Bodu Thahugeegah 3 Aharu: Rilwanah Veegotheh Adhives Nuhoadhey!
vfp.mv
HM
HM
ބޮޑު ތަހުގީގަށް ތިން އަހަރު: ރިލްވާނަށްވީ ގޮތް އަދިވެސް ނުހޯދޭ!
inage
ރިލްވާން ގެއްލިފައިވަނީ މީގެ ތިން އަހަރު ކުރިން---
  ރިޕޯޓް | އިޖުތިމާއީ | | ފާތުމަތު ޝެހެނާޒް | 8 އޯގަސްޓު 2017 | 3 ކޮމެންޓް
މީގެ ތިން އަހަރާއި ދުވަސްކޮޅެއް ކުރިއަށް ހަނދާންތައް ފިރުކާލާއިރު، ހަނދާނަށް އަންނަނީ އަހަރުމެންނާއި އެކުގައި އޭނާ އުޅުނު އުފާވެރި ދިރިއުޅުމެވެ. އެކުގައި ހޭދަކުރި ހިތްގައިމު ވަގުތު ތަކެވެ. އެއީ ރަހުމަތްތެރިންނާއި ގުޅުން ބަދަހި، ގިނަ ބައެއްގެ އެކުވެރިއެކެވެ. ދުނިޔެއަށް ލޯހުޅުވިހުރި ޚަބަރާއި މައުލޫމާތު ފެތުރުމަށް ލޯބިކުރި ނޫސްވެރިއެކެވެ. އިންސާނިއްޔަތުކަމަށް ލޯބިކުރި އިހްސާންތެރިއެކެވެ. އާއިލީ ގުޅުމަށް އިސްކަންދީ އުޚުއްވަތްތެރިކަން ދެމެހެއްޓި ކޮއްކޮ އެކެވެ. ބޭބެއެކެވެ. އެންމެނާވެސް ގުޅޭ އުފާވެރި މިޒާޖެއްގެ އިންސާނެކެވެ. އެއީ އަޅުގަނޑުގެ ލޯބިވާ ކޮއްކޮ އަހުމަދު ރިލްވާން އަބްދުﷲ އެވެ. ސޯޝަލްމީޑިއާގެ ނަމުން ނަމަ "މޮޔަމީހާ" އެވެ. thegardens
ރަހުމުކުޑަ އަތްތަކަކުން ރިލްވާނު ވަގަށް ނެގިތާ މިއަދަށް މިވީ ޖުމްލަ 1097 ދުވަހެވެ. އާއެކެވެ. ބަރާބަރު ތިން އަހަރު ފުރުނީ އެވެ. އެހެނަސް މިއަދުވެސް ކުރާން އޮތީ ހަމަ އެންމެ ފުރަތަމަ ދުވަހުވެސް ކުރި ސުވާލެވެ. އެ ސުވާލަކީ އަދިވެސް ޖަވާބު ނުލިބޭ ސުވާލެކެވެ. "ރިލްވާނު ކޮބައި ހެއްޔެވެ؟ ރިލްވާނަށް ވީ ކީއްހެއްޔެވެ." މި ސުވާލަށް ޖަވާބު ދިނުމުގައި ކަމާބެހޭ އިދާރާތައް ވަނީ ނުކުޅެދިފައެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ތަހުގީގު ދަނީ ކުރިއަށް ކަމަށް ބުނާ ފުލުސް އޮފީހުގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ. އެހެނަސް ލިބޭ ކުރިއެރުމެއް ނެތެވެ. އާއިލާއާވެސް ހިއްސާ ކުރާނެ މައުލޫމާތެއް ނެތެވެ. ފުލުހުންގެ ތަހުގީގު ކުރިއަށް ގެންދާ ގޮތުންވެސް އާއިލާއަށް ލިބެނީ އިތުރު މާޔޫސް ކަމެވެ. ރިލްވާން ގެއްލުނު ރޭ މާލެއާއި ހުޅުމާލެއިން ލިބުނު ސީސީޓީވީ ފުޓޭޖާއި، ގަދަކަމުން ރަތް ކާރަކަށް މީހަކު އެރުވި އެރުވުމާއި، އެ ކާރުގެ ޑިކީން ފެނުނު އިސްތައްޓާއި މިހުރިހާ ކަމެއް ހެކިދެނީ ގަދަކަމުން ބަޔަކު ރިލްވާން ރަހީނު ކުރިކަމެވެ. ވަގަށް ނެގި ކަމެވެ. އޭގެ މަހެއްހާ ދުވަސް ފަހުން ތިން މީހަކު ހައްޔަރުކޮށް، އެއީ ތަހުގީގަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށް ފުލުހުން ހާމަކުރިއެވެ. އެހެނަސް ދުވަސްކޮޅެއް ފަހުން އެމީހުން ދޫކޮށްލިއެވެ.

ތަހުގީގަށް ލިބުނު ކަމަށް ބުނި ކުރިއެރުމުގެ ނަތީޖާއެއްވެސް ނުފެނުނެވެ. އިތުރު ދެމީހަކާ އެކު ޖުމްލަ ފަސް މީހަކު ހައްޔަރުކޮށް ދޫކޮށްލިއެވެ. އަދި ރިލްވާން ވަގަށް ނެގިތާ 606 ދުވަސް ފަހުން 2016 ވަނަ އަހަރުގެ އެޕްރީލް މަހުގެ 5 ވަނަ ދުވަހު ދެމީހަކު ހައްޔަރުކުރިއެވެ. އެހެނަސް ކުރިން ހައްޔަރުކުރި މީހުންނެކޭ އެއްގޮތަށް މިދެމީހުންވެސް ދޫކޮށްލީއެވެ. މި ހުރިހާ ކަމެއް މިހެން ހިނގާފައި ހުރެމެ، އަދިވެސް ތަހުގީގު ދަނީ ކުރިއަށް ކަމަށް ފުލުހުންގެ އިދާރާއިން ބުނުމަކީ ކަނޑައެޅިގެން ހަދާ ދޮގެއް ކަމަށް ދުށުމުގެ ޖާގަ އެބައޮތެވެ. ތުހުމަތު ކުރެވޭ މީހުންނާއި ހެއްކާއި ގަރީނާ ހުރެމެ ދިވެހި ފުލުހުންނާއި ދިވެހި ސަރުކާރުގެ ޒިންމާދާރުކަމެއް ނެތުމަކީ އާއިލާއިން ނުހަނު ކަންބޮޑުވާ ކަމެކެވެ. މިކަމުން ރަމްޒުކޮށްދެނީ ދިވެހި ރައްޔިތުންނާމެދު ދިވެހި ސަރުކާރުގެ އެއްވެސް ހަމްދަރުދީއެއް ނެތްކަމެވެ. އިންސާނިއްޔަތު ކަމާއި އިހްސާންތެރިކަން ނެތްކަމެވެ.

ރިލްވާން ވަގަށް ނެގި ފުރަތަމަ ދުވަހުން ފެށިގެން ރިލްވާނަށް ވީގޮތެއް ހޯދުމަށް އާއިލާއާއި ރައްޓެހިން ކުރަމުންދާ މަސައްކަތަށް ހުއްޓުމެއް ނާދެއެވެ. ތަފާތު އުނދަގުލާއި ޖެއްސުންތަކާއި ފުރައްސާރައާ އެކުވެސް ދިޔައީ ކުރިއަށެވެ. ފާއިތުވި ތިން އަހަރުގެ ތެރޭގައި އެތައްވަރަކަށް ފުލުސް އޮފީހަށް ހިނގިއްޖެއެވެ. ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އަރިހު އާދޭސް ދެންނެވިއްޖެއެވެ. ސަރުކާރުގެ އެކި ވަޒީރުންގެ އަރިހަށްގޮސް އާދޭސް ދެންނެވިއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ އަރިހު އާދޭސް ދަންނަވާނޭ ފުރުސަތެއް ލިބޭތޯ ގިނަ ގުނަ މަސައްކަތް ކުރެވިއްޖެއެވެ. ރައްޔިތުންގެ ހައްގުގައި އުފައްދާފައިހުރި މިނިވަން މުއައްސަސާތަކުގެ ދޮރޯށީގައި ތަކުރާރުކޮށް ޓަކި ދެވިއްޖެއެވެ. އެހީތެރިކަމާއި އެއްބާރުލުމެއް ނުލިބުނެވެ. ގިނަ ބަޔަކު ސޮއިކޮށް މަޖިލީހަށް ހުށަހެޅި ޕެޓިޝަންވެސް ބޭރުކޮށްލީ ކުޑަވެސް ރަހުމެއް ހަމްދަރުދީ އެއް ނެތިއެވެ. ރިލްވާންގެ އާއިލާ ތަހަންމަލު ކުރަމުންދާ ވޭނާއި ކެކުޅުން ދައުލަތުގެ ވެރިންނަށާއި ސަރުކާރުގެ ވެރިންނަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިހްސާސް ނުކުރެވެނީއެވެ. ނޫންނަމަ ދިވެހި އާއިލާއެއްގެ ދިވެހި ރައްޔިތުން ތަކެއްގެ ޝަކުވާއާއި އާދޭހުގެ އަޑުއަހަން އެބައިމީހުން ބޭނުން ނުވަނީއެވެ.

ރިލްވާނަށް ވީގޮތެއް ހޯދުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރީ އޭނާގެ އެންމެ ގާތް އެކުވެރި ޔާމީން ރަޝީދެވެ. ޔާމީން އެކަން ކުރީ ރިލްވާނަށްޓަކައި އެކަންޏެއް ނޫނެވެ. އިންސާނިއްޔަތަށްޓަކާ ވެސް މެއެވެ. ޔާމީން ފާޅުގައި ބުނަމުން ދިޔައީ "މިއަދު ރިލްވާނެވެ. މާދަމާ އަހަރެންބާ؟" އެވެ. ތަކުރާރުކޮށް ޔާމީން ކުރަމުންދިޔަ ސުވާލުގެ ޖަވާބު ލިބުނީ ކޮންފަދަ ރަހުމުކުޑަ އަނިޔާވެރި ގޮތަކަށް ހެއްޔެވެ. އަނިޔާވެރިންނަށް މިފަދަ އަނިޔާވެރި އަމަލުތައް ހިންގެނީ ސަރުކާރުގެ އިހުމާލުންނޭ ބުނުމުގެ ޖާގަ އެބައޮތެވެ. ރިލްވާން ވަގަށް ނެގުމާއި އެކަން ކުރި ކަމަށް ޝައްކުކުރެވޭ ބަޔަކު ތިބެމެ، އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށް، އަދި ފަހުން ދޫކޮށްލުމަކީ އެފަދަ ދެވަނަ އަމަލެއް ހިންގުމަށް ހިތްވަރު ދިނުމެވެ. ފުރުސަތު ފަހިކޮށް ދިނުމެވެ. ސަރުކާރުން ބޭނުންވީމާ ހައްޔަރުކުރާ މީހުން އެތައް ދުވަހެއް ވަންދެން ހައްޔަރުކޮށްފައި ބައިތިއްބައެވެ. ޝަރީއަތް ނިމެންދެންވެސް ހައްޔަރުކޮށްފައި ބައިތިއްބައެވެ. ތަހުގީގު އަވަސް ކުރެއެވެ. ޝަރީއަތަށް ފޮނުވައެވެ. ކައިރިކައިރީގައި އަޑުއެހުންތައް ބާއްވާ ހުކުމް ކުރެއެވެ. އެހެނަސް ރިލްވާން ވަގަށް ނެގި ހާދިސާގެ ތަހުގީގު ކުރިއަށް ގެންދިޔުމުގައާއި ޔާމީން ރަޝީދު މަރާލި މައްސަލައިގައިވެސް ފެންނަނީ ސަރުކާރުގެ އިދާރާތަކުން އިހުމާލުވާ މަންޒަރެވެ. ދިވެހި ރައްޔިތުންނަށް މިކަން ބަލައިގަނެވޭނީ ސަރުކާރުން ރައްޔިތުންނަށްދޭ ބިރުވެރި އިންޒާރެއްގެ ގޮތުގައެވެ.

ރިލްވާނަށް ވީގޮތެއް ބެލުމަށް އާއިލާއިން ކުރަމުންދިޔަ މަސައްކަތަށް ފުލުހުންގެ އެއްބާރުލުމެއް ނުލިބުނެވެ. ކުޑަމިނުން މައުލޫމާތުވެސް ނުދިނެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގަކަށް ވާއިރު މައުލޫމާތު ނުދީ ހިފެހެއްޓުމަކީ ފުލުހުންނަށް ކުރެވޭނެ ކަމެއް ނޫންކަމަށް ގަބޫލުކޮށް އެކަން ކޯޓަށް ހުށަހެޅީމެވެ. ރިލްވާންގެ އާއިލާގެ ފަރާތުން ސިވިލް ކޯޓަށް މިމައްސަލަ ހުށަހެޅީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކުރީ މައްސަލަ ހުށަހެޅިތާ 7 މަސް ފަހުން، 5 ޖުލައި 2017 ގައެވެ. އެ އަޑުއެހުމުގައި ފުލުހުންގެ ފަރާތުން ޖަވާބުދާރީވަމުން ބުނީ ރިލްވާން ވަގަށްނެގި ފަހުން ދެން ވީގޮތެއް ފުލުހުންނަށްވެސް ހޯދިފައި ނުވާ ކަމަށެވެ. "ޓު ޕްރޮޓެކްޓް އެންޑް ސާރވް" އަކީ ފުލުހުންގެ މޮޓޯ ކަމުގައިވިޔަސް، ރައްޔިތުންނަށް ރައްކާތެރިކަމެއް ވެސް ނުދެވެއެވެ. އަދި އެކަށޭނަ ޚިދުމަތެއް ވެސް ނުދެވެއެވެ.

ރިލްވާން ވަގަށް ނެގި ބަޔަކު ހޯދުމަށް އަދި އެބަޔަކަށް ހައްގު އަދަބު ލިބިދިނުމަށް ގޮވާލައި އާއިލާއިން ކުރަމުންދާ މަސައްކަތްތަކަށް ނިމުމެއް ނެތެވެ. އެމަސައްކަތާ މިއަދު ގުޅިފައިވަނީ ރިލްވާންގެ އެކުވެރި ޔާމީން ރަޝީދުގެ ގާތިލުން ހޯދައި އެމީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވާލެވޭ އަޑެވެ. މިފަދަ ކޮންމެ ހާދިސާއަކުންވެސް ހިތަށް ގެނުވަނީ ނާމާން ކަމާއި ބިރުވެރިކަމެވެ. އިންސާފަށް އެދި ކުރާ އާދޭހަށް ސަރުކާރުން ދެނީ ބީރު ކަންފަތެކެވެ. ތިން އަހަރު ފާއިތުވެގެން ދާއިރުވެސް މަސައްކަތް މިކުރަނީ އެއްވެސް ފޫހިކަމެއް ނެތިއެވެ. އާއިލާއަށް ލިބިފައިމިވާ ފުން ހިތާމައާއި ހިތްދަތިކަމަށް ކެތްތެރިވަމުންނެވެ. ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ މާތްﷲ ގެ ހަޟުރަތުން ވާގިއެދެމުންނެވެ. ރިލްވާން އާއި ޔާމީނަށް ހެއުދުއާ ކުރުމުގައި އަޅުގަނޑާ އަޅުގަނޑުގެ ޢާއިލާ ދެމިތިބީމެވެ.
ގުޅުންހުރި
ރިލްވާނުގެ މައްސަލާގައި ދައުވާކުރި އެކަކު މަރުވެފައިވާކަމަށް ބުނެފި
21 ސެޕްޓެމްބަރ 2017
ރިލްވާން ގެއްލުވާލި މައްސަލައިގެ ޝަރީއަތް މާދަމާ ފަށަނީ
19 ސެޕްޓެމްބަރ 2017
ރިލްވާން ގެއްލުވާލި މައްސަލާގައި ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފި
17 ސެޕްޓެމްބަރ 2017
ރިލްވާންގެ ހިނގާލުމުގައި ބައިވެރިވި ފުލުހުންގެ ދެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި
14 އޯގަސްޓު 2017
ހިޔާލު

ގުޅުންހުރި
މާސް
ނުޖެހޭ އެނގޭކަށް އަމިއްލަޔަށްވެސް ތިކަމަށް މަސައްކަތްކުރަންވީނު ބވަލކަސިފައިންގެތެރޭގައި ނޫޅެޔޭ ޚައިބްއެނގޭ އެކަކުވެސް އެކަން ގަބޫލުނުކުިރެރވެނީ ކީއްވެ؟؟؟؟؟؟؟؟؟؟؟؟
ގައުމު
ކީއްކުރާނީ. މިއީ ވާވަރު. ކިހިނެއް ހަދާނީ. ވަރަށް ބޮޑު މައްސަލައެއް މިއީވެސް. ފުލުހުން ކުރާ މަސައްކަތް ހާމަކަން ބޮޑުގޮތަކަށް އެނގެން ޖެހޭކަންނޭނގެ. ނުފޫޒުން އެއްކިބަވެފައިވާ ތަނެއްކަން ކަށަވަރުކުރަން ޖެހޭ.
އަހުމަދު
ކުރިއަށްދަނީ ތަހުޤީގު ފައިލްތަކުގައި ކަރުދާސްތައް ހުރެގެންކަންނޭގެ......މިގޮތަށްކުރިއަށްގޮސްގެން ހައްލުލިބޭނެނަމަ ލިބޭނެ.. ؟

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]