Himaayatheh Nulibifai Episode 49
vfp.mv
MIB
MIB
ހިމާޔަތެއް ނުލިބިފާ
inage
ހިމާޔަތެއް ނުލިބިފާ
  މުނިފޫހިފިލުވުން | ވާހަކަ | | ފުނަމާ | 22 އޮކްޓޯބަރ 2017 | 3 ކޮމެންޓް
49 ވަނަބައި Dhiraagu
"ދެވަނަ ގޮތް އިޚްތިޔާރުކުރިނަމަ އަހަންނަށް ވަރަށް ފަސޭހަވީސް.. އެކަމަކު ޒައިނަބުގެ ނިންމުމާއި އެއްގޮތަށް އަހަރެން ކުރިއަށްދާނަން" ހަމަޖެހިލަން މަސައްކަތްކުރަމުން ރަފީގު ބުނެލިއެވެ.

ޒައިނަބުގެ ނޭވާ އަވަސްވެފައިވާކަން އޭނާގެ ދުލުންހާމަކުރުން އެވަގުތު މުހިއްމެއްނޫނެވެ. ސާފުކޮށް އެކަންފެނެއެވެ. ރަފީގު ބުނެފާނެ އެއްޗަކަށް ޒައިނަބުގެ ހިތް ތެޅެނީއެވެ.

"ނަބާ އަހަރުމެންނާއި އަލްވަދާއު ކިޔައިފި... އެދަރިފުޅު މަރާލައިފި.. އެމީހުން ނަބާ މަރާލީ! އޭނާ މަރުވީ ގުދުރަތީ މަރަކުން ނޫން... އެކަން އަހަންނަށް ޔަގީން"

އެވަރުންވެސް ޒައިނަބަށް ފުދޭނެކަން އިގޭތީވެ ރަފީގު ވާހަކަ މަޑުޖައްސައިލިއެވެ. ޒައިނަބުގެ މޫނަށް ބަލަން ބޭނުންނުވީ، ނަބާއަކީ ޒައިނަބަށް ނަހަލާލަށް ލިބިފައިވާ ދަރިޔަކަށްވިޔަސް، ޒައިނަބުގެ ބަނޑުން އުފަންވި ދަރިޔަކަށްވާތީއެވެ. މަޔެއްގެ ހިތައް ކެތްނުވާނެކަން ޔަގީނެވެ. ކަންތައްވީވެސް ރަފީގުގެ ޚިހާލާއި އެއްގޮތަށެވެ. ޒައިނަބަކަށް ކެތެއްނުކުރެވުނެވެ. މާބޮޑަށް ރޮވިއްޖެއެވެ. ގައިންވަރުދޫވިއެވެ. ހިތްވަރެއް އިތުރަށް ލިބުނީ ރަފީގުގެ އެހީއާއެކުއެވެ.

"އަހަރެންގެ ދެއަތުން އަހަރެންގެ އެދަރި، ނަރަކައަށް ލީ! ދިރިހުރުމުގެ އެއްވެސް ހައްގެއް އަހަންނަކަށް ނެތް.. އަހަރެންގެ ތިންދަރީން އަހަރެންގެ ދެއަތުން ހަލާކުގެ ތެރެއަށް އެއްލާލީ، މިދުވަސް ކުރިމަތީގައި އޮތްކަން އެގިގެނެއްނޫން... ނަބާއަކީ އަހަރެންގެ ދަރިއެއް... އަހަންނަކަށް ކުރިޔަކުން ނޭގެ ފަޒީލަށް އެކަމުގެ ހަގީގަތް އެގޭކަމެއް... އެކަމަކު އެކަން އެގިހުރެވެސް އޭނާ ނަބާ ބަލައިގަތީ އުފަންދަރިއެއްގެ ގޮތުގައި.. ލައިކާއާއި ނަބާއާއި ތަފާތުކުރުމެއްނެތި.. ހުރިހާ ނުބައިކަމެއްކުރީ އަހަންނާއި އަހަރެންގެ ބައްޕަ" މާޒީގެ ކޯރުގެ ރާޅުތައް ނުހަނު ބިޔައެވެ. ބިންދާލާ ރާޅުތަކުގެ ހޮޅިދަށުގައި ޒައިނަބަށް ކިހާވަރެއްކުރެވޭނެބާއެވެ.

"އަހަރެން ގަބޫލެއް ނުކުރާނަން.. އަހަންނަކަށް ގަބޫލެއް ނުވެސްކުރެވޭނެ.. ނަބާ މަރާލައިގެން އެމީހުންނަށްވާނެ ފައިދާއެއް އަހަންނަކަށް ނުވިސްނޭ.. އެކަމުގެ ބަދަލު އެމީހުންގެ ކިބައިން އަހަރެން ހިފާނަން" ޒައިނަބު ބުނެލިއެވެ. އޭރުވެސް ރޮނީއެވެ.

"ބަދަލޭ! އެމީހުންގެ ކިބައިން ބަދަލުހިފޭވަރު މީހެއްތަ ޒައިނަބުތިއީ؟ އެމީހުން ކަންކަން ކުރާނީ ޒައިނަބަށް ވިސްނަން ފަސޭހަ ގޮތްތައް ބަލައިގެނެއްނޫން ދޯ.. އެއީ އިންސާނުންގެ ސިފައިގައި ތިބޭ ޖަނަވާރުން.. ގުރެއިޝްއާއި އޭނާގެ ބައްޕައަކީ މިދުނިޔޭގައި އުޅުމުގެ ހައްގު ލިބެންޖެހޭވަރުގެ ބައެއްނޫން.. އެއީ އިބިލީހުގެ ސަފުގައި މަގާމުތައް ދޭންޖެހޭވަރުގެ ބައެއް.. އިންސާނުންގެ ނުބައި ނުލަފާކަމުގެ ވާހަކަތައް މިދުނިޔެމަތީގައި އަހަރެންވެސް އަޑުއަހަން... އަހަރެން ނުބުނަން އަހަންނަކީ މާ މާތްމީހެކޭ... މަށަށްވެސް އޮތީ ފާފަކުރެވިފައި.. ނުކުރަންޖެހޭ ކަންކަންވެސް އޮތީ ކުރެވިފައި..." ޒައިނަބަށް ބަލާލަމުން ނުރުހިފައި ރަފީގު ބުނެލިއެވެ.

"އަހަރެންގެ ކުއްތަކަށް ތަކުރާރުކޮށް މިދަނީ ތައުބާވެ، އިސްލާހުވާން މަގުތައް ކޮށަމުން.. އިރެއްގައި ނުބައިކަންކަމުން ފައިދާއާއި އުފާ ހޯދިޔަކަސް، އަހަރެން މިހާރަކު ނޫޅެން އެހެނެއް ... ދެން، ދުވަހަކުވެސް ނޫޅޭނަން އެހެނެއް.. އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދުކުރީ އަހަރެންގެ ބައްޕަ... އެއީ ވަރަށް ނުބައި މީހެއް.. އަހަރެންގެ ކޮންމެ ދުވަހެއްގެ ފެށުމަކީވެސް ނިމުމަކީވެސް މިދުނިޔޭގައި ﷲގެ ރަޙުމަތްފުޅުން، އޭނާގެ ނިމުން ނުބައި ގޮތަކަށް އޭނާއާއި ބައްދަލުކޮށް ގިނަބަޔަކަށް އެދުވަސް ދެއްކެވުން.. މިދުނިޔޭގައިވެސް އާޚިރަތުގައިވެސް އޭނާއަށް ބޮޑުވެގެންވާ އަޒާބަށް އަހަރެން އެދެން" ވަރަށް ރުޅިއައިސްފައި އިދެ، ޒައިނަބު ބުނެލިއެވެ.

"އަހަރެންގެ ނަބާއަށް އެމީހުން އެހެން ހަދަންޖެހުނު ސަބަބަކީ ކޮބައި؟" ހިތުގައި އެނބުރެމުންދިޔަ ސުވާލު ޒައިނަބު ކޮށްލިއެވެ.

"އަހަންނަށް ލަފާކުރެވެނީ އެމީހުންގެ ފާފައިގެ ތެރޭގައި އެކަން ކުރެވުނީކަމަށް... އެމީހުންވެސް ނަބާ ބޭނުންކުރީ ފައިސާޖަހާ މެށިނެއްގެ ގޮތުގައި" ބުނެދެވެން އޮތްވަރަށް ރަފީގު ބުނެދިނެވެ.

ޒައިނަބު އިސްޖަހައިލިއެވެ. ބުނެވޭނެ އެއްޗެއް ނެތީއެވެ. އަމިއްލަ އަންހެން ދެދަރީން ޒައިނަބު ބޭނުންކުރީ އޭނާގެ މުދާގަނޑެއްގެ ގޮތުގައެވެ. ބޮޑެތި ފައިދާތައްހޯދާ ވިޔަފާރިއެއްގެ ގޮތުގައެވެ. އެހެންމީހުން އެކަން އެގޮތައް ކުރުމުން ޒައިނަބު މިއަދު ބުނާނީ ކީކޭހެއްޔެވެ؟

"އެމީހުންގެ އަތުން އޭނާގެ ފުރާނަ ދުއްވާނުލިޔަސް، ނަބާއަކީ މިދުނިޔޭގައި ކުޑަދުވަސްކޮޅެއްގެ މެހެމާނަކަށް ވާނެ" ޒައިނަބުގެ މޫނުގެ ކުލަ ބަދަލުކޮށްލި އެއްޗެއް ރަފީގަށް ބުނެވުނެވެ. ބުނިއެއްޗެއްގެ މާނައެއް ނޭގުނޭ ބުނާފަދަގޮތަކަށް ޒައިނަބު ހަރަކާތްކޮށްލިއެވެ. އިރުކޮޅަކު ހަމަހިމޭންވިއެވެ.

"އެމީހުންގެ މައްޗަށް ދައުވާކުރަން އަހަރެން ބޭނުން... އަހަރެންގެ ފެންވަރުން އަހަންނަށްވެސް އިންސާފުލިބެންޖެހޭނެ" ޒައިނަބު ބުނެލިއެވެ.

"އެމީހުންގޮވައިގެން ތިޔަބުނާ ތަންތަނަށް ދުވާކަށް ނުޖެހޭ މިހާރަކު، އެތިބީ ދިރިތިއްބައި ކުނިވެ ފުޅަ އަޅާފައި.. އެއަށްވުރެން ބޮޑު އިންސާފެއް މިދުނިޔެމަތީގައި މިންވަރު ކުރައްވާނެތަ... އެއްކަމެއްވެސް ކުރާނެކަމެއްނެތް.. އެހާލުގައިތިބެ ދުނިޔޭން ނިމިދިޔައީމަ ހުންނާނީ ރަގަޅަށް.. އެމީހުން ގޮވައިގެންގޮސް އިންސާފު ލިބޭނެ ތަނެއް ނޯންނާނެކަން ޒައިނަބަށްވެސް އިގޭނެ.. އަހަރެން ބޭނުންނަމަ، ހިތުހުރި ވަރަކަށް އެމީހުންނަށް އަނިޔާކުރެވުނީސް... އެކަމަކު އެއިން އަނިޔާއަކުން އެމީހުންގެ އުމުރުކުރުވާން އަހަރެން ބެނުމެއްނޫން.. އެވޭނުގައި ފިސާރި އުޅެލީމައި އެހެންމީހުންގެ އިހުސާސްތަކުގައި ހުޅުރޯކުރި ދުވަސްތައް ހަނދާންވެދާނެ ތޯއްޗެއް" ރަފީގުގެ ނިންމުން ބުނެލިއެވެ. އިތުރަށް ޒައިނަބު އެއްޗެކޭ ނުބުނީ އެގޮތް ރަގަޅުވީމައެވެ.

"އެމީހުންނަކީ ނުބައިވެގެންވީ އެއިޑްސްބަލީގެ ޝިކާރަވެރީން.. މިދުނިޔެމަތީގައި ލިބެންވީ ހުރިހާ ވޭނެއް އެމީހުންއެދަނީ މަޖުބޫރުން ތަހަންމަލްކުރަމުން.. އެތަނުގައި އެއިންމީހަކަށް ފެންފޮދެއް ދިއްކޮށްލާނެ އިންސާނަކުވެސް ނެތް... މުސްކުޅި މައިމީހާވެސް ނިޔާވެއްޖެ.. އެމީހުން، އަހަރުމެންގެ ނަބާ މަރާލައިފި"

ރަފީގަށްވެސް ކެތްވީ ވަކިވަރަކަށެވެ. އަޑުބެދިއްޖެއެވެ. ފެންކަޅިވި މަންޒަރު ބެލުމަށް މިވަގުތު ޒައިނަބުގެ ޝައުގުވެރިކަމެއް ނުވެސްނެތެވެ. ރަފީގު އެގެއަށް ދިޔައީއްސުރެން ނިކުތުމާއި ދެމެދުގައި ހިނގި ހުރިހާ ހާދިސާއަކާއި ދެކެވުނުވާހަކަތަކާއި، ކަންކަން ހިގާދިޔަގޮތް ޒައިނަބަށް ރަފީގު ބުނެދިނެވެ. ބޮޑުވެފައި ހުރި އަންހެން ދަރިޔަކު ނިމިގެން އެދިޔައީ އެންމެ ހިތްދަތި ގޮތުގައެވެ. ފަހުވަގުތުގައި ޒައިނަބަށް އެދަރިފުޅުގެ މޫނުވެސް ނުދެއްކިއެވެ. މަރުވެއްޖެކަމުގެ ޚަބަރުވެސް ނުދިނެވެ.

"އެދަރިފުޅަށްޓަކައި ހެޔޮ ދުޢާއެއްކޮށްލާންވެސް މި މަންމައަށް އެގުނީހީ މަރުވެއްޖެކަމުގެ ޚަބަރުވެސް ދިންނަމައެއްނުން" ރޮއެލާފައި ޒައިނަބު ބުނެލިއެވެ.

ހަމައެވަގުތު ތަފާތު ނަޒަރަކުން ރަފީގު ބަލާލީ ޒައިނަބަށެވެ. އިށީންދެގެން އިން ގޮނޑީން ރަފީގު ތެދުވިއެވެ. ފުރަގަހަށް ދެއަތްލައިގެން ވިސްނުމެއްގައި ހުރެ، ދެކޮޅަށް ހިނގާލިއެވެ. އެއްޗެކޭ ބުނަން ބޭނުންވެފައިވާކަން ޔަގީނެވެ.

"ދަރީންގެ ހާޒިރުގައި ނުކުރެވުނު ހެޔޮދުޢާއެއް އެދަރީން މިދުނިޔެ ދޫކުރުމުން، ކުރަން ޒައިނަބު ބޭނުންވަނީތަ؟ ކީއްކުރަން؟"
ޖޭމުގަހުގައި ބުރަކަށި ޖައްސައިލައިގެން އެއްފައި ނަގައި ފުރަގަހުން ގަހުގައި ވިއްދައިލިއެވެ. ރަފީގު މިހާރު އެހުރީ ވަރަށް ހަމަޖެހިލައިގެންނެވެ.
ރަފީގު ބުނި އެއްޗެއް ޒައިނަބަށް ވިސްނުނުހެން ހިޔެއްނުވެއެވެ. ނުވަތަ ގަސްތުގައި އަލާނުލީއެވެ.

"ދަރީންގެ މައްޗަށް މައިންބަފައިން ހެޔޮދުޢާކުރާން އެންމެ ހެޔޮކަންބޮޑީ އެކުދިންގެ ފުރާނަ ހަށިގަނޑާއި ވަކިނުވަނީސް.. މައިމީހާގެ ހެޔޮދުޢާއަކީ އެކުދީންނަށް ނިއުމަތުގެ ވައިރޯޅިއެއްފަދަ އެއްޗެއް.. ޒައިނަބުގެ ދަރިޔަކަށް ހެޔޮގޮތެއް މިންވަރުކޮށްދެއްވުންއެދި އެންމެ ފަހުން ދުޢާއެއްކުރީ ކޮން ދުވަހަކު؟" މަލާމާތަކަށްވިޔަސް، ރަފީގު ބުނެލިއެވެ. ހިތުގައި ދުވަސްތަކެއްވަންދެން އޮތް އެއްޗެކެވެ. ރަގަޅު ވަގުތެއްގައި ބުނުމަށް ރަފީގު ރައްކާކުރީއެވެ.

"އަހަރެން ނުބުނަން އަހަންނަކީ މާ މާތް މަންމައެކޭ... އެކަމަކު އަހަރެންވެސް އަހަރެންގެ ދަރީންދެކެ ލޯބިވޭ" މަޑުމަޑުން ޒައިނަބު ބުނެލިއެވެ.

"އެންމެ ރަގަޅު! އެހެންވިއްޔާ މިވަގުތު ދުނިޔޭގައި ތިބި ދަރީންނަށް ޒައިނަބުގެ ހެޔޮދުޢާ ލިބޭނެކަމަށް އަހަރެން މިވަގުތުން ފެށިގެން ގަބޫލުކޮށްފީން" ޒައިނަބުގެ މޫނަށް ބަލަންހުރެ ރަފީގު ބުނެލިއެވެ.

"އަހަރުމެންގެ ހަސަނަށް ހެޔޮވިސްނުންދެއްވައި ރަގަޅުކުއްޖަކަށް ވެއްޖިއްޔާ އަހަރެން ވަރަށް އުފާވާނެ.. ﷲގެ އިރާދަފުޅުން ލައިކާއަކީ މުޅި އާއިލާގެ ނަސީބު.. އެއީ ހިތްވަރުގަދަ ދަރިއެއް.. ފަޒީލްފަދަ މާތް ކުއްޖެއް" ޒައިނަބުގެ ބުރަކަށީގައި ފިރުމާލަމުން ރަފީގު ބުންޏެވެ. ތެދެކެވެ. މިއަދު ލައިކާއަކީ ޒައިނަބުގެ ލޮލުގެ ފިނިކަމެވެ.

"އެންމެ ރަގަޅު.. ދެވަނަ އިޚުތިޔާރަށް ދަމާދޯ؟ " ރަފީގު ބުނެލިއެވެ.

އާއެކެވެ. ރޮވިއްޖެއެވެ. ހިތްދަތިވެއްޖެއެވެ. ހިތާއި ފުރާނަ އެތައް ވޭނެއް މިވަގުތު ތަހަންމަލްކުރަނީއެވެ. އުފާވެރި ޚަބަރަކީ ކޮބައިކަން އެނގެން ޒައިނަބު ބޭނުމެވެ. އެއަޑު އަހަން ޒައިނަބު ތައްޔާރެވެ. މަގުމަތީން ދުއްވާފައިދިޔަ ކާރުގައި މުއްސަނދި ވިޔަފާރިވެރިޔާ ރަފީގު ވިޔަފާރިއާއި ގާތްކުރި ވަގުތުންފެށިގެން އެކަން ހިގައި ދިޔަގޮތް ތަފުސީލްކޮށް ޒައިނަބަށް ރަފީގު ބުނެދީފިއެވެ. ލިބިފައިވި ހިތްދަތިކަމަށްވެސް ފަރުވާއެއް ލިބިއްޖެއެވެ. ދިރިއުޅުމަށް ކުރާ އުއްމީދުތައް އެތައްގުނައަކަށް އަލިވެއްޖެއެވެ. ދިރިއުޅުމުގައި ހާސިލްނުވިކަންކަން ރަގަޅުކުރަން ހެދޭނެ ގޮތްތަކަށް ދެމަފިރީން ވާހަކަދެއްކިއެވެ. ހަނދުވަރުގެ އަލީގައި އެތައް ވަގުތެއް ދެމަފިރީން ހޭދަކޮށްފިއެވެ.

"އަހަރެން އިންތިޒާރު މިކުރަނީ ލައިކާ މިގެއަށް އަންނާނެ ދުވަހަކަށް... އަހަރެންގެ މިގޭގެ އޮޅިގަނޑު ފަޚުރުވެރިކަމާއިއެކު ލައިކާ ހުރަސްކޮށްލާނެ ދުވަހަކަށް" ހިތުގެ އެންމެ އަޑީން ޒައިނަބުގެ އިހުސާސްތައް ބުނެދިނެވެ. ތެދެކެވެ. ލައިކާއަކީ މިއަދު ޒައިނަބުގެ ފަޚުރެކެވެ. އަމިއްލަ އަތުން ދަރީންގެ ދިރިއުޅުން ހަލާކުކުރަމުންދިޔައިރު ޒައިނަބުގެ ހިތައް އެއްޗެއް ނޭރިއެވެ. އެކުދިންގެ މުޅި ހަޔާތްބަރުބާދުކުރުމުގައި ޒައިނަބުގެ އިހުމާލު އިންތިހާއަށްވެއެވެ.

"މެންދަންވެ، މުޅި ސަރަހައްދު ހަމަހިމޭންވެއްޖެއެވެ. ކޮންމެވެސް ވަރަކަށް ކެރިކޮޅެއްވެސް ވެހިއްޖެއެވެ. ބިންގަނޑުގެ ހިރަފުސްކަން މުޅީން އޮބިދާނެއެވެ. ސަކީނާ ލޮލަކަށް ނިންޖެއް ނާދެއެވެ. ލައިކާ ނެތުމުން ސަކީނާއަށް ނިދަން އުދަގުލެވެ. ރައްކާތެރިކަމުގެ އަތްތަކެއްގެ ހިމާޔަތުގައި ލައިކާ މިރޭ ނިދާނީ ވަރަށް އަރާމު ތަންމައްޗެއްގައިކަން ސަކީނާއަށް ޔަގީންވިޔަސް، ހަށިގަނޑުން އެއްބައި މަދުވެފައިވާކަން އިހުސާސްވަނީ މާބޮޑަށެވެ.

-- ނުނިމޭ--
ގުޅުންހުރި
ހިމާޔަތެއް ނުލިބިފާ
16 ނޮވެންބަރ 2017
ހިމާޔަތެއް ނުލިބިފާ
14 ނޮވެންބަރ 2017
ހިމާޔަތެއް ނުލިބިފާ
10 ނޮވެންބަރ 2017
ހިމާޔަތެއް ނުލިބިފާ
7 ނޮވެންބަރ 2017
ހިޔާލު

ހަސީ
ޒައިނަބު ފަދަ މަޔަކައް ހަމްދަރުދީ ވާންވެސް އުދަގު😣😣
ދިޔެ
ލައިކާއަށްވެސް މިރޭ ވަރަށް އުދަނގޫވާނެ ނިދަން..ވާހަކަ ވަރަށް ރީތި..
މަންޖެ
ޒައިނަބަށް ތިޔާ ވިސްނުނީ މާފަހުން ވިއްޔަދޯ ދެން ތިޔަވަރުވެސް ރަންގަޅު.. ފުނަމާ ހާދަ ރީއްޗޭވާހަކަ 😍😍😍

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]