ތަރައްގީ ކުރި ސެން ކްލާސް---ފޮޓޯ:ބީއެމްއެލް
ބީއެމްއެލްގެ އެހީއާ އެކު ގާފަރު ސްކޫލްގައި ސެން ކްލާހެއް ތަރައްގީކޮށްފި
ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ކ. ގާފަރުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ކިޔަވައިދޭ ސެންސަރިީ ކްލާސްރޫމެއް ތަރައްގީކޮށްފިއެވެ.
Advertisement
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފް ކުރި "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ ދަށުން ކ. ގާފަރުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ކިޔަވައިދޭ ސެންސަރިީ ކްލާސްރޫމެއް ތަރައްގީކޮށްފި އެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ވަނީ މި ކްލާސްރޫމު މަރާމާތުކޮށް ކްލާސްރޫމަށް ބޭނުންވާ ސެން އިކުއިޕްމަންޓްސް ހޯދައި ތައުލީމީ އާ އަހަރާއެކު މި ކްލާސްރޫމް ބޭނުންކުރަން ވަނީ ފަށާފަ އެވެ.

މިކްލާސްރޫމް ފަރުމާކޮށްފައިވަނީ ސެން ކުދިންނަށް ކިޔަވާ ދިނުމަށް ބޭނުންވާ ވަސީލަތްތައް ހިމަނާ ފުރިހަމަ ކުރެވިގެންނެވެ. އަދި ކްލާސްރޫމް ވެގެންދާނީ މިކުދިންނަށް ކިޔަވައިދިނުމުގައި މިހާރު ދިމާވަމުންދާ ދަތިތަކަށް ލިބިގެންދާ ފުރިހަމަ ހައްލަކަށް ކަމަށްވެސް ބީއެމްއެލް އިން ބުނެ އެވެ.

"މިކްލާސްރޫމު ހުޅުވުމާއެކު ތައުލީމީ އާ އަހަރު ފެށިގެން މިދިޔައީ ގާފަރު ސްކޫލްގެ ސެން ކްލާސް ކުދިންނާއި ބެލެނިވެރިންނަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން. މި ކްލާހުގައި ބޭނުންކުރާ ވަސީލަތްތަކަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔެވުމާއި އެކުދިންގެ ހުނަރު ތަރައްގީކުރުމަށް ވަރަށް އެކަށޭނެ ވަސީލަތްތަކެއް،" ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވި އެވެ.

ސައީދު އިތުރަށް ވިދާޅުވީ ކޮމިއުނިޓީ ފަންޑުގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ، މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ހިންގޭ މިފަދަ ހަރަކާތްތައް ކާމިޔާބުކަމާ އެކީ ނިންމާލެވޭ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އަބޫބަކުރު އަލީ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު، އައިޝަތު ސާނާ ވިދާޅުވީ ގާފަރު ސްކޫލުގައި ކުރިން ހުރި ސެން ކްލާސްރޫމަކީ ކުޑަ ތަނެއް ކަމަށެވެ. އެގޮތުން ކްލާސްރޫމު ގާއިމުކުރުމުގެ ކުރިން ރާއްޖޭގެ އެހެން ސްކޫލުތަކުގައި މިފަދަ ކްލާސްރޫމުތައް ހުރީ ކިހިނެއް އަދި ކޮންކަހަލަ ވަސީލަތްތަކަކާ އެކުތޯ ދިރާސާ ކުރި ކަމަށެވެ. އެގޮތުން ދުނިޔޭގެ އެހެން ގައުމުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ކްލާސްރޫމުތަކާއި ވަސީލަތްތައް ހުންނަ ގޮތް ދިރާސާ ކުރުމަށްފަހު ގާފަރުގައި ސެން ކްލާސްރޫމެއް ގާއިމް ކުރީ ކަމަށް ސާނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން [އަބޫބަކުރު އަލީ ފައުންޑޭޝަން] މަސައްކަތް ކުރަނީ ރަށުގެ ތައުލީމީ ކަންތައް ކުރިއަރުވަން. ކުރިން ސެން ކްލާހުގައި ކުދިންނަށް ކިޔަވައިދެނީ އެކްލާހުގެ ޓީޗަރު އަމިއްލައަށް ތައްޔާރުކުރާ ވަސީލަތްތަކާއެކު. އެކަމަކު މިހާރު އަޅުގަނޑުމެން މި ގާއިމްކުރި ކްލާސްރޫމުގައި އޮކިޔުޕޭޝަނަލް ތެރަޕީ އާއި ޕްލޭ ތެރަޕީ ކުދިންނަށް ދެވޭނެ." ސާނާ ވިދާޅުވިއެވެ.

ސާނާ ވިދާޅުވީ މިއީ ބޮޑު ހަރަދެއް ހިނގާނެ ކަމަކަށް ވާތީ ކޮމިޔުނިޓީ ފަންޑަށް ޕްރޮޕޯޒަލްލީ ކަމަށެވެ. އެގޮތުން ބީއެމްއެލްގެ އެހީ އާއި ފައުންޑޭޝަނުގެ ފައިސާ އިން މި ޕްރޮޖެކްޓު ނިންމާލީ ކަމަށް ސާނާ ވިދާޅުވި އެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓަކަށް ވާން ޖެހެ އެވެ.

މިއަހަރުގެ ކޮންމެ ކުއާޓަރެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ނިންމާފައިވެ އެވެ.

އެގޮތުން ބީއެމްއެލް އިން ވަނީ މިވޭތުވެދިޔަ އަހަރު 20 ރަށެއްގައި ޕްރޮގްރާމް ހިންގުމަށް އެއްމިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
100%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި