Himaayatheh Nulibifai Episode 48
vfp.mv
HM
HM
ހިމާޔަތެއް ނުލިބިފާ
inage
ހިމާޔަތެއް ނުލިބިފާ
  މުނިފޫހިފިލުވުން | ވާހަކަ | | ފުނަމާ | 20 އޮކްޓޯބަރ 2017 | 3 ކޮމެންޓް
48 ވަނަބައި thegardens
އިރުއޮއްސުމާއިއެކު ކާއިނާތުގެ ކުލަތައް ބަދަލުވާންފަށައިފިއެވެ. އިރުމެދުޖެހުމުގެކުރީން ނިންމުމަށް ކަނޑައެޅި އެތައްކަމެއް ފުރިހަމަނުކުރެވިގެން އުޅެނިކޮށް ދުވަހުގެ އިރު، ދުނިޔޭގެ ސާފު އަލިކާމާއި އަލްވަދާއު ކިޔައިފިއެވެ. އެމީހެއްގެ އަމިއްލަ ކުދިކުދިކަންކަން ނިންމާލުމަށްވެސް ދުވާލުގެ އަލިކަމުގެ ވަގުތުތައް އޮންނަނީ މަދުވެފައެވެ. އެކަން އެގިހުރެވެސް އެއްވެސް ކަމަކަށް ބަދަލެއް ނުގެނެވެއެވެ.

އެއްދުވަހަށްވުރެން އަނެއްދުވަހު މަސައްކަތް ގިނައެވެ. ރަފީގުގެ ހަޔާތަށް އައިވަރުގެ ބަހާރުމޫސުމެއް އެހެންމީހެއްގެ ހަޔާތަށް އެފަދަގޮތަކަށް އަތުވެދާނެކަމަށް އޭނާއަށް ގަބޫލެއް ނުކުރެވުނެވެ. ހުރިހާ ތަކެއްޗެއް ވިކިހުސްވެގެންވެސް ގެއަށްދާން ނޭގިފައި ރަފީގު އިނީއެވެ. އެހެންމީހުންގެ ހަރަކާތްތައް ބަލާށެވެ. އެއީ ރަފީގުވެސް އާންމުކޮށް އުޅޭގޮތެވެ. ގެއަށްދާ ވަގުތުޖެހުމުން ބާކީހުރި ތަކެތި ބަންދުކޮށްގެން ގެންދަނީ އަނެއްދުވަހު އެމަސައްކަތް ފުރިހަމަކުރުމަށެވެ. އެކަމަށް އަޒުމުކަނޑައަޅައިގެންނެވެ. ނަމަވެސް ތިންދުވަހުންވެސް ނުވިކިގެން ތަކެތި ހަލާކުވަނީ މަދުފަހަރަކުވެސް ނޫނެވެ.

ރަފީގުފަދަ ބައެއް ދަނޑުވެރީން އެމީހުންގެ ތަކެތި ވިއްކުމަށް ކުރަމުންދިޔަ މަސައްކަތްތައް ބަލާލުމަށް މިއަދު ރަފީގު މަޑުކޮށްފިއެވެ. ނުވިކުނު ތަކެތި ބަނދެގެން ގެއަށް ގެންދާން ތައްޔާރުކުރި މައްޒަރުވެސް ރަފީގު ދެކެފިއެވެ. އެއީ މާޔޫސީ މަންޒަރެކެވެ. އަމިއްލަ ދަނޑުތަކުގައި ނިކަމެތި ފަގީރުން ކުރަނީ ބުރަ މަސައްކަތްތަކެކެވެ. އެކަން އެގެނީ މަދުބަޔަކަށެވެ. އިސްރާފުކުރަނީ އެކަން އަންދާޒާކުރަންވެސް ނުކުޅެދިފައިވާ، ވިސްނުންކޮށި މީހުންނެވެ.

ރަފީގަކީވެސް ބުރަ ދިރިއުޅުމެއް އުޅޭ ބައްޕައެކެވެ. ލިބޭ މަދުފައިސާކޮޅު ހިފައިގެން ގެއަށްގޮސް، ޒައިނަބަށް ނޭގި ކުދިންގެ މުސްތަގުބަލަށް ރަފީގު އެއްބައި ފޮރުވައެވެ. ރައްކާކުރާ ފައިސާއަކީ، ދުވަހެއްގައިވެސް ރަފީގު އަތުގައި ހުރި އެއްޗެއްކަމެއް ޒައިނަބަށް އެގިފައި ނުވާނެއެވެ. ގެއަށް ޚަރަދުކުރަން ވަކި ބަޖެޓެއް ރަފީގު ކަނޑައަޅައެވެ. ތަރުކާރީގެ ގިނަ ބާވަތްތަކަކީ ރަފީގުގެ އާއިލާއިން ގަނެގެން ބޭނުންކުރާ އެއްޗިއްސެއް ނޫނެވެ. އެއީ ދަނޑުން ރަފީގު ގެންނަ ތަކެއްޗެވެ. ދަރީން ކިޔަވަންދަނީ ބޮޑު އަގުދީފައެއްނޫނެވެ. އެހެންކަމުން ދަތިނުވެ އެމީހުންގެ އާއިލާއަށް އުޅެވޭކަމަށް ރަފީގު ގަބޫލުކުރެއެވެ. ރަނާއި ގަހަނާއާއި އެފަދަ ތަކެތި ގަނެ ނުދީގެން ފަހަކަށް އައިސް ޒައިނަބު ޝަކުވާކޮށްފައެއްވެސް ނުވެއެވެ. ޒައިނަބުގެ އުޅުމާއި މިޒާޖަށް ގެނައި ބަދަލަކީ ރަފީގުގެ ދިރިއުޅުން ހަމަޔަކަށް އަޅުވާލުމަށް ވަރަށް ފަސޭހަވި ބަދަލެކެވެ.

"މިއަދު ގެއަށްވެސް ނުދަނީތަ؟ ހުރިހާ އެއްޗެއް ވިކި ހުސްވީމާއި ގެއަށް ދާހިތްވެސް ނުވީތަ؟" އެކުވެރި ދަނޑުވެރިޔަކު ރަފީގަށް މުޚާތަބުކޮށް ބުނެލިއެވެ.

ޚިޔާލީ ދުނިޔެއަށް ގެއްލިފައި އިދެވުނުކަން ރަފީގަށް އިހްސާސްވެއްޖެއެވެ. ހިނިތުންވަމުން ރަފީގު ތެދުވެ، ދުއްވާއެއްޗެއް ހޯދުމަށް އަތްނެގިއެވެ. ދާދިފަސޭހައިން އެއްޗެއް ލިބިއްޖެއެވެ. އޮޓޯއަށް އެރުމަށް ހަރަކާތްކޮށްލާފައި ރަފީގު އެނބުރި ބަލާލިއެވެ. މީގެކުރީން ކޮންމެދުވަހެއްގައި ކަހަލަގޮތަކަށް އެތައްގަޑީރެއް އެތަނުގައި ރަފީގު ހޭދަކުރި މަންޒިލަށެވެ. މާދަމާއިން ފެށިގެން އެތަނަށް ރަފީގު އަންނާކަށް ނުޖެހޭނެއެވެ. އެމަންޒިލުން ރަފީގަށް ﷲތަޢާލާ ބަރަކާތްލެއްވިއެވެ. ތަނަވަސްކަން ދެއްވައިފިކަމަށް ރަފީގު ގަބޫލުކޮށްފިއެވެ. ދެންއޮތީ ހިތްވަރެވެ. ބުރަ މަސައްކަތެވެ.

"އަވަސްކުރޭ" ޑްރައިވަރު އެއްޗެއް ބުނިއިރު ބާރުއަޑުން ބަރުގޮނު އަޅައިފިއެވެ. އިރުއޮއްސޭ ވަގުތުކަމަށްވާތީ، މަގުތައްވަނީ މާބޮޑަށް ހަލަބޮލިވެފައެވެ.

***
ނައިނާ ވިސްނަމުންދިޔައީ މަންމަ ބުނެދީން ވާހަކަތަކަށެވެ. ރީމާއަށް ލިބުނު ދެރައާއި މެދުގައެވެ. ނައިނާގެ ސަބަބުން ރީމާގެ މުޅި ދިރިއުޅުން ހަލާކުވެގެން ދިޔައީއެވެ. ހޮސްޓެލްގައި ހުރިނަމަ، ލައިކާއާއި ރީމާއާއިއެކު ނައިނާ އުޅޭނެ އުފާވެރި ގޮތްތައް ނައިނާގެ ހިތައް ތަދުކުރަނީއެވެ. އެއްޚިޔާލުން މިންޖުނުވެވި، އަނެއް ޚިޔާލެއް ނައިނާއަށް މަޖުބޫރުކުރިއެވެ. އަމިއްލަ އެދުމުގައިވިޔަސް، ނުވަތަ މޮޔަކަމެއްކަމުގައިވިޔަސް އެދުވަހު އެތަނުން ނުފިލިނަމަ، ނައިނާގެ މަންމަޔަކު ދުނިޔޭގައި ހުރިކަމެއް ދުވަހެއްގައިވެސް ނޭގުނީހެވެ. މަންމައާއި ނައިނާއާއި ދުވަހަކުވެސް ބައްދަލުނުވީހެވެ.

ކުރެވޭ ޚިޔާލުތަކުން ދުރުވާން ބޭނުމެވެ. ރަގަޅުނުބައި ވަކިކުރާން މިއަދު ނައިނާއަށް ފަސޭހަނުވާތީއެވެ. ހޮސްޓެލްގައި މަނާކޮށްފައިވާ ގަވާއިދަކާއި ނައިނާ ޚިލާފުވިއެވެ. މަގުމަތީން ބައްދަލުވާ މީހުންނާއި ތަކުރާރުކޮށް ނައިނާ ވާހަކަދެއްކިއެވެ. ދޮގުހެދުނެވެ. ފަހުންއަންނާނެ ރާޅެއް ނުބަލައި ހޮސްޓެލްއިން ފިލީއެވެ. އަމިއްލަ ނުބައި ރޭވުމުގައި އެހެން ކުއްޖަކު ޝާމިލްކުރެވުނެވެ. ގޮތްނޭގޭ ބަޔަކަށް އިތުބާރުކުރެވުނެވެ. ނުރައްކަލާއި ފާފައިގެ ދުނިޔެއަށް ވަދެވުނެވެ. ހިތާއި ދެކޮޅަށް ހަނގުރާމަކޮށްކޮށް ވަރުބަލިވުމުންވެސް އެތަނުން މިންޖެއްނުވެވުނެވެ. ދިރިއުޅުން ނައިނާއަށް ކެހިދިނީހެއްޔެވެ؟ ނުވަތަ ގެއްލުމާއި ހަލާކާއި ފާފައިގެތެރެއަށް ނައިނާއަށް ވަދެވުނީ ހެއްޔެވެ؟ މިކަމުން ސަލާމަތްވެވޭނެ ހެއްޔެވެ؟ ދުވަހެއްގައިވެސް ދުނިޔޭގެ އަލިކަމަށް ނައިނާގެ މަންމައާއިއެކު ނޭވާލުމުގެ ފުރުސަތު ލިބިދާނެ ހެއްޔެވެ؟

"ކޮންމެ ފަހަރަކު ކަލޭ ގެންދަންޖެހެނީ ގަދަކަމުން.. މީގެފަހުން މިހެން ދިމާވެއްޖިއްޔާ ކަލެއަށް އަދަބު ލިބޭނެ" ދޮރުހުޅުވާލި މީހާ ބުނެލިއެވެ.

ތެދެކެވެ. ކުރިންވެސް ނައިނާ ބަލައި އައިސްފިއެވެ. ފާޚާނާއަށް ވަންނަން ބޭނުންވެފައިކަމަށްބުނެ ނައިނާ ލަސްކުރީއެވެ. ހިތުގައި އޮތް ރޭވުން ކާމިޔާބުކުރުމަށް ބޭނުންވަންޏާއި ނައިނާ މިގޮތް ބަދަލުކުރަން ޖެހެއެވެ. ބޯދެފަރާތަކަށް ހަލުވާލަމުން ވަރަށް އަވަހަށް ނައިނާ ތެދުވެ، އެމީހާއަށް ހިނިތުންވެލިއެވެ. ހިތުންރުހުމުން ނައިނާ ގެންދަން ލިބުމުން އެމީހާއަށްވެސް އެކަންވީ މުޅިން އާކަމަކަށެވެ.

"ވަރަށްބޮޑަށް މައާފުކުރޭ... ދެން އަހަރެންގެ ފަރާތުން އެފަދަކަމެއް ނުފެންނާނެ.. ޝަކުވާކުރާނެ ފުރުސަތެއް ނުދޭނަން.. ހިތުން ރުހިގެން ޚިދުމަތްކުރާނަން"

އަހުމަދާއި ހަމައަށް ގެންދާނެ އިބާރާތަކުން އެމީހާގެ ސިކުނޑިއާއި ނައިނާ ކުޅެލިއެވެ. ދުވަހެއްގައިވެސް ނައިނާގެ ފަރާތުން އަޑުނީވޭ އެއްޗެއް އަޑުއިވުމުން އެމީހާވެސް ހުއްޓުން އެރިއެވެ. ނަމަވެސް އިތުރު އެއްޗެކޭ ނުބުނެ ނައިނާ ގޮވައިގެން ހިގައްޖެއެވެ.

***
ގޭ ކައިރިއަށް އޮޓޯ ހުއްޓުމާއިއެކު ރަފީގު ފޭބިއެވެ. މާބާރަށް ހިތް ތެޅެނީ، އުވާފެރި ޚަބަރުދިނުމަށް އަވަސްވުމަށް ކަމެއް ނުވަތަ ނަބާގެ މަރުގެ ހިތާމަވެރި ހާދިސާއިން ޒައިނަބުގެ ހިތް ދެފަޅިވާ މަންޒަރުދެކެން ރަފީގަށް ކެތްނުވާނެތީކަމެއް ރަފީގަކަށް ނޭގެއެވެ. ކޮންމެވެސް ބިރުވެރިކަމެއް ހިތުގައި ހަރުލައިފިއެވެ. އަތްފައި ފިނިވެއްޖެއެވެ. އެހެންނަމަވެސް ގެއަށް ނުވަދެ ދެން ދާނެ އިތުރުތަނެއް އޮތީއެއް ނޫނެވެ.

ހަނދުމޫސުމެކެވެ. އެހެންނަމަވެސް ރޭގަނޑުގެ އަނދިރިކަން ދުނިޔެވެރިކޮށްފިއެވެ. ހަގީގަތާއި ފިލޭނެ އިންސާނަކު ނޫޅޭނެއެވެ. ކޮންމެވެސް ދުވަހަކުން ކޮންމެވެސް ވަގުތެއްގައި އެކަން ކުރިމަތިވާނެކަން ގަބޫލުކުރަންޖެހެއެވެ. ވަށިގަނޑެއް އަތުގައި ނެތި، ބޮޑުއަދަދަކުން ފައިސާ ހިފައިގެން ގެއަށް އައިސްވަތްދުވަހެއް ރަފީގުގެ ހަނދާނަކު ނެތެވެ.
އަވައްޓެރީންގެ ގޯތިތަކަށް ރަފީގު ބަލާލިއެވެ. ކަރަންޓުގެ އަލިކަމުގައި ގެތަށް ހަމަހިމޭންވެފައިވަނީ ދުނިޔެ އަނދިރިވުމުންނެވެ. ރަފީގުގެ ގެއިންވެސް އިޝާރާތެއް ނެތެވެ. ފަނޑުއަލިކަމެއް ފިޔަވައެވެ.

މަޑުހިނގުމެއްގައި ރަފީގު ގެއަށްވަނެވެ. ދެދަރީންގެ މެދުގައި ޒައިނަބުއޮތެވެ. ނިދިފައެވެ. ދޮރުކަނީގައި ލެނގިލައިގެން ރަފީގު މަޑުކޮށްލީ ހަށަމަށް އަތްލައިގެންނެވެ. ހިތައް އަރަމުންދިޔައީ އުފާވެރި މަންޒަރެކެވެ. ތިން ދަރިންނާއިއެކު ޒައިނަބު އެގޮތަށް ނިދާލާފައި އޮތްނަމަ، މިރޭ ރަފީގު ވަރަށް އުފާވީހެވެ. ހަސަނު ނެތުމުގެ ހިތްދަތިކަން ރަފީގު އިހުސާސްނުކުރާ ދުވަހަކަށް އިރެއް ނާރައެވެ. ކޮންމެވެސް ދުވަހަކުން އެއުފާވެރިކަން ލިބޭނެކަމަށް ރަފީގުކުރާ އުއްމީދަށް އަދިވެސް ފަނޑުވުމެއް ނެތެވެ.

ފެންވަރާލައިގެން ރަފީގު ނިކުތެވެ. ބަނޑުހައިވެފައި ހުރުމުން ބަދިގޭގެ ތަށިތައް ޗެކްކޮށްލިއެވެ. ދެތިން ތައްޓެއްގައި މަތިޖަހާފައި ހުއްޓަސް، އެއަކު ކާއެއްޗެއް ނެތެވެ. ބަނޑުގައި އަތްހާކާލުމަށްފަހު، ތެލިތައް ބަލާލިއެވެ. ނަސީބުވެސް ރަގަޅެވެ. ހިކިކޮށް ހަދާފައިހުރި އަލުވިކޮޅަކާއި މުށެއްހާ ބަތްކޮޅެއް އެބަހުއްޓެވެ. އެއީ ރަފީގަށް ބަހައްޓާފައި ހުރި ތަކެތިކަން އެގުނެވެ. ލަސްތަކެއް ނުކޮށް ކައިފިއެވެ. ނަބާގެ ބިރުވެރި ހާދިސާ ރަފީގުގެ ސިކުނޑީގައި ވިކާލިއެވެ. ވާހަކަދައްކަންވީ ވަގުތުޖެހުނުކަން ރަފީގުގެ ހިއްސުތައް އިޝާރާތްކުރީއެވެ.

"ޒައިނަބު! ޒައިނަބު! ތެދުވެބަލަ" ދެތިންފަހަރަކު ޒައިނަބަށް ރަފީގު ގޮވާލިއެވެ. މަޑުމަޑުން މޫނުގައި ފިރުމާލަމުންނެވެ. ކުދީންނަށް ހޭލެވިދާނެތީ ފަރުވާތެރިވަމުންނެވެ.
ގިނައިރެއްނުވެ ޒައިނަބުވެސް ތެދުވިއެވެ.

"އަހަރެން ވަރަށް އިންތިޒާރުކުރީން.. އެކަމަކު ވަރުބަލިވެގެން ނިދުނީ.. މިއަދު ހަވީރު ކުދީން ގޮވައިގެން ބޭރަށްވެސް ނިކުމެލީން... ދެމީހުން ކުޅެންއުޅެފައި ވަރަށް ވަރުބަލިވެފައި ތިބީ ގެއަށްއާދެވުނުއިރު.. އެހެންވެ ވަރަށް އަވަހަށް ނިދައިފި.... އަހަންނަށްވެސް ނިދުނީ" ޒައިނަބުގެ ދުވަސް ރަފީގު ބޭނުންވާނެފަދަ ގޮތަކަށް ޚުލާސާކޮށްލިއެވެ. ކުދިންނާއެކު ގިނަވަގުތު ޒައިނަބު ހޭދަކުރުމަކީ ރަފީގުގެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

"ނަބާގެ ޚަބަރަކީ ކޮބައިތަ؟ އަހަރެން ހާދަވަރަކަށް ގުޅީމޭ.. ކީއްވެ ފޯނު ނުނެގީ...؟ ކިހާ ވަރަކަށް ހާސްވާނެކަން ނޭގެނޭތަ؟"

ޒައިނަބު ޝަކުވާ ކޮށްލިއެވެ. އެހެންނަމަވެސް އެއީ ލޯބީގެ ރާގުގައި ކުރި ޝަކުވާއެކެވެ. ޒުވާބުގެ އެއްވެސް ކުލައެއް އެބުނުމުގައި ނުވެއެވެ. ރަފީގު އިޝާރާތްކުރީ ވާހަކަދައްކަން ދުރަށް ޖެހިލުމަށެވެ. ކުދީންނާއި ދުރައްގޮސް، ވާހަކަދައްކަން ރަފީގު ބޭނުންވީއެވެ.
ޒައިނަބުގެ އަތުގައި ހިފައިގެން ރަފީގު ނިކުތީ ބޭރަށެވެ. ޖޭމުގަސްދޮށުގައި ދެގޮނޑި ބެހެއްޓިއެވެ. ރަފީގު އެދުނީ ޒައިނަބުވެސް އިށީނުމަށެވެ.

"ތިއުޅޭގޮތަކުން ބުނާނެ އެއްޗެއް ނޭގިފައި މިއިންނަނީ.. ހިތް ބިރުވެސްގަނޭ.. ނޭގޭ ގޮތްތަކެއްވާހެންވެސް ހީވޭ" ޒައިނަބު ބުންޏެވެ.

ރޭގަނޑުގެ އަނދިރިކަން ގަސްދޮށުގައި ވަރަށް ހިތްގައިމެވެ. ދުރުދުރުން ކުއްތާތައް ގޮވާލާއަޑު އިވުނަސް، ދުއްވާއެއްޗެއްގެ އަޑު ވަރަށް ނީވެއެވެ. މުޅި ސަރަހައްދު ހަމަހިމެންވެފައެވެ. މަޑުމަޑު ވައިރޯޅިތައް ގަހުގެ ފަތްތަކާއި ކުޅެލައެވެ. ދެލޯބިވެރިޔަކު އެމެހެފިލުގައި އެވަގުތު ހޭދަކޮށްލާން ލިބިއްޖެނަމަ، އެތައް ގޮތަކަށް އުފާހޯދާނެއެވެ. ނަމަވެސް އެފަދަ އިހުސާސެއް ޒައިނަބާއި ރަފީގުގެ ހިތުގައި މިވަގުތު ނުހިގައެވެ.

"ދެން ބުނެބަލަ.. އިތުރަށް ހިތް ނުތަޅުވާފާނަންތަ؟" ވަރަށް ހިމޭންކޮށް ޒައިނަބު ބުނެލިއެވެ. ރަފީގު އިސްޖަހައިލިއެވެ.

"ދެވާހަކައެއް އެބައޮތް! ފުރަތަމަ ބޭނުމީ އުފާވެރި ޚަބަރުތަ؟ ނުތަވަ ބިރުވެރި ޚަބަރުތަ؟" ޒައިނަބުގެ ކޮޅަށް ރަފީގު ބޯޅައެއްލިއެވެ.

އަމާޒުކުރާނެ ގޯލެއް އިޚްތިޔާރުކުރާނީ ޒައިނަބެވެ. ޒައިނަބު ވިސްނާލިއެވެ. ރޭ ދެބައިވާން އަދިވަގުތު އެބައޮތެވެ. ހިތާމަކުރާން އިޚްތިޔާރުކޮށްފިނަމަ، އުފާވެރިކަމުގެ ރަހައަށް އިންސާފުކުރާން ދަތިވާނެއެވެ. އުފާވެރިކަން ފުރަތަމަ އިޚްތިޔާރުކޮށްފިނަމަ، މުޅި ރޭ ހިތާމަކުރުމުގައި ހޭދަކުރާން ޖެހިދާނެއެވެ. ގޮތެއްނިންމަން ފަސޭހައެއްނުވިއެވެ.

"ފުރަތަމަ އަޑުއަހަންބޭނުމީ ހިތާމަވެރިޚަބަރު.. އޭގެ ފަހުގައި އުފާވެރިކަން" ޒައިނަބުގެ ނިންމުން ތަފާތެވެ. އެކަމަށް ރަފީގު އިހްތިރާމްކުރިއެވެ. ރަފީގުގެ މޫނުގެ ކުލަ ބަދަލުވެގެންދިޔަތަން ވަރަށް ސާފުކޮށް ޒައިނަބަށް ފެނުނެވެ. ހިތާއި ހިތުން ދުޢާކުރެވުނީ ނަބާއާއި ބެހޭގޮތުން އުވާފެރި ޚަބަރެއް ލިބުމެވެ.

-- ނުނިމޭ --
ގުޅުންހުރި
ހިމާޔަތެއް ނުލިބިފާ
16 ނޮވެންބަރ 2017
ހިމާޔަތެއް ނުލިބިފާ
14 ނޮވެންބަރ 2017
ހިމާޔަތެއް ނުލިބިފާ
10 ނޮވެންބަރ 2017
ހިމާޔަތެއް ނުލިބިފާ
7 ނޮވެންބަރ 2017
ހިޔާލު

ކިޔުންތެރިއެއް
މީ ހަމަ ނިމުނީ ތަ؟
މަންޖެ
ވާހަކަ އެންމެ ސަޅި ހިސާބުން އެނިމުނީ. ޒައިނަބަށް ކިހިނެއްބާއޭ ވާނީ ހީވޭ. ފުނަމާ ވަރަށް ރީތި އިންގޭ ވާހަކަ 😍😍
ދިޔެ
ރަފީގުގެ ދިރިއުޅުމަށް އަންނަ ހޮޔުބަދަލުތައް ފެނުނީމަ ވަރަށް އުފާވޭ🙂 މިއަދު ލައިކާ ވަރަށް މިސް...

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]