Mallaa Goaluge Mafhoom!
vfp.mv
VFPBAAZAARU
MIB
MIB
މައްލާ ގޯލުގެ މަފްހޫމް
inage
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަރީފު---ފޮޓޯ:ޖުޑިޝަރީ
  ޚިޔާލު | | 8 އޮކްޓޯބަރ 2017 | 6 ކޮމެންޓް
ދިވެހިރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ އޮތް ޤާނޫނީ ވަކީލުންގެ ތެރެއިން 56 ވަކީލަކު ސޮއިކޮށް، ސުޕްރީމް ކޯޓަށް ހުށަހެޅި ލިޔުމުގައި އަޅުގަނޑުވެސް ސޮއިކުރީމެވެ. އަޅުގަނޑު ގާތު މީހުން އަހައި ސުވާލު ކުރެއެވެ. އޭގައި ސޮއިކުރީ ކީއްވެ ހެއްޔެވެ. އޭގައި ސޮއިކުރުމުން، މިހާރު ކޮށްފައިވާ ސަސްޕެންޝަނަށްވުރެ ބޮޑަށް ސަސްޕެންޑު ވާނެކަން ހަމަ ނޭނގެނީ ހެއްޔެވެ؟ ދުސްތޫރު ފަސާނާ ކުރަނީ ކީއްކުރަންތޯވެސް މީހުން އަހައި އުޅެތެވެ. muni
ވަކީލުންގެ ޕެޓިޝަނުގައި އަޅުގަނޑު ސޮއިކުރީ، އެކަހަލަ އިޞްލާޙީ ޙަރަކާތެއްގައި ބައިވެރިނުވެ ހުރުމަކީ ލަދުވެތި، އަދި އަޅުގަނޑުގެ ޠަބީޢަތާވެސް ނުގުޅޭ ކަމަކަށްވާތީއެވެ. އޭގެ އިތުރުން، މިއީ ދީނީ ގޮތުންވެސް އަޅުގަނޑުމެން މުސްލިމުންގެ މައްޗަށް ނުހަނު ބާރު އަޅުއްވާފައިވާ ކަމަކަށްވާތީއެވެ. މީހުންނާމެދު (މުސްލިމަކަށް ވިޔަސް، އަދި ޣައިރު މުސްލިމަކަށް ވިޔަސް) އިންޞާފުން ނޫން ގޮތަކަށް ޢަމަލު ކުރުމަކީ މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި އިންޞާފުން އެއްކިބާވެ ހިނގާ ކަމެއް ފެންނަ ހިނދު، އެކަމެއް ހުއްޓުވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ވެގެންވާ ކަމެކެވެ. އެންމެ މޮޅު އިތުރީ ޢަމަލުން ހުއްޓުވުމެވެ. އެހެން ވާން ނެތްނަމަ، އެކަމާ ނުރުހުން ފައުޅު ކުރުމެވެ. އެވަރުވެސް ކުރެވެން ނެތްނަމަ، ތިމާގެ ހިތުން އެކަމަކާ ނަފުރަތުކޮށް، ނުރުހި ހުރުމެވެ. ޢަދުލް އިންޞާފުގެ މައްސަލައިގައި އަޅުގަނޑަށް ލައްވާލީ ދެވަނަ ހަރުފަތުގައެވެ. ޢަމަލީ ގޮތުން ކަމެއް އިޞްލާޙު ކުރުމުގެ ބާރު އޮތީ ސުޕްރީމް ކޯޓުގައެވެ. އަޅުގަނޑުމެންނަށް އޮތީ، ޢަދުލް އިންޞާފާ ޚިލާފު ކަންކަން ފާހަގަކޮށް، އެކަންކަން ސުޕްރީމް ކޯޓުގެ ސަމާލުކަމަށް ގެނައުމެވެ. އަދި އިޞްލާޙު ކުރުމަށް ބާރު އެޅުމެވެ.

އިޞްލާޙީ މަސައްކަތުގައި އުޅޭ ވަކީލުންނާމެދު ސުޕްރީމް ކޯޓުން ވަނީ ފިޔަވަޅު އަޅައިފައެވެ. ސުޕްރީން ކޯޓުން ދެކެވަޑައިގަންނަވަނީ، އަޅުގަނޑުމެން ސުޕްރީމް ކޯޓުގެ ޙުރުމަތް ކަނޑާލީ ކަމަށެވެ. އެކަން އެގޮތަށް ހިނގައިފައިވާކަމަށް ސުޕްރީމް ކޯޓުން ޤަބޫލު ކުރައްވާނަމަ، ޤާނޫނުގައި އޮތް ގޮތަށް ޢަމަލު ކުރުމަކުން އަޅުގަނޑުމެންގެ ފަރުވާލެއް ނެތެވެ. ކަންބޮޑުވުން އޮތީ، ޤާނޫނުގައި އޮތް ގޮތަށް ޢަމަލު ނުކުރައްވާތީއެވެ. ޢާންމު ބަހުން ނަމަ، 'ވާނުވާ' ޖަހާތީއެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ފީފާ ރެފްރީއަކީ އަލްއަޚް މައްލާ ޅަތުއްތުއެވެ. އޭނާއަކީ އަޅުގަނޑު ވަރަށް ބޮޑަށް އިޙްތިރާމްކުރާ، ކުޑަކޮށް ބިރުވެސް ގަންނަ މީހެކެވެ. ރެފްރީ ވީމައެވެ. މައްލާގެ ރެފްރީ ކަމުގެ ކެރިއަރު އަޅުގަނޑު ވަރަށް ގާތުން ބެލީމެވެ. އެއީ، އަޅުގަނޑުގެ އޭރުގެ ޙަޔާތުގައި އޮތީ ބޯޅަ ކުޅުން ކަމަށްވާތީއެވެ. އަޅުގަނޑު ހީކުރީ އަޅުގަނޑަކީ ވަރަށް މޮޅު ފުޓުބޯޅަ ކުޅުންތެރިއަކަށް ވާނެކަމަށެވެ.

މައްލާގެ ރެފްރީ ކަމުގައި ބައެއް ކުދި ކުދި ގޯސްތައް ވެސް ހެދިފައި ހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ، ގޯލުގެ އަރިމަތީ ދާގަނޑަށް (ގޯލާ މުޅިންބޭރުން) ދިޔަ ބޯޅައެއް، ގޯލުގެ އަރިމަތީ ދާގަނޑު ހަލާކުވެފައި ހުރުމުގެ ސަބަބުން ގޯލުގެ ތެރެއަށް ބޯޅަ ވަތް ދުވަހެއްގައި، އެއީ ގޯލެއްކަމަށް މައްލާ ދެއްކެވި ހާދިސާއެވެ. އެބޯޅަ ގޮސް ވަނީ ގޯލުން ބޭރުންނެވެ. ދާގަނޑު ހުރީ ހަލާކުވެފައެވެ. އެކަމެއް މައްލާއަކަށް އެނގިވަޑައެއް ނުގަންނަވައެވެ. މައްލާއަށް ފެނިވަޑައިގަތީ، ބޯޅަ، ގޯލުގެ އެތެރެއިން ނެރުނު ތަނެވެ. މައްލާ ނިންމެވީ އެއީ ގޯލެއް ކަމަށެވެ. މެޗު ބަލަން ތިބި ކުޅިބެލުންތެރިންނަށާއި، ދެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި، އަދިވެސް އެމަންޒަރު ފެނުނު އެންމެނަށް އެއީ ގޯލެއް ނޫންކަން ސާފުކޮށް އެނގުނެވެ. ނަމަވެސް، މައްލާގެ ނިންމެވުމަކީ އެންމެ ފަހުގެ ނިންމުމެވެ. އެއީ ގޯލެކެވެ! އަޅުގަނޑު ދެކޭ ގޮތުގައި އެކަމުގައި މައްލާގެ ކުށެއް ނެތެވެ. ރެފްރީއަށް ގޯސް ހެދުމަކީ ފުޓުބޯޅަ ފުޓުބޯޅައަށްވާ އެއް ސަބަބެވެ.

އެހާދިސާގެ ފަހުން، ކުޅިވަރުގެ މާޙައުލުގައި "މައްލާ ގޯލު" އަކީ މަފްހޫމެކެވެ. އަރިމަތީ ދާގަނޑުގައި ބޯޅަ ޖެހިއްޖެނަމަ، އެއީ 'މައްލާ ގޯލެ' ކޭ ކިޔައި އުޅެއެވެ. އެކަމަކުން މައްލާގެ ހައިބަތަކަށް، މަޤާމަކަށް، ނުވަތަ ނަމަކަށްވެސް ހުތުރެއް ނުވެއެވެ. އަދި ޙުރުމަތެއްވެސް ނުކެނޑައެވެ. މައްލާއަށް ފުޓުބޯޅަ ޢާއިލާއިން ކުރާ އިޙްތިރާމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ރެފްރީންގެ މަސައްކަތަކީ އެހާ އުނދަގޫ ކަމެއްކަން އެނގިހުރެ، އެމަސައްކަތް ހިތްވަރާއެކު ކުރެއްވިކަމަށްޓަކައި ހިތުގައި އޮންނަނީ މާބޮޑު ލޯތްބެކެވެ. 'މައްލާ ގޯލު' ގެ މަފްހޫމުން ދަރުސް ލިބިގެން، އޭގެ ފަހުން، ބަދަލު ރެފްރީއަކަށް ހުންނަ މީހަކު ގަވާއިދުން ދާގަނޑު ބަލައި، ޗެކުކޮށް ހަދައެވެ. އެކަހަލަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށެވެ. އިންޞާފުވެރި ވުމަށްޓަކައެވެ.

ހަމަ އެގޮތަށް، 1986 ވަނަ އަހަރު މެކްސިކޯގައި އޮތް ވޯލްޑްކަޕުގައި އިނގިރޭސި ވިލާތާ ދެކޮޅަށް ކުޅުނު މެޗެއްގައި، މެރަޑޯނާ އަތުން ގޯލެއް ޖެހިއެވެ. ރެފްރީ ނިންމީ ގޯލެއް ކަމަށެވެ. މަރަޑޯނާ އެބޯޅައިގައި އަތުން ޖެހިކަމަށް، އިނގިރޭސި ގޯލް ކީޕަރު ޝަކުވާ ކުރިއެވެ. އެމަންޒަރުން ޕޯސްޓަރު ހަދައި، އިނގިރޭސި ވިލާތުގައި ބަހައި ހެދިއެވެ. މަރަޑޯނާގެ އެގޯލު މަޝްހޫރު ވެފައިވަނީ "ހޭންޑް އޮފް ގޯޑް" ގެ ނަމުންނެވެ. އެގޯލުގެ ސަބަބުން އިނގިރޭސިން ކެޓީއެވެ. އެގޯލުގެ ވާހަކައަކީ، ކުޅިވަރުގެ އެތިކްސްއާބެހޭ ވޯކްޝޮޕްތަކާއި، ސެމިނަރ ތަކުގައި މިހާރުވެސް ދިރާސާކޮށް ބަހުސްކުރާ މައުޟޫއެކެވެ. މިކަންކަން މިހެން ހިނގި ނަމަވެސް، އެމެޗުގައި ރެފްރީކަން ކުރި މީހުންގެ ހައިބަތާއި ޤަދަރާއި ކަރާމާތާއި 'ޙުރުމަތަ' ކަށް އާދަޔާ ޚިލާފު އުނިކަމެއް ނާދެއެވެ.

މިދެންނެވި ދެމިސާލުގައިވެސް، ރެފްރީގެ ނިންމުމަށް ދުނިޔޭގެ ފެންވަރުގައާއި ދިވެހިރާއްޖޭގެ ފެންވަރުގައިވެސް ފާޑުކިޔައި ހަދައެވެ. ފާޅުގައެވެ. މީޑިއާއާއި ޢިލްމީ ކަރުދާސްތަކާއި ވޯކްޝޮޕްތަކާއި ސެމިނަރތަކުގައެވެ. ނަމަވެސް، އެގޮތަށް ފާޑުކިޔާ އެއްވެސް މީހެއްގެ މައްޗަށް އެއްވެސް އަދަބެއް އެއްވެސް އިރަކު ދީފައެއް ނުވެއެވެ. މައްލާއެއްވެސް، އެމަނިކުފާނުގެ "ހުރުމަތަށް" އަސަރު ކޮށްގެނެއް ނޫޅެއެވެ. މައްލާއަށް އެދުވަހު، އެގޯލަކީ ޞައްޙަ ގޯލެއް ކަމަށް ނިންމެވުނީ، އެމަނިކުފާނަށް ޙަޤީޤަތް އެނގިވަޑައި ނުގެތް ހުންނެވުމުގެ ސަބަބުންނެވެ. އެބޯޅަ ވަނީ ބޭރުން ގޮސްކަން، އެމަނިކުފާނަށް އެނގިވަޑައިގެންނެވި ނަމަ، ގޯލެއްކަމަކަށް ނުދެއްކެވީހެވެ.

މައްލާ ގޯލާއި ހޭންޑް އޮފް ގޯޑުގެ ތަޖުރިބާއިން ފުޅުބޯޅަ ޢާއިލާއިން ބެލީ، އެމައްސަލަ ދެން ދިމާނުވާނެ ގޮތަކީ ކޮބައިތޯއެވެ. އެގޮތަށް މަސައްކަތް ބައްޓަންކުރީއެވެ. ފީފާއިން ރެފްރީންގެ ޢަދަދު އެއަންނަނީ ގިނަ ކުރަމުންނެވެ. ވީޑިއޯ ޓެކްނޮލޮޖީ އެދަނީ ތަޢާރުފު ކުރަމުންނެވެ. ސުޕްރީމް ކޯޓުން ކުރައްވާ ކަމަކާމެދު ހިތްހަމަ ނުޖެހިގެން ރައްޔިތުންގެ ތެރެއިން ބަޔަކު އެވާހަކަ ދެއްކީމާ، އެވާހަކަ ދެއްކި ބަޔަކު ރޯނާ ގަންނަވާލުމުގެ ބަދަލުގައި، އެދެއްކި ވާހަކައަށް ބަލައި، އެވާހަކައިގެ ތެދުދޮގު ބަލައި، އެކަމެއް ޙައްލުކުރަން މަސައްކަތް ކުރުމުން އެކަން ނިމުނީއެވެ. އަޅުގަނޑުމެން ޕެޓިޝަނުގައި ސޮއިކުރި ވަކީލުންގެ ބޭނުމަކީ އެއްވެސް އިރެއްގައި އެއްވެސް މީހެއްގެ ޙުރުމަތް ނަގާލުމެއް ނޫނެވެ. ކަންކަން އިޞްލާޙު ކުރުމެވެ. އެކަމުގެ މައްޗަށް އަޅުގަނޑުވެސް އަދި ޕެޓިޝަނުގައި ސޮއިކުރި ގިނަ ވަކީލުން މިހާރު ވަނީ ސުޕްރީމް ކޯޓަށް ބަޔާނެއްވެސް ދީފައެވެ.

އަޅުގަނޑުމެންގެ ތެރެއިން، ބައެއް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް، އެބޭފުޅުން ކުރައްވާ ރަނގަޅު ނޫން ކަންކަމުގެ ވާހަކަ މީހުން ދެއްކެވީމާ، ޙުރުމަތް ގެއްލޭކަމަށް ޤަބޫލު ކުރެއްވެނީ ކޮން ވިސްނުމަކުން ކަމެއް އަޅުގަނޑަކަށް ސާފެއް ނުވެއެވެ. ތުއްޕުޅުއިރު ކުޅިވަރުގައި އުޅުއްވާފައި ނެތީއެވެ. މައްލާ ގޯލުގެ މަފްހޫމު އެނގިވަޑައިގަންނަވާނަމަ، ސުޕްރީމް ކޯޓަކުން އަޅުގަނޑުމެން ސަސްޕެންޑެއްވެސް ނުކުރެއްވީހެއެވެ. އެއީ، ސުޕްރީމް ކޯޓުންވެސް މައްލާ ގޯލެއް ޖެއްސެވީމާ، ސުޕްރީމް ކޯޓާއެކު މަސައްކަތް ކުރަން ތިއްބެވި ވަކީލުންނަށް ބުނެވޭނީ އެއީ މައްލާ ގޯލެއް ކަމަށެވެ. އެއީކީ، މީހެއްގެ ޒާތާ ބެހުމުގެ ގޮތުން ދައްކާ ވާހަކައެއް ނޫނެވެ. ސުޕްރީމް ކޯޓުގެ ޙާލަތު، މައްލާ ގޯލަކަށްވުރެވެސް ގޯހެވެ. އެއީ، މައްލާއަށް، އެއީ ބޭރުން އައިސް ވަތް ބޯޅައެއްކަން އެނގިވަޑައި ނުގަންނަވާތީއެވެ. ސުޕްރީމް ކޯޓުގެ ޙާލަތު، އެއާ މާބޮޑަށްވެސް ތަފާތުވީމައެވެ.

އެޑިޓަރުގެ ނޯޓު:
އަޒުހަރު ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލް ކުރައްވާފައިވާ ހުސައިން ޝަމީމަކީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. ޕްރޮސެކިއުޓަ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާ ކުރެއްވުމުގެ އިތުރުން ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމު ވެސް އަދާ ކުރައްވާފައިވާ ޝަމީމަކީ ރާއްޖޭގެ ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަންކަން އިސްލާހު ކުރެއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
ގުޅުންހުރި
ޝަމީމަށް ތިން މަސް ދުވަހުގެ ސަސްޕެންޝަނެއް
13 ސެޕްޓެމްބަރ 2018
ވަކީލު ޝަމީމް ޑީޖޭއޭއަށް ހާޒިރުކުރަނީ
12 ސެޕްޓެމްބަރ 2018
ރިޔާޒުގެ ހުކުމް ތަންފީޒުކޮށް ނިމިއްޖެ، އަވަހަށް ދޫކޮށްލައްވާ: ވަކީލުން
2 ސެޕްޓެމްބަރ 2018
ޝައިޚް ނަސުރުﷲގެ ވަކީލުކަމުގެ ހުއްދަ ސަސްޕެންޑްކޮށްފި
16 އޯގަސްޓު 2018
ހިޔާލު

އިބޫ
މައްލާ، އިބްޜަހިްމ އިސްމައިލް ފަދަ ބެފުޅުންނައި ތިޔ ކޯތް ގަި ތިބި މީހުނައި އަޅާ ކިޔާވަރާސް ވުރެ، މައްލާ މެންގެ ހައިބަތި ބޮޑެވެ، އެބޭފުޅުންނީ، ކުށް ބަލައިގަނެ، އަނެކާގެ ވާހަކަ އަށް އިހުތިރަމު ކޮސް ޕްރިންސްލް، އެތިކްސް، އެއގައ މަސައްކަތް ކުރެއްވި، ކުޅިވަރުގެ މައިދާނުގެ ކުޑަ ބޮޑު އެންމެ ބޭފުޅުންގެ އިހުތިރާމް ލިބިގެން، އެ މައދާނުން ރިޓަޔަރ ކުރައްވާފަ ތިބި ބޭފުޅުން އިނގޭތޯ ޝަމީމް
ކެޔޮޅު
ކީއްކުރާނީ. ގޯލުގެ މިސާލު ދައްކައިގެން މިމީހުންނަކަށް ނޭނގޭނެ. އަސްލު ނޭނގެނިންޔެ ނޫން. ހަގީގަތުގައި ނޭނގޭކަމަށް ހަދަނީ. ސަލާން
ގައުމު
މިއީވާ ގައުމެއް. ކީއްކުރަނީ، މައްލާ ގޯލެއްވެސް ނޫން. އެއަށްވުރެވެސް މަތިން. މިހަދާގޮތެއް ނޭނގޭ. މިއީވާ ގައުމެއް. ޝަމީމުމެން ކަހަލަ ބޭބޭފުޅުންގެ މަސައްކަތް އަދިވެސް ގިނަ ކުރަންވީ
އިޚްސާލް
މައްލާ ފުރަތަމަ ގޯލެއްކަމަށް ނިންމިއަސް ފަހުންވަނީ އެނިމުން ބަދަލުކޮށް ގޯލެއް ނޫންކަމަށް ނިންމާފައެވެ.
މުޅިންވެސް ކުޅިވަރާ ނާޗަރަންގީގެ ވާހަކައެވެ. ކުޅިވަރެއްގައި ނިންމާ ނިންމުމަކާ، ޤައުމެއްގެ ކޯޓަކުން ނިންމާ ނިންމުންތަކާ ހާސްބައި ތަފާތުވާނެއެވެ.
ބެއްޔާ
ދަތިކުރުމުގެ ފިޔަވަޅު އަޅަން މާލަސްވެއްޖެ.
ޙަސަން
ލަގްޒާރީ ދެ އެޕާޓްމަންޓު ދޭން ޖެހޭނެ ކަމަށް ޝަރުޠުކޮށް ފައެއް ނޫން މައްލާ ގޯލެއް ކަމަށް ނިންމީ ..

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]