ. ޗޯދްރީ އައޮވާ ގެ ސެޑަރް ރެޕިޑްސް އަށް ފުރުވާލުމަށް ފަހު ހޯމަ ދުވަހު ޝީރީން ވަނީ މަސައްކަތައް ނުކުމެފަ އެވެ.

ޗޯދްރީ އަކީ މާސީ މެޑިކަލް ސެންޓަރުގައި ވަޒީފާ އަދާކުރަމުންދާ ކާޑިއެކް އެލެކްޓްރީފިޒީޝަން އެއް ކަމުން އޭނާ މަސައްކަތް ކުރަމުން ދިޔައީ ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށެވެ. އަދި ޝީރީން އަކީ ރެސިޑެންޓް ޓީމްތަކެއް ބަލަހައްޓާ އިންޓާނަލް މެޑިސިން ޗީފް ރެސިޑެންޓެއް ކަމުން އެކި ދުވަހު އޭނާ މަސައްކަތް ކުރަން ޖެހެނީ ނިޔު ޔޯކްގެ އެކި ހޮސްޕިޓަލިގަ އެވެ.  

ދެމީހުންނަށް ވެސް ދުރުގައި ހުންނަން ޖެހުމުން ގިނަ އުދަނގޫތަކާއި ކުރިމަތިވި ނަމަވެސް ޑޮކްޓަރުންގެ ބޭނުން ޖެހިފައިވާ މިދަނޑިވަޅުގައި އެންމެ ފުރިހަމައަށް ވާޖިބުތައް އަދާކުރުމުގައި ދެ ޒުވާނުންވެސް ތިބީ ހިތްވަރު އެލުވާނުލަ އެވެ. އަދި ކިތަންމެ ދުރުގައި ތިއްބަސް ދެމަފިރިން އެކަކު އަނެކަކު ދެކެ ވާ ލޯތްބަށް ކުޑަވެސް އުނިކަމެއް ނާންނާނެ ކަމަށް ދެ ޒުވާނުން ބުނެ އެވެ.

ކައިވެނި ޕާޓީ ނުބޭއްވުނު ނަމަވެސް ލޯބިވާ އަންހެނުންނާ ކައިވެނި ކުރެވުމުގެ ފުރުސަތު ލިބުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށް ޗޯދްރީ ވަނީ ބުނެފަ އެވެ.

ދުރުގައި ހުންނަން ޖެހުމުން ލިބޭ ކޮންމެ ހުސް ވަގުތެއް ގައި ވެސް ފޭސްޓައިމް ކުރުމަކީ ދެމަފިރިންކޮށް އުޅޭ ކަމެކެވެ. އެހެން ނަމަވެސް މި ދަނޑިވަޅުގައި ހުސް ވަގުތު ކޮޅެއް ލިބުމަކީ ވަރަށް އުދަނގޫ ކަމެއް ކަމަށް ދެމަފިރިން ވެސް ބުނެ އެވެ.

ޝީރީން އާއި ޗޯދްރީ ލޯބީގެ ގޮތުން ގުޅިފައި ވަނީ ފާއިތުވި އަހަރުގެ ޑިސެމްބަރު މަހު އެވެ.

80%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
20%
ދެރަވި
0%
ރުޅިއައި