ވެރިކަން ކުރާ ކޯލިޝަންގެ އިސްވެރިން
ކޯލިޝަން ރޫޅެނީބާ؟
Advertisement

ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަލާއިރު ކޮންމެ ބަޔަކުވެސް ވެރިކަމަށް އައުމަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ފެންނަނީ ކޯލިޝަނެއް އެކުލާވާލާ ތަނެވެ. ކޯލިޝަން ހެދުމުގެ މަސައްކަތް ފަށާއިރު، އޭރު ސިޔާސީ ހަތުރުންގެ ގޮތުގައި ތިބި ފަރާތްތައް މިތުރުންނަށް ބަދަލުވެ، އެއްކޮށް މަސައްކަތް ކުރާތަން ފެނެ އެވެ. ސިޔާސީ ގޮތުން އުޑާއި ބިމާހާ ޚިޔާލު ތަފާތު ސިޔާސީ ޕާޓީތައް އެކައްޗެއް ކިޔާ ތަން ފެނިގެންދެ އެވެ. މިއީ ކޯލިޝަން އެކުލަވާލާ ވެރިކަން ހޯދުމުގެ މަސައްކަތް ފަށައިގަންނައިރު، ފެންނަ މަންޒަރުތަކުގެ ވާހަކަ އެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު، ކޯލިޝަނަކީ މާ ކާމިޔާބު އެއްޗެކޭ ދެންނެވޭކަށް ނެތެވެ.

އާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ހިސާބުން ކޯލިޝަނަކާ އެކު އެކުލަވާލެވުނު އެއްވެސް ސަރުކާރެއް، ކޯލިޝަނާ އެކު އޮވެ، ފަސް އަހަރުގެ ދައުރެއް ނިންމާލެވުނު ތަނެއް އަދި ނުފެނެ އެވެ. ރައްޔިތުން ކޯލިޝަން ސަރުކާރަކަށް ކުރަމުން އައި އިތުބާރު ގެއްލިފައި ވަނިކޮށް، އަނެއްކާ ވެސް ކޯލިޝަނާ އެކު ސަރުކާރުގެ ހިންގިދާނެ ކަމުގެ ހުވަފެން ރައްޔިތުންނަށް ދެއްކީ މިހާރު ވެރިކަން ކުރަމުން މި އަންނަ ކޯލިޝަނުންނެވެ. ކޯލިޝަނަކާ އެކު ހެޔޮވެރިކަމެއް ކުރެވިދާނެ ގިނަ ހުވަފެންތަކެއް މި ކޯލިޝަނުން ވަނީ ރައްޔިތުންނަށް ދައްކާފަ އެވެ. އަދި ގާނޫނީ ގޮތުން މިހާތަނަށް ކޯލިޝަން ސަރުކާރަކަށް ނުލިބޭ ހިމާޔަތް ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ތެރެއިން ހޯދައިދިނުމަކީ ވެސް މިހާރު އޮތް ކޯލިޝަންގެ ވެރިން ހަރުއަޑުން އޭރު ދެއްކެވި ވާހަކަތަކެވެ. ނަމަވެސް މި ވެރިކަމަށް އަހަރެއް ވެގެން ދިޔައިރު ކޯލިޝަން އޮތީ ނަމެއްގަ އެވެ. އެކަން ފެށި އަދި ނިމެނީ ވެސް ސަރުކާރުގެ މަގާމުތަކާ ހަމައިންނެވެ. އިތުރު އެހެން ކަމެއްގައި ކޯލިޝަންގެ އެއްވެސް ސިފައެއް މި ސަރުކާރުގެ ތެރެއިން ވެސް ފެނިގެނެއް ނުދެއެވެ.

ކޯލިޝަނަކާ އެކު ވެރިކަން އެކުލަވާލެވުނުއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ކޯލިޝަން ލީޑަރުންގެ ބައްދަލުވުމެއް ކޮންމެ މަހަކު އެއްފަހަރު ބާއްވާނެ ކަމަށެވެ. ވެރިކަން ފެށިގެން އައިރު، މި މަގުން ކަންތައް ގޮސްދާނެ ކަމުގެ ކޮންމެވެސް މިންވަރެއްގެ ނިޝާންތަކެއް ފެނުނެ އެވެ. ނަމަވެސް ކޯލިޝަން ލީޑަރުން މަހަކު އެއް ފަހަރު ބާއްވަން ބުނި ބައްދަލުވުން ވަނީ އިބިލީހުގެ ކައިވެންޏަށް ބަދަލުވެފަ އެވެ. ކޯލިޝަން ހިންގާނެ ގޮތުގެ ގާނޫނެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާއިރު، ވެރިކަމަށް އެއް އަހަރު ވެގެންދިޔައިރު ވެސް އެ ވިދާޅުވާ ގާނޫނެއްގެ ހިލަމެއް ނެތެވެ.

އިންތިހާބެއްގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ކޯލިޝަން އޮންނަނީ ނޭވާ ހޮޅީގަ އެވެ. ހަމަ ދެންމެ ދެންމެ ރޫޅިދާނެ ހާލަތެއްގަ އެވެ. ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވަމުން އަންނަ އިރު އަނެއްކާވެސް އެ ހާލަތަށް ގައުމު މި ވަނީ ވެއްޓިފަ އެވެ. ނިމިދިޔަ އަހަރު މަޖިލީހުގެ އިންތިޚާބު ކުރިމަތިވަމުން އައި އިރުވެސް ހާލަތު އޮތީ މިފަދަ ގޮތަކަށެވެ. ކޯލިޝަންގެ ބައެއް ބައިވެރިން އިދިކޮޅު ފަރާތްތަކާ އެކު އެ އިންތިޚާބަށް ރަސްމީކޮށް އިތުރު އެހެން ކޯލިޝަނެއް ހެދި އެވެ. ނަތީޖާއަކަށްވީ ތިމާމެން ބައިވެރިވެގެން ތިބި ސަރުކާރާ ދެކޮޅަށް އުފުލޭ އަޑުތައް އިދިކޮޅު ފަރާތްތަކަށް ވުރެ ވެސް ގަދަވެގެން ދިއުމުވެ

ލޯކަލް ކައުންސިލްގެ ކެމްޕެއިން ފޯރި ގަދަވަމުން އަންނަ އިރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ބައިވެރިޔާ އެމްޑީޕީން ބުނަމުން އަންނަނީ އެ ޕާޓީގެ މެމްބަރުންނަށް ހައްގުވާ މިންވަރު ނުލިބޭ ސަބަބަކީ ކޯލިޝަން ކަމަށެވެ. ސަރުކާރު "ސްލޯ" ވެގެން އުޅޭ ސަބަބު ކަމަށް އެ ފަރާތްތައް ބުނަމުން އަންނަ ސަބަބަކީ ވެސް ކޯލިޝަނެވެ. އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދިގެން ނޫޅޭ ސަބަބެއް ކަމަށް އެ ފަރާތްތަކުން ދައްކަމުން އަންނަ ސަބަބަކީ ވެސް ކޯލިޝަނެވެ. މި ސަރުކާރުގެ ހުރިހާ ބަލި ފަޔެއްގެ ޒިންމާ އެމްޑީޕީން އަޅުވަނީ ކޯލިޝަނުގެ ބޮލުގަ އެވެ.

އެމްޑީޕީގެ ބަސްމަގު މިހެން ހުރިއިރު ކޯލިޝަންގައި ހިމެނޭ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ ޖޭޕީގެ ބަސްމަގު ވެސް ހުރީ މިހެންނެވެ. ޖޭޕީން ގަބޫލުކުރާ ގޮތުގައި ކޯލިޝަންގެ ވެރިކަން ނުހިންގިގެން މި އުޅެނީ އެމްޑީޕީއާ ހެދި އެވެ. ޕާޓީގެ އެތެރޭގެ ބައިބައިވުންތަކާ ހެދި ކަމެވެ. ބައެއް ފަހަރު ޖޭޕީގެ ވެރިން ދައްކަވާ ވާހަކަތައް އިދިކޮޅު ވެރިންގެ ބަސް މަގަށް ވުރެ ވެސް ހަރުކަށިވެފައި "ހުތުރު" ކަން ފާހަގަކުރެވެ އެވެ.

ކޮންމެއަކަސް ފެންނަނީ ކޯލިޝަން ތެރޭގައި ހިމެނޭ އެންމެ ބޮޑު ދެ ޕާޓީގެ މެދުގައި ބަހުގެ ހޫނު ހަމަލާތައް ދެމުން އަންނަތަނެވެ. އެއްބަޔަކު ވެސް ހަށިފޮޅާލާފައި ކޯލިޝަނުން ވަކިވާން ބޭނުންވާ ތަނެއް ނުފެނެ އެވެ. ފެންނަނީ ކޯލިޝަން ތެރޭގައި ތިބެ އެއްބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކުރާ މަންޒަރެއެވެ.

ސަރުކާރުން ކަމެއް ނުކުރެވި "ސްލޯ" ވެފައި އޮންނަ އޮތުމުގައި ކޯލިޝަނަށް ފޫޅުކަނޑައިގެން ކޮންމެ ބަޔަކު ވެސް ބަލަނީ ކަމުން ރެކޭށެވެ. ނަމަވެސް ރައްޔިތުން ކޯލިޝަނަކާ ވެރިކަން ހަވާލުކުރީ މި ބަހަނާތައް އަޑުއަހާކަށް ނޫނެވެ. އެއަށް ވުރެ ފޮނި އުންމީދެއްގަ އެވެ. ތަރައްގީ އާއި ސަރުކާރު ހިނގައިގަތުމުގައި ކޯލިޝަނަކީ ހުރަހަކަށް ވެގެން ނުވާނެ އެވެ. ގާނޫނީ ހިމާޔަތެއް ކޯލިޝަނަށް ނުލިބޭ ނަމަ މި މައްސަލަ ތާއަބަދަށް އޮންނާނެއެވެ. ރޫޅިދާނެކަމުގެ ބިރު އަބަދު ވެސް އޮންނާނެއެވެ.

75%
އުފާވި
13%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
13%
ރުޅިއައި