Himaayatheh Nulibifai Episode 32
vfp.mv
VFPBAAZAARU
MIB
MIB
ހިމާޔަތެއް ނުލިބިފާ
inage
ހިމާޔަތެއް ނުލިބިފާ
  މުނިފޫހިފިލުވުން | ވާހަކަ | | ފުނަމާ | 14 ސެޕްޓެމްބަރ 2017 | 4 ކޮމެންޓް
32 ވަނަ ބައި Dhiraagu
ޖަހާލާ ބާރުގަދަ ގުގުރީގެ އަޑުން އިމާރާތްތަކަށް ގުޑުންއަރައިގެންދެއެވެ. ވިދާލާވިދުވަރާއިއެކު ލޮލުގެ އަލިކަން ފަނޑުވެދާނެހެން ހީވާ ކިތަންމެ ފަހަރެއް ހިގައްޖެއެވެ. އުޑުމަތީގެ ބަނަކަމާއިއެކު ކުރިމަތީގައި ހުންނަ ގެތައްވެސް ފެންނަނީ ނުހަނު ފުސްކޮށެވެ. މުޅިރާއްޖެއަށް މޫސުންގޯސްވެ ދަތުރުފަތުރުނުކުރަން ސަލާމަތީ ބާރުތަކުން އަންގާފައިވަނީ ކަނޑުތައް ކެކިގެން އުތުރޭތީއެވެ. ވައި މަޑުވާ ވަގުތެއްވެސް ނާންނާތީއެވެ. ބިރުވެރިކަމާއި ނާމާންކަން ރޭގަނޑާއި ދުވާލު ވަކިކުރަން އުނދަގޫވާހައި އަނދިރިއެވެ.

ރާޅުތަކުގެ ތެރޭގައި ޑިންގީ ޣަރަގުވެދާނެހެންހީވަނީއެވެ. ވައިދަގަ ދުވަހެއްގައި ހިކިފަތެއް ވަޔާއިއެކު އުފުލާލާނެހައި ލުއިކޮށް، ކިތަންމެ ރާޅަކާއިއެކު އެޑިންގީ އެދަނީ އުކަމުން، އެއްލަމުންނެވެ. ގަންބޫޓަށް އަރައިގެން ބޮޑު ވިއްސާރަކޯޓުގައި މުދިމު ހުއްޓަސް، ޒައިނަބު ހުރީ ތެމިފޯވެފައެވެ. ލައިގެން ހުރި ހަރުވާޅު ކަކުލާއި ހަމަޔަށް އޮޅާފާއިހުއްޓަސް ބޮޑުވެފައި އޮތް ފެންގަނޑުގެ ތެރޭގައި ޒައިނަބުގެ ކަކުލުންތިރި ތުރުތުރުއަޅަނީއެވެ. ގެއިން ނިކުތްއިރު އަތުގައި ކަޅު ކުޑައެއް އޮތަސް، ފޫޓަކަށް ހިނގާނުލެވިގެން އުޅެނިކޮށް ޒައިނަބުގެ އަތުގައި އޮތް ކުޑައިގެ ފޮތިގަނޑު ވައިގެތެރެއަށް ގޮސް، ހަމައެކަނި ދުނިގަނޑަށް ބަދަލުވިއެވެ. އެވަގުތު ދުނިގަނޑު އެއްލާލެވުމާއެކު ދެއަތް ހުރަސްކޮށް ހަށިގަނޑުގައި ބާރަށް ހިފަހައްޓާލެވުނެވެ. ގަދަ ވައިގެ ފިންޏާއި، ބޯވާރެއިން ހަށިގަނޑު ނިކަމެތިކުރާތީއެވެ.

"ހޫނުކަމެއް ބޭނުންތަ" ބައްޕަގެ އަޑެވެ. މަލާމާތުންފުރިފައިވެއެވެ.

ދުއްވަމުންދިޔަ ކޮރޮޅީގެ ބުރަކި ކުއްލިޔަކަށް ޖެއްސީއެވެ. އެއްއަތުން ދަރިފުޅު ހިފަހައްޓާފައި އަނެއް އަތުން ކުރިމަތީގައި އޮތް ދަގަނޑުގައި ޒައިނަބު ހިފެހެއްޓިއެވެ. ވަރަށް ބާރަށެވެ. އެވަރަށް ހުށިޔާރުކަމާއިއެކު ނުހިފެހެއްޓުނުނަމަ އަނިޔާއެއްވާފަދަ ގޮތަކަށް ޒައިނަބުގެ މޭ، އެދަނގަޑުގައި ޖެހުނީއެވެ. ކަންފަތުގައި އަދިވެސް ހަރުލާފައިހުރީ ދެންމެ ޚިޔާލުގެތެރެއިން އިވުނު އަޑެވެ.

"ނުވެސްފެނޭތަ، ކުރިމަތިން އޭތި ހުރަސްކުރިތަން... ވިސްނައިގެން އިންނަށްޗޭ... އަދި ގެއަށްދާން ވަރަށް ވަގުތުނަގާނެ" ރަފީގު ބުނެލިއެވެ. ޒައިނަބު ސިއްސައިގެން ދިޔައީއެވެ. ޚިޔާލުގެ ތެރޭގައި އިދެވުމުން ވަށައިގެން ހިނގާ އެއްވެސް ކަމެއް ޒައިނަބަށް ނުފެނުނީއެވެ. ދަނޑުގެ މާހައުލާއި ޒައިނަބުގެ ހަޔާތާއި ގުޅިފައިވަނީ ބިރުވެރި ސިފައެއްގައެވެ.

އާއެކެވެ. ވާރޭގެ ބަރުތިކިތައް ޒައިނަބުގެ ހަށިގަނޑަށް އަމާޒުވަމުން ދިޔައިރުވެސް އެކެރިގަނޑުގެތެރޭގައި ފުއްޓަރުފަރާތަށް ޒައިނަބު ކޮންމެހެން ގެންދަން 'ބައްޕަ' ބޭނުމެވެ. ފަޅުރަށަށް ދިއުމަށްޓަކައި ރަފީގު މިހާރު ފުރާނެއެވެ. އޭނައަށް އަނގާފައި އޮތް ވަގުތުޖެހެނީއެވެ. ގެއެއްގެ އޮޅިގިރާކޮށް ދޮރުން ބޭރަށް ލޯވެސް ދިއްކޮށްލާނެ ރައްޔިތަކު ތޮއްޑޫގައި ނޫޅޭނެކަން މުދިމަށް އެވަގުތު ޔަގީނެވެ. މޫސުމީ ތޫފާނުގެ ބާރު އެއަށްވުރެން ބިރުވެރިއެވެ.

ކުޑައެއްނެތި ޒައިނަބު ތެމެމުން ދިޔައިރުވެސް ނުބައި މާނައެއްގައި ނޫނީ މުދިމުގެ ދުލުން ބަހެއް ނުނިކުތެވެ. ރަހުމެއް ދަރިކުލުނެއްގެ ޒައްރެއްގެ މިންވަރުވެސް އެއިންސާނެ ހިތުގައި ނުވެއެވެ.

ރާޅުތަކުގެ ތެރޭގައި ރަފީގު އުކަމުން، ޑިންގީގައި ނަގާޖަހަމުން ދިޔައިރުވެސް މުދިމުހުރީ ހެވި ދިލިފައި މަންޒަރުބަލާށެވެ. ޒައިނަބުގެ ހިތުގައި އެދުވަހު އޮތް އެއްޗެއް މިއަދަކު ހަނދާނަކަށް ނައެވެ. ރަފީގަކީ އޭރު، ޒައިނަބުގެ ވަގު ލޯބިވެރިޔާއެވެ. ރަފީގު އެދަނީ ޒައިނަބުގެ ފިރިމީހާ ގަތުލުކުރުމަށެވެ. ފަޒީލްގެ ނަން މިދުނިޔެއިން ނެތިކޮށްލުމަށެވެ. ފަޒީލްއަކީ ވަރަށްބޮޑު އެކަނިވެރިއެކެވެ. މުސްކުޅި މަންމައެއްހުރީތީވެ، އެމަންމަވެސް ދާދި ފަހަކުންވަނީ ނިޔާވެފައެވެ. ފަޒީލްގެ ފަރާތުން އިންސާފު ހޯދުމަށް މުގޯލިއަޅާނެ މީހަކު ނެތެވެ. ހުރިހަމައެކަނި މީހަކީ ޒައިނަބެވެ. ދެދަރީން ދާދި ކުޑައެވެ.

ފަޒީލްގެ ފަރާތުން ޒައިނަބުގެ ބައްޕައަށް ކުރިމަތިވި ހުރިހާ ހުރަހެއް އެވަނީ ކަޑައްތުކޮށްފައެވެ. ނުވަތަ އެކަމެއް ނެތިކޮށްލާފައެވެ. އެކަމެއްގެ އަޑު އެހެންކަންފަތަކަށް އިވުމުގެ ފުރުސަތެއް މުދިމު ދުނިޔޭގައި ހުރެ، ހަމަހިލާ ނުދޭނެއެވެ. ފަޒީލްއަށް ޝައްކުވުމުގެ ފުރުސަތު ނުދިނުމަށް މުދިމު ރޭވިރޭވުން ކާމިޔާބުވީ ލައިކާއަށް ހެޔޮނުބައި އެގެންދެނެވެ. ހަފްތާއަކު އެއްމެ ރެއަކަށްނޫނީ ފަޒީލަށް ރަށަށް އައުން މުދިމުވަނީ މަނާކޮށްފައެވެ. ރަށުގެ ދަނޑުތަކުން ވައްކަންކުރާތީއެވެ. ގަސްތަކަށް ގެއްލުންދޭތީއެވެ. އިތުބާރުކުރެވޭ މީހަކު ރަށުގައި ބެހެއްޓުން ކޮންމެހެން މުހިއްމުވާތީއެވެ. ލޯބިވާ އަނބިމީހާއާއި ދެދަރިން ދޫކޮށްފައި ފަޒީލް ފަޅުރަށުގައި ހުރީ ހަމައެކަނި ޒައިނަބަށްޓަކައެވެ. ހަމައެކަނި ޒައިނަބުގެ ލޯތްބަށްޓަކައެވެ. ޒައިނަބުގެ ކޮންމެ ބުނުމެއް ފުރިހަމަވުމަކީ ފަޒީލްގެ ދިރިހުރުމުގެ މޮޓޯއެވެ.

ހުއްދައެއްނެތި، އަނބިމީހާއަށް ސަޕްރައިޒެއް ދިނުމަށް އެދުވަހުގެ އިރުއޮއްސުނުވަގުތު ފަޒީލް ރަށަށްއައީ ނުހަނު ފޮނި އުއްމީދުތަކަކާއިއެކުއެވެ. ޒައިނަބުގެ ހަނދާންތަކުން ހިތަށް އުނދަގޫވާތީ ދުރުގައިހުރުން ދަތިވެގެންނެވެ. ނަމަވެސް ގޭތެރެއަށް ވަނުމާއިއެކު ފަޒީލްގެ ހަތަރެސްފައިގައި އެރޭ ހިލިހިލާ އެޅުނީއެވެ. އާއެކެވެ. ދުލާއި ކަންފަތުގައިވެސް ތަޅުއެޅުވީއެވެ. ފަޒީލްގެ އަނގައިން އެންމެ ލަފުޒެއް ބޭރުކުރިޔަސް، ދެ ދަރިންނާއި އަނބިމީހާގެ ފަތިފުށް ރަށުތެރޭގައި ބޭޒާރުކުރާނެކަމަށް ޒައިނަބުގެ ބައްޕަ ބުނެލިއެވެ. ހުރިހާ ނުލަފާކަމެއްކުރަނީ އޭނައެވެ. އެހެންމީހުން ބޭޒާރުކުރަން އޭނައެހެރީ ހަތިޔާރު ތައްޔާރުކޮށްގެންނެވެ. ފޯނުގައިވަނީ މަންޒަރުތައް ރައްކާކޮށްފައެވެ. އެއީ ޒައިނަބަށްވެސް ކުރިން އެގިފައިނުވާ ކަމެކެވެ. ފިރިހެންމީހާއަކީ ކާކުކަމެއް ނޭގެއެވެ. މޫނެއްފެންނަނީއެއް ނޫނެވެ. ނަމަވެސް އެފާސިދުއަމަލުގައި ޒައިނަބާއި ދެދަރީން އެތިބީ ސާފުކޮށް ފެންނާށެވެ. ހުރިތަނަށް ކަނޑާވައްޓާލި ރުކެއްހެން ފަޒީލްވެއްޓުނެވެ. ހެދޭނެ އެއްގޮތެއްވެސް ނެތެވެ. ދަރިން ގޮވައިގެން އެތަނުން ނިކުމެގެން ދާކަށް، ޒައިނަބު ތައްޔާރެއްނޫނެވެ. އޮފީހުގައި މައްސަލަ ރިޕޯޓްކުރެވޭކަށް ނެތެވެ. އަނބިދަރީންގެ ކަރާމާތަށްޓަކައެވެ. ފަޒީލްގެ ކުޑަކުޑަ ގެއަށް ބަދަލުވެވޭކަށްނެތެވެ. ޒައިނަބު އެއްބަހެއް ނުވިއެވެ. ފިރިމީހާއާއި ދަރީންނަށްވުރެން ބައްޕަ މުހިއްމުވަނީއެވެ. ކުރެވުނު ޒުވާބެއްކުރެވުނީ އެރޭގެ ފަތިސްވަންދެނެވެ. ފަޒީލްގެ ރުޅިކޮންޓްރޯލުން ނައްޓައިގެން ދެފަހަރަކު މުދިމުގެ އަނގަމަތީގައި ޖެހިއެވެ. އިރުއެރުމުގެ ކުރިން ރަށުން ނުފައިބައިފިނަމަ މުޅިރަށަށް ބޭޒާރުކުރާނެކަމުގެ އިންޒާރާއެކު ފަޒީލް ފުރަގަސްދީ، ގެއިން ނިކުތީ ޒައިނަބާއި ހަތަރުކަޅިވެސް ހަމަނުކޮށެވެ.

ނަބާގެ ގައިގައި ފަޒީލް އަތްވެސް ޖައްސައިނުލައެވެ. ނަމަވެސް އެތައް އިރެއްވަންދެން ލައިކާގެ ގައިގައި ބައްދައިގެން އޮވެ، ފަޒީލް ހަރުއަޑުން ރުއެވެ. މުދިމުގެ ގަދަ އަޑާއިއެކު ގެއިން ނިކުމެގެން ދަމުންވެސް ލައިކާއަށް ގޮވާލައިފައި ފަޒީލް ބުނެލިއެވެ.

"ދަރިފުޅުދެކެ ބައްޕަ ވަރަށް ވަރަށް ލޯބިވޭ... ބައްޕަގެ ދަރިފުޅާ! ހަމަހޭގައި ނުބައިކަމަކަށް އެއްބަސްނުވާތި"

ދެލޮލުން ލޭކަރު އޮހޮރަމުން ބައްޕަޔަކު އެވަރުގެ އަސަރުގަދަ ޖުމުލައެއް ބުނެލާއަޑު އިވުމަކީ އާންމުކަމަކަށް ނުވެދާނެއެވެ. ފިރިމީހާ ފުރަގަސްދިން ވަގުތު ޒައިނަބުގެ ކަކުލުހުޅުން ވާގިދޫވެގެން ވެއްޓުނީ ތަޅުން މައްޗަށެވެ.

"ހާދަ ފުން ޚިޔާލެއްގައި ތިއިނީ!" ލައިކާ ސިއްސައިގެން ދިޔައީ ސަކީނާމެޑަމްގެ އަޑު ދާދި ގާތުން އިވުނީމައެވެ.

އަތުގައި ހުރި ދުވަސްވީ ލަކުނުތަކުގައި ލައިކާ ފިރުމާލިއެވެ. ތެދެކެވެ! އެއްބަސްނުވެ، ކުރެވެން އޮތް ހުރިހާ އިންކާރެއް ލައިކާ ކުރިއެވެ. އިލޮށިފަތީގެ ދިލައާއި ފައިވާންކިބައިގެ ހޫނުތަދު އަދިވެސް އެލަކުނުތަނުގައިވެއެވެ. ބެލްޓުން ތަޅާފައި ހުރިތަންތަން އަދިވެސް ފާޅުކޮށް އެގެއެވެ. އެލަކުނުތައް ލައިކާގެ ގައިގައިވަނީ ކަޅުވެފައެވެ.
ދެކަކުލުގައި ބައްދާލައިގެން އިންދެފައި ލައިކާ އިސްއުފުލާލިއެވެ. ހިނިތުންވާން މަސައްކަތްކުރިޔަސް، އެކަން ކާމިޔާބެއްނުވިއެވެ. ލޮލުގައި ޖަމާވެފައިހުރި ހޫނު ކަރުނަތައް ކޯތާފަތް ހުރަސްކޮށްފިއެވެ.

"މަންމަ މަތީން މާ ބޮޑަށް ހަނދާންވަނީ... ކިތަންމެ ދެރަގޮތެއް ހެދިޔަސް އެއީ އަހަރެންގެ މަންމަ... ދައްތަ މަތީންވެސް ވަރަށް ހަނދާންވޭ... އެމީހުންދިރުއެޅެނީ މިހާރު ވަރަށް އުފަލުގައި ކަންނޭގެ... އެކަމަކު ދައްތަ ފިރިމީހާއަކީ ވަރަށް ނުބައި މީހެއް... އޭނައާއި އިނދެގެން ދައްތައަށް އުޅެވޭނެހެން ހިޔެއްނުވޭ" ލައިކާގެ މޫނުން ފެންނަ އަސަރުތައް ދެނެގަތުމުގައި ސަކީނާ ކުރިހޯދަނީ ތަޖުރިބާގެ އަލީގައެވެ.

"މާބޮޑަށް ހަނދާންވަނީތަ؟ ގެއަށް ދާހިތްވަނީތަ؟ ދައްތަދެކެ ލައިކާ ވަރަށް ލޯބިވޭދޯ؟"

ބުރަކަށީގައި ފިރުމާލަމުން ސަކީނާ ސުވާލުކޮށްލިއެވެ. ގާތުގައި އިށީނެދެލީވެސް ލައިކާ އިށީދެގެން އިން ގޮތަށެވެ. ގާ އަށްޓަށް ދެފައި އެރުވުމަށްފަހު، ދެކަކުލުގައި ވަރަށް ހަމަޖެހިލާފައި ހިފަހައްޓާލިއެވެ. ޝައުގުވެރިކަމާއިއެކު ލައިކާގެ މޫނަށް ބަލާލިއެވެ. ކަރުނަފޮހެލި މަންޒަރު ފެނުމުން ސަކީނާއަށް އުނދަގޫވީކަން ޔަގީނެވެ. ނަމަވެސް ވާހަކައާއިގެން ކުރިއަށްދިއުން ބުއްދިވެރިކަމަށް ސަކީނާ ދުއްޓެވެ.

"ދައްތައާއި ލައިކާއާއި ވަރަށް ވައްތަރުތަ؟" ވަރަށް ކުރުޖަވާބަކުން ފަށަށް ސަކީނާ ބޭނުންވީއެވެ. ނަތީޖާ ވަރަށް ރަގަޅެވެ. ލަސްލަހުން ލައިކާގެ ބޯ ގުހޫރުވާލިއެވެ. ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

"ކުޑަކޮށްވެސް ވައްތަރެއްނޫން... އެއްދުވަހަކު ބައްޕަބުނި، ލައިކާ ވައްތަރީ ބައްޕައާއޭ.. އެކަމަކު ދައްތަ ބައްޕައަކާއިވެސް މަންމައަކާވެސް މައްތަރެއްނޫނޭ" ފިކުރެއްގައި އިނދެފައި ލައިކާ ބުނެލިއެވެ. އާއިލާގެ ވާހަކަތަކުން ސުރުޚީ އެޅިފައިނުވާ ވާހަކަތައް ފުރަތަމަ ފަހަރަށް ސަކީނާއާއި ލައިކާ ހިއްސާކުރިއެވެ.

"ކުރިން މާބޮޑަށް ފާހަގައެއްނުކުރެވޭ... އެކަމަކު މިހާރު ވިސްނާލީމައި ވަރަށް ރަގަޅަށް ސިފަކުރެވޭ... ދައްތަ ވަރަށް ވައްތަރު މަންމަގެ ބައްޕަޔާއި" ވަރަށް އާދައިގެ ރާގުގައި ޖުމުލަ ފެށިނަމަވެސް، އެޖުމުލަ ނިންމާލީ ނަފުރަތުން ފުރިފައިވާ ރާގެއްގައެވެ. ހައިރާންވެފައި ސަކީނާ ލައިކާގެ މޫނަށް ބަލާވެސްލިއެވެ.

"ދައްތަގެ މިޒާޖުގައިވެސް ހުންނަނީ މަންމަގެ ބައްޕަގެ ގޮތްތައް... އެހާ ހަރުކަށި، އެހާނުބައި..." ބުނަން ބޭނުން ނޫން އެއްޗެއް ލައިކާއަށް ބުނެވުނުހެން ހީވިއެވެ.

"މަންމަގެ ބައްޕަ..؟؟؟؟ މަންމަގެ ބައްޕައަކީ ލައިކާގެ ކާފައެއް ނޫންތަ؟" ސަކީނާ އަހާލިއެވެ.
"ކާފައެއްގެ ލަގަބު އޭނައަށް ހައްގެއް ނޫން" ހިތްހަމަނުޖެހިފައި ލައިކާ ބުނެލިއެވެ. ވާހަކަ ނުދައްކާ އިރުކޮޅަކު އިނުމަށްފަހު އަނެއްކާވެސް ލައިކާފެށިއެވެ.

"ބައްޕަ، ދައްތަދެކެ ލޯތްބެއްވެސްނުވޭހެން ހީވަނީ... އެކަމަކު އަހަރެން ދެކެ ބައްޕަ ވަރަށް ވަރަށް ލޯބިވާނެ... އަހަރެންނަކީ ބައްޕަގެ ލޮލުގެ ނޫރު" ލައިކާގެ ލޮލުން ކަރުނަތައް ފައިބައެވެ. އެހިތުގައި ބައްޕައަށް ދެވިފައިވާ ގަދަރާއި މާތް މަގާމު، ސަކީނާ ސުވާލުކުރުމަކާއި ނުލާ ދެނެގަތްފިއެވެ. ލައިކާގެ ހިތުގައި ބައްޕައަށް އޮތް ލޯބި ކަރުނައިން ހާމަކޮށްފިއެވެ. ލައިކާގެ ބައްޕަގެ މާތްކަން ސަކީނާގެ ހިތް ރޮއްވާލައިފިއެވެ.

"މިދުނިޔޭގައި އަހަރެން އެންމެ ބޭނުމީ ބައްޕަ... ދުވަހަކުވެސް އެބައްޕަގެ މަގާމު އެހެން މީހަކަށް ނުދެވޭނެ... އެއީ ދުނިޔޭގައި ﷲލެއްވި އެންމެ މާތް، އެންމެ ލޯބި ބައްޕަ" ސަކީނާގެ ކޮނޑުގައި ލައިކާ ބޯއަޅާލިއެވެ. ލޮލުގެ ކަރުނަތައް ފުހެލަން ލައިކާގެ ޝައުގުވެރިކަމެއް ނުވެސް ނެތެވެ.

"ބައްޕަ ނިޔާވިކަން އެގުނީ ވަރަށް ތޫފާނީ ވިއްސާރައަކަށްފަހު" ލައިކާއަށް ރޮވުނީއެވެ.

-- ނުނިމޭ --
ގުޅުންހުރި
ހިމާޔަތެއް ނުލިބިފާ
6 ޑިސެންބަރ 2017
ހިމާޔަތެއް ނުލިބިފާ
4 ޑިސެންބަރ 2017
ހިމާޔަތެއް ނުލިބިފާ
2 ޑިސެންބަރ 2017
ހިމާޔަތެއް ނުލިބިފާ
22 ނޮވެންބަރ 2017
ހިޔާލު

ހަސީ
ޒައިނަބު މެން ކަހަލަ ގޮތް ކުޑަ މީހުން ވެސް ދުނިޔޭގަ ބައިވަރު ވަރައް ދެރަވޭ ދޯ
ޒީ
ވަރަށް ރީތި ވާހަކައެއް... ޝުކުރިއްޔާ ފުނަމާ
ދިޔެ
ޒައިނަބުގެ ބައްޕައާއި ޒައިނަބުގެ ދަރިފުޅުގެ ބައްޕައަކީ އެއް ބައްޕައެއް...ޒައިނަބޫ 😡😡😡
މަންޖެ
ހާދަ ރީއްޗޭ. ފުނަމާ ހާދަ އިންތިޒާރެއް ކުރެވިއްޖެ އޭ.....

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]