Firumaaladheyshey, Episode 4
vfp.mv
VFPBAAZAARU
HM
HM
ފިރުމާލަދޭށޭ..
inage
ފިރުމާލަދޭށޭ..
  މުނިފޫހިފިލުވުން | ވާހަކަ | | ފުނަމާ | 23 މެއި 2018 | 2 ކޮމެންޓް
4 ވަނަބައި dhi2
ރިންގުވަމުންދިޔަ ފޯނު ދަބަހުގެ ތެރެއިން ނެގުމަށްފަހު، ބަލާލިއެވެ.
"ދޮންތަ މިއޮއް ގުޅަނީ" އީތަންއަށް ފޯނުދައްކާލަމުން މާޔާ ބުނެލިއެވެ.

"އޭ ދޮންތާ! ތިގޭގައި ރަސްކަމާއި ރަނިކަމާކުރަނީ އިނގޭ.. މުޅި ގެ މިއޮތީ ހުހަށް.. އޮތިއްޔާ އޮތް އެއްޗެއް ހިފައިގެން މިއަދު ދާނީ" މަޖާވެލާފައި މާޔާ ބުނެލިއެވެ. ހަމަ އެ އިހުސާސްގައި އެލީވެސް އޭނާގެ ކޮއްކޮއާއި ބައިވެރިވިއެވެ. ހީނަރުވެފައި އޮތް ގުޅުން ގާތްކުރާން އެލީވެސް މިހާރު މަސައްކަތްކުރެއެވެ.

"މިގުޅީ ކޮބައިތޯ ބަލަންވެގެން.. ޔާދު މަންމަ ލައްވާ ކަންތައްކުރާން ފަކުރު ގަންނަންޏާ މާޔާއެކަނި އެއްޗެއް ހަދައިލައިގެން ކާލާށޭ ބުނަން ދޮންތަ ބޭނުންވީ.. ފްރިޖްގައި ހުންނާނެ ރޭގައި ގަތްފައި ހުރި ޗީޒް ކޭކާއި، ޑޯނަޓްވެސް.. މާޔާ ނަގާ އިނގޭ.. އީތަންގެ ބަނޑުފުރައިދޭތި! އެދައިތަ ވަރަށް ކަންތައްގަނޑުފަލަވާނެ.. މާބޮޑަށް އަޅާއެއްލާނެ ކަމެއްނެތް.. އެކަމަކު އެއްފަހަރު ބުނީމައި އެކަމެއް ކުރާނެ އާންމުކޮށް.. ވަރަށް ސްލޯވާނެ.. އެކަމަކު މިއަދު މާޔާއަށް ލަހެއްވެސް ނުވާނެނުން.. ރަގަޅަށް ކާލައިގެން އޮފީހަށް ދާތި.. ތަށިތައް ނަގާފައި ސާފުކުރައްޗޭ ބުނާތި، ޔާދު މަންމަކައިރީގައި!" އެލީގެ ވާހަކަ މާޔާ އަޑުއެހިއެވެ. 'ހޫނ' ބުނެލަމުން މާޔާގެ ފޯނު ކަންފަތާއި ދުރުކޮށްލިއެވެ.

"ހިތައް އަރާ މަންމަ، ކޮން ގޮތަކަށް ހޯދާފައިހުރި ދަރިއެއްބާއޭ.. މީހެއްގެ މައްޗަށް ރަހުމެއްގެ ކަންފުޅެއްވެސް ދޮންތަގެ ނުހުންނާނެ.. އަބަދުވެސް ވަރަށް އެ ވައްތަރުވާނެ.. އޭނަ ބޭނުންވާ ގޮތް ނޫން ގޮތަކަށް ކަމެއްވިޔަ ނުދޭނެ.. ވަރަށް އެހެންކަހަލަ ގޮތްތަކެއް ދޮންތަގެ ހުންނާނެ.. އޭނަގެ އެންމެ ބަލިކަށިކަމަކީ، ނާއުއްމީދަކީ ތަހަންމަލްކުރެވޭނެ އެއްޗެއް ނޫން.." ވަރަށް ސީރިޔަސް މޫޑެއްގައި މާޔާ ވާހަކަދެއްކިއެވެ. ހިނިތުންވުމުގެ އަސަރެއް ފެންނާންނެތަސް، އީތަންގެ ކަންފަތް ހުޅުވާލާފައި އެވަނީ މާޔާގެ ވާހަކައަށެވެ.

"ނުވިސްނުން ތިބުނި އެއްޗެއް؟" ސުވާލުގެ ރާގުގައި އީތަން ބުނެލިއެވެ.

"ހޫމް.. އަޑުއިވުނީ ހަމަރަގަޅަށް.. މިބުނަނީ ދޮންތައަށް، ނާކާމިޔާބު ތަހަންމަލްނުކުރެވޭނެޔޭ.. އަހަރެން ހަނދާންހުރޭ ސުކޫލުގައި އުޅުނުއިރު އެއްފަހަރެއްގައި ލަވަމުބާރާތެއްގައި ބައިވެރިވެގެން އުޅުނު ވައްތަރު.. ބެސްޓް ފައިވްގައި ލައްވާލި.. އެކަމަކު ވަނައެއް ނުލިބޭ.. އެރޭ އެތަނުގައި މަޑުނުކޮށް، އެވަގުތުން ފެށިގެން ބައްޕަ ޖެހުނީ ދޮންތަ ގޮވައިގެން ގެއަށް އަންނަން.. ރޯލާފައި ހުއްޓޭ! އެމީހުންނަށް ގުޅާފައި ބުނާށޯ، އެއްވަނަ ނުދެންޏާއި ދެވަނަ ނޫނީ ތިންވަނަވެސް ދޭށޭ.. ބައްޕަ އަތުގައި ލާރި ހުންނާނެޔޯ ދީގެންވެސް ވަނައެއް ބޭނުމޯ.. އެންމެ ފަހުން ބައްޕަ މަނާކުރީ އަހަރުމެން ދެމީހުންވެސް އެކަހަލަ މުބާރާތްތަކުގައި ބައިވެރިވުން.." ދެ ކޮނޑު އުފުލާލަމުން މާޔާ ބުނެލިއެވެ.

"ވަޓް..!! މަށަކަށް ނުވެސް އިނގޭ މަގޭ ޕްރިންސެސްއަކީ ލަވަކިޔާ ކުއްޖެއްކަމެއް.. ބައި ދަ ވޭ! އެކަކު ކުރިކަމެއްގެ އަދަބު ދެމިހުންނަށް ދިނުމަކީ އިންސާފެއް ތަ؟" އީތަންއަށް ހަގީގަތް ގަބޫލުނުކުރެވުނީއެވެ.

"ހެހެހެހ.. ގުރައެއްހާ ރީތިކޮށް ލަވަކިޔޭނެ އިނގޭ! އީތަންގެ ހިތައްވެސް ނުގެނެވޭނެ، ދޮންތަ ކަންތައް ދުއްވާލާނެ ހިސާބެއް! ސްކޫލްގައި އޮތް ގުރުއާން މުބާރާތެއްގައި އެއްވަނަ ލިބުނީ އަހަރެންނަށް.. އެކަހަލަ މުބާރާތްތަކުގައި ދޮންތަ ބައިވެރިއެއް ނުވާނެ.. ތަށި ހިފައިގެން ގެއަށް ވަންތަނާ ހީވީ، ރޮލުން ކާލަން އުޅުނުހެން.. މަގޭ އަތުން އަތުލާފައި އެއްލާލިތަނާ، އޭތި ބަނޑިވެސްވި.. އެދުވަހު ވަރަށް އަނިޔާކުރި، އިސްތަށިގަނޑުގައި ހިފާފައި ބިންމައްޗަށްވެސް ވައްޓާލި.. ކިތަންމެ ދުވަހަކު އެ ޓްރޮފީ ޑަސްބިންއަށް ލާފައި އޮއްވައިވެސް ނަގަން.. ރުޅި އަންނައިރަށް އެކަހަލަ ކަންތައްކުރާނީ" މާޒީގެ ޑައިރީން ބައެއް ސޮފުހާތަކުން ހިރަފުސް ފޮޅާލަމުން ދޮންތަގެ މިޒާޖުން ކޮންމެވެސް ވަރެއް އީތަންއަށް ބުނެދެވޭތޯ މާޔާ ބެލިއެވެ.

"ދެން ކީއްވެ އޭނާ ބައިވެރިނުވަނީ..؟ ހުއްދަ ނޯންނަނީތަ؟" އީތަންކޮށްލީ ސުވާލެކެވެ.

"ކޮންތާކު؟ އަބަދުވެސް މޮޅުކަން ބޭނުންވާނީ.. މަސައްކަތެއްކުރާކަށް ބޭނުމެއްނުވާނެ.. އަހަރެން ބައިވެރިވަން ހުރިހާ އެއްޗެއްގައިވެސް.. ވަނަވެސް ލިބޭ.. އެކަމަކު ދޮންތަ..!" މާޔާގެ ޖުމުލަ ފުރިހަމަނުކުރިއެވެ. އަޑުއަހަން ބޭނުންކަމުގެ އިޝާރާތެއް އީތަންގެ ފަރާތުން މާޔާއަށް ފޮނުވާލިއެވެ. އެއްބުމަ މައްޗަށް ހިއްލާލާފައި ލޮލުގެ އިޝާރާތުންކޮށްލީ ލޯބި ހަރަކާތެކެވެ.

"އަހަރެން ލައްވާ، ކުރަހައިގެން ގެންގޮސް، އާރޓް އެގެޒިބިޝަން ތަކުގައި ހުންނާނެ އޭނާ ބައިވެރިވެގެން އެއްވަނަ ހޯދާފައި.. ޝުކުރުވެސް އަދާކޮށްނުލާނެ! އަހަރެން ނިދާފައި އޮއްފައި ބޮލުގެ އިސްތަށިގަނޑުވެސް ބުރިކޮށްލި.. އެހިސާބުން ބައްޕަ ނެއްޓީ.. އެކަކުވެސް އެއްވެސް އިތުރުހަރަކާތެއްގައި ބައިވެރިވުން މަނާ.. ދެން ވާދަކުރަންފެށީ ކިޔެވުމުގައި.. އެމީހަކު މޮޅުވާނީ އެމީހަކު ކިޔަވައިގެން ދޯ!" ހިނިތުންވަމުން މާޔާ ބުނެލިއެވެ.

ފުން ނޭވާއެއް ދޫކޮށްލިއެވެ. މިޒާޖަކީ ތަފާތުއެއްޗެއްކަމާއި، އެހެންމީހުންގެ ތަހަންމަލްކުރުން ކޮޅުންލާނެ ދުވަހެއް އަންނާނެކަން ދޮންތައަށް އިނގޭނެކަން މާޔާ ބުނެލިއެވެ. އިތުރު އެއްޗެއް ބުނަން އީތަން ހަރަކާތްކޮށްލިވަގުތު ގައިސަރުގެ އަޑު އިވުނެވެ. ސައި ތައްޔާރުވީއެވެ. ދެކުދިންވެސް ލަސްނުކޮށް އެދިޔައީ ސަޔަށެވެ.

"ހާދަ މީރޭ.. އަހަރެން ބުނިން މަންމަ ކައިރީގައިވެސް މިވާހަކަ... އެދުވަހު ހީކުރީ މިގޭގައި ކައްކަނީ މާޔާގެ ދޮންތަކަމަށް.. މިއަދު ގޮއްސަބުނާނަން، ބޮޑުކައްކާއަކީ ދައްތައޭ! ފަހަރެއްގައި މަންމަ ބޭނުންވެދާނެ ރެސިޕީ.. ގޭގައި ކައްކާ މީހާއަށް ހަވާލުކުރަން! ރެސިޕީ ލިބޭނެތަ؟" އީތަންގެ އެކުވެރި މިޒާޖު ގައިސަރަށް ވަރަށް ކަމުދެއެވެ. ހިތްހެޔޮކަމާއެކު ވާހަކަ ދައްކާލާނެ، ފިރިހެންދަރިޔަކާއި ދިމާވުމުން، ގައިސަރު އެހުންނަނީ ވަރަށް ހިތްހަމަޖެހިލާފައެވެ.

"ރެސިޕީ ލިބޭނެ އަބަދުވެސް، ކޮންމެ ކުއްޖަކަށްވެސް! އެކަމަކު ދައްތައަށް ރަގަޅީ ދޭތެރެއަކުން މިގެއަށްވެސް ތިކުދިން ވަދެލިއްޔާ" އިސްޖަހައިލަމުން ގައިސަރު ބުންޏެވެ. ވަރަށް ބުނަންބޭނުން އެއްޗެއް ބުނެވުނީއެވެ. ބިއްލޫރިކޮޅެއްފަދަ ކަރުނަތިކި ލޮލުގައި ހިރިލި މަންޒަރު ސާފުކޮށް އީތަންއަށް ފެނުނެވެ.

"އޯކޭ.. މިގެއަށް ނާންނާށޭ ބުނަންދެން އަންނާނަން.. ރެސިޕީއެއްވެސް ބޭނުމެއް ނޫން! މި ރަހަ ބޭނުމީ ހަމަމިގެއިން.. އެކަމަކު ދައްތަ ލައްވާ، ކޮންމެ ދުވަހަކު މިހެން ކައްކަން ވެއްޖިއްޔާ އަހަންނަށް ހީވަނީ، މިގެއަށް ގެނެސްދޭނެ މީހަކު ނުވާނެހެން.. މިއަދުވެސް ވަރަށް ވަރެއްކޮށްފި، ދައްތަލައްވާ ބުރަ މަސައްކަތްކުރުވީމައި" ދެކުދިން އެކުގައި ހީނލިއެވެ.

"މިގެއަކީ ކާނެ މީހަކު އުޅޭ ގެއެއްކަން ކުރިޔަކުން ނޭގޭނެ.. ފޫހިވެގެން ރޮށިވެސް ފިހެލަނީ.. ސައިބޯންވެސް އެއްޗެއް ހަދަނީ މަދު ދުވަހަކު.. އޮފީސްކުދިން ގޮވައިގެން އެލީ ބައެއް ދުވަސްދުވަހު އަންނާތީވެ، ކޮންމެ ދުވަހަކުވެސް ރޮށިކޮޅެއް ފިހެލަން.. ޔާދުއަށްވެސް ބަތައްވުރެން ރޮށި މީރުވާނެ! އެހެންވީމައި ކޮންމެ ދުވަހަކުވެސް ރޮށި ހުންނާނެ.. އެހެން އެއްޗެއް ނެތިއްޔާ ރިހާކުރު ހުންނާނެ.. ހުނިވެސް ގާނާފައި ގަނޑުކުރާ ބަޔަށްލާފައި ހުންނާނީ.. ބޭނުންވީމައި ނަގާފައި އެވަގުތަކަށް ވާވަރަށް ބޭނުންކޮށްލަން ފަސޭހަވާނެނުން.. އާންމުކޮށް ބޭނުންކޮށްލާ ވަރަށް، ކޮންމެހެން ބޭނުންވާ އެއްޗެހި ހުންނާނީ ތައްޔާރަށް.. " ގައިސަރުގެ ވާހަކަތައް އެލީގެ ކަންފަތައް ފަސޭހައެއް ނޫނެވެ. ހިތައްއެރިއެވެ. ޔާދުގެ މަންމައަކީ ދޮންތަގެ ނޯކަރެއް ހެއްޔެވެ؟ ހިތް ރޯލިއެވެ.

"ދައްތަ ތިހާ ބުރަކޮށް އުޅޭކަށް ނުވާނެ.." އެއަށްވުރެން ބޮޑަށް ބުނާނީ، ނުވަތަ ބުނެދޭނީ ކީކޭކަމެއް އޭނާއަކަށް ނުވިސްނުނެވެ.

"އަހަރެންގެ މަންމަވެސް ގާތްގަނޑަކަށް ދައްތައާއި އެއް އުމުރެއްކަންނޭގެވާނީ.. މަންމައަށް މުހިއްމުވާނީ މަންމަގެ އަމިއްލަ ދިރިއުޅުން.. ގޭގައި ގެންގުޅޭ މީހަކު ނުހުންނަ އިރެއް އަހަރެން ހަނދާނެއް ނުހުރޭ.. އެހެންވީމައި ހުރިހާ ކަމެއްވެސް ޒިންމާ ނަގަންޖެހޭނެ މީހަކީ އެއީކަމަށް އަހަރުމެންނަށްވެސް ގަބޫލުކުރެވިފައި އޮންނަނީ.. ހަނދާނެއް ނެތް މަންމަ ކެއްކި އެއްޗެއް ކާލަން ލިބުނު ދުވަހެއް" އީތަންގެ ހަޔާތުން ފުރަތަމަ ސަފުހާ، ގައިސަރުގެ ދިރިއުޅުމާއި ފެނާއި ތެލާހައި ތަފާތެވެ.

"އެއްވެސް ކަމެއްނޫން.. އެކި މީހުންގެ ޝައުގުވެރިކަން ހުންނާނީ އެކިކަންކަމަށް.. މަންމަވާނީ މަންމައަށް.. އަބަދުވެސް ހިތްހެޔޮކޮށްފައި ހިނިތުންވުމާއެކު މަންމައާއި ކުރިމަތިލުމަކީ މާތް ދަރީންގެ ސިފައެއް.. ދަރިފުޅުގެ ލޮލުން ދައްތައަށް ފެންނަނީ އުއްމީދާއި އަލިކަން" އީތަންގެ ބުރަކަށީގައި ގައިސަރު ފިރުމާލިއެވެ.

އެއީ ކިހާވަރެއްގެ އަގެއްހުރި އިހުސާސެއްކަން ގައިސަރުއަށް އިނގޭނަމަ، އެދަރިފުޅުގެ ނިއްކުރީގައި މިވަގުތު ބޮސްދިނީހެވެ. އީތަން ކޮށިއެރީ ކުއްލިޔަކަށެވެ. މާޔާއަށްވުރެން ހަލުވިކޮށް އީތަންއަށް ފެންތަށި ދިއްކޮށްލީ ގައިސަރުއެވެ. އީތަންގެ ލޮލުން ފެންއައިސްފައި ހުރުމުން ގައިސަރުއަށް ވަރަށް އުނދަގޫވިއެވެ. އޭނާއަށް ކުށެއް ކުރެވުނުކަން އިހުސާސްވީއެވެ.

"ވަރަށް މަޢާފުކުރޭ.. މާބޮޑަށް ކުޅިވީތަ؟ ދައްތައަށް ގޯސްކޮށް ކަމެއްކުރެވުނުކަމަށްވަންޏާއި މަޢާފުކޮށްދީ" މާޔާއަށް ހަތަރުކަޅި ހަމަކޮށްލަމުން ގައިސަރު ބުންނެވެ.

"ނޫން ދައްތާ...! ދައްތައަށް ކުށެއް ކުރެވުނީއެއްނޫން.. އަހަރުމެން ކޮންމެ މީހެއްގެވެސް މަންމައެއްހުރޭ.. އެކިމީހުންގެ މަންމައިންގެ ކިބައިން ލޯބިލިބޭނީ އެކިވަރަށް.. ބައެއް މަންމައިންނަށް ލޯތްބަކީ ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދިނުންކަމަށް ހީވެފައި އޮންނާތީ ވީގޮތް ތިފެނުނީ" އީތަންގެ މޫނަށް ބަލަން އިނދެ ވަރަށް ޔަގީންކަމާއެކު މާޔާ ބުނެލިއެވެ.

"ދަރިފުޅުމެންނޭ! ކޮންމެ ހާލެއްގައިވިޔަސް މައިންބަފައިންނަށް އަދާކުރަންޖެހޭ ވާޖިބު ހުރިހާ ކުދިންވެސް އަދާކުރަންވާނީ ހިތުން ރުހުމުން.. ހުރިހާކުދިންވެސް ބޮޑުވެފައި ތިޔަތިބެނީ މަންމައާއި ބައްޕައާއި ހާދަހާވާ ބުރަތަކެއް އުފުލައިގެންނޭ.. އެއްވެސް މަޔަކު ދަރިޔަކަށް ދެރަގޮތެއް ނޭދޭނެ.. އެމީހުންގެ މައްޗަށް ހިތްހެޔޮކުރަންވާނެ" ގައިސަރުގެ ނަސޭހަތުން އަސަރުކުރީ އީތަންއަށް އެކަންޏެއް ނޫނެވެ. މާޔާގެ ދެލޯވެސް ފެންކަޅިވެއްޖެއެވެ.

"ކޮންމެ ދަރިޔަކަށް ތިޔަކަހަލަ މަޔަކު ދެއްވިނަމަ..!" ކުޅިމަސްކޮޅާއެކު ރޮށިކޮޅެއް އަނގަޔަށް ލަމުން އީތަން ބުނެލިއެވެ.

"ކޮންމެ މަޔަކަށް ތިކަހަލަ ފިރިހެން ދަރިޔަކު ދެއްވިނަމަ، މިދުނިޔޭގައި ކަރުނައަޅާނެ މައިން މަދުވާނެ" މިފަހަރު ގައިސަރުއަށް ހިފަހައްޓާނުލެވުނެވެ.

އޮއެވަރުގައި ޖެހިއްޖެއެވެ. ހިތައް ތަދުވެއްޖެއެވެ. ޔާދުއަށް ނިސްބަތްވެދާނެފަދަ ޖުމުލައެއްވެސް ދުލުން ބޭރުކުރަން ގައިސަރުގެ ހިތުގައި ނެތެވެ. ނަމަވެސް ދުލުން ބޭރުވެއްޖެއެވެ. ގައިސަރުގެ ހުރީ އެންމެ ފުރާނައެކެވެ. މައިމީހާގެ ލޯތްބަކީ ޔާދުއަށް މުހިއްމުއެއްޗެއް ނޫނެވެ. އެކަމަކު އެއީ ގައިސަރުގެ ފުރާނައަށްވުރެން ލޯބިވާ ދަރިއެކެވެ.

"ދައްތާ! ހުއްޓާލާ.. ހުރިހާ ކަމެއްވެސް އަދި ރަގަޅުވާނެ.. ދައްތަގެ ކަރުނައިގެ އަގު މާތްﷲ ދައްތައް މިންވަރުކުރައްވާނެ.. އެދުވަހަކުން އެމީހުންނަށް ވިސްނޭނެ!" މާޔާގެ ފިރުމާލުން ގައިސަރުގެ ރިހުމަށް ލުއިކޮށްލިއެވެ. ހިތުގެ އަޑީން ދުޢާކުރެވުނީ ގިނަގިނައިން އެ ދެ ދަރީން އެގެއަށް ޒިޔާރަތްކުރޭތޯއެވެ.

****
ހުދާއި ކަޅުގެ ސަފްހާތަކެކެވެ. އާދައިގެ މަތީން މިއަދުވެސް ގައިސަރު އެއުޅެނީ ޔާދުގެ ފިލާވަޅުތައް ނުހެދުވިގެންނެވެ. ކިޔެވުމަށްވުރެން ގޭމް ކުޅުމާއި ސަކަރާތްޖެހުމަކީ ޔާދުއަށް މުހިއްމުކަންކަމެވެ. ނަމަވެސް އެންމެ ދުވަހަކުވެސް ދޫދިނުމެއް ނެތި، ޔާދުގެ ހުރިހާ ފިލާވަޅެއް ޗެކްކޮށް، ފޮތްތައް ބެލުމަކީ ގައިސަރުގެ މަސައްކަތުގެ އެއްބައެވެ.

"މިއަދުވެސް މިއޮތީ ދިވެހި ފިލާވަޅު ނުނިންމާ.. ތާރީޚްވެސް ޖަހާލާފައި ނުހުރޭ.. ދެން ކިހިނެއް މަންމަ މިކަން ކުރާނީ.. މީގައި އެއްޗެއް ހަދަން އުޅެފައި އޮތްކަން މިއެނގެނީވެސް ތިންހަތަރުފަހަރު ލިޔެފައި ފޮހެފައި އޮންނާތީ.. ކޮންމެ ދުވަހަކު ކުލާހަށް ފޮނުވަނީވެސް ތާރީޚް ޖަހައްޗޭ ބުނެފައި.. ދޭފިލާވަޅެއްގެ ސުރުޚީ ލިޔަން ހަނދާންކޮށްނުދޭ ދުވަހެއް މަންމަ ހަނދާނެއް ނެތް.." ގައިސަރުގެ ވާހަކަ ޔާދުއަށް އިވޭހެންވެސް ހީނުވެއެވެ.

ގްރޭޑް އެކެއްގައި އުޅުނަސް، ޔާދުއަކީ ވިސްނުން ތޫނު، ތޫނުފިލި ކުއްޖެކެވެ. ހިތާމައަކީ ދިވެހި އިސްލާމް ފިލާވަޅުތައް ނުނިންމާ ހުރުމެވެ. އެއީ އާދައެކެވެ. ކޮންމެ ދުވަހަކު ގައިސަރުގެ އެހާސަރު އަޑުއިވޭނެއެވެ. ކުރާން ހުންނަ ގިނަ މަސައްކަތްތައް ބަހައްޓާފައިވެސް ޔާދުގެ ކިޔެވުމަށް ވަގުތު ހުސްކުރުމަކީ ގައިސަރަށް އެންމެ މުހިއްމު މަސައްކަތެވެ. ދުވާލާއި ރޭގަނޑުގެ ގިނަ ވަގުތުތައް ހޭދަކުރަނީ ޔާދުއާއެކުއެވެ. ފިރިމީހާ ގޭގައި ހުންނާނީ ހުކުރު ދުވަހުއެވެ. ހަށިގަނޑަށް އެއްވެސް އަރާމެއްނެތި، ދަރިފުޅަށްޓަކައި ގުރުބާންވުމަށް ގައިސަރު އަޒުމުކަނޑައެޅީ އެދަރިފުޅުގެ ކުރިއެރުމަށްޓަކައެވެ. ދެމަފިރީންގެ ފަޚުރައްޓަކައެވެ. މަހަށް ގޮސްގެން ފިރިމީހާއަށްލިބޭ އެއްޗަކުން ހުރިހާކަމެއް ނުކުރެވެއެވެ. ތަނަވަސްކަން އިތުރުކުރުމަށް ގައިސަރުކުރާންފެށި މަސައްކަތަކީ ފެހުމެވެ. އެމަސައްކަތައް ވަގުތު ހޭދަކުރީ ޔާދު ނިދީމައެވެ. ރޭގަނޑުގެ ހަމަހިމޭން ވަގުތުތަކުގައެވެ. އަރާމަކީ ގައިސަރަށް ނެތް އެއްޗެކެވެ. ނަމަވެސް ހިތްހަމަޖެހުމަކީ ދަރިފުޅުގެ ހިނިތުންވުމެވެ.

"ޔާދޫ..! ހިނގާ ކުޅެން!" އެއީ ސުވޭދުގެ އަޑެވެ.

"ޔާދުއަށް މިއަދު ދެވޭނީ ނުނިމިހުރި ފިލާވަޅުތައް ނިންމީމައި" ގައިސަރު ބުނެލިއެވެ.

"ކުޅެލާފައިވެސް ފިލާވަޅު ހެދޭނެ..އާދޭ އާދެ ކުޅޭން"

ސުވޭދުގެ ސަކަ މިޒާޖުގެ ސަބަބުން ގައިސަރު ބޭނުންވާ ގޮތަށް ޔާދު ހާނުވާލަން ބައެއްފަހަރު ގައިސަރުއަށް އުނދަގުލެވެ. ސުވޭދަކީ އެގޭގައި ކުއްޗަށް ދީފައި ހުންނަ ކޮޓަރިއެއްގައި އުޅޭ މީހެއްގެ ދަރިއެކެވެ. އެއްފުރައިގެ ދެކުދިން ކަމަށްވާތީ، ޔާދުވެސް ސުވޭދުއާއެކު ކުޅޭން ވަރަށް ވަރުހުރެއެވެ. މިއަދުވެސް ޔާދު އެދިޔައީ ގައިސަރު ގޮވާގޮވާ އޮއްވައެވެ.
ގަޑިއެއްހާއިރުފަހެވެ. ދެމީހުންގެ ތަޅާފޮޅުން ފެށިއްޖެކަން ގައިސަރަށް ޔަގީނެވެ. ކައްކަންހުރި ގަރުދިޔަގަނޑު ހުރިގޮތަށް ބަހައްޓާފައި ގައިސަރު އެނިކުތީއެވެ.

"ފާތުމާ! ހާދަހާ އަޑުގަދަކޮށްލައިގެން މިމީހުން މިއުޅެނީ؟"

"އެއީ އާދައެއްނޫންތަ؟ ބަދިގެތެރޭން ކޮންމެސް ސާމާނުތަކެއް ގެންގޮސްގެން ކުޅެން އުޅުނު" ފަރުވާކުޑަގޮތަކަށް ފާތުމަ ބުނެލިއެވެ.
ސުވޭދުގެ މަންމަ އޭރުވެސް އިނީ ދުންގަނޑެއް އަޅައިގެން އޭގެ ރަހައާބެހޭގޮތުން މޮޅު ވާހަކަދައްކާށެވެ. އަވަށްޓެރީންގެ ދެމީހަކުވެސް އެކޮޓަރީގައި ތިއްބެވެ. ދެދަރީން ތަޅާފޮޅާކަން އެނގޭއިރުވެސް އެމީހުންނަށް އަޑުއިވޭހެން ހީވެސް ނުވެއެވެ. ގައިސަރު ލޯދިއްކުރާންފެށިއެވެ.

"ޔާރައްބީ!! ތީކީ ކުދިން ކުޅެން ގެންގުޅޭ އެއްޗެއް ނޫން.." ނިކަން ބާރަށް ގައިސަރު ހަޅޭއްލަވައިގަތެވެ. ސުވޭދުގެ ހަމަލާއިން ޔާދު ސަލާމަތްކުރެވުނެއް ނުކުރެވުނެއް ނޭގުނެވެ. ރޮއެގަތީ ގައިސަރެވެ. މަގުމަތީން ދިޔަ މީހުންނަށްވެސް އެރުއިމުގެ އަޑު އިވުނެވެ.

-- ނުނިމޭ --
ގުޅުންހުރި
ފިރުމާލަދޭށޭ..
19 ސެޕްޓެމްބަރ 2018
ފިރުމާލަދޭށޭ..
11 ސެޕްޓެމްބަރ 2018
ފިރުމާލަދޭށޭ..
5 ސެޕްޓެމްބަރ 2018
ފިރުމާލަދޭށޭ..
3 ސެޕްޓެމްބަރ 2018
ހިޔާލު

ދިޔެ
އަދި ތިޔާދުގެ އިނގިލިވެސް ދާނެ.. ވަރަށް ފޮނި މީހެއް..ހިތައްއަރަނީ ކީއްވެބާއޭ ގައިސަރުގެ ތަރުބިއްޔަތުގެ އަސަރު ޔާދުއަށްނުކުރީ..
އަލް
އެދިޔައީ ގައިސަރުގެ އިނގިލި ދޯ

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]