Firumaaladheyshey First Episode
vfp.mv
VFPBAAZAARU
MIB
MIB
ފިރުމާލަދޭށޭ..
inage
ފިރުމާލަދޭށޭ..
  މުނިފޫހިފިލުވުން | ވާހަކަ | | ފުނަމާ | 17 މެއި 2018 | 3 ކޮމެންޓް
ފުރަތަމަ ބައި Dhiraagu
މުއްކަވާލުމަށްފަހު ހަށިގަނޑާއި ދުރަށް އަތް ދަމާލިއެވެ. ވިސްނުންތެރިކަމާއެކު އަތަށް ބަލައިލިއެވެ. އިނގިލިތައް ހަރަކާތްކޮށްލި ވަގުތު ފެންކަޅިވިއެވެ. ވާއަތުން އެ ފިރުމާލީ ކޮޅައްޖެހިފައިވާ ހިމަ ލޯލިތަކުގައެވެ. ހިނިތުންވުމެއްގެ އަސަރު މޫނުމަތީގައި ނެތަސް، ހިތުގެ ވަރަށް ފުނަށް އެފިރުމާލުމުގެ އަސަރުކޮށްފިއެވެ. ސިކުނޑީގެ ހަނދާންތަކާއި ދުރައް ލޮލުގެ ކަޅި ދަތުރުކުރުވުން މަޖުބޫރެވެ. ޖަޒުބާތުގެ އޮއެވަރުގައި ޚިޔާލާތުގެ ވޭންތައް ގާތްކުރުވަން ހިތައް ކެތްނުވާތީއެވެ. އެހަނދާންތައް ހިތާއި ސިކުނޑިން ފިލައިގެން ދާނެނަމަ ކިތަންމެހާވެސް ރަގަޅެވެ. ނަމަވެސް މާޒީއެވެ. އެއީ ހަގީގަތެވެ. އެއީ ފޮހެވޭނެ އެއްޗެއް ނޫނެވެ. ހިތްވަރުލިބިގަންނާންޖެހޭނީ އެހަގީގަތުގެމަތީގައި ހިނިތުންވާށެވެ. ހިތްވަރުގަދަކުރާށެވެ.
ތުނިތުނި ކަފަކޮޅުތަކެއްފަދަ ވިލާތަކަށް ގައިސަރު ބަލައިލިއެވެ. ފެންކަޅިވެފައިވާ ދެލޮލުގެ އިހުސާސްތައް އާތްވައް އަރައިގެން ދޭތޯއެވެ. ވައި މަޑު އާދައިގެ ވަރަކަށް އަވިދޭ ދުވަހެކެވެ. ދިލަހޫނެއް އެބަހުއްޓެވެ. ނަމަވެސް ގޭތެރޭގެ އުދާސްކަމަށްވުރެން މިގޮތްވެސް އޭނާއަށް ރަގަޅެވެ. ހިޔާކޮޅެއް ލިބޭނެ އެންމެ ގަހެއް ފެންނާން ނެތަސް، ވަށައިގެން ހުރި އުސްއިމާރާތްތަކުގެ ސަބަބުން ކޮންމެވެސް ވަރަކަށް ހިޔާއެޅިފައިވާތީއެވެ. މާލޭގެ ދެކުނުފަރާތު ބަނދަރާއި ކިތަންމެ ކައިރީގައި ހުރި ގެޔަކަށްވިޔަސް، މޫދުގެ ހިތްގައިމުކަން އިހުސާސްކޮށްލުމުގެ ނަސީބެއް ނެތެވެ. ހުރިހާ ދިމާއަކުން ބެދިފައިވަނީ އުސްއިމާރާތްތަކުގެ ސަބަބުންނެވެ. ގޭގޭގެ ޓެރަސްގައި ހައްދާފައިވާ ގަހެއް ފިޔަވައި އިތުރު ގަހެއްވެސް ގައިސަރު އެހުރި ދިމާއިން ފެންނާން ނެތެވެ.

"މާމާ.. މާމާ.. ތިތާ ހުއްޓައި ވެއްޓިދާނެ! މިކޮޅަށް އާދޭ" އާންޔާގެ ނަސޭހަތެއް އެއައީ މާމައަށެވެ. ގައިސަރު އެހުރީ ދިހަބުރީ އިމާރާތެއްގެ ޓެރަސްގައި އޭނާގެ މާމަދަރިފުޅު ގޮވައިގެންނެވެ. ޗެންޗޭނުގައި އަތް އަޅުވާލައިގެން އެހުރީ މަގުމަތީގެ މަންޒަރަށް ބަލާށެވެ.

"ބޭރު ބަލާލަން މާމާ މި އުޅުނީ.. އެކަމަކު ދަރިފުޅުގެ ހުއްދަ ނުލިބެންޏާއި މާމަ ކިހިނެއް އެކަން ކުރާނީ؟" ހިނިތުންވާން މަސައްކަތްކުރަމުން ގައިސަރު ބުންޏެވެ.

"މާމަ ބޭނުންތަ ބޭރު ބަލާލަން.. ހިނގާބަލަ އާނީއާ އެއްކޮށް.. އާނީއަށް އިނގޭ ބޭރުބަލާގޮތް.. އާނީއަށް ދަސްކޮށްދިނީ ބައްޕަ" ކުޅެއް ގެންގުޅުނު ބޯޅަ ބާއްވާފައި އާންޔާ އެއަންނަނީ މާމަ ކައިރިއަށެވެ. ހިނިތުންވެލައިގެން ގައިސަރު އެހުރީ އޭނާގެ ހަމައެކަނި މާމަދަރިފުޅުގެ ހަރަކާތްތަކަށް ބަލާށެވެ.

"ބޭރުބަލަން މާބޮޑަށް ގުދުވަންޏާ ބައްޕަ މަނާވާނެ! އޭރުން ވެއްޓިދާނެ.. ވެއްޓިއްޖެއްޔާ ބައްޕަގެ އެހެން ދަރިފުޅެއް ދެން ނުހުންނާނެނުން.. މާމަވެސް ދެރަވޭތަ މާމަގެ ދަރިފުޅު ވެއްޓިދާނެތީ؟" ކުޑަކުޑަ އާންޔާ ކޮށްލި ސުވާލުން ގައިސަރުގެ ހިތް ރޯލިއެވެ.
އާއެކެވެ. ދެރަވާނެއެވެ. މާމަގެވެސް ހުރީ އެންމެ ދަރިފުޅެކެވެ. ޔާދްއެއީ ގައިސަރުއާއި މަންނާނުއަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. އިތުރު ދަރިޔަކު އެމީހުންނަން ނުލިބުނެވެ. ދުނިޔޭގައި ލިބުމަށް މިންވަރުކުރެއްވި ހުރިހާ ނިޢުމަތެއް ގައިސަރުގެ ދެމަފިރީން ގުރުބާންކުރީ އެމީހުންގެ ދަރިފުޅުގެ އުފަލަށެވެ. އެދަރިފުޅުގެ މުސްތަގުބަލަށްޓަކައެވެ. އެންމެ މާތް އަޚުލާގުން ފިޔަވަޅުނަގަން އެދަރިފުޅަށް ދަސްކޮށްދިނީ ދެމަފިރިން އެއްރާގެއް ގުޅެމުންނެވެ. އެކަކުގެ މައްޗަށް އަމުރުކުރުމަކީ އަނެކަކު ކޮށްއުޅުނު ކަންކަމެއްނޫނެވެ. ދަރިފުޅުގެ ކުރިމަތީގައި ޒުވާބުކުރުމާއި އެކަކު އަނެކަކުގެ ގަދަރުކުޑަކުރުމަކީވެސް ގައިސަރުގެ ދެމަފިރީންގެ ދިރިއުޅުމުގައި ދެކެފައިވާ ކަންކަމެއް ނޫނެވެ.
އިންސާނިއްޔަތައްޓަކައި އިހުތިރާމްކުރުމާއި މިންވަރުފުޅަށް ޝުކުރުކުރުމަކީ ޔާދްއަށް ދަސްކޮށްދޭން އެންމެ އުނދަގޫވީ ކަންތައްތަކެވެ. އެދުވަސްވަރުގެ ހަނދާންތައް ގައިސަރުގެ ލޮލުގެ ކުރިމަތީގައި މިއަދުވެސް ތާޒާއެވެ.

"ތި އަތް ދިއްނުކުރާށޭ މަންމަ ކައިރީގައި ކިތައްފަހަރުތަ ބުނަން ޖެހޭނީ؟ އަނެއް އަތް ދިއްކޮށްފިއްޔާ ހިފާނަން" އެއީ ޔާދްގެ އަޑެވެ. އެއަޑެއް ދުވަހަކުވެސް ގައިސަރުގެ ހަޔާތާއި ވަކިނުވާނެ އަޑެވެ. މަދަރުސާއިން ނިމިގެން އަންނައިރުވެސް މަންމަގެ 'ވަކިއަތެއްގައި' ހިފާލަން ޔާދް ބޭނުމެއް ނުވާނެއެވެ. އެއީ އެދަރިފުޅު ފަކުރުގަންނަކަމެކެވެ. އެ ހަރުކަށިކަމާއި އޯގާތެރިކަމެއް ނެތް އަޑު ގައިސަރުގެ ހިތުގައި މިއަދުވެސް ރިހުން އުފައްދާލައެވެ.

"މާމާ.. މިކޮޅަށް އާދެބަލަ! އަވަހަށް އާދެބަލަ! ބައްޕަ އައިއްސިއްޔާ އާނީޖެހޭނީ ދާން" އާންޔާ ބުނެލިއެވެ.

އުފުލައިލައިގެން ހުރެވުނީ އެއަތެވެ. އަތް ފުރަގަހަށްލެވުނީ ގައިސަރަށް ނޭގިއެވެ. މޫނުމަތީގެ ނުތަނަވަސްކަން ފިލުވާލުމަށްޓަކައި ހިނިތުނެވެލީ މާމަދަރިފުޅު އުފާކޮށްލުމަށެވެ. ތެދެކެވެ. ޔާދް ގެއަށް އައިސްފިއްޔާ އެންމެ ފުރަތަމަވެސް ބަލާނީ އާންޔާ ކޮބައިތޯއެވެ. މާމައާއެކު ގައިސަރު މާގާތްކޮށް އުޅުމަށް ޔާދް ބޭނުންވެސް ނުވަނީއެވެ.

"ދަރިފުޅު ދުވާހާ ބާރަކަށް މާމައަށް ނުދުވެވޭނެ.. ބޯޅަ އެއްލީމައި މިހިސާބުންވެސް ހިފޭނެ.. މާމަ ވަރަށް ހުށިޔާރުވާނެ" އާންޔާގެ އާދަޔާޚިލާފު ލޯބި ހިނިގަނޑުގެ އަސަރު ގައިސަރުގެ ހިތާއި ހަމައަށް ފޯރާކަށް މާގިނައިރެއް ނުނެގިއެވެ. މާމަގެ ހިނިތުންވުމާއެކު ދެމައިން އެކުގައި ބޯޅަކުޅެންފެށިއެވެ. ނިކަން މަޖާވެފައި ވަރަށް ބާރަށް ބޯޅައެއްލަން އާންޔާ ތައްޔާރުވިއެވެ.

"އާންޔާ..!" ޔާދުގެ އަޑަށް އާންޔާ ދިޔައީ ސިއްސައިގެންނެވެ. ހަރުކަށިކަމާއި ނަފުރަތުގެ ގޮވާލުމެކެވެ.

ބޯޅަ އެއްލުނީ ކޮން ދިމައަކަށް ކަމެއް އާންޔާއަށް ވަޒަން ނުކުރެވުނެވެ. ޖެހިގެންހުރިގޭ ފުރާޅަށް ބޯޅަޖެހުނުއަޑު ވަރަށް ދުރައް އިވުނެވެ. ގައިސަރު އިސްޖަހާލިއެވެ. އެއީ އާންމުކަމެކެވެ. ޔާދުފެނުމާއެކު މަންމަގެ ދަތްދޮޅިތިރިވާނެއެވެ. ހިނިތުންވެފައިވިޔަސް އެމަންމަގެ މޫނުގެ ކުލަ ފަނޑުވެ، މާޔޫސްކަމުގެ ފަރުދާއިން ކުލަބަދަލުކޮށްލައެވެ.

"އާންޔާއަކީ ކުޑަކުއްޖެއް.. އޭނާއަށް އެކައްޗެއްވެސް ނުވިސްނޭނެ.. އެކަމަކު މަންމައަށް އިނގޭނެކަމަށް އަހަރެން ހީކުރަން.. މަންމަގެ ބުއްދި ހަމަޔަށްހުރިތޯވެސް ބަލަންވެއްޖެހެން މަށަށް ހީވަނީ.."

އާދައިމަތީން ޔާދު ބުނެލާ، އަނގަމަތީބަސް ބުނެލާފައި މަންމަގެ ކުރިމަތީން ހުރަސް އެކުރީ އާންޔާ ކައިރިއަށް ދިއުމަށެވެ. އަވިއައިނު އަޅައިގެން ހުރީތީވެ، ޔާދުގެ ލޮލެއް ނުފެންނާނެއެވެ. ނަމަވެސް ކުރިމަތީން ހުރަސްކަނޑާލާ ކޮންމެ ފަހަރަކު އެދަރިފުޅުގެ ދެލޮލުގައި ބޮސްދިނުމަށް އެމަންމަގެ ހިތް އާދޭސްކޮށް ރޮއެވެ.

****
ހަނދުވަރުގެ ރިހި ދޯދިތައް އަމާޒުވެފައިވަނީ ހަމަހިމޭންވެފައިވާ މޫދު ލޮނުގަނޑަށެވެ. މަޑުމަޑު ވައިރޯޅިތައް ގުދުރަތީ މިއުޒިކާއި އެއްވަރަށް ނަށާލައެވެ. ރޭގަނޑުގެ ހިތްގައިމު ފިނިކަން ހަށިގަނޑަށް ފޯރައެވެ. ކަކުނިތައް ދޮންވެލިގަނޑުމަތީގައި އުފާކުރަނީއެވެ. ކުދިކުދި އަކިރިތަކާއި ސަމާސާކޮށްލުމަށްފަހު ހަމަހިމޭން ރާޅުތައް ގޮނޑުދޮށާއި އަލްވަދާއު އެކިޔަނީ މާޔާ އަދި އީތަންގެ ފައިތިލައިގައި ބީހިލާފައެވެ. މަޑުމަޑު ދޮންވެލިގަނޑުގައި ފިޔަވަޅުތަކުގެ ނިޝާންތައް އާކުރަމުން ދެލޯބިވެރީން ހީނސަމާސާކުރަނީއެވެ. ކަކުނިތައް އެސޮރުމެންގެ ގޮވަތިތައް ސަލާމަތުން ހުއްޓައި ލިބޭތޯ، ވަރަށް ހަލުވިކޮށް ދަތުރު އެކުރަނީ ކިތަންމެ ލޯބިވެރީންނެއް އެ ގޮނޑުދޮށުގައި ލޯބީގެ ވަގުތުތައް ހޭދަކުރާތީއެވެ. މޭޒުތަކުގެ ކައިރީގައި ކޮފީތަކަށް އިންސާފުކުރާ ޒުވާނުންގެ ހަރަކާތްތަކަށް ފަރުވާލެއް ހުރިމީހަކު އެމާހައުލުގައި ނެތެވެ. ބަންދު ދުވަހަކަށްވެފައި ކުރާނެ އިތުރުކަމެއް އެވަގުތައް ނެތުމުން މާޔާވެސް އީތަންއާއެކު ހުޅުމާލެއަށް ދިޔައީއެވެ. މާބޮޑު ބޭނުމެއް ނެތަސް، އަމާން މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. ލޯބީގެ ސަފުޙާތަކަށް ބާބެއް އިތުރުކޮށްލުމަށެވެ.

"ހިތައް އަރާ، ކައިވެނިކުރަންވާއިރަށް އުޅޭނެތަނެއް މިތަނުން ލިބޭނެނަމައޭ.." މާޔާ ބުނެލިއެވެ.

"ވަރަށް ހިތްގައިމު ދޯ.. މަގޭ މައްސަލަޔަކީ ދަތުރުދިގުވެފައި، މާލެއަށް ނުގޮސް ފަރުޖެއްސެން ނޯންނާތީވެ" ލޯބިވެރިޔާއާއި ބައިވެރިވެލުމަށް، އީތަންވެސް އިތުރުކޮށްލިއެވެ.

"ވާނެ.. ވާނެ..! ހައްލުވާނެ! އަހަރުމެން ދެން ދޭތެރެއަކުން މިހެން އައިސް، ވަގުތުކޮޅެއް ހޭދަކޮށްލާފައި މާލެއަށް ދާނީނުން" އީތަންގެ އަތުގައި ހިފާލާފައި ގާތްކޮށްލަމުން މާޔާ ބުނެލިއެވެ.

"ހޫން.. ކޮންކްރީޓް ޖަންގަލި ދޯ.. މިހާރު އެންމެ ފޫހިވަނީ ބަރުގޮނުގެ އަޑުނީވޭތަނެއްގައި ލާހިކެއް ނޫން މަޑުކޮށްލާކަށް.. ހީވާނީ ވާދައަށް އުޅޭހެން" މުޖުތަމައުގެ ނޭދެވޭ ކަންކަމާއި ގުޅޭގޮތުން ދެލޯބިވެރިން ވާހަކަދެއްކިއެވެ.

"ދެން ބުނެބަލަ...! ކިހާތާކުތަ މެރީކުރާނީ؟ އަބަދަކު މިހެން ނޫޅެވޭނެ" ކުސްތަޅާލަމުން މާޔާ އަހާލިއެވެ.

"ބޮޑާހާކަންވެސް އިނގޭތަ؟ ހަނދުވަރުގެ އަލީގައި މާ ލޯބި! ޔޫ އާރ ވެރީ ބިއުޓިފުލް.. މިގޮތައް ބަލަހައްޓައިގެން ހުރެވިދާނެ އުމުރު ހުސްވަންދެންވެސް" އީތަންގެ ލޯބި މިޒާޖަކީ މާޔާއަށް އެންމެ ކަމުދާ ސިފައެވެ.

"ކުރި ސުވާލަށް ޖަވާބު ބޭނުމީ!" މާޔާގެ ސުވާލުގެ ޖަވާބު އޭނާއަށް މުހިއްމެވެ. ރާޅުބީހޭ ހިސާބުގައި ހުރެ، މާޔާ އީތަންގެ ކުރިމައްޗަށް ވާގޮތަށް އަނބުރާލިއެވެ. އަދި މާޔާގެ މޫނުގައި ދެފަރާތުން ވަރަށް ލޯބީން ހިފަހައްޓާލިއެވެ.

"އަދި އަވަސް..! ކުޑަ ދުވަސްކޮޅެއް އަހަރެން ބޭނުންވާނެ..! މިހެން ބުންޏަސް އެއްޗެއް ހީނުކުރައްޗޭ.. ދުވަހަކުވެސް އެކަނިވެރިކޮށްލާފައި ވަކިނުވާނަން.. މިހަޔާތައް އެހެން އަންހެނަކު ލޯބިވެރިއެއްގެ ގޮތުގައި ނުގެންނާނަން ކަމަށް، އަހަރެން މިރޭ ވަޢުދުވަން!" ޔަގީންކަމުން ފުރިފައިވާ ބުނެލުމެކެވެ. ލޮލުގެ އެސްފިޔައެއްވެސް ތެޅިނުލައެވެ. ލޯބި ބަލާލުމެކެވެ. ޖަޒުބާތުން ފުރިފައިވާ ބީހިލުމެކެވެ. އީތަންގެ ދެލޮލުން ލޯބިނޫން އެއްޗެއް މާޔާއަށް ނުފެނުނެވެ. ނަމަވެސް މާޔާގެ އުސޫލުތަކުން އެނާއަށް ބޭރެއް ނުވެވުނެވެ.

"ވަރަށް މަޢާފުކުރޭ އީތަން.. އަހަރެންނަކީ މީހުންގެ ހުސްވާހަކަތައް ގަބޫލުކުރަން ބޭނުންވާ މީހެއްނޫން.. ވައުދަކީ ބުނެލުމެއް.. އެއިގެ އަޑު ކަންފަތުން ނިކުތުމާއެކު އޭގެ އަސަރެއް ނުހުންނާނެ.. އެއްވެސް އަގެއް ނުހުންނާނެ.. އަހަރެން ގަބޫލުކުރާނީ އަމަލުން ސާބިތުކޮށްދިނީމައި.. އަހަރެންދެކެ އީތަން ލޯބިވަންޏާ، އަމަލުން އެކަން ސާބިތުކޮށްދީ.. އުމުރަށް އެކަން ގަބޫލުރާނަން.. ވަރަށް ވަފާތެރިވާނަން.. ޝަކުވާޔަކަށް ފުރުސަތެއްވެސް ނުދޭނަން" އީތަންގެ އުނަގަނޑުގައި ހިފަހައްޓާލަމުން މާޔާ ބުންޏެވެ.

***
ބަލާނެ މީހަކު ނެތަސް، ސިޓިންރޫމްގައި ޓީވީ އެހުރީ ހުޅުވާފައެވެ. ނަމާދުކޮށްގެން ގައިސަރު އެނިކުތީ ރޭގަނޑުގެ ކެއުމުގައި ބައިވެރިވާށެވެ. މޭޒުމަތީގައި ހުސްތަށިތައް އޮތުމުން، އެކަން ނިމިފައިވާކަން އެނގުނެވެ. ޓީވީން ދައްކާ މަންޒަރަކަށް ގައިސަރުގެ ފަރުވާލެއް ނެތެވެ. ތަރުތީބެއްނެތި ގޭތެރެއަށް އުކާލާފައިވާ ކުޅޭ އެއްޗެހިތައް ގައިސަރު ނަގަމުން، ވަށިގަނޑަށް އަޅަނީއެވެ. ލޯބިލޯބި މާމަގެ މޫނުމަތީގައި ހިނިތުންވުން ނޫނީ ނެތެވެ. މާމަ ދަރިފުޅަށްޓަކައި އެހިތުގައިވާ ލޯބި އެހެން އިންސާނަކަށް އިހުސާސްވެސް ނުކުރެވޭނެއެވެ. މާމަދަރިފުޅު އިނގިއްޔެއް ބީއްސާލާފައިވާ އެއްޗެއްގައި އަތް ޖައްސާލަން ލިބުނަސް ގައިސަރުގެ މުޅިދުވަސް އުޖާލާވެއެވެ.

"އަހަރެން މިހާރު ބޭނުމެއްނޫން އެލީ އޮފީހަށް ދާކަށް، އަންޔާ ބޮޑުވަމުން އެދަނީ އަހަރެން ބޭނުންވާގޮތަކަށްނޫން.. މިއަދުވެސް ގަދަ އަވިގަނޑުގައި އާންޔާ ބަހައްޓާފައިހުރީ ބޯޅަ ކުޅެން" ހިތްހަމަނުޖެހިފައި ޔާދް ބުނެލިއެވެ.

--- ނުނިމޭ
ގުޅުންހުރި
ފިރުމާލަދޭށޭ..
10 އޯގަސްޓު 2018
ފިރުމާލަދޭށޭ..
9 އޯގަސްޓު 2018
ފިރުމާލަދޭށޭ..
6 އޯގަސްޓު 2018
ފިރުމާލަދޭށޭ..
3 އޯގަސްޓު 2018
ހިޔާލު

ދިޔެ
ފުނަމާގެ ހުރިހާ ވާހަކައެއްވެސް ވަރަށް ރީތި... މިވާހަކަވެސް ވ ރީތިވާނެކަން ޔަގީން.. ނިމުނު ވާހަކަ “ ވަރަށް ލޯބިވޭ” ވެސް ވވރީތި.. ކޮމެންޓް ނުކުރިޔަސް ކޮންމެ ދުވަހަކު ވާހަކަ ކިޔަން..ފުރަތަމަ ބައިގަވެސް ކޮމެންޓެއް ނުކުރެވުނީމަ ދެން ކޮމެންޓްނުކޮށް މަޑުޖައްސާލީ ...
ކިޔުންތެރިޔާ
ވަރަށް ރީތިވާނެހެން ހީވަނީ
އަލް
ވާހަކަ ރީތިވާނެހެން ހީވޭ.ކޮންމެވެސް ވަރަކަށް ލިޔުމުގަ މައްސަލަ ޖެހިފަ އެބަހުރި.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]