ލަންޑަނުގައި މިސްކތަކުން ނުކުތް މުސްލިމުންތަކެއްގެ ތެރެއަށް ވޭނެއްގައި ބާރަށް ދުއްވާފައި ގޮސް ވަން މީހާ ގޮވަމުން ދިޔައީ ހުރިހާ މުސްލިމުން މަރާނެ ކަމަށާއި، އެއީ އޮޅިގެން ހިނގި ހާދިސާއެއް ކަމަށް ގަބޫލު ނުކުރާ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފިއެވެ.
ލަންޑަނުގެ އުތުރުގައި ހުންނަ ފިންސްބަރީ ޕާކް މިސްކިތުން ނުކުތް ގިނަ އަދަދެއްގެ މުސްލިމުންގެ ތެރެއަށް ވޭން ވަދެފައިވަނީ މިރޭ މަޣުރިބު ނަމާދަށް ފަހު މިސްކިތުން މީހުން ފޭބި ގަޑީގައެވެ. އެ ހާދިސާގައި އެކަކު މަރުވެ އިތުރު 10 މީހަކު ޒަހަމުވެފައިވެއެވެ.
އެ މައްސަލައާއި ގުޅިގެން ވޭން ދުއްވަން އިން މީހާ ވަނީ ހައްޔަރުކޮށްފައެވެ.
އެ ހާދިސާ ތަޖުރިބާ ކުރި މީހުންނާ ހަވާލާދީ ޓެލެގްރާފުގައި ލިޔެފައިވާ ގޮތުގައި ފުލުހުންނަށް އެ ހިސާބަށް ދެވުނީ ބައިގަޑިއެއްހާއިރު ފަހުންނެވެ. ވޭން ދުއްވަން އިން މީހާ ހިފަހައްޓާ ފުލުހުންނާ ހަވާލު ކުރީ އެސަރަހައްދުގައި ތިބި މީހުންނެވެ.
އެމީހާއަކީ މެދު އުމުރުގެ ބިޔަ މީހެކެވެ.
އެ މީހާ ހިފެހެއްޓުމުގައި ބައިވެރިވި މީހަކު ޓެލެގްރާފަށް ބުނެފައިވާ ގޮތުގައި ބާރަށް ދުއްވާފައި ގޮސް ވޭން މީހުންގެ ތެރެއަށް ވައްދާފައި ނުކުމެ އޭނާ ފެއްޓި އަތުން މީހުންނަށް ހަމަލާ ދިނުމަށެވެ. އަދި "ހުރިހާ މުސްލިމުން މަރާނެ" ކަމަށް އޭނާ ދިޔައީ ގޮވަމުންނެވެ.
އެސަރަހައްދުގައި ތިބި މީހުން އޭނާ ފިލަން އުޅުމުން ހިފަހައްޓާ ބިން މައްޗަށް ވައްޓާލުމުން ތިމަންނަ މަރާލާށެ އޭނާ ގޮވަމުން ދިޔަ ކަމަށް ވެސް އެމީހާ ބުނެފައިވެއެވެ.
މިސްކިތުން ފޭބި މުސްލިމުންނަށް އަމާޒުކޮށް ދިން އެހަމަލާއަކީ ހާދިސާއެއް ކަމަށް އިނގިރޭސި ސަރުކާރުގެ ބައެއް އިސްވެރިންނާއި ފުލުހުންވަނީ ސިފަކޮށްފައެވެ.