Haharu Episode 48
vfp.mv
MIB
MIB
ހަހަރު
inage
ހަހަރު
  މުނިފޫހިފިލުވުން | ވާހަކަ | | ފުނަމާ | 13 ސެޕްޓެމްބަރ 2017 | 1 ކޮމެންޓް
48 ވަނަ ބައި Dhiraagu
" ބަޓް.. އޭގެ ފަހުންވެސް ތިއާ ގުޅިން..! އެ ރޭވެސް ގުޅިން..! އޭގެ މާނައަކީ ފޯން ރަގަޅޭ..! ހަލާކެއް ނުވެޔޭ.. ދޯ!.... އެހެންވީމާ ދެން، ފޯނު ލިބޭނީ ތިއާ މިގެއިން ނެރުނު އިރަކުން..!
ދާލިޔާންގެ ނޭފަތުގައި ހިފާލަމުން ތިއާބުންޏެވެ.

" ޔާރައްބީ...!!!! ދޭއް ޖަހަނީ..!!! މާދަން ރީނީ ފުރާ ދުވަސް..!"
ގަޑިފެނުމާއެކު ތިއާ ވަރަށް ކަންތައް ބޮޑުވިއެވެ.
އެވަރުންވެސް ފެންވަރަންވަނީ ދާލިޔާންގެ މުޅި ކޮޓަރި ރަމަތަ ކޮށްފައެވެ. ދާދި އަވަހަށް ފެންވަރާ ތާޒާވެލައިގެން ތިއާ ނިކުމެއްޖެއެވެ. ފުނާ އަޅަން ޑްރެސިން ޓޭބަލް ކުރިމަތީގައި ހުރިއިރު ދާލިޔާންގެ އިޝްޤީ ބެލުންތަކެއް ތިއާއަށް އަމާޒުވަމުން ދިޔައެވެ. އޮފީހަށް ދިއުމަށް ތައްޔާރުވެލައިގެން ދާލިޔާންއާއި ކުރިމަތިލީއިރު ކަޅިވެސް ޖަހާނުލާ ބަލަމުން ގެންދިޔައީ ތިއާގެ ހަށިގަނޑަށެވެ.
އެއްޗެއް ބުނަން އުޅުމުން ތިއާގެ އަތުގައި ހިފާފައި ދާލިޔާންއާއި ކައިރި ކޮށްލިއެވެ. ނިކަން ލޯބީން ބައްދާލުމަށްފަހު ވާހަކަދެއްކިއެވެ.

" މިއަދު ކުރެވުނު ކަންތަކަށް ރިގްރެޓް ނުކުރައްޗޭ...! ދުވަހަކުވެސް ދާލިޔާންއާއި ދުރަކަށް ޕްރިންސެސް ނުލާނަން..! ކަންތައް ވެގެންދިޔަގޮތުން، ހިތްހަމަނުޖެހޭނެކަން ކިތަންމެ ރަގަޅަކަށްވެސް އިނގޭ..! އެކަމަކު މި ފާއިތުވި ހަފްތާގައި އަހަރެން ދިރިހުއްޓަސް، ފުރާނަ ވަކިވެފައިވާހެން ހީވި..! އެހެންވެ ކެތް ނުވީ! "
ހިނގާދިޔަ ކަންކަމާއި މެދު ތިއާ ވިސްނާނެކަން އިނގޭތީ ދާލިޔާން އެކަން ހަމަޖައްސާލިއެވެ. އަދި އިހުނަށްވުރެން ބާރަށް ގަޔާލާ ބޮނޑިކޮށްލިއެވެ.

ދެ ލޯބިވެރީން އެކުގައި ގޮސް ކާ ބަޔަށް ވަތްއިރު މަންމައާއި ބައްޕަ އިންތިޒާރުގައި ތިއްބެވެ. ތިއާގެ ލަދުވެތި މޫނު އެމަޖިލީހުގައި އެންމެނަށް ފާހަގަކުރެވޭނެކަން ދާލިޔާންއަށް މާކުރީންސުރެންވެސް އިނގެއެވެ.
އަލައިނާއަށް ތިއާ ވަރަށް ކަމުދިޔައެވެ. އެންމެން އެކުގައި ކާން އެފަދަ ފުރުސަތެއް ލިބުމުން އާއިލާއިން ތިއާ އަށްކުރާ ގަދަރު ފެނިގެންދިޔައެވެ.

" ދަރިފުޅުމެންގެ ކައިވެނި ދާދި އަވަހަށް ކުރެވޭނެ..! ތިއާގެ ބައްޕަވެސް ވަރަށްބޮޑަށް ބޭނުން ކައިވެނި އަވަސްކުރަން...! އަސްލު ބައްޕަމެން، ދުވަސްކޮޅެއްވެއްޖެ ތި ދެކުދީންގެ ގުޅުމާމެދު ވާހަކަ ދައްކާތާ..! އެކަމަކު އެއްވެސް ވަރަކަށް ހެއްކެއް ނުލިބުނު ދަރިފުޅުމެން ކައިވެންޏަކަށް ދާން އުޅޭކަމަކަށް..! އެހެންވެ އެ ވާހަކަ ނުދައްކާ މިތިބީ..! އެކަމަކު ދުވަސްކޮޅެއްކުރީން ތިއާ، ބައްޕައަށް އޯކޭ ދިނިން ދޯ..!"
މައުސޫމުގެ ވާހަކަ ހުއްޓާލީ ދާލިޔާން މާބޮޑަށް ކޮށިއެރީމައެވެ.
ފިޔާތޮށި ފިނިފެންމަލެއްގެ ނާޒުކު ފިޔައެއް ފަދައިން ތިއާގެ މޫނުން މަޑުމަޑު ފިޔާތޮށިކުލަ ފާޅުވޭވޭ ހުއްޓެވެ. ކޮންމެއަކަސް، ކައި ނިމުނުއިރު ކައިވެނީގެ މުހިއްމު ކަންތައްތަކެއް މައުސޫމުއާއި އަލައިނާ ހަމަޖައްސައިފިއެވެ. އަދި ކައިވެންޏަށްފަހު އޮފީހުގެ ކަންކަމަށް ގެންނާނެ ބަދަލުތައް ތިއާ ހިއްސާކުރުމުން މައުސޫމާއި އަލައިނާގެ ހިތުން އިތުރު ޖާގައެއް ތިއާއަށް ދެވިގެންދިޔައެވެ.

" އެހެންވީމައި ކުއްޖަކު ލިބެންދެން ދަރިފުޅުވެސް އޮފީހުގައި އުޅޭނީ..! ތީ ބައްޕައަށްވެސް ވަރަށް ރަގަޅު ގޮތެއް..! އެކަމަކު ކުއްޖަކު ލިބުނަސް، ތިއާ ބޭނުންވެއްޖިއްޔާ ވަޒީފާއަށް ދިއުމަށް ދުވަހަކުވެސް ހުރައެއް ނާޅާނަން..! ދެން ތިއާގެ ޕޭރެންޓްސްއާއިވެސް ވާހަކަދައްކާލާފައި ކަންކަން ހަމަޖައްސާލާ!.. ތި ދެ ކުދީންނަށްޓަކައި ބައްޕަމެންގެ ހުރިހާ ވަގުތެއް ހުސްކުރާނަން..!"
މައުސޫމުގެ ހިތް މިއަދު ޝުކުރުން ފުރިފައިވިއެވެ.

" ދަރިފުޅުމެން އެއްވެސް ކަމަކާ ބުރަ އުފުލާނެކަމެއްނެތް..! ދެފަރާތުގެ މަންމަމެންނާއި ބައްޕަމެން ހުރިހާކަމެއް ހަމަޖައްސާނަން..!"
ތިއާ ތެދުވަން ފެށުމުން އަލައިނާ ބުންޏެވެ.
ދާލިޔާންއާއިއެކު ތިއާ ނިކުންނަންދާންފެށުމުން އަލައިނާ ގޮވާލިއެވެ.

" ކުޑަކުޑަ ވަގުތުކޮޅެއް މަންމައަށް ދެވިދާނެތަ ..؟"
އަލައިނާ އަހާލީ ވަރަށް ލޯބިންނެވެ . އާއެކޭ ބުނުމުގެ ގޮތުން ތިއާ ބޮލުން އިޝާރާތްކޮށްލިއެވެ. ފަރި ހިނގުމުގައި ތިއާ އައިސް އަރާ ހަމަވުމުން ތިއާގެ އަތުގައި ހިފައިގެން އަލައިނާ ދިޔައީ ކޮޓަރިއަށެވެ. އެ މަންޒަރު ބަލަން ދެބަފައިން ތިބެފައި އެކަކު އަނެކަކަށް ބަލާލިއެވެ.

" ތެންކިއު ބައްޕާ..! މަންމަދެކެ މިހާރު ވަރަށް ލޯބިވޭ..!"
ދާލިޔާން ޝުކުރުވެރިވިއެވެ. ދަރިފުޅުގެ ހިތްހަމަޖެހުމަށްވުރެން ބޮޑު އުފަލެއް ދުނިޔޭގައި މައުސޫމު ނޭދެއެވެ. މިއަދު މައުސޫމަކީ ނަސީބުވެރިއެއްކަމަށް ޚުދު އޭނާވެސް ޤަބޫލުކުރެއެވެ.

އަލައިނާ ތިއާއާއި އެކުވެރިކަމުގެ ބައެއްވާހަކަތައް ދައްކަމުން ދިޔައެވެ. އޭރުވެސް އަލަމާރީގެ ބައެއް ތަންތަން ބަލަމުން ދިޔައީ އެއްޗެއް ހޯދަންއުޅޭ މީހަކު ފަދައިންނެވެ. އެކަމަކު އެހެން އަހާލާކަށް ތިއާ އަކަށް ނުކެރުނެވެ.
" އާން...! މިއޮތީއޭ..! މީ ދާލިޔާންގެ އަންބަކަށް ދިނުމަށް މަންމަ ޑިޒައިން ކޮށްގެން ޖަރމަނީން ހައްދުވައިގެން ގެނެސްފައި އޮތް އެއްޗެއް...! މަންމައަށް ޔަޤީންވަނީ މީގެ ހައްޤުވެރިއަކީ ތިއާ ކަމަށް.. ! މި ރައްދުކުރުން ލަސްކޮށްފިނަމަ ދެން ކަމަކު ނުދާނެހެން މަންމައަށް ހީވަނީ..!
ހިނިތުންވަމުން އަލައިނާ އައިސް ތިއާގެ ކުރިމަތީގައި އިށީންދެފައި ތިއާގެ އަތްތިލަ ނަގާފައި އަލައިނާގެ އަތުތެރޭގައި ބާއްވާ ފިރުމާލިއެވެ.
އެއަށްފަހު ހިފައިގެންއިން ގަދަ ނޫކުލައިގެ މަޚްމާފޮށި ހުޅުވާލިއެވެ. އޭގައިވަނީ އަންހެން ކުއްޖަކު އެންމެ ބޭނުންވާނެފަދަ ހަދިޔާއެކެވެ. ރޯޒް ގޯލްޑާއި އަލިމަސް ބޭނުންކޮށްގެން ނިކަން ފުރިހަމައަށް ހަދާލާފައިވާ ގަހަނާ ސެޓެކެވެ. ތިއާއަށް ކުއްލިއަކަށް ބުނެވުނެވެ.

" ޖަސްޓް ވާއު!.. އިޓްސް ސޯ ބިއުޓިފުލް...! ތެންކިއު މަންމާ..!"
ފުރަތަމަ ފަހަރަށް ދާލިޔާންގެ މަންމައަށް ތިއާ ހިތުގެ އެންމެ ފުނުން ' މަންމަ'ގެ ދަރަޖަ ދިނެވެ. އަދި ބައްދާލިއެވެ. އަލައިނާ އަތުން ތިއާގެ ކަރުގައި އެ ފަށްއަޅުވާލަދިނެވެ. ކަނާތުގައި ކެވެލިކޮޅު އަޅުވާލުމަށްފަހު ވާތުގެ މެދު އިނގިލީގައި އަނގޮއްޓި އަޅުވާލިއެވެ.

" އަދި ކިރިޔާ މި ޖުވެލްސް ފުރިހަމަ މިވީ..! ދަރިފުޅާއި ވަރަށް ގުޅޭ..! މީ މަންމަ ދާލިޔާންއަށްޓަކައި ތިއާއަށް ދިން ކުޑަކުޑަ ހަދިޔާއެއް..!"
ތިއާއަށް އެ ހަދިޔާ ކަމުދިއުމުން އަލައިނާހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

" މަންމަގެ ދަރިފުޅަށް ތިއާގެ މުޅިއުމުރު ހަދިޔާ ކުރާނަން..! ތިއާއަށް ދެވުނު ހުރިހާ ލޯތްބަކާއި ހިތްހަމަޖެހުމެއް ދާލިޔާންއަށް ހިބަ ކުރާނަން..! މުޅި އުމުރަށް ވަފާތެރިވާނަން..! މީ މަންމަގެ ދަރިފުޅަށްޓަކައި މަންމައަށް ތިއާ ދޭ ޔަޤީންކަމެއް..! އައި ޕްރޮމިސް..! "
އަލައިނާއަށް ތިއާގެ ޔަޤީންކަން ދެމުން އަނެއްކާވެސް ބައްދާލިއެވެ.
އެއަށްފަހު ކޮޓަރީން ނިކުމެގެން ދާލިޔާންއާއި ބައްދަލުކުރިއެވެ. މަންމަގެ ހަދިޔާގެ ފުރިހަމަކަމުން ދާލިޔާން އާޝޯޚްވިއެވެ. އަދި ތިއާ އަށްޓަކައި ފަޚުރުވެރި ވެލިއެވެ. ތިއާ ގެއިން ނިކުންނަންދެން ދާލިޔާންގެ އަތް ތިއާގެ އުނަގަނޑުން ވަކިކޮށްނުލައެވެ. ތިއާ ގޮސް ކާރު ހުޅުވާލުމަށްފަހު ދާލިޔާންގެ ފޯނު ހޯދިއެވެ. އެއަށްފަހު ފޯނު ރައްދުކޮށްލާފައި ދިޔައީ އޮފީހަށެވެ.
* * *

ހަތަރު މަސް ފާއިތުވެއްޖެ!

މޫސުން ރީތި، ވައި މަޑު ރެއެކެވެ. ރޭގަނޑުގެ ރާނީ މުޅި ކާއިނާތައް އަލިކުރުމަށް އޭގެ ވާޖިބުއަދާކުރުމުގައި ވަރުބަލިކަމެއްނެތި ދަތުރުކުރަމުންދިޔައެވެ. ވަށައިގެން ފިޔަޖަހަމުންދިޔަ ތަރިތައް ނަށަމުން ދިޔައީ ކިޔަމަންތެރިކަމާއެކުއެވެ. އުޑުމަތީގައި ވިލާތައް މަދު ރެއެކެވެ. ތަރިރުހަނދުގެ ރީތިކަން ބަލަން ތިބި ބަޔަކު އެއަށް ތައުރީފުކުރުމަށްޓަކައި، އެތައް ހުނަރެއް ދައްކަމުންދާހެންވެސް ހީވެއެވެ. މާސިންގާ ކަނޑުގެ ބިޔަ ރާޅު ތައްވެސް ހަމަހިމޭންކަމާއިއެކު އޭގެ ވާޖިބުއަދާކުރަމުން ދިޔައެވެ. ގޮނޑުދޮށަށް ބީއްސާލާ ކޮންމެ ރާޅެއް ހަމަހިމޭންކަމާއެކު އަކިރިތަކާއި ސަމާސާކޮށްލައެވެ. ހުދު، ދޮންވެލިމަތީގައި ބީހިލާ ރާޅުތަކުން ޤުދުރަތީ މިއުޒިކެއް ފަޒާގައި އެކުލެވިފައިވިއެވެ. އެއްވެފައިވާ މެހެމާނުންގެ ތެރެއިން އެތައް ބައެއްގެ ތަޢުރީފު މުޅި ރަށަށް އޮހެމުންދިޔައެވެ. އާ ކައިވެނީގެ ހަފްލާއަށް ރަށް ތައްޔާރުކޮށްލާފައިވަނީ އުނިކަމެއްނެތި ، ކިތަންމެހާވެސް ފުރިހަމައަށެވެ. ހިތްތަކަށް އުފާވެރިކަން ގެނެސްދީފައިވަނީ އެ މަންޒިލް ވަށައިގެން އިވެމުންދިޔަ ހަމަހިމޭން ހިތްގައިމު ލައިވް މިއުޒިކުގެ ފުރިހަމަކަމުން ހެއްޔެވެ؟ ނޫނީ ޤުދުރަތީ ރީތި އަޑުތަކުންހެއްޔެވެ؟
ދާލިޔާންގެ ހިތް ތެޅެމުން ދިޔައީ ތިއާ ނުފެނި މާގިނަވަގުތު ފާއިތުވާން ފެށުމުންނެވެ. ދާލިޔާން ތައްޔާރުވެގެން މެހެމާނުންނާއި ވާހަކަ ދައްކާލުމަށް ރިސޯޓުގައި އެކަމަށް ޚާއްސަކުރެވިފައިވާ ޖަގަހައެއްގައި މަޑުކޮށްލައިގެން ހުއްޓެވެ. އިރުއިރުކޮޅާ ގަޑި ބަލާލެވެނީ ތިއާ ދެކިލުމަށް ހިތް އެދޭތީއެވެ.
* * *

" މައިރާ..! އަވަސްކޮށްލަބަލަ...! ހުރިހާ އެންމެން މިހާރު ނިކުމެދާނެ..! މަންމަ މެންނާއެކު ނަޒާލްވެސް ފޮނުވައިފިން..! ޕާޓީގައި މާ ގިނައިރު މަޑުނުކޮށް ލަވް، ރޫމަށް ގެނެސްދެނަމޭ..! އަހަރެން އެންމެ ކަންތައް ބޮޑުވަނީ އަނެއްކާ ޕާޓީގައި ހުއްޓާ ހޮޑުލާން ޖެހިދާނެތީ..! ދައުވަތު ދިން އެންމެން އަށްގަޑި ބަޔަށް ގެންނާނެ މިކޮޅަށް..! މުޅި ރިޒޯޓް މިހާރުއޮންނާނީ ފުރި ބާރުވެފައި...! "
ލޯބިވާ އަނބިމީހާގެ ހާލަތާމެދު ގިޒާލް ކިތަންމެ ވަރަކަށްވެސް ވިސްނާކަން މައިރާއަށް އެތައް ގޮތަކުން އިހުސާސްކުރެވެއެވެ. އަންބަކަށް އެއަށް ވުރެން ބޮޑު އުފަލެއް ލިބޭނެ ހެއްޔެވެ!

" މީހުން ގިނަޔަކަސް... އޯކޭ ވާނެ...! ނަޒާލްއަށް ބަނޑުބޮޑު އިރު އަދި މިއަށްވުރެންވެސް ހާލުގައި އުޅުނީ...! އަދި ކިރިޔާ ތިން މަސްދޯމިވީ...! އެފަހަރު ވިހަން ވަންދެންވެސް މިހާލުގައި އުޅުނީ..!"
ފާހާނާއިން ނުކުމެ، މައިރާ ވާހަކަދެއްކިއެވެ.

" އެ ފަހަރު ލަވް، ތި ހުރިހާ ބުރައެއް އުފުލީ އެކަނިމާއެކަނި... މިފަހަރު އެންމެ ކައިރީގައި، ކޮންމެ ވަގުތަކުވެސް އަހަރެން ހުންނާނެ..! ދުވަހަކުވެސް މި ލޯތްބަކަށް ބަދަލެއް ނާންނާނެ! "
ގިޒާލް މައިރާގެ މޫނުގައި ދެފަރާތުން ހިފަހައްޓާލުމަށްފަހު ލޯބިކޮށްލިއެވެ.

ކައިވެންޏަށް ތިއާ ރީތި ކުރުމަށްޓަކައި އެކަމުގެ ޚާއްސަ ހުނަރުވެރީން މާލެ ގެނެސްފައިވަނީ ޕެރިހުންނެވެ. ހެދުން ޑިޒައިންކޮށް، ވެޑިންޑްރެސް ފެހި މީހާއިންފެށިގެން މޭކަޕްކޮށް، ހެއަރސްޓައިލިސްޓުންވެސް ވަނީ ގެނެސްފައެވެ. އަލައިނާގެ ހިންގުންތެރިކަމަށް ތައުރީފު އޮހެމުންދިޔައެވެ. އަލަށް ހުޅުވުމަށް ތައްޔާރު ކުރެވިފައިވާ ރިސޯޓް 'ޓީ އާރމޯ ' މިރޭ ވަނީ އާކައިވެންޏަށްޓަކައި ނުހަނު ފުރިހަމައަށް ޒީނަތްތެރިކޮށްލާފައެވެ. ކައިވެނި ކުރެވުނީ މެންދުރުފަހުގެ ވަގުތެއްގައެވެ. ދުވަހުގެ ހަވީރުވަނީ ކައިވެނީގެ ފޮޓޯ ނެގުމުގެ މުނާސަބާ ކުރިއަށް ގެންގޮސްފައެވެ. އެންމެ ފަހު ކަމެއްގެ ގޮތުން މިރެއަކީ ދެ އާއިލާގެ ހުރިހާ ބަޔަކާއި، ދާލިޔާން އަދި ތިއާގެ ރަހުމަތްތެރީންނަށް ކައިވެނީގެ އުފަލުގައި ބައިވެރިވެލުމަށް ފުރުސަތުދޭ ރެއެވެ. ރާއްޖޭން ބޭރުންވެސް އެތައް ބަޔަކުވަނީ ދައުވަތަށް އައިސްފައެވެ. ވަލީދުއާއި މައުސޫމުގެ ވިޔަފާރީގެ ބައިވެރީންވެސްވަނީ މި އުފަލުގައި ބައިވެރިވެފައެވެ. އަށްސަތޭކައެއްހާ މީހުންނަށް ކެއްކުމަށްޓަކައި ޚާއްސަ ބަޔަކުވަނީ ޔޫރަޕުން، ރާއްޖެ ގެނެސްފައެވެ. މިރެއަކީ މައުސޫމުގެވެސް އަދި ވަލީދުގެވެސް އެންމެ އުއްމީދީރެއެވެ. އުފަލުން ހިނިތުންވެފައިވާ މޫނެއް ނޫނީ އެ މެހެފިލުން ނުފެނެއެވެ. ފަހަރަކު މީހަކާ ސަލާމްކުރަމުން ދާލިޔާން އިންތިޒާރުކުރަމުން ދިޔައީ ލޯބިވާ އަނބިމީހާގެ ރީތި ސޫރަ ފެންނާނެ ވަގުތަކަށެވެ. އެ އަތުގައި ބީހިލެވޭނެ ވަގުތަކަށެވެ.

ނުވައެއްޖެހުމާއި ދާދި ކައިރިވެފައި ވަނިކޮށް އެއްފަރާތަކުން އެންމެން، އެއް ކައިރިއަކަށް ޖެހިލަންފެށިއެވެ. ދާލިޔާންގެ ހިނިތުންވުން ސިއްރެއް ނުކުރެވުނެވެ. އިންތިޒާރުގެ ވަގުތުނިމުނީކަން ޔަޤީންވިއެވެ. ހަމަ އެވަގުތު އަވަސްވެލީ އެންމެންގެ ތެރެއިން އަލިކުރަމުން ދިޔަ މަގުގެ މެދަށް ނިކުމެވޭތޯއެވެ. ފުރަތަމަވެސް ދާލިޔާންއަށް އެއްބުމަ އަރުވާލެވުނީ މާބޮޑަށް ހިނިތުންވެވުމުންނެވެ. އެ އިޝާރާތަށް ކިތަށް ކަޅި ހުއްޓިފައިވޭތޯ ބެލުމަކީ އެވަގުތު ކާކަށް ކުރެވޭނެކަމެއްތޯއެވެ.؟ އެންމެންގެ މެދުން ތިއާ ހިންގާލާފައި އައިއިރު ރަތާއި ހުދުކުލައިގެ ފިނިފެންމާފިޔަ އެމަގަށް އެޅުމަށް ޚާއްސަކުރެވިފައިވާ ކުޑަކުދީން ކޮޅެއް ތިއްބެވެ. އެކުދިން އަތުން ހިފާލާފައިވާ ރީތި ވަށިތަކުން މަލުގެ ފިޔަތައް ވިހުރަމުން ދިޔައިރު ތިއާ ލަދުން މަރުވާވަރުވިއެވެ. އެހެންނަމަވެސް އެއިން ކޮންމެ ކަމަކީ މަންމަމެން ރާވާފައިވާ ކަންތައްތަކެވެ. މިރެއަކީ އެންމެންގެ، އެންމެ އުފާވެރި ރެއެވެ. ވަކިހިސާބަކަށް ތިއާއަށް އާދެވުނުއިރު ދާލިޔާން ދެޖީބަށް އަތްޖަހާލައިގެން ހުރި މަންޒަރު ފެނުމުން ހުއްޓިލެވުނެވެ. ދުވެފައިގޮސް ފިރިމީހާގެ އަތު ތެރޭގައި ހައްޔަރުވުމަށް އެވަގުތުވެސް ސިކުނޑި ވަސްވާސް ދިނެވެ. ދާލިޔާންގެ ހިތްގައިމުކަމާއި ފުރިހަމަކަން މިރޭ އިންތިހާއެވެ. ބޮލުން ފެށިގެން ފަޔާއި ހަމައަށް ތިއާ އަށް އެތައް ފަހަރަކު ބަލާލެވުނެވެ. ރީތި ފިރިހެނެކެވެ! އަންހެން ކުއްޖަކު އެންމެ އެދޭނެ ހުރިހާ ރީތި ސިފަތަކެއް ދާލިޔާންގެ ކިބައިގައި ވެއެވެ. ކޯޓް ފަޓްލޫނުގައި ހުރުމުން އެ ރީތިކަން މިރޭ އިންތިހާއެވެ. އަޅާލާފައިވާ ހިމަ ޓައީގެ ސަބަބުން އިތުރަށް ސްމާޓްކަމަށް ދައްކައެވެ. ދެ ހިތެއްގެ ކެތްތެރިކަން ކޮޅުންލަމުންދިޔައިރު ވަށައިގެން އިވެމުންދިޔަ އަތްތިލަބަޑީގެ އަޑުން އެ މެހެފިލްގެ ހައިބަތު އިހުސާސްކުރެވެއެވެ. ތިއާގެ ހިނގުން އިހުނަށްވުރެން އަވަސްކޮށްލެވުނީ ދާލިޔާންއަށް އެދެވެން ފެށީމައެވެ. މާބޮޑަށެވެ. ހިތް ތެޅެންފެށީވެސް މާބޮޑަށެވެ. އެ ތަނަވަސް މޭމަތީގައި އޮވެ، ފިރިމީހާގެ ބީހުންތަކަށް ހިތް އެދެން ފެށީވެސް މާބޮޑަށެވެ. ދާލިޔާން އާއި އަރާހަމަވެވުމާއެކު ވަށައިގެންތިބި އެއްވެސް މީހަކު ތިއާއަށް ފެންނަހެން ހިޔެއްނުވިއެވެ. ވިސްނާލުމަށް ސިކުންތެއްވެސް ހޭދަނުކޮށް ތިއާ ގޮސް ދާލިޔާންގެ ކަނދުރާގައި ދެއަތް އަޅުވާލިއެވެ.

" އައުޗް..! ހާދަ ބާރަކަށް..؟"
ތިއާގެ ތުންފަތަށް މާބޮޑަށް ތަދުވީއެވެ. ދާލިޔާންގެ ލޮލުން ދައްކާލީ ވަށައިގެންތިބި މެހެމާނުންތަކެވެ.
އެއާއެކު ތިއާ ލަދުން މޯޅިވިއެވެ. ކުރެވުނު ކަންތައް އަންދާޒާ ކުރެވުމުން ހިނިވެސް އައެވެ. ނަމަވެސް މިއީ އާ ކައިވެނީގެ ފުރަތަމަ ރެއެވެ. އެފަދަ ކަންކަން ހިނގާނެކަން ކޮންމެ މީހަކަށްވެސް އެނގޭނެ ނޫންހެއްޔެވެ؟ ދާލިޔާންގެ އެއް އަތް ތިއާއަށް ދިއްކޮށްލިއެވެ. ހަމަ އެވަގުތު އެ އަތުގައި ތިއާ ހިފާލިއެވެ. ލޯބި ގޮތަކަށެވެ. އަނެއް އަތް އަދިވެސް އޮތީ ޖީބުގައެވެ. ވެޑިންގސޫޓްގައި ހުރިހިރު ދާލިޔާން އެކޭ ދުނިޔޭގެ އެންމެ ހައިބަތު ހުރި މޮޑެލްއެކޭ ކުޑަވެސް ތަފާތެއްނެތެވެ. އެތައް އަންހެން ކުއްޖެއްގެ ހިތް އެ ސޫރައަށް މިރޭ ފިދާވާނެއެވެ. އެކުދިންގެ ހިތުގައި އަތް އަޅައިގެންތިބެ ތުންތަޅުވަމުން ގެންދިޔައީ ތިއާގެ ނަސީބާމެދު ހަސަދަވެރިވަމުންހެން ހީވެއެވެ.

" ޔޫ އަރ ގޯޖަސް..! ހާދަ ރީއްޗޭ...! މިރޭގެ ހަނދުވެސް ލަދުން ފިލާނެ...! ދުނިޔޭގައި ހުރި އެންމެ ރީތި ރާނީއަކީ... މަގޭ... ޕްރިންސެސް! އަހަރެންގެ ނޭވާވެސް ހީވަނީ ހުއްޓިދާނެހެން ! އެންމެންގެ އެސްފީނާއިން މަގޭ ވައިފް ސަލާމަތްކުރައްވާށި..! "
ތިއާގެ ކަންފަތް ކައިރީގައި މަޑުމަޑުން ދާލިޔާން ބުނެލިއެވެ.

" މްމްމްމްމްމމ... ތިއާގެ ފިރިމީހާ އަކީ ދުނިޔޭގައި ހުރި އެންމެ ސެކްސީ ހަޒްބަންޑް..! ތިއާ އަށްވުރެން ނަސީބުވެރިއަކު ނެތްކަމަށް މިރޭ ޤަބޫލުކޮށްފިން..! ވަރަށް ލޯބި.. ހަމަ ހިތައް އަރާ...! "
ޖަވާބުގައި ތިއާބުނެލިއެވެ. އަދި ސަމާލާކޮށްލުމުގެ ގޮތުން އެއް ލޯ މަރާލިއެވެ.
ހަފުލާގައި ހަމަޖެހިފައި އޮތީ އެއް ތަނެއްގައި ތިއާމެން ހުއްޓިގެންތިބެ ސަލާމްކުރާ ގޮތަކަށްނޫނެވެ. އެހެނެއްކަމަކު ހުރިހާ މެހެމާނުންނާ ބައްދަލުވެ ވާހަކަދައްކާލެވޭގޮތަށެވެ. ދެ ބައިވެރީން އެކުގައި ހިނގާލާފައި ގޮސް އެކުވެރިވެ ވާހަކަދައްކާލުމަށެވެ. ސަލާމް ކޮށްލުމަށެވެ. ތަހުނިޔާއާއި ހެޔޮއެދުންތައް ހާމަކޮށްލުމެވެ. އެކުވެރިކަން ބަދަހިކޮށްލާ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ!

އަލައިނާ ބޭނުންވީ ރާއްޖޭގައި މިހާތަނަށް ބޭއްވިފައިނުވާ ވަރުގެ ފުރިމަހަ ވެޑިން ޕާޓީއެއް ބާއްވައިދޭށޭވެ. އެކަން ކާމިޔާބު ކުރެވުނުކަމުގެ އިހުސާސް މިވަގުތު ކިތަންމެ ފުރިހަމައަކަށްވެސް އަލައިނާއަށް ކުރެވެއެވެ. ކޮންމެއަކަސް، ބޮޑު ކައިވެނި ހަފްލާއެއް ނިންމާލުމަށްފަހު ކޮންމެ މެހެމާނަކުވެސް ރިސޯޓުންފުރީ ފަޚުރުވެރިކަމާއެކުއެވެ. އެފަދަ މީރު ކެއުމެއް ތަޖުރިބާކޮށްލަން ލިބުމުން ބައެއްމީހުންނަށް މާބޮޑު ހިތްހަމަޖެހުމަކަށްވިއެވެ. މުޅި ރަށް ރީތި ދިއްލުންތަކުން ފުރިހަމަކުރެވިފައިވާއިރު ، ރަށް ވަށައިގެން ދިހަ ވަރަކަށް މިނެޓްވަންދެން ބަޑިބޭހުގެ ކުޅިވަރުތައް ބޭއްވުން ވެގެންދިޔައީ ދައުވަތައް ގެނެވިފައިވާ ރާއްޖޭން ބޭރު މެހެމާނުންނަށް ވަރަށް ޚާއްޞަކަމަކަށެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ފާހަގަކުރެވުނު ނުވަތަ އެމީހަކު ޝައުޤުވެރި ކުރުވި ކަމަކާއިގެން ހައިރާން ކުރުވަނިވި އެތައް ވާހަކައެއް ހުއްޓުމެއް ނެތި ދެކެވެމުންދިޔައެވެ. އެންމެ ގިނަ ބަޔަކަށް ހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ ޚާއްޞަވެގެންދިޔައީ ތިއާގެ ހެދުމެވެ. ގަޔާއި އެއްވަރަށް ފަހާލާފައިވާ ޕާރލްކުލައިގެ ހެދުމުގައި ހަރުކުރެވިފައިވާ ޖަވާހިރުތަކެއްފަދަ ވިދާ މިނާތަކުން ރޭގަނޑުގެ ބޮކިތައްވެސް އިސްޖެހިގެންދާހާ ވިދުވަރު ގަދައެވެ. ފަހަތުން އެތައް ތަނެއް ދިގުކޮށް ސާލެއްހެން ދެމިލާފައިވާ ނަލަ ލޭސްގަނޑުންވެސް ފަންނުވެރިންގެ ހުނަރުވެރިކަން އިންތިހާއެވެ. ތިއާގެ މޭކަޕުން ފެށިގެން ބޮލުގެ އިސްތަށިގަނޑުގެ ސްޓއިލްއަކީވެސް މެހެމާނުންގެ ބޮޑު މައުޟޫއުއަކަށްވިއެވެ.

ކޮންމެއަކަސް، ޕާޓީއަށް އައި އެންމެހާ މެހެމާނުން އެމީހުންގެ މަންޒިލްތަކަށް ގޮސް ނިމުނީއެވެ. މިހާރު ރިސޯޓުގައި ތިބީ ހަމައެކަނި ދެ އާއިލާއެވެ. އިތުރަށް ތިބީ އާނިސާގެ އާއިލާގެ ހަތަރު މެންބަރުންނެވެ. އެމީހުން މާލެދާނީ އެހެން މީހުންނާވެސް އެކުގައި މާދަމާ، ތިއާމެން ފުރުވާފައެވެ. މާގިނަ ވަގުތު ކޮޅަށް ތިބުމުން ތިއާގެ ފަޔަށް ވަރަށް ބޮޑަށް ތަދުވަނީއެވެ. އަރައިގެން ހުރި ބޫޓު ، ކައިރީގައި ބައިންދާލުމަށްފަހު ތިއާ އިށީނީ ދާލިޔާން އިން ގޮނޑިއާއި ޖެހިގެން ހުރި ގޮނޑީގައެވެ.

" ޕްރިންސެސް...! މާ ދުރުގައި ތި އިށީނީ..!"
ދާލިޔާންގެ ފިރިހެންވަންތަ އަޑުން ބުނެލިއެވެ. ދާލިޔާންގެ އިޝާރާތަށް ތިއާ އައިސް އިށީނީ ދާލިޔާންގެ އުނގުގައެވެ.

" ވަރަށް ޓަޔަރޑް..! ލެޓްސް...؟"
ތިއާބޭނުންވީ އެކަހެރިވެލާށެވެ.

" ރޭގައިވެސް އެންމެންގެ ވާހަކައިގައި އަހަރުމެން ތިބެން ޖެހުނީ...! އެއްކަމެއްވެސް ސެލެބްރޭޓް ނުކުރެވުނު..! މިރޭ ހަމަ .. ޕްރިންސެސް ކާލާނަން!"
ތިއާގެ ކަންފަތާއި ދާދި ކައިރިވެލުމަށްފަހު ވައި އަޑުން ދާލިޔާން ބުނެލިއެވެ.

" ހޫމްމްމް.. ވީ ހޭވް އިނަފް ޓައިމް..! ސިކްސް ތަރޓީއަށް އެއަރޕޯޓަށް ދާންޖެހޭނީ..! ސޯ ފަތިހު ފަހެއްޖަހަންދެން.......!"
ތިއާގެ އެއްބަސްވުމާއެކު ދާލިޔާންގެ ދެއަތް މައްޗަށް ތިއާ އުފުލާލައިގެން ތެދުވިއެވެ. ހިނގާލާފައި ކޮޓަރިއާ ދިމާއަށް ދާންފެށުމުން ދާލިޔާން މަންމަ ގޮވާލިއަޑު އިވުނެވެ.

" ދަރިފުޅާ..! ތިއާގެ ބޫޓް..! އެއްވެސް އެއްޗެއް ނުވެސް ކައެއްނުން ތި ދަނީ..؟"
އަލައިނާގެ އަޑު ދާލިޔާން ނުވަތަ ތިއާއަށް އިވުނުހެނެއް ހިޔެއްނުވެއެވެ.
އާކައިވެނީގެ ފުރަތަމަ ރެއަށް އިންތިޒާރުކުރި ދެ ލޯބިވެރީންގެ ހިއްސުތަކުގައި މިރޭ ހުޅު ރޯވެއްޖެއެވެ. ދުވަހަކަވެސް އެ ހިއްސުތައް މަސައްކަތް ކޮށްފައިނުވާ މިންވަރަކަށް މިރޭ މަސައްކަތް ކުރަނީއެވެ. ދާލިޔާން ކޮޓަރިއަށް ވަދެވުމާއެކު ފައިން ދޮރުލައްޕާލިއެވެ.

ފަތިހުގެ އަލި ދުނިޔެ މައްޗަށް ވެރުވަމުން ދިޔައިރު 'ޓީ އަރ މޯ' ރިސޯޓުގައި ދެމީހަކު ނޫނީ އެންމެން ހެލިފެލިވެ އުޅެންފަށައިފިއެވެ. ގަޑިއަށް އެއާޕޯޓަށް ނުދެވިދާނެތީއެވެ. އަނެއް ބަޔަކު ރިސޯޓަށް ގެނައި ތަކެތި ޕެކް ކުރުމުގައެވެ. އާނިސާ ދެކުދީން ނަގައިގެން ނަމާދު ނިންމާލުމަށްފަހު އެކުދީންނަށް ސައި ދިނުމަށް އަވަސްވެގަތެވެ.
މައިރާ ހޮޑުލާލާ ވަރުބަލިވެގެން ނިދިފައި އޮތުމާއެކު ގިޒާލް ތެދުވެ ނިޒާލް ފެންވަރުވާ ސައިދީ ހުރިހާކަމެއް ނިންމައިފިއެވެ. އެމީހެއްގެ ޒިންމާ އެމީހަކު އަދާކުރީ އެހެން މީހަކު ސުވާލެއްވެސް ނުކުރާނެ މިންވަރަށެވެ. ފަސްގަޑި ފަނަރަ ހިނގިއިރުވެސް ތިއާމެންގެ ޚަބަރެއް ނުވުމުން އަލައިނާ ގުޅާލިއެވެ. ދެމީހުންގެ ފޯނުވެސް އޮތީ ނިންވާލާފައެވެ. އެއީ ރޭގައި ޕާޓީގެ ވަގުތުގައި ނިންވާލިގޮތަށް އޮތީކަން އަލައިނާއަށް އިނގުނެވެ.
" އޭ ރަޒީ...! ދެ މީހުންވެސް ފޯނު އޯފް ކޮށްލާފައި...! ދާންވީނުން ގޮވަން..!"
އަލައިނާ ކުޑަކޮށް ހާސްވިއެވެ.

" ހާސްނުވޭ...! މި ދަނީ އެކުދީންނަށް ގޮވަން.. ! ތިއާ ވަރަށް ނިދި މަޑުވާނެ!"
ރަޒިއްޔާ އަވަސްވެލީ ދާލިޔާންއާއި ތިއާ ހޭލައްވާލުމަށެވެ.!

" ދަރިފުޅުމެން ދެން ނިދާނީ 'ވެނިސް'އަށް ދެވުނީމައި..! ދެން ތެދުވޭ ދަރިފުޅާ..! މާބޮޑަށް ލަސްވެއްޖެ!"
ރަޒިއްޔާ ސަމާސާކޮށްލިއެވެ.

" ތެންކިއު މަންމާ..! ހޭލެވިއްޖެ! ... މި ތެދުވަނީ އިނގޭ..! "
ތިއާ އަށް ހޭލެވުމާއިއެކު މަންމައަށް ޖަވާބުދިނެވެ.
ބަސްއަހާ ދެކުދީންފަދައިން ތިއާއާއި ދާލިޔާންވެސް ތެދުވެ ނިކަން އަވަހަށް ތައްރާރުވެލިއެވެ. އެންމެން އެކުގައި އެއާޕޯޓަށް ދެވުނުއިރު ހަގަޑި ބައިވަނީއެވެ. އެންމެންނާއި ބައްދާލަމުން ސަލާމްކުރަމުން ޝުކުރު އަދާކުރަމުން ދާލިޔާންއާއި ތިއާ އެތެރެއަށް ވަދެއްޖެއެވެ. ފުރާގަޑި ގާތްވެފައި ހުރުމުން ޗެކިން ނިންމާލުމަށްފަހު ދިޔަގޮތަށް ގޮސް ބޯޑިންވެލިއެވެ. ދާދި ކުޑަވަގުތުކޮޅެއްގެ ތެރޭގައި ދާލިޔާން އާއި ތިއާ ބޯޓަށް އަރައިފިއެވެ.

" އެއް މަސް ވެނިސްގައި... ! އަނެއް މަސް ޕެރިސްގައި..! ދެޓްސް ސޯ ވޮޑަރފުލް! ހުރިހާ ޝުކުރެއް ދާލިޔާންގެ ޕޭރަންޓަސްއަށް..!"
ދާލިޔާންގެ ގައިގައި ބޮނޑިވެލަމުން ތިއާ ބުނެލިއެވެ.

" ނޫނޭ...! ދެމީހުންގެ ޕޭރަންޓަސްއަށް..! ބިޒްނަސްގެ އެންމެ ފަހަތު ދެ ސީޓް ހަމަޖައްސައިދިންކަން ހަމަ ނަސީބެއް...! ސޯ! ދެން، ބައެއްފަހަރު ނޯޓީ ކަންތައްވެސް ކޮށްލެވޭނެ..!"
އެއްބުމައަރުވާލަމުން ދާލިޔާން ބުންޏެވެ.

" ލޯބީގެ ލައްޒަތާއި އަރާމު ހޯދުމުގައި މުޅިއުމުރު ޕްރިންސެސްއާއިއެކު ވެދޭނަން..! ލޯބީން ތި ހިތް ފުރާލަދޭނަން..! ދުވަހަކުވެސް ބޭވަފާތެރި ނުވާނަން މަގޭ ފުރާނަޔާ..! "
ދާލިޔާން ވަޢުދެއްވިއެވެ.

އެއަށްފަހު އެއްވެސް މީހަކު ބަލަން ހުރިތޯ ވަށައިގެން ބަލާލުމަށްފަހު ތިއާގެ ތުންފަތުގައި ބޮސްދިނެވެ. އަދި 'ވަރަށް ލޯބިވޭ' ބުނެ، ހަހަރުވެތިކަމާއެކު ތިއާ ގެނެސް ދާލިޔާންގެ ދެ އަތުގެ ތެރޭގައި ފިއްތާލިއެވެ.
ތިއާމެން ދެމަފިރީން ފުރީމައި ނޫނީ ނުދާންވެގެން ތިބި، އެންމެންނަށް ދާދި ކުޑައިރުކޮޅެއްގެ ތެރޭގައި ފެނުނީ ބޯޓު ނައްޓާލިތަނެވެ. ހިނިތުންވެފައި ދެ އާއިލާގެ މެންބަރުން ބަލަން ތިއްބައި އުޑުގެ ވިލާތަކުގެ ތެރެއަށް ވަދެ ބޯޓު ނިވާވެއްޖެއެވެ.

އެއްވެފައިވާ މެންބަރުންގެ ތެރެއިން ބައެއް މީހުންގެ ލޯތަކަށް އުޑުގެ ސާފުވިލާތަށް ފުސް ވެގެންދިޔައެވެ. އެ ލޯތަށް އުފާވެރިކަމުގެ ކަރުނައިން ތެއްމާލުމުންނެވެ. އާއެކެވެ! މުޅި އާއިލާ އެބަޔަކަށްޓަކައި އުފާކުރަމުން ގެންދަނީ ދާލިޔާންއާއި ތިއާ އަށްޓަކައެވެ. އެ ދެ ލޯބިވެރީންގެ ހަހަރުވެތި ކަމަށްޓަކައެވެ. ﷲގެ އިރާދަފުޅާއެކު ނިމުމެއް ނެތް ލޯބީގެ އޮށުން ދެ އާއިލާގައި އާ ނިރެއް ފެޅީއެވެ. ދާލިޔާން އާއި ތިއާއަށް ބާއްޖަވެރިކަމަށް އެދެމެވެ. އަލްޙަމްދުލިއްލާހި އެވެ!

ޝުކުރިއްޔާ!
= ނިމުނީ =
ގުޅުންހުރި
ހަހަރު
12 ސެޕްޓެމްބަރ 2017
ހަހަރު
11 ސެޕްޓެމްބަރ 2017
ހަހަރު
10 ސެޕްޓެމްބަރ 2017
ހަހަރު
8 ސެޕްޓެމްބަރ 2017
ހިޔާލު

ގުޅުންހުރި
ޒިލް
ވާހަކަ ވަރަށް ރީތި. މިކަހަލަ ރީތި އެހެން ވާހަކައެއް އަވަސް ފުރުސަތެއްގައި ކިޔާލަން ލިބޭނެ ކމށ އނމދ ކރނ. ޥ ވ ވ ވ ވ ރީތި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]