Himaayatheh Nulibifai Episode 45
vfp.mv
VFPBAAZAARU
MIB
MIB
ހިމާޔަތެއް ނުލިބިފާ
inage
  މުނިފޫހިފިލުވުން | ވާހަކަ | | ފުނަމާ | 13 އޮކްޓޯބަރ 2017 | 3 ކޮމެންޓް
45 ވަނަ ބައި dhi2
"އަހަރެންގެ ބައްޕައަކީ ވަރަށް ރަގަޅުމީހެއް... އެއި ވަރަށް މާތް އިންސާނެއް.. އަހަރެންގެ ހިތުން ދުވަހަކުވެސް ބައްޕަގެ ނަން ފަނޑުނުވާނެ.. ބައްޕައަކީ އަހަރެންގެ ހިތުގެ ވިންދު، އެއީ ނަމޫނާ ބައްޕައެއް! ހަތް އަހަރުވަންދެން ބައްޕަ އަހަރެން ގެންގުޅުނީ ވަރަށް ހާލުގައި... ހަނދާނެއް ނުހުރޭ ދޮންމަންމަގެ އަނިޔާއިން ނޫނީ އިރުއަރާ ހަނދާނެއް... އިރުއޮއްސޭނީވެސް އެ ވޭނުގައި.. އެކަމަކު ނިދީގައިވެސް ހޭލެވޭނީ އަހަރެންގެ ޒަޚަމުތަކުގައި ބައްޕަ ވިކްސް ބާމް ހާކައިދެނިކޮށް... އެބާމްފުޅި ބައްޕަ ގެންގުޅެނީވެސް ފޮރުވައިގެން.. އަހަރެން ކިތަންމެ ކުޑަޔަސް، އޭރުވެސް ވިސްނޭ، ރޭގަނޑުގެ މެންދަމު ބައްޕަ އެކަން އެކުރަނީ ކީއްވެކަން.. އެއީ ދޮންމަންމައަށް ނޭގި އެކަން ކޮށްދޭންވެގެން.. އޭރުގައި، ރެއާއިދުވާލުން ދެގަޑިއެއްހާއިރުވެސް ބައްޕައަށް ނިދިނުލިބޭނެކަން އަހަންނަށް ޔަގީން... ދުވާލުހަތަރުދަމު، އޮޓޯ ދުއްވާނީ... އެމަސައްކަތުގައި އުޅެފައި ގެއަށް އަންނާނީ ނުވައެއް ދިހައެއް ޖަހާއިރު.. އެކަމަކު ވަރުބަލިކަން އެއްކިބާކޮށްފައި ބައްޕަގެ ދަރިންނާއިއެކު ކުޑަނަމަވެސް ވަގުތުކޮޅެއް ހޭދަކުރުމަކީ ބައްޕަގެ އެންމެބޮޑު އުފާ.. ބައްޕަގެ ދަރިންނޭ އަހަރެން މިބުނީ އަހަރެންގެ އިތުރުން ބައްޕަގެ ދެ ދޮންދަރީންގެ ވާހަކަ.. އެއީވެސް އަހަންނާއި ދާދިއެއްއުމުރެއްގެ ދެކުދީން.. އަހަރެންނާއި އެކުދިންނާއި ދެމެދުގައި ބައްޕަ ގުޑަވެސް ފަރަގެއް ނުކުރޭ.. އެކަމަކު ބައްޕަ ގޭގައި ނެތް ކޮންމެ ވަގުތަކީ އަހަރެންނަށް ނަރަކައަކަށްވޭ... އަހަރެންގެ އުމުރުން ހައަރުފުރުނު ދުވަހު އަހަރެންގެ ދުނިޔޭގައި ނާމާންކަން ވެރިވެއްޖެ!" ނައިނާ ރޮނީއެވެ. ހިތުގެ އަޑީން ރޮނީއެވެ. ވާހަކަދައްކަނީ ވަރަށް ލަސްލަހުންނެވެ.

އެކަރުނަތައް ފޮހެދިނުމަކީ އަބީލާޝާއަށް މިވަގުތު ކުރެވޭވަރުކަމެއްވެސް ނޫނެވެ. ހަތަރެސްފައި ތުރުތުރުއަޅަނީއެވެ. ހިތް ހީވަނީ މޭފަޅާފައި ނިކުމެދާނެހެންނެވެ. ހަގީގަތް ހާމަކޮށްދޭން އަބީލާޝާގެ ހިތާއި ހަށިގަނޑުގެ ކޮންމެ ވިންދެއް މަޖުބޫރުކުރަނީއެވެ. ނަމަވެސް ދޫ ހަރަކާތްނުކުރަންޏާ، އެއިހުސާސްތައް ހާމަކޮށްދޭން ފަސޭހައެއް ނުވާނެއެވެ.

އެއްފައި ތަޅުންމަތީގައި ދަމާލައިގެން އަނެއްފައި ކުރުކޮށްގެން، އެފައިގެ ކަކުލުގައި ދެއަތުން ހިފަހައްޓައިގެން ނައިނާއިނީ ފާރުގައި ބޯ ޖައްސައިލައިގެންނެވެ. ލޯ މަރައިގެންއިނީ އަބީލާޝާއާއި ދިމާއަށް ނުބަލަންކަން މިވަގުތު ޔަގީނެވެ.
"އަހަރެންގެ އުމުރުން ހައަހަރު ފުރުނު ދުވަހު މެންދުރު ކާންވެސް ނުދިން... އެކަމަކު އަހަރެންގެ މި ޖިސްމުގެ ކޮންމެ އިންޗިއެއް ވަކިވަކީން ބަޔަކަށް ކާންދިނީ... ހާމައަށް އޮންނަ ކާތަކެއްޗަށް ކާޅުތައް ތުންހަރާ އުސޫލުން! ދޮން މަންމައާއި އޭނާގެ ދެދަރީންތިބީ މަންޒަރުބަލަން.. އަހަރެންގެ ދެ އަތް އޮތީ އައްސާފައި.. އަނގަމަތީގައި ފޮތިގަނޑެއް އޮޅީ ދޮންމަންމަގެ ދެއަތުން.. ސަލާމަތުން އޮތީ އަހަރެންގެ ދެފައި... ކުރަން އުޅެނީ ކިހާވަރެއްގެ ކަމެއްކަން ނޭގުނަސް، އެއިން މީހެއްގެ ބަނޑުކޮޅުގައި އަހަރެންގެ ފައިންޖެހީން... ވަރަށް ބާރަށް ޖެހީން.. އެވަރު ބާރެއް އަހަންނަށް ލިބުނު ގޮތެއް އަދިވެސް ނުވިސްނޭ.." ނައިނާ ހަމަހިމޭންވިއެވެ. ރިހުންތައް ހަށިގަނޑުގެ އެތައްމިތަނަށް ކަށިހަރާތީއެވެ. އެތަދުގެ ތޫނުކަން އެޖިސްމުން ދުވަހަކުވެސް ފިލައި ހިނގައިދާނެބާއެވެ.

" އަހަރެންނާއި ބެހެން އައީ ތިން މީހުން.. ނަމަވެސް، އަނިޔާވި މީހާއަށް އަހަންނާއި ކައިރިވެސް ނުވެވުނު.. އޭނައަށް ލިބުނު އަނިޔާގެ ސަބަބުން.. ދެންތިބި ދެ ޖަނަވާރުން އަހަރެން ކައި، ހުސްކުރި.. އޭގެފަހުން މަދު ދުވަހެއްގައި ނޫނީ އެއަނިޔާ އަހަރެން ތަހަންމަލްކުރީން... އަހަރެންގެ ކުރިމަތީގައި އެމީހުން ދޮންމަންމައަށް ލާރި ދެނީ.. އެފައިސާއިން އެމީހުންގެ ދިރިއުޅުން ޝާހީކުރި! އަހަރެންނަށް އިންޒާރުދީފައި އޮތީ ބައްޕަކައިރީގައި ބުނެފިއްޔާ، ބައްޕަގެ ކާއެއްޗިއްސައް ޒަހަރު ލާނެކަމަށް.."

ގިސްލެވެން ފެށުމުން ނައިނާގެ ވާހަކަ މެދުކަނޑާލިއެވެ. ނަމަވެސް ލޯ ހުޅުވާލާފައި އަބީލާޝާ އެތަނުގައި އިންތޯ ނެތްތޯވެސް ނައިނާ ބަލާނުލައެވެ. ދައްކަން ބޭނުންވި ވާހަކައަށް އެތައްދުވަހެއްވާންދެން ނައިނާ ތައްޔާރުވެފައިވާހެން ހީވެއެވެ.

" އަހަރެންގެ ބައްޕަ ނެތް ދުނިޔެއަކަށް އަހަރެން ނޭވާލާނެ ގޮތެއް އަހަންނަކަށް ނުވިސްނޭ... ކުޑަކުޑަ މި ސިކުނޑިއަށް ނުވިސްނުނީ އެކަމުން މިންޖުވާނެ ގޮތެއް... އިއްފަތްތެރިކަން ފޭރިގަތުން ހުއްޓުވާނެ ގޮތެއް! ރޭގަނޑުގެ އަނދިރިކަމުގައިވެސް ބައްޕަގެ ގާތުގައި އެވާހަކަބުނަން ނުކެރުނު... އެއްދުވަހަކު ބައްޕައަށް ގެއަށް އާދެވުނުއިރު، އަހަރެންގެ އަޒާބުގައި އަހަރެން ފަނާވަނީ... އަހަރެންގެ ކުރިމަތީގައި ބައްޕަ ދޮންމަންމައަށް އަނިޔާކުރި! ދެވަނަ ފަހަރު ދަރިއަކަށް އެފަދަ ކަމެއްކުރަން ފުރުސަތު ނުދިނުމަށް ބައްޕަނެގީ ވަރަށް އުދަގޫ ފިޔަވަޅެއް.. އެންމެންގެ ކުރިމަތީގައި ދޮންމަންމަ ގޮވައިގެން ބައްޕަ ފުލުހަށް ދިޔައީ... އަހަރެންގެ ޓެސްޓްތައް ހެދުމުން ބައްޕަގެ ދައުވާ ސާބިތުވެ، ދޮންމަންމަ ދިގުމުއްދަތަކަށް ޖަލަށްލާން ހުކުމްކުރި... އަވަށްޓެރިންގެ އަނގަތައް ބައްޕައަކަށް މައިތިރިއެއް ނުކުރެވުނު.. ގޭގެ ދޮރުން ބޭރަށް ބޯދިއްކޮށްލުމަކީވެސް އަހަންނަށް ކުޅަދާނަކަމަކަށްނުވޭ.. އަވަށްޓެރީންގެ ފުރައްސާރައާއިހެދި.. އަހަރެން 'ގޭ ބަންދެއްގައި' ބެހެއްޓުމަށްވުރެން ބައްޕައަށް ރައްކާތެރިވީ ހޮސްޓެލްއަކަށް ބަދަލުކުރުން... ބައްޕަގެ ރައްޓެއްސެއްގެފަރާތުން އެތަނުގެ މައުލޫމާތު ބައްޕައަށް ލިބުނީ... ހޮސްޓެލްއަކީ ކޮންކަހަލަ ތަނެއްކަން ނޭގޭތީވެ، އެތަނަށް ނުދާންވެގެން ވަރަށް ރުއިން... ބޮޑާވެސް ހޭކިން... އެދުވަހު ވަރަށް އަނިޔާވި... އާދޭސްކުރިން މަސައްކަތްކުރަން ތަނަކަށް ފޮނުވާށޭކިޔައިގެން.. އެކަމަކު ބައްޕައަށް އިގޭ ބައްޕަގެ ދަރިފުޅުގެ މައުސޫމުކަމާއި ނިޔަނެތިކަން.. އެދުވަހު ބައްޕަބުނީ، ހޮސްޓެލްގައި ހުރެގެން މޮޅަށްކިޔަވައިގެން ވަޒީފާއެއް ހޯދާނީއްޔޭ...! އެކަމަކު..، އެކަމަކު އަހަރެންގެ މޮޔަކަން އަހަރެންގެ ދުނިޔެ އަނދިރިކޮށްފި! އަހަރެން އަބަދުވެސް ބޭނުންވީ ވަޒީފާއެއް ހޯދައިގެން މުސާރައެއް ލިބިގެން އަމިއްލައަށް ދިރިއުޅެން... އެދުވަހެއް ދެން ދުވަހަކުވެސް ނާންނާނެ!"

ހިތްވަރުގަދަ ނައިނާގެ ހަޔާތުން ސިއްރު ސަފްހާތަކެއް ހާމަކުރިއެވެ. އަޑުއަހަން އަބީލާޝާއަށް ކެތްވީކީއެއްނޫނެވެ. ނަމަވެސް އެ ސަފްހާތަކުގެ ކޮންމެ އަކުރެއް ތަފްސީލްކޮށް އެގުން މިއަދު އަބީލާޝާއަށް ވަރަށް މުހިއްމެވެ. ކަންފަތައް ކެތްނުވިޔަސް، ދެލޮލުގެ އެސްފިޔަތަކަށް ކިތަންމެ ބާރުބޮޑުވިޔަސް، އެއަޑު މިއަދު އަބީލާޝާ ނުހުއްޓުވާނެއެވެ. ފުރުސަތު ލިބުނުވަރަކަށް މިއަދު ނައިނާގެ އަޑަށް އެކަންފަތް ހުޅުވާނެއެވެ. މިހުރިހާ ދުވަހު، އަބީލާޝައަށް ޔަގީންކުރެވުނީ އޭނާގެ މަންމައާއި ބައްޕަ ބުނި ބުނުމެވެ. ކިތަންމެ ހިތިވޭންތަކެއްކަމަށްވިޔަސް، އެކަން އަބީލާޝާވަނީ އެގޮތުގައި ގަބޫލުކޮށްފައެވެ.

އަބީލާޝާގެ ސުވާލު ނައިނާ ހަނދާންނެތުނީއެއްނޫނެވެ. އެޖަވާބަށްވުރެން މުހިއްމު ވާހަކަތަކެއް ނައިނާ ހިއްސާކުރަން ހިތް އެދުނީއެވެ. ދެލޮލުގެ ކަރުނަތައް ފޮހެލާންވެސް ނައިނާ މަސައްކަތްނުކުރިއެވެ. އިރުކޮޅަކު އިދެލުމަށްފަހު ވާހަކަދައްކަންފެށިއެވެ.

"އަބީން، ތަލް އަ ބީން ... ބައްޕަގެ ނަމަކީ ތަލް- އަ- ބީން- އަންމުކޮށް މީހުންކިޔާއުޅުނީ އަބީން" ވަރަށް ތަފްސީލްކޮށް ނައިނާ ބުނެލިއެވެ.

އަބީލާޝާއަށް ކެތްނުވިއެވެ. ދެލޯބޮޑުވެ އަނގަހުޅުވިގެން ދިޔައެވެ. ކުރިންވީ ޝައްކެވެ. މިހާރު ޔަގީންކުރަން އިތުރަށް ކުރާނެ އެހެން ކަމެއް އެބައޮތްހެއްޔެވެ؟ ވަށައިގެންހުރި ހަތަރުފާރު އަބީލާޝާގެ ދުނިޔެފިއްތާލިހެންވެސް ހީވިއެވެ.

"އަހަރެން ކިތަންމެ ނިކަމެއްޗަސް، ކިތަންމެ ހުތުރަސް، ކިތަންމެ ބަދުނަސީބަކަށްވިޔަސް، މަންމާއޭ ކިޔާފަ ގޮވާލުމުގެ އެންމެ ފުރުސަތެއް ދީފާނަންތަ؟"

ނައިނާގެ ބޯ ފާރުގައި ފިއްތާލާފައި ދެފަރާތަށް ހޫރަންފެށިއެވެ. ކަރުނަތައް ދެލޮލުގެ އެސްފިޔަތަށް ފޫއަޅުވާލާފައި ކާމިޔާބުހޯދައިފިއެވެ. އެކަމަކު އާހެއްގެ އަޑުވެސް ނައިނާގެ ރުއިމުގެ އަޑެއްގެ ގޮތުގައި އިއްވާނުލައެވެ.
އަބީލާޝާ އައިނައިގޮތެއްވެސް ނޭގުނެވެ. ނައިނާގެ ގައިގައި ބައްދައިގަތީ ނުހަނު ބާރަށެވެ.

"މަންމައަށް މައާފުކުރޭ ދަރިފުޅާ! މަންމައަށް މައާފުކުރޭ މަންމަގެ ރަންގަނޑާ! ތީ މަންމަގެ ދެލޮލުގެ ނޫރު... ދަރިފުޅުގެ ބައްޕައަށްޓަކައި ތިހިތުގައި އޮތް ގަދަރު އެނގުމަށްވުރެން ބޮޑު އުފަލެއް މިއަދަކު މަންމައަށް ނުލިބުނު" ނައިނާގެ މޫނުގެ ކޮންމެ ތަންކޮޅެއްގައި އަބީލާޝާގެ ތުންފަތް ޖައްސާލިއެވެ. އެދަރިފުޅަށް ފަރުވާއެއްގެ ގޮތުގައެވެ. ދެމައިންތިބި ހާލެއް އެދެމައިންގެ މަޖުބޫރަކަށް ހުރަހެއް ނޭޅުނެވެ.

"މަންމަދެކެ ބައްޕަ ވަރަށް ލޯބިވޭ" ނައިނާ ބުނެލިއެވެ. އަބީލާޝާގެ ދެއަތުގެ ތެރޭގައި ނައިނާއަށް އަމާންކަން އިހުސާސްވިއެވެ.

"ނައިނާ ފުރަތަމަ ފެނުނު ދުވަހުވެސް އަހަރެންގެ ހިތުގައި ނޭގޭ ނުތަނަވަސްކަމެއް އުފެދުނު... ނައިނާގެ ބައްޕައާއި ނައިނާ ވަރަށް ވައްތަރު... ނައިނާގެ ބައްޕައަކީ ވަރަށް ހިތްހެޔޮ ވަރަށް އަޒުމުވަރުގަދަ މީހެއް.. ނައިނާ ބައްޕައަކީ ވަރަށް ރީތި މީހެއް" މާޒީގެ ހަނދާންތައް އަބީލާޝާގެ ވަށައިގެން ދައުރުވާންފެށިއެވެ.

"މަންމައާއި ބައްޕައާއި ދެމީހުންގެ ދެމެދުގައި އެއްވެސް މައްސަލައެއްނުޖެހޭ... ހުރަސްތައް ކުރިމަތިކުރީ މަންމަގެ އާއިލާއިން.. މައްސަލައަކަށްހެދީ ދަރިފުޅުބައްޕަގެ ފަގީރުކަން.. ބައްޕަ ވަރަށް މަސައްކަތްކުރާނެ މަންމަ ހޯދަން... މިއަދު އެކަން ޔަގީންވެއްޖެ! މަންމަ، ދަރިފުޅަށް ބަލިވެއިންކަން އެގުމާއެކު މަންމަގެ މަންމައާއި ބައްޕަ، މަންމަ ގެންދިޔައީ އެމީހުންގެ ގާތަށް.. ބައްޕައާއި މަންމައަށް ބައްދަލުކުރުމުގެ ހުއްދަވެސް ނުލިބުނު... އެއްފަހަރު ގެއިން ފިލައިގެންވެސް ދަރިފުޅުގެ ބައްޕަކައިރިއަށް ދިޔައީން... އެކަމަކު ޖެހިގެންއައި ދުވަހު އަނެއްކާވެސް މަންމަ ގެންގޮސްފި.. އެހިސާބުން މަންމައާއި ބައްޕައާއި ދެމީހުންގެ ކައިވެނި ރޫޅާލަން މަޖުބޫރުކޮށްފި.. ދަރިފުޅުގެ ބައްޕައެދުނީ މަންމަ ވިހައި ގަދަވަންދެން ބައްޕަގެ އަންބެއްގެ މަގާމުގައި ބައިންދައި ދިނުމަށް... އެގޮތަށް ދަރިފުޅުގެ ކާފައާއި މާމަ އެއްބަސްވީ، އެދެމެދުގައި ދެމީހުން އެކަކު އަނެކަކު ބައްދަލުނުކުރުމަށް އެއްބަސް ކުރުވާފައި... މަންމައަށް ދަރިފުޅުލިބުނީ ދުވަސްނުފުރާ... މަންމަ ވަރަށް ބަލިވި... މަންމަގާތުގައި ދަރިފުޅުގެ މާމައާއި ކާފަ އަދި ޑޮކްޓަރުވެސްބުނީ މަންމައަށް ލިބުނު ދަރިފުޅު ވިހޭއިރުއޮތީ މަރުވެފައިކަމަށް... މަންމަގެ ދުނިޔެ ހަމަހިމޭންވެ، އެކަނިވެރިވީ އެހިސާބުން.. މަންމަގެ އާއިލާ ދިރިއުޅުނު އަވަށްދޫކޮށް އެހެން އަވަށަކަށް ދިރިއުޅުންވެސް ބަދަލުކުރި.. އޭގެފަހުން ދަރިފުޅުގެ ބައްޕަގެ އެއްވެސް ޚަބަރެއްނުލިބޭ... އެއީ ހިތްދަތި ދުވަސްތަކެއް!" އަބީލާޝާގެ ކަރުނަތައް ފޮހެލިއެވެ. ނައިނާގެ ދެލޮލުގައި ބޮސްދިނެވެ.

"މަންމައަށް ޔަގީން ދަރިފުޅުގެ ރައްކަލަކަށް، ދަރިފުޅު ބަލަންވެގެން އަންހެނެއްގެ އެހީތެރިކަން ބައްޕައަށް ބޭނުންވާތީ ބައްޕަ އެކައިވެނި އެކުރާނީ.. އެހެންނޫނީ ބައްޕަ އެހެން އަންހެނަކަށް ބަލާވެސްނުލާނެ... މަންމަ އަދިވެސް ބައްޕަދެކެ ވަރަށް ލޯބިވޭ.. " އަބީލާޝާގެ ހިތުގެ އުދާސްތައް ހާމަކޮށްލިއެވެ. އަދި ޔަގީންކަމާއެކު އަބީންގެ ހަނދާންތަކަށް ތައުރީފުކޮށްލިއެވެ.

-- ނުނިމޭ --
ގުޅުންހުރި
ހިމާޔަތެއް ނުލިބިފާ
6 ޑިސެންބަރ 2017
ހިމާޔަތެއް ނުލިބިފާ
4 ޑިސެންބަރ 2017
ހިމާޔަތެއް ނުލިބިފާ
2 ޑިސެންބަރ 2017
ހިމާޔަތެއް ނުލިބިފާ
22 ނޮވެންބަރ 2017
ހިޔާލު

ާހަސީ
އަންހެނުންނައް އަންހެން ކުދިންނަށް މިފަދަ އަނިޔާވެރި ވާއަަޑު އަހަން ވެސް ކެއްނުވޭ😭😭😭
މަންޖެ
ރޮވިއްޖެ ހަމަ ރަންގަޅަށްވެސް. ހިތައް ތަދުވެއްޖެ. ހަމަ އަސްލަށްވެސް މިކަހަލަ ހާލުގަ އުޅޭ ކުދިންއުޅޭނެ ދޯ... ފުނަމާ ހާދަ މޮޅޭ މާސާ ﷲ 😍😍
ދިޔެ
ވަރަށް އަސަރުކޮށްފި😢ނައިނާގެ ހިތުގެ އަޑު އިވުނީމަ...ކީއްވެތަ މިގޮތަށް ކުދިންގެ އިއްފަތްތެރިކަށް ނަގާލަނީ...ކޮންމެ މީހަކަށްވެސް ރައްކާތެރިކަން ލިބެންޖެހޭނެ އެއީ ކުޑަކުއްޖަކަށް ވިޔަސް އަދި ބޮޑު މީހަކަށް ވިޔަސް .......

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]