Boduvegenvaa Naseebverin
vfp.mv
VFPBAAZAARU
HM
HM
ބޮޑުވެގެންވާ ނަސީބުވެރިން
inage
ރައީސް ނަޝީދުގެ މަންމާފުޅު ފާރިސްގެ ފޮޓޯ ހިއްޕަވައިގެން---ފޮޓޯ:ސޯޝަލް މީޑިއާ
  ޚިޔާލު | | | ހުސައިން ޝަމީމް | 7 މާޗް 2018 | 2 ކޮމެންޓް
ސިޔާސީ ހަމަނުޖެހުން ބޮޑުވެގެން އުޅޭ މި ދުވަސްވަރު ވަރަށް އާދަޔާ ޚިލާފު މަންޒަރުތައް ފެންނަމުން އެބަދެއެވެ. މިގޮތުން، އަޅުގަނޑުމެން އެންމެންގެ ސަމާލުކަން ހޯދީ ތިރީގައިމިވާ ފޮޓޯއެވެ. ރައީސް ނަޝީދުގެ މަންމާފުޅު، ކުރީގެ ރައީސް އަލްސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ދަރިކަލުން، އަޙްމަދު ފާރިސް މައުމޫން މިނިވަން ކުރުމަށް އެދި ގޮވާލާ ޕޯސްޓެއް ހިއްޕަވައިގެން މުޒާހަރާގައި ހުންނެވި މަންޒަރެވެ. މިފޮޓޯ ފެނިފައި އެކި މީހުންނަށް ކުރެވުނީ އެކިކަހަލަ އިހްސާސްތަކެވެ. ބައެއް މީހުން ސިފަކުރީ، މިއީ ޑިމޮކްރަސީގެ ރިވެތި މިސާލެއްގެ ގޮތުގައެވެ. އަޅުގަނޑު ދެކެނީ، ރައީސް ނަޝީދުގެ މަންމާފުޅުގެ އެޢަމަލަކީ ހަމައެކަނި ޑިމޮކްރަސީގެ މިސާލެއް ނޫނެވެ. އެއީ، އިސްލާމީ ރިވެތި އަޚްލާޤުގެ އެންމެ މަތީ ފަންތީގެ މިސާލެއް ވެސް މެއެވެ. dhi2
ކީރިތި ރަސޫލާ (ޞ) ވަނީ، އަނިޔާވެރިކަމާ ދެކޮޅަށް ޢަމަލުކުރަންވީ ގޮތުގެ މިސާލު ދައްކަވާފައެވެ. ރަސޫލުﷲ (ޞ) މައްކާގައި، ދީނަށް ގޮވާލެއްވުމުގައި ހޭދަކުރެއްވި 13 އަހަރު ދުވަހު، މައްކާގެ މުޝްރިކުންގެ ފަރާތުން އެކަލޭގެފާނަށާއި، އެކަލޭގެފާނަށް ތަބާވީ މީހުންނަށް އިންތިހާ ދަރަޖައިގެ ތުރާލާއި ބަލާ މުޞީބާތްތައް ކުރިމަތިކުރިއެވެ. ނަމަވެސް، މައްކާ ފަތަޙަ ކުރެއްވި ދުވަހު، ރަސޫލުﷲ (ޞ) އަށާއި މުސްލިމުންނަށް އަނިޔާވެރިވެ، މުސްލިމުންގެ އެތައް ބައެއް އެމީހުންގެ އަތުން މަރައި ހެދި މީހުން، ރަސޫލުﷲ (ޞ) ވެރިކަމުގެ ދަށަށް އައެވެ. އެވަގުތު، ކީރިތި ރަސޫލާ (ޞ) މައްކާގެ މުޝްރިކުންނާ މުޚާޠަބު ކުރައްވާ ވިދާޅުވީ، ތިޔަބައި މީހުންނަކީ މިނިވަނުން ކަމަށެވެ. ހަމަ އެކަކުގެ ކިބައިންވެސް ބަދަލު ހިއްޕެވުމުގެ ރޫޙެއް ނުގެންގުޅުއްވައެވެ.

ރަސޫލުﷲ (ޞ) ގެ ޙަޔާތްޕުޅުގައި އެންމެ ދަތި އަދި އަނިޔާ އިޙްސާސްކުރައްވަން ޖެހިވަޑައިގެން އެއް ދުވަހަކީ، ޠާއިފަށް ދީނަށް ގޮވާލައްވަން ވަޑައިގެންނެވި ދުވަހެވެ. އެދުވަހު، އެރަށުގެ މީހުން، ރަސޫލުﷲ (ޞ) ގެ މާތް ހަށިކޮޅާ ދިމާއަށް ގައު އުކައި، ލޭ އޮހޮރުވާލިއެވެ. އެވަގުތު ޖިބްރީލްގެފާނުގެ އަޞްލު ޞޫރައިގައި ވަޑައިގެން، ޠާއިފުގެ މީހުންގެ ބޮލަށް ފަރުބަދަތައް ވައްޓައިދެއްވާން ހުށަހެޅުއްވުމުންވެސް ވިދާޅުވީ، އެބައިމީހުން ދޫކޮށްލާށޭއެވެ. އެބައިމީހުންނަށް ހަމަ ނޭނގެނީކަމަށެވެ. ހިތްހެޔޮކަމާއި އޯގާތެރިކަމުގެ ލާމަސީލު މިސާލެކެވެ. މުސްލިމުންގެ ނަމޫނާއެވެ. އިސްލާމުން އުޅެންވީ ގޮތެވެ.

އިސްލާމްދީން ބިނާވެފައިވާ އެއް އަސާސަކީ ޢަދުލް އިންޞާފެވެ. ޢަދުލު އިންޞާފުގެ މައުޟޫޢަކީ ވަރަށް ބޮޑު މައުޟޫއަކަށްވާތީ، މިލިޔުމުގައި އަޅުގަނޑު އިޝާރާތް ކުރާނީ އޭގެ އެއް ނުކުތާގެ މައްޗަށެވެ. އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލުމުގެ މައްޗަށެވެ. ޢާންމު ކޮށް، ކަންކަމާ އަޑުހަރުކޮށް ވާހަކަ ދައްކާ ހެދުމަކީ އިސްލާމީ އަޚްލާޤާ ގުޅޭ ކަމެއް ނޫނެވެ. އިސްލާމްދީން ގޮވާލަނީ މަޑުމައިތިރިކަމަށެވެ. ނަމަވެސް، ޢަދުލް އިންޞާފު ނެތި، އަނިޔާވެރިކަން ފައުޅުވެއްޖެނަމަ، އެކަމާބެހޭ ގޮތުން އަޑުހަރުކޮށް ވާހަކަ ދައްކާ ހެދުމަކީ އިސްލާމް ދީނުގައި ލާޒިމު ކުރައްވާފައިވާ ކަމެކެވެ. އަދި އެ އަނިޔާއާ ދެކޮޅަށް ޢާއްމުން ތެދުކުރަން އެ ޚަބަރު ފަތުރަންވެސް ޖެހެއެވެ. މާތްﷲ ވަޙީ ކުރައްވާފައިވަނީ، لَّا يُحِبُّ اللَّـهُ الْجَهْرَ بِالسُّوءِ مِنَ الْقَوْلِ إِلَّا مَن ظُلِمَ ۚ وَكَانَ اللَّـهُ سَمِيعًا عَلِيمً " އަނިޔާ ލިބިގެންވާމީހާ މެނުވީ، ނުބައިބަސްބުނެ، ފާޅުކުރުމަކަށް ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ. އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ." ރައީސް ނަޝީދުގެ މަންމާފުޅުގެ ފޮޓޯފުޅުން ފެންނަނީ މިދެންނެވި ކަންތަކެވެ. ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ދަރިކަލަކާމެދު އަނިޔާވެރި ޢަމަލެއް ހިނގާތީ، އެކަން ހުއްޓުވައި، އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަށްޓަކައި އިސްލާމްދީނުގައި އޮތް އުޞޫލުގެ މަތިން އަޑުއުފުއްލެވީއެވެ.

އިސްލާމްދީނަކީ ސަމާޙަތުގެ ދީނެވެ. އިސްލާމް ދީން ދަސްކޮށްދެނީ، މީހުންނަށް އޯގާތެރިވެ، ކަމޭ ހިތާށެވެ. ފުއްޞިލަތު ސޫރަތުގެ 34-35 ވަނަ އާޔަތުގެ މާނައިގައިވަނީ، "ﷲގެ ޙަޟްރަތަށް އައުމަށް ގޮވާލައި، އަދި ޞާލިޙް ޢަމަލުކޮށް، އަދި ހަމަކަށަވަރުން، ތިމަންނާވަނީ ﷲއަށް ކިޔަމަންވާ މީހުންގެ ތެރެއިންނޭ ބުނާ މީހަކަށްވުރެ ރަނގަޅު ބަސްބުނާ މީހަކީ ކާކު ހެއްޔެވެ؟ ރަނގަޅު ކަންތަކާއި، ނުބައި ކަންތައް ހަމަހަމަވެގެނެއް ނުވެއެވެ. އެންމެހެޔޮ، ރިވެތި ގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި ޢަދާވާތްތެރިކަމެއްވާ މީހާ، ގާތް ރަޙްމަތްތެރިޔަކު ފަދައިން ވެދާނެތެވެ. އަދި ކެތްތެރިވި މީހުންނަށް މެނުވީ، އެމާތް ސިފަ ލިބިއެއް ނުގަނެވޭނެއެވެ. އަދި ބޮޑުވެގެންވާ ނަސީބުވެރިޔަކަށް މެނުވީ، އެ މާތް ސިފަ ލިބިއެއް ނުގަނެވޭނެތެވެ. މިހެންނެވެ. ރައީސް ނަޝީދުގެ މަންމާފުޅަކީ މިއާޔަތުގައި އިޝާރާތްކުރާފަދަ ނަޞީބުވެރިއެކެވެ. އެފަދަ ނަޞީބު، މާތްﷲ ޙަޟްރަތުން ލިބުމަކީ އާދައިގެ ކަމެއް ނޫންކަން އަދި އެއީ ކޮންމެ ކޮންމެ މީހަކަށް ލިބޭނޭ ނިޢުމަތެއް ނޫންކަން މިއާޔަތުން ދޭހަވެއެވެ.

ތިމާއާ ދޭތެރޭ ދެރަކޮށް، ނިކަމެތިކޮށް ކަންތައް ކުރާ މީހުންނާ ދޭތެރޭ ހެޔޮކޮށް ހިތުމުގެ ހިތްވަރު ލިބިފައިވާ މީހުންނަކީ ބޮޑުވެގެންވާ ނަޞީބުވެރިންނެވެ. އަޅުގަނޑު، ޙައްޤުން ކަމަކާ ނުލައި 2 އަހަރަށްވުރެ ގިނަ ދުވަހު ސަސްޕެންޑު ކޮށްފައި ބެހެއްޓުމުގައި އެންމެ އިސްކޮށް އުޅުއްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި އަޅުގަނޑު ޙަރަކާތްތެރިވަނީ، މާއްދީ ފައިދާއެއް ހޯދުމުގެ ބަދަލުގައި، މާތްﷲ ޙަޟްރަތުން، ހެޔޮ ދަރުމައާއި ސަވާބު ލިބުން އެދިއެވެ. ބޮޑުވެގެންވާ ނަޞީބުވެރިއެއް ކަމުގައި ލައްވާތޯއެވެ. ރައީސް ނަޝީދުގެ މަންމާފުޅު އެދައްކަވާ ނަމޫނާއިން ހިތްވަރު ލިބިގެންނެވެ. އެކަމަށް ދުޢާކުރާ ޙާލުއެވެ.

އެޑިޓަރުގެ ނޯޓު:
އަޒުހަރު ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލް ކުރައްވާފައިވާ ހުސައިން ޝަމީމަކީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. ޕްރޮސެކިއުޓަ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާ ކުރެއްވުމުގެ އިތުރުން ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމު ވެސް އަދާ ކުރައްވާފައިވާ ޝަމީމަކީ ރާއްޖޭގެ ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަންކަން އިސްލާހު ކުރެއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
ގުޅުންހުރި
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ ސިޔާސީ ބޭނުމަށް: ކޯފީ އަނާން
10 ފެބްރުއަރީ 2018
ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން މޯދީއާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި
9 ފެބްރުއަރީ 2018
ސިޔާސީ މަސްރަހު އދގެ ރެޒިޑެންޓް ކޯޑިނޭޓަރާއި ހިއްސާކޮށްފި
8 ފެބްރުއަރީ 2018
"48 ގަޑިއިރުވެއްޖެ، ކުއްލި ހާލަތާމެދު ގޮތެއް ނިންމަން މަޖިލީހަށް ހުށައެއްނާޅާ"
8 ފެބްރުއަރީ 2018
ހިޔާލު

ގުޅުންހުރި
އަހުމަދު
އަޅުގަނޑުއަކީ ވެސް އުއްތަމަ ފަނޑިޔާރު، ފަނޑިޔާރު އަދި ޙަސަން ސައީދުގެ ސަބަބުން އަނިޔާ ލިބިފައިވާ މީހެކެވެ. ރަޝޫލާގެ ރިވެތި މިސާލު އަޅުގަނޑަށް ވެސް އިބުރަތްލިބި އެ މިސާލުން ހިތްވަރުލިބި އަނިޔާ ވެރިކަމާއި ދެކޮޅަށް މިހުރީ ތެދުވެއެވެ. އަދި އަޅުގަނޑު މިކަމާއި ދެކޮޅަށް އަޑު އުފުލުމަށްޓަކައި މިހުރީ މަގުމަށްޗަށް ނުކުމެއެވެ. މިބޭފުޅުން އަނިޔާވެރިކަމުން ސަލާމަތްކޮއްފައި ނޫނީ މާތްﷲ އިރާދަ ކުރެއްވީއްޔާ ދެން އަޅުގަނޑު ގެއަކަށް ނުވާންނާނަމެވެ.
ޙަަކިމަ
ބަރާބަރު ޕޮއިންޓަށް

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]