Rubee Episode 71 Last Episode
vfp.mv
VFPBAAZAARU
HM
HM
ރޫބީ
inage
ރޫބީ
  މުނިފޫހިފިލުވުން | ވާހަކަ | | ފުނަމާ | 18 ޖޫން 2017 | 10 ކޮމެންޓް
71 ވަނަ ބައި kobadoctor
ލިބުނީ ކުޑަ ވަގުތުކޮޅެކެވެ. ނަމަވެސް އިންތިހާއަށް ލޯބިދީފިއެވެ. ޒާކްގެ އެންމެ ޚާއްސަ އެއްސިފައަކީވެސް އެއީއެވެ. ލޯބިދިނުމާއި އޯގާތެރިކަމުގައި ޒާކްއަކީ މިސާލެކެވެ. މަސައްކަތުގެ މާހައުލުން ކުރިމަތިވާ ހިތްހަމަނުޖެހުމާއި ރުޅިވެރިކަން، ގޭގައި ތިބޭ އަނބިދަރީންނާއި ހަމައަށް ގެނައުމަކީ ޒާކްގެ ސިފައެއް ނޫނެވެ. ރޫބީއާއި ކައިވެނިކުރިފަހުން ޒާކްއަށް ދިމާވި އެންމެ އުދަގޫ މައްސަލައަކީ ނިޔާތީގެ ހިތްހަމަނުޖެހުމާއި ރުޅިވެރި މޫޑެވެ.
ނުހަނު މަސައްކަތުން އެވަގުތަކަށް ނަމަވެސް ނިޔާތީ ހަމަޔަކަށްއަޅުވުމަށްފަހު، އެފަދަ ވަގުތުތައް ނިޔާތީއަށްޓަކައިވެސް ޒާކް ތަފާތެއް ނުކުރެއެވެ. އެކަކަށްޓަކައި ހިތުގައި އޮތް ލޯބި، ކިތަންމެ މަތިވެރިވިޔަސް، ދެވަނަ މީހާއަށް އެކަން އިހުސާސްވިޔަ ނުދިނުމަކީ ޒާކްގެ އަމާޒެކެވެ. ވިސްނުމުގެ ތެރޭގައި ޒާކް އިންއިރު، ހޮސްޕިޓަލުގެ ޚިޔާލްތައް ހަނދާންއާކޮށްދިނެވެ.
މޭޒުމަތީގައި ހުރި ޖޫސްތައްޓާއި ފެންތަށި ހިފައިގެން ރޫބީއައިއިރު، ޒާކް އިށީންދެއްޖެއެވެ.

****
ލޭބަރޫމްގެ ދޮރުމައްޗަށް ޒާކްއަށް އާދެވުނީ ދުވެފައިކަހަލަ ގޮތަކަށެވެ. ހަމަޖެހިނުލެވިގެން އުޅެނިކޮށް ޒާކްގެ ދެވަނަ ދަރިފުޅު ނެރެފިއެވެ. އެންމެންގެ ހިނިތުންވުމާއެކު ޒާކްގެ ލޮލުން ކަރުނަހިލުނެވެ. އެއީ އުފާވެރިކަމުގެ ރަމްޒެކެވެ. ޒަޔަލް ލިބުނު ދުވަހަކީވެސް ހަނދާނުން ދުވަހަކުވެސް ނުފިލާނެ އުފާވެރި ދުވަހެކެވެ.

"އަންހެން ކުއްޖެއް... ދެމައިންގެ ހާލުވެސް ރަގަޅު" ނަރުސް ބުންޏެވެ. ފިނިފެންމާކުލައިގެ ބްލޭންކެޓްގައި އޮޅާލާފައިވާ ލޯބިދަރިފުޅު ޒާކްގެ އަތުގެ ތެރޭގައި ހިމާޔަތްކޮށްލިއެވެ. އުފަންވި ވަގުތުކަމަށްވިޔަސް، އެދަރިފުޅުގެ ސިފަ ޒާކްއަށް ބަލާލެވުނެވެ. ނިޔާތީއާއި ވަރަށް ވައްތަރެވެ.

"ކޮބާ ނިތީ؟" ދަރިފުޅަށް ބަލާލަމުން ޒާކް ސުވާލުކުރީ ނަރުހާއެވެ. ސުވާލުގެ ޖަވާބަށް ޒާކް އިންތިޒާރުކުރިހެން ހިޔެއްނުވެއެވެ.

"ބައްޕަ ވަރަށް ލޯބިވޭ ދަރިފުޅުދެކެ" ވަރަށް ލޯބިން ޒާކް ބުނެލިއެވެ.

"ދޮންބެއާއި އެއްވެސް ވައްތަރެއް ނޫން... މާޝާﷲ ބޮޑުދައިތަގެ ދަރިފުޅާ... ލޯބިލޯބި ފުއްގަނޑާ" ރަނާގެ އަޑުން އެތަން ފަޅުފިލުވާލިއެވެ.

"ދެން މިވަގުތު ގެންގޮސްލާނަން... ކުޑައިރުކޮޅެއްއަދިވާނެ" ނަރުސް މާނައެކުރީ ނިޔާތީ ނެރޭނެ ވަގުތަކަށެވެ. ޒާކްއަށްވުރެންކުރީން، ރޫބީއަށްގުޅީ ޒިދޫއެވެ. ނިޔާތީގެ ދަރިފުޅުގެ ޚަބަރުން ރޫބީއަށް އުފާވެރިކަންލިބުނެވެ. އެދަރިފުޅަށްޓަކައި ރޫބީ ދިގު އިންތިޒާރެއް ކުރިއެވެ.

"ދެން ރޫބީ ނިމެންވާއިރަށް ޒިދޫވާނެ ލިސްޓުގައި ނަންޖަހާލަން..." ރަނާގެ ހިނިތުންވުމުން ޒިދޫ ލަދުގަތީއެވެ. ޖެހިޖެހިގެން އިން ދެގޮނޑީގައި އިށީދެގެން ތިއްބަސް، އާދީއާއި ދެމީހުންތިބީ އެކަކު އަނެކެއްގެ ކޮނޑުގައި ބޯއަޅާލައިގެންނެވެ.

"އަދި ވަގުތުކޮޅެއް ބޭނުންދޯ... ޒިދޫގެ މާސްޓާރސް ނިންމާލާފައި އެކަންކުރާނީ... އިންޝާﷲ އެއަށްފަހު އެވީފުލުފުލުގައި ޓީމެއް ހަމަކޮށްލަން..." ޒިދޫ ލަދުގަންނަވާލަންވެގެން އާދީ ބުންޏެވެ.

"އަހަރުމެން ދަރިން ބަލައިދޭނަން... ކިޔަވަންދާންވީމައި ދާންވީ، އަވަހަށް ދަރިން ހޯދީމައި ފަހުންވާފައިދާ މާބޮޑުވާނެ..." ރަނާ ބުންޏެވެ.
ފަރިފުޅު އުރާލަން ލިބިފައި ގެންދިއުމުން ޒާކްއަށް ލިބުނު ފަޅުކަން މާބޮޑެވެ. ކުރީން ގޮނޑީގައި އިށީދެގެން ގިނައިރުތަކެއް ވަންދެންއިނަސް، އޭގެ ފަހުން، ދޮރުބުޑުން ޒާކް ދުރައް ނުދެއެވެ.

*****
އިންތިޒާރުގައި ގިނަވަގުތުތަކެއް ހޭދަވިއެވެ. ހުރިހާ ކަމެއް ހަމަޔަކަށް އަޅުވާލެވުނީ މެންދުރުވީފަހުންނެވެ. ނިޔާތީގެ ކުކުރުމާއިހެދި ޒާކްއަށް ގުޑާނުލެވެއެވެ. ބޭބީގެ ކަންކަން ކުރުމުގައި ޒިދޫއާއި ރަނާ ވަރަށް ކުޅަދާނައެވެ. ޒިދޫގެ އާގޮތެއްހުއްޓަސް، ރަނާގެ އެހީތެރިކަމާއެކު ކަންކަން ދަސްކޮށްލިލެއް ވަރަށް އަވަހެވެ.

"ބޭބީ ދެކިލަން ރޫބީ އަންނަހިތުން އުޅެނީ... އާދީ އެދިޔައީ މަންމަ ބަލާ..، މަންމަ އައިއްސަ ދިޔައީމައި އަހަރެން ދާނަން ރޫބީ ބަލާ އިގޭ.. ފޮޓޯ ފޮނުވީމަވެސް ވަރަށް އުފާވެފައި ހުރީ.." ޒާކް ވާހަކަދެއްކީ މަޑުންނެވެ. ނަމަވެސް ރަނާއަށްވެސް އަދި ޒިދޫއަށްވެސް އަޑުއިވޭވަރަށެވެ. ނިޔާތީގެ ގައިގައި ފިރުމުން ފިޔަވާ އިތުރުކަމެއް ޒާކްއަށްނެތެވެ. ކުޑަމީހާ އުރާލަން ދުރައް ޖެހިލިޔަވެސް ނުދެއެވެ .

"އެއުޅެނީ ކޮންމެވެސް އެއްޗެކޭ ކިޔާފައި ގެންދަން... މިތަނަށް އަންނަން އެއުޅެނީވެސް ގޮތްބަލަންވެގެން... އަހަރެން ބޭނުމެއްނޫން ރޫބީ މިތަނަށް ގެނެސްގެން، އިތުރު މައްސަލަތަކެއް އަހަރުމެން ދެމީހުންގެ ދެމެދުގައި އުފެދޭކަށް..." ނިޔާތީގެ މޫޑް ގޯސްވެއްޖެއެވެ. ރަނާއާއި ޒިދޫ ފުރަގަސްދީގެން ތިއްބަސް، ނިޔާތީބުނި އެއްޗެއް އަޑުއިވޭނެއެވެ.

"ތިކަހަލަ އެއްޗެހި ހިތައް އަރުވާކަށްނުވާނެ... ރޫބީގެ ހާދަ މަސައްކަތަކުންނޭދޯ ނިތީ ބޭސްކުރީ...! އޭނަދޯ ދާންވީ ތަންތަނާއި ދައްކަންވީ ޑޮކްޓަރުންނަށްދާންދެން ހޯދީ... ވިހަންވެގެން ހުރިހާ ކަމެއްކޮށްދިނީވެސް ރޫބީ.. އަހަރެން ނުބުނަން ރަނާއާއި ޒިދޫ އެހީނުވެޔެކޭ... އެކަމަކު އެއޮތްބޮޑު ބަނޑާއެކުވެސް ކިހާވަގުތެއް ލެޕްޓޮޕް އުގައްލައިގެން އެއިންނަނީ.. ހުރިހާ އެއްޗެއް އޯޑަރކޮށްގެން، އެންމެ ރަގަޅު އެއްޗެހިބަލައިގެން ނިތީއަށް ގެނެސްދިނީ... ކީއްވެ އެކަންކަން އަމިއްލައަށް ނުކުރީ؟ ނޫނީ ރޫބީ ކުރަންފެށީމައި އެކަންކަން ނުކުރާށޭ، ތިމަންނައޭކުރާނީ ކިޔާފައި ޒިންމާ ނުނެގީ..؟" ޒާކް ވާހަކަދެއްކީ ރުޅިއައިސްގެން ނޫނެވެ. ނަމަވެސް ނިޔާތީއަށް ވިސްނައިދިނުމަށްޓަކައެވެ.

"ކޮންމެ ގޮތެއްވިޔަސް ހެޔޮ... އަހަރެން މިތަނުގައި އޮއްވައި ރޫބީ ގެނެސްވައްދައިގެން ނުވާނެ މިތަނަށް.. ޒާކްއަށްވެސް ގެއަށްދެވޭނީ އަހަރެން ދޫކޮށްލީމައި.." ވަރަށް ހަރުކަށިމަކާއެކު ނިޔާތީ ބުނެލިއެވެ. އަޑުއިވެމުންދިޔަ ބަސްތަކާއިމެދު އަންތަރީސްވެ ދެލޯބޮޑުވެފައިވަނީ ރަނާއާއި ޒިދޫއެވެ. ޒާކްގެ ފަރާތުން ރައްދެއް ނައީތީވެސް އެމީހުންގެ ހިތުގައި ސުވާލު އުފެދުނެވެ. ރޫބީއާއި ނިޔާތީގެ ތަފާތު އަޅާކިޔަން ބޭނުންނުވިޔަސް، އެކަން ނުކޮށްތިބެވޭނެހެއްޔެވެ؟

****
ހަވީރު ވީއްސުރެން ރޫބީ އިންތިޒާރުކުރީ ޒާކްއަށެވެ. ޒަޔަލްވެސް ތައްޔާރުކޮށްގެން ދެމައިން ތައްޔާރުވެގެން ތިބީ ހޮސްޕިޓަލަށް 'ބޭބީކައިރިއަށް' ދާށެވެ. ނަމަވެސް އިރުއޮއްސުނުއިރުވެސް ނައީތީވެ، ރޫބީ ގުޅިއެވެ. ޒާކްގެ ޖަވާބު ވަރަށް ކުރެވެ. ވަރަށް ބިޒީކޮށްއުޅޭތީވެ، ބަލައިދެވެން ނެތްކަމަށް ބުނެޏެވެ. ދެވެންޏާއި ގުޅާލާނެކަމަށާއި، ޒާކް ބަލާދިއުމުންނޫނީ ރޫބީ ހޮސްޕިޓަލަށް ނައުމަށް ޒާކް ބުންޏެވެ. ރޫބީގެ ވިސްނުންތޫނު ސިކުނޑިއަށް އެޖަވާބު ފުދުނެވެ.
ދަރިފުޅަށް ވިސްނައިދިނުމުގައި ރޫބީއަކީ ފުރިހަމަ މަންމައެކެވެ. ބައްޕައަށް ތައުރީފުކޮށްފައިނޫނީ، ބައްޕަގެ އެއްވެސް ވާހަކައެއް ޒަޔަލްއަށް ރޫބީ ބުނެނުދޭނެއެވެ. ބޭބީ ރަގަޅުވުމުން ގެއަށް ގެންނާނެކަމާއި، ގެއަށް ގެނައިމައި ދެކުދިން އެކުގައި ސެލްފީނަގާނީކަމަށް ރޫބީ ބުނުމުން ޒަޔަލް ވަރަށް އުފާވިއެވެ. ސެލްފީ ނެގުމަކީ ޒަޔަލް ވަރަށް ކުރާހިއްވާ ކަމެކެވެ.

*****
ދުވާލުގެ ސާފުނަލަ، ބިއްލޫރިކޮޅެއްފަދަ ވިލާތަކުގެ ތެރޭގައި ރަސްކަން ކުރުމަށްފަހު، އިރުވެސް ނިވާވެއްޖެއެވެ. ދުނިޔޭގެ ކާއިނާތުގެ ކުލަބަދަލުވެ، ފިނިހޫނުމިން ބަދަލުވެއްޖެއެވެ. ރަތްވިލާ އޮއްސި، ދުރުންފެނުނު ޗާލު މަންޒަރުތައް ކަޅު ހިޔަނިތަކަށް ބަދަލުވެއްޖެއެވެ. ތަސްވީރުކުރެވުނު މަންޒަރުގެ ހިތްގައިމުކަން އަޖައިބުކޮށްލާހާ ނަލަވިޔަސް، އަންބެއްގެ ވިސްނުމެއް ޒާކްއަށް ބަދަލެއް ނުކުރެވުނެވެ. އެއީއެކަން ވާނެގޮތްވެސްމެއެވެ. ވަކިކަމަކަށް، ވަކިގޮތަކަށް އިންސާނެއްގެ ވިސްނުމާއި ފިކުރު، ބަދަލުކުރުމަށްފަހު އެކަން ބަދަލުކުރަން އެހެން މީހަކު ކިތަންމެ މަސައްކަތެއްކުރިޔަސް ކާމިޔާބެއްނުވާނެއެވެ. ވަގުތާއި ހާލަތުބަދަލުވުމުން އެކަން އިޔާދަވާނެކަން ދުނިޔެ ހެކިދެއެވެ. ޝަކުވާއާއި، އަރާރުމާއި ޝައްކުނޫންއެއްޗެއް އެކަމުގައި ނުވާނެއެވެ. ދިރިއުޅުން ކިތަންމެ އުފާވެރިވެފައި ބާއްޖަވެރިވިޔަސް، އެކަމުގައި އުފަލެއް ނުވަތަ ހިތްހަމަޖެހުމެއް އިހުސާސްކުރާނެ ފުރުސަތެއްވެސް ނުލިބޭނެއެވެ. ކަންކަން ރަގަޅުކޮށް ޝަކުވާނުކުރުމަށް ކުޑަވެސް ފުރުސަތެއް ނުދިނުމަށް ޒާކްއަށްކުރެވުނު ހުރިހާކަމެއް ނިޔާތީއަށް ކޮށްދެއެވެ. ނަމަވެސް އެއިންކަމަކާއިމެދު ވިސްނާ ފިކުރުކުރާނަމަތާއެވެ.
ހުއްޓިލައިގެން ހުރި ކުޑަދޮރުގެ ފޮތިގަނޑު ދުރުކޮށްލުމަށްފަހު ކުރިއަށްވުރެންވެސް ބޮޑަށް ޒާކް ގާތްވެލިއެވެ. ހުރަހެއްނެތި، އުޑުމަތިބަލާލުމަށެވެ. ފުރިހަމަ ހަނދުގެ ނަލަކަން އެހިތައް ތަފާތު ޝުއޫރެއް ގެނައުމަށް ހިނދުކޮޅެއްވެސް ނުނެގިއެވެ.
ރޫބީއާއެކު ކިތަންމެ ވަގުތެއް އެފަދަ މަންޒަރުތަކުގައި ޒާކް ހޭދަކުރިއެވެ. ލޯތްބާއި އިޝްގީ ފިރުމުންތަކާއެކުއެވެ. އެއީ ހިތްގައިމު ސަފްހާތަކެކެވެ. ނުފިލާނެ ހަނދާންތަކެކެވެ. ރޫބީއާއި ގުޅިފައިވާ ކޮންމެ އުފަލަކީ ޒާކްގެ ނުތަނަވަސްކަން ފިލުވައިދޭ ފަރުވާއެކެވެ. ލޮލުންވެއްޓުނު ކަރުނަތިކި ފޮހެލަން ހަނދާން ނެތުނަސް، އެސްފިޔަ ހަރަކާތްކޮށްލިއެވެ. ހިމަހިމަ އެސްފިޔަތަކަށް ބަރުވީއެވެ. އަވަސްހަރަކާތަކުން، ފުސްވެފައިވާ ދެލޯ ސާފުވެއްޖެއެވެ. އިސްއުފުލާލަމުން، ފަރުވާތެރިކަމާއެކު ހަނދަށް ބަލާލެވުނެވެ. ދުރުންއައި ބޮޑުކަޅުވިލާގަނޑުގެ ތެރެއަށްވަދެ، އެހަނދު ނިވާވެއްޖެއެވެ. އިންތިޒާރުކުރިޔަސް އެއަލިކަމެއް މިވަގުތަކު ޒާކްއަކަށް ނުލިބޭނެއެވެ. ޒާކްގެ މާނޭވާގެ އަޑު ނިޔާތީއަށް ނީވުނަސް، ހަށިގަނޑުގެ ހަރަކާތުން އެނޭވާ ނިޔާތީ ދެނެގަތެވެ.
"ހާދަ ފުންޚިޔާލެއްގައި... ގެއަށްނުދެވިގެން ބޯހަލާކުވީތަ؟" ނިޔާތީ އަހާލިއެވެ.

"ކޮންމެހެން ދާނެނަމަ، ނިތީ ނުދާށޭ ބުންޏަސް، އަހަރެން ދާނަން.. އެކަމަކު ނުގޮސް ހުރީތީ އުފާނުކުރާނަންތަ؟" ޒާކްގެ ހަމަހިމޭންކަން ދެނެގަތުމުގައި ނިޔާތީއަށް ކާމިޔާބެއް ނުލިބުނެވެ.

"އަހަންނަށްއިގޭ ތިހިރީ ގެއަށް ނުދެވިފައިކަން" ނިޔާތީގެ ހިތްހަމަނުޖެހުން ރުޅިވެރިކަމަށް ބަދަލުވާހެން ހީވިއެވެ.
ވިސްނައިދެވޭތޯ ނުހަނު ލޯބީން ޒާކް ހިތްވަރުދިނެވެ. ނިޔާތީއަކީވެސް މަންމައެއްކަމާއި، ކުރިން ކުރި ޝަކުވާތައް ހުއްޓާލުމަށްފަހު، އެކުގައި ދިރިއުޅެވޭނެމަގު ހޯދުމަށް ނިޔާތީއަށް ޒާކް ބުނެދިނެވެ. ލޯތްބަކީ އިހުސާސެއްކަން ނިޔާތީއަށް ބުނެދެވޭތޯ ޒާކް ވަރަށް ވާހަކަދެއްކިއެވެ. ދެމީހުންގެ ލޯބި އިތުރުވާނެގޮތްތައް ޒާކް ބުނެދިނެވެ. ނަމަވެސް ގޮތްދޫކުރުމަކީ ފަހަކަށްއައިސް ނިޔާތީ ދަންނަ އުސޫލެއްނޫނެވެ. ކިތަންމެ ލޯބީން ވަގުތުތަކެއް ހޭދަކުރިޔަސް ނިޔާތީ އެކަން ބަލައެއްނުގަންނާނެއެވެ. ޒާކް ހިތައްއެރިއެވެ. ކުށް ހޯދާ ލޮލަކަށް އެނޫން އެއްޗެއް ނުފެންނާނެއެވެ!

*****
ދެވަނަ ދުވަހު ނިޔާތީއާއި ކުޑަމީހާވެސް ދޫކޮށްލައިފިއެވެ. ގެއަށް ދާންވީއެވެ. ޒާކް ގެއަށްނުދާތާ ދެދުވަސްވީއެވެ. ޒަޔަލް ސްކޫލަށް ގެންދަނީވެސް އާދީއެވެ. ރޫބީގެ ބޮޑު ބަނޑާއެކު އެއުޅޭހާލު ހިތައްއެރިޔަސް ޒާކްގެ ލަގޮނޑި ފަޅައިގެންދާވަރުވެއެވެ. ނަމަވެސް ރޫބީ ވިހައިގެންވެސް ޒާކް ގެއަށްނުދާތީވެ، ނިޔާތީއާއެކުވެސް އެގޮތަށް ކަންތައްކުރަންޖެހުނީއެވެ. ކޮންމެ ހާލެއްގައި ކެތްކުރަންޖެހުނަސް، ޒާކް ނިޔާތީ ދޫކޮށްނުލާނެއެވެ. ވީވަރަކުން ދެއަބީން ހަމަހަމަކުރެވޭތޯ ޒާކް ފުރިހަމައަށް މަސައްކަތްކުރާނެއެވެ.

*******
ޒިދޫގެ ކްލާސްތައް ހަމަޖެހިފައި އޮންނަކީ ލަންކާގައެވެ. ކޮންމެ މަހެއްގައިވެސް ކިޔެވުން އޮންނަ ދުވަހަށް ޒިދޫދަނީ އާދީވެސް ގޮވައިގެންނެވެ. މިމަހުގެ ކްލާސް އޮންނަދުވަހާއި ދިމާވީ، ނިޔާތީ ގެއަށް ގެންނަދުވަހާއެވެ. ރަނާއަށް ގޭތެރޭގައި ހުރިހާކަމެއްކުރަން މިއަދު ދަތިވަނީއެވެ. ރިއުޝަންގެ ހުންގަދަކަމުންނެވެ. ޝަކީބާގެ އެހީތެރިކަމާއެކު ރޫބީ ނިޔާތީގެ ކޮޓަރި ތައްޔާރުކުރަމުންދިޔައިރު، ދޭތެރެއަކުން ރަނާވެސް އެހީވެއެވެ. ބެޑްޝީޓް އެޅުންފަދަ ކަންކަން ރޫބީއަކަށް މިހާރު ނުކުރެވޭނެއެވެ. ގުދުވެލައިފިނަމަ، ހަށިގަނޑުގެ ބަރުމިން ކޮންޓްރޯލްނުވެދާނެތީ ޖެހިލުންވަނީއެވެ.

"ދަރިފުޅާ ރޫބީ.. ތިވަރުނުކުރިޔަކަސް ރަގަޅުވާނެ.. އަހަރެން މީނީ ވަރަށް ހިތްހަމަނުޖެހިފައި މިއަދު" ހިތްހަމަނުޖެހިފައިހުރިކަން ނުބުންޏަސް އެކަން ސިއްރެއް ނުވާނެއެވެ. ޝަކީބާގެ ރާގުން މާރީއްޗަށްވެސް އެމަންޒަރު ފެންނާނެއެވެ. ރަނާކައިރިއަށް ހިނިއައުމުން ޝަކީބާގެ ދޫ ހަރަކާތްކުރަންފަށައިފިއެވެ.


"މިވަރުކަމެއްކޮށްލަން ޒާކް ގެއަށްނާންނަންވީ ސަބަބެއް މަންމައަކަށް ނޭގެ.. އިގޭނެ ޒިދޫވެސް ނެތްކަން.. ރިއުޝަން ހުންއައިސްފައިކަންވެސް އިގޭނެ... ދެދުވަސްވީ ޒަޔަލް ދެކިލަންވެސް ނާންނަތާ" ޝަކީބާގެ ހިތުގެ ރިހުން ބޭރުކޮށްލިއެވެ.

"މަންމަ ކިޔާނެއެއްޗެއް މިގަޑީގައިކިޔާ.. އެމީހުން އައުމަށްފަހު އެއްޗެކޭ ނުބުނާތި" ރޫބީ އެއްޗެކޭ ނުބުނުމުން ރަނާ ބުނެލިއެވެ.

"ޖުޔަލް ދެންމެ ގުޅި... ބުނި ހުރިހާ ކަމެއް ނިމިއްޖެއޯ.. މިހާރު މިނައްޓާލަނީޔޯ ގެއަށް" ނިޔާތީގެ ގެއަށް އައުން ޚާއްސަކުރަން އެންމެ ބޭނުމީ ރޫބީއެވެ. ހުރިހާ ކަމެއް ފުރިހަމަކޮށްދިނުމަށްފަހު، ޒަޔަލް ގޮވައިގެން ރޫބީ ދިޔައީ މައްޗަށެވެ. ރޫބީ ފެނުމުން ނިޔާތީގެ ހިތްހަމަނުޖެހިދާނެތީއެވެ.

****
ހޮސްޕިޓަލުން ނިކުތްއިރުވެސް ނިޔާތީހުރީ ޒާކް ގައިގައި ބައްދާލައިގެންނެވެ. ބޭބީ އުރައިގެންހުރީ ޖުޔަލްއެވެ.
ކާރުގައި ދުއްވާލުމާއެކު ނިޔާތީގެ ކުސްތެޅުން ފެށުނެވެ. މިފަހަރު އަޑުއިވޭކަމަށްވެސް ޒާކް ނުހެދިއެވެ.

"ގެއަށް ދާކަށް ބޭނުމެއްނޫން... ގެއަށްދިއުމަށްފަހު ދެން ޒާކް ނުވެސްފެންނާނެ" ތުންދަމާލާފައި ނިޔާތީ ބުނެލިއެވެ.

*****
ރޫބީއަށް ދޮރުން އެތެރެވެވުމާއެކު ރޮވުނީއެވެ. ދިރިއުޅުން މިވަގުތު އުނދަގޫކަން ގަބޫލުކުރަން ބޭނުންނުވިޔަސް، އެއީ ހަގީގަތެކެވެ. ޒަޔަލް ދުވެލާފައިދިޔައީ ބައްޕަ އަންނަންވާއިރަށް ދައްކާލުމަށްޓަކައި އަލަށް ލިބުނު ކުޅޭއެއްޗެހިތައް އެއްކުރާށެވެ.
****
ނިޔާތީއަށް ކޮޓަރިއަށް ވަދެވުމާއެކު އުފަލުން ހިތްފުރުނެވެ. ކައިރީގައި ތިބި، ރަނާއާއި ޝަކީބާއަށް ވަރަށް އުފަލުން ޝުކުރުއަދާކުރިއެވެ.

"މިހާފުރިހަމައަށް މިކަންކޮށްދީފައި ހުންނާނެކަމަށް ހިޔެއްވެސްނުކުރަން..."

ކޮޓަރިއަށް ނަޒަރުހިންގާލަމުން ނިޔާތީ ބުންޏެވެ. އެއަޑު އިވުނު މީހަކު އެތަނުގައި ހުރިހެން ހިޔެއްނުވެއެވެ. ލަފާކުރެވުނުގޮތުން، އެކަންކުރި މީހަކު އެހެން އެންމެންނަށް އެގުނަސް ނިޔާތީއަށް ނޭގެނީއެވެ. ޖުޔަލްގެ އަތުން ބޭބީ ނެގުމަށްފަހު، ރަނާ އުރާލާފައި އެނދުގައި ބާއްވާލިއެވެ. ހަމައެވަގުތު ރިއުޝަން ދޮރުމައްޗަށް އެރިއެވެ.

"ދަރިފުޅާ، ބޭބީ އައުވެދާނެ... ފަހުން އުރާލާނީ... ބައްޕި އެއަންނަނީ .. އަވަހަށް ހިގާ ސޫޕްކޮޅެއްބޯލަން" ރަނާ ދުވެލާފައިއައިސް، ރިއުޝަން އުރާލިއެވެ. އޭރުވެސް ވަރަށް ހުންގަދައެވެ. ޖުޔަލްވެސް ރަނާއާއެކު ނިކުތެވެ. ރިއުޝަން ދިއުމުންވެސް ނިޔާތީއަށްހުރެވުނީ އެދިމާއަށް ބަލާށެވެ.

"އަހަރެންވެސް އަސްލުބޭނުންވީ ފިރިހެން ކުއްޖެއް.. އެކަމަކު ލިބުނީ އަންހެންކުއްޖެއް.. ދެން މަދުންލިބުނަސް، ލިބޭ މުދާކޮޅަށް ޝުކުރުކުރާނީދޯ" ޒާކްއަށް ނިޔާތީގެ މޫނަށް ބަލާލެވުނީ ހިތްހަމަނުޖެހުމާއެވެ.

ހަމައެވަގުތު، ކުޑަމީހާގާތުގައި ޝަކީބާ މަޑުކޮށްލުމުން ނިޔާތީ ބަލާލީ ޒާކްއަށެވެ. އެވަގުތު ދެމަފިރިން އެކަނިވެލުމަށް ނިޔާތީ ބޭނުންވާހެން ހީވިއެވެ.

"މަންމާ އިރުކޮޅަކުން އަންނަންވީނުން... ނިޔާތީ ފެންވަރުވާ ހަދާލާނަން" ޒާކްބުނެލިއެވެ. މަގުސަދަކީ ނިޔާތީ ފެންވެރުވުމެއްވެސް ނޫނެވެ. އަޑުއިވުނު ހިތްދަތި ޖުމުލައާއެކު އެއްވެސް އެއްޗެއްނުބުނެ ޝަކީބާ ނިކުމެގެން ދިއުމުން ޒާކް ޝުކުރުކުރިއެވެ.

"މީހުން ބުނާނެކަހަލަ އެއްޗެއްނޫން ނިތީ ތިބުނީކީ... އަހަރެން ވަރަށް ހިތްހަމަނުޖެހިއްޖެ! މުދާބަހަށްވެގެން މިގޭގައި ކާކުއުޅެނީ؟ ބޮޑު މުދާގަނޑު ހިފައިގެން ނިޔާތީ ދާނެވަކިތަނެއް އެބައޮތްތަ؟ ދެރަގޮތެއްހަދާނެނަމަ، ރޫބީއާއި އިދެފައި ނިޔާތީ ވަރިކުރީމުސް،... އެކަމަކު އެކަމެއްވެސް ނުކުރަމެއްނުން... އެއީ ދޫކޮށްނުލާނެތީވެ! އެކަމަކު އަހަރެންގެ ކެތްތެރިކަން އިމްތިހާނުކުރަން އުޅެންޏާއި ކުރީބައިގައި ބުނެލާ! އަހަންނަކީވެސް ފިރިހެނެއްކަން އަންގާލަދީފާނަން... މީގެފަހުން ކޫސަނި އެއްމެ އެއްޗެއް ނިޔާތީ ބުންނަސް، ތިންދުވަސް ވަންދެން ފެންނަ ހިސާބަށްވެސް ނާންނާނަން... އެއްމާބަނޑު ދެބެންނަށް ބަނޑުބޮޑު ރޫބީ! އެފަކީރުގެ ހާލެއްދެކިލަން އައުން އެއްކިބައިގައިއޮއްވައި، ގުޅާލުމުގެ ހައްގުވެސް ނިޔާތީ ނިގުޅައިގަތީ...! ތީ އަންހެނެއްތަ؟ އެހެންމީހަކަށް އިހުތިރާމްކުރަންނޭގޭއިރު، ތިމާއަށް ހެޔޮއެދޭ މީހުން ދެނެގަންނަށް ދަސްކޮށްބަލަ! ނިޔާތީގެ ތިކަހަލަ ކަންކަމާހުރެ، އަހަރެން ފޫހިވޭ! އާން... އަބަދު ޝަކުވާކުރާތީ ވަރަށް ފޫހިވޭ... ލޯބިވާން އުޅުނަސް، އެކަމެއްވެސް ފަސޭހައެއްނޫން... އެކަމަކު މިނޫންގޮތެއް ނެތްކަމަށް ވިސްނާލާފައި މަޑުން ހުންނަނީ... ތީތަންފުކެއްބޮޑުވަރު.. މަގޭ ބޯފަޅައިގެންދާވަރުވޭ... އެންމެ ގަޑިއެއްގެއިރުވެސް ނިޔާތީއާއެކު ހޭދަކުރާކަށް އަހަރެންނަށް މިހާރު ފަސޭހައެއްނޫން... ލޯބިދެންޏާ ލޯބިލިބޭނެ... އެއީ ގަދަކަމުން ލިބިގަންނަ އެއްޗެއްނޫން!"

ޒާކް ބުނަންބޭނުން އެއްޗެއް ބުނެފައި ނިކުމެގެން ހިގައްޖެއެވެ. އެދިޔައީ ކޮންތާކަށްކަން ނިޔާތީއަށް އިގުނެވެ.
ޒާކްގެ ވާހަކައިން ނިޔާތީއަށް އަސަރުކޮށްފިއެވެ. 'ލޯބިނުވެޔޭ' ދިމާލަށް ނުބުނި ކަމަށްޓަކައިވެސް ޝުކުރުކުރަންޖެހޭކަމަށް ނިޔާތީގެ ހަވަނަ ހިއްސު ބުނެލިއެވެ. ނުރަގަޅުކަންކަން އިސްލާހުކުރުމަށް ލިބުނު ފުރުސަތެއްކަމަށް ނިޔާތީ ގަބޫލުކުރަން ޖެހިއްޖެއެވެ. ދެތެކެވެ. ރޫބީގެ އެންމެ ބޮޑަށްހުރީ ފިރިހެން ދަރިއެކެވެ. އެއީ ޒާކްގެ ފުރާނައެވެ. މިހާރު ބަނޑުގައި ދެކުދިންނެވެ. ނިޔާތީއަށް އެއްކުއްޖަކު ލިބުނުއިރު ރޫބީއަށް ތިންކުދިން ހަމަވަނީއެވެ.

*****
"މަޢާފުކޮށްދީ... ޕްލީޒް" ޒާކްއަށް ރޮވެނީއެވެ. ފިރިމީހާ ހިފަހައްޓާނެ ބާރެއް ރޫބީގެ ގަޔަކުނެތެވެ. ޒާކް އެވަރަށް ރޮނިކޮށް ދުވަހެއްގައިވެސް ރޫބީއަށް ފެބިފައެއްނުވެއެވެ. ބުރަހެލިކަމާއެކު ފިޔަވަޅެއް ނެގޭތޯ ރޫބީ މަސައްކުރީ ޒާކްއާއެކުއެވެ. ލޯބީން ފިރުމާލުމަށް ފިރިމީހާ ލިބުމަށްވުރެން ބޮޑު އުފަލެއް ރޫބީއަކަށް ނުލިބޭނެއެވެ. އެއީ އެންމެ ހިތްއެދޭ އަރާމެވެ. އެތައް އިރެއްވަންދެން ފިރުމާލަން އިންނަންޖެހުނަސް، ރޫބީއަށް ފޫހިކަން އިހުސާސްނުވެއެވެ. ނަމަވެސް މިވަގުތުގެ ތަފާތަކީ ޒާކް ރޯތީއެވެ. މޫނުގެ އެތަންމިތަނުގައި ރޫބީ ބޮސްދިނެވެ. އެއީ ލޯބި އިހުސާސެކެވެ. ކޮންމެ އިންސާނަކުވެސް ބޭނުންވާނެފަދަ އޯގާތެރިކަމެކެވެ.

"ވަރަށް އެކަނިވެރިކުރެވިއްޖެ... ހިތުގައި ހިލަގަނޑެއް ބާއްވައިގެންވެސް، އަހަރެން މަސައްކަތްކުރީ ހުރިހާ ކަމެއް ރަގަޅުކުރެވޭތޯ... ޝަކުވާތަކަށް ނިމުމެއްގެނެވޭނެކަމަށް... އެކަމަކު އެކަމެއް ނުވި.. މިހާލުގައި އެކަނި ބަހައްޓާކަށް ބޭނުމެއްނޫން އެންމެ ހިނދުކޮޅަކުވެސް... އެކަމަކު ފޯނުކޮށްލަންވެސް ހުއްދަނުދޭ... ޒަޔަލްއަށް ގުޅާލިޔަސް އެދެން ފެށުނީ! ހާދަ ވަރަކަށް މަގޭ ބިއުޓިފުލް މިސްވިޔޭ... ހިތްހަމަޖެހިގެން އެންމެ ނޭވާއެއްވެސް ނުލަން... މަޖުބޫރުންވިޔަސް ދުރުގައި ހުންނަން ވަރަށް އުދަގޫ... ވަރަށް ލޯބިވޭ... ރޫބީ އަހަރެންދެކެ ތިވާވަރަށް ދުވަހަކުވެސް މީހަކު އަހަރެންދެކެ ލޯބިނުވޭ..!" ޒާކްގެ ލޯބީން ރޫބީގެ އެކަނިވެރިކަން ފިލައިފިއެވެ.

ޒަޔަލްއާއެކު އުފާވެރިވަގުތުކޮޅެއް ދެމަފިރީން ހޭދަކުރިއެވެ. ރޫބީއަށް ލިބުނު މެސެޖް ފުރަތަމަ ކިޔާލީ ޒާކްއެވެ. ފޯނުގެނެސް މެސެޖް ދައްކާލީވެސް ޒާކްއެވެ.
ގިނައިރެއްނުވެ، އޭގެ ޖަވާބުވެސް ރޫބީ ފޮނުވާލިއެވެ. މޫނުމަތީންފެނުނު ހިނިތުންވުމާއެކު ތާޒާވެގެންދިޔައެވެ. އެއީ އުފާނޫން، ދެން ކޯންޗެއްހެއްޔެވެ؟
އެއީ ނިޔާތީގެ މެސެޖެކެވެ. މައާފަށް އެދިފައި އޮތް ދިގުމެސެޖެކެވެ. ދުވަހެއްގައިވެސް ހިތްބުރެކަމެއް ނުބާއްވާނެކަމަށް ނިޔާތީ ވައުދުވެފައިވެއެވެ. ރޫބީއާއެކު ސުލްހަވެރިކަންމަތީގައި ދިރިއުޅެން ނިޔާތީބޭނުންވާކަމަށް ތަކުރާރުކޮށް ބުނެފައިވެއެވެ. މާޒީ ހަނދާންނައްތާލާފައި ކުރިއަށް ގޮސްދިނުމަށް ނިޔާތީ އެދިފައިވެއެވެ. ދެމީހުންގެ ހަމަހަމަކަމަށް ރޫބީއާއެކު މަސައްކަތްކުރާނެކަމަށްވެސް ބުނެފައިވެއެވެ.

"ވަރަށް އުފާވެއްޖެ..." ޒާކްގެ ހިނިތުންވުމާއެކު ރޫބީއަށް އެދެއަތުގެ ރައްކާތެރިކަންދިނީ ހަގީގަތުގައިވެސް ނުހަނު ލޯބިވާތީއެވެ.

*****
ނިޔާތީ ވިހައިގެން ގިނަދުވަސްތަކެއްނުވެއެވެ. ރޫބީގެ ބަނޑުގައި ރިއްސާތީ ބާއްވާއިފިއެވެ. މަސައްކަތްތައްވެސް ގިނަވެފައި އޮތްދުވަސްވަރަކަށްވާތީ ޗުއްޓީއެއް ނެގުމަކީވެސް ރޫބީއަށް ފަސޭހަކަމެއް ނޫނެވެ. ރަށުންބޭރަށް ނުގޮސްވެސް ވާންނެތީއެވެ. ރިސޯޓުތަކުގައި ފަށާފައިވާ މަސައްކަތަކަށް މާބޮޑަށް ފަރުވާތެރިވާންޖެހެއެވެ. ޒާކްގެ ކުރިއެރުމަކީވެސް އެއީއެވެ. މަސައްކަތުގެ ފެންވަރު ރަގަޅުކަމެވެ. އިންޑިއާގެ މަސައްކަތްތެރިންނާއެކު ސްޕްވައިޒަރެއް ބެހެއްޓިޔަސް، ބައެއްފަހަރު ނުގޮސްނުވަނީއެވެ. ނަމަވެސް ރޫބީ ތިއޭޓަރިއިން ނުނެރެނީސް ހޮސްޕިޓަލުގެ ތެރެއިން ފައިވެސް ބޭރަށް ޒާކް ނާޅާނެއެވެ. ދެކޮޅަށް ހިގާލަހިގާލަހުރެވުނީ އިންތިޒާރުގެ ސިކުންތުކަށީގެ އަޑު ބާރުކަމުންނެވެ. ފޯނު ސައިލެންޓް ކޮށްފައި އޮތްކަން އިގޭއިރުވެސް އިރުއިރުކޮޅާއި ބަލާލެވެނީއެވެ. ފޯނެއް އާދޭތޯއެއްނޫނެވެ. ހިތްއަވަސްވެފައި ހުރުމުންނެވެ. ތަންކޮޅެއް އަވަހަށް ވަގުތު، ދަތުރުކުރޭތޯއެވެ.
އިންތިޒާރުގެ އެތައް ގަޑީރަކަށްފަހު ތިއޭޓަރގެ ދޮރުހުޅުވާލާފައި ރޫބީގެ ބެލެނިވެރިޔަކަށް ގޮވާލިއެވެ. ޒާކްގެ ފަހަތުން އާދީވެސް ދުވެލާފައި ދިޔައެވެ. ރަނާއާއި ޒިދޫއަށް ތިބެވުނީ މަންޒަރުބަލާށެވެ.

"ރޫބީއަށް ލިބުނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް... ތިންމައިންގެވެސް ހާލު ރަގަޅު" އުފާވެރިޚަބަރާއެކު ޒާކްއަށް ހަމަޖެހިލެވުނެވެ.

"ދޮންބޭ، ދޮންބެ މަޑުކުރޭ ... އަހަރެންނާއި ޖުޔަލް ހުރިހާކަމެއް ހަމަޖައްސާނަން... އަހަރުމެންދެމީހުން ތިންދުވަހުގެ ޗުއްޓީއެއް ނަގައިގެން ހުރިހާ ސައިޓްތަކެއް ޗެކްކުރާނަން" އާދީގެ ޚިޔާލްއިވުމުން ޒާކް ވަރަށް އުފާވިއެވެ. ދެބެންގެ ބައްދާލުމުން އިތުބާރު ހަރުދަނާވިއެވެ.

*****
އަހަރުދުވަސް ފާއިތުވެގެންދިޔައިރު މުޅިގޭތެރެއަށް އުފާވެރިކަން އާންމުވެއްޖެއެވެ. އިރުއޮއްސެންދެންވެސް ކުދިވެރިންގެ ސަކަރާތާއި މަޖަލުގައި އެންމެން ޝާމިލްކުރުވައެވެ. ޒާކްއާއެކު ޝަކީބާ ހައްޖަށްގޮސްފައި އައިފަހުން ދެނަމާދުދޭތެރޭގައި ކޮޓަރީން ނުނިކުންނާނެއެވެ. އެގަޑިއަކީ ގުރުއާންކިޔަވާ، ދުޢާތަކާއި ޒިކުރުތަކަށް ޝަކީބާ ހޭދަކުރާ ޚާއްސަވަގުތެކެވެ. ރޫބީގެ ތިންކުދިންނާއި ނިޔާތީގެ ޒާނާ އާއި ރައުޝަންގެ އެކުވުމުން ޒިދޫއަށް ވަރަށް މަޖަލެވެ. ގެއަށްއައުމަށްފަހު އާދިއާއި ޒިދޫ ވަރަށް ގިނަވަގުތު ކުދިވެރިންނާއެކު ހޭދަކުރެއެވެ. ރަނާއަށް ލިބުނު ނަސީބަށްޓަކައި ޝަކީބާގެ ހިތުގެ އެންމެއަޑިން ޝުކުރުވެރިވެއެވެ. ދެފިރިހެން ދަރީންގެ ނަސީބަށްޓަކައި މިއަދު ޝަކީބާއަކީ ފަޚުރުވެރި މަންމައެކެވެ. ނިޔާތީގެ މިޒާޖަށް ގެނައިބަދަލާއެކު ރޫބީގެ ދިރިއުޅުން އެތައް ގުނައެއްފަސޭހަވިއެވެ. ޒާކްގެ ވަގުތުތައް ބަހާލާފައިވަނީ ހަތަރުދަރިންނަށްވެސް ހަމަހަމަ އުސޫލުންނެވެ. ދެއަނބީންނަށް ވަގުތުދިނުމުގައި ޒާކް ކުޅަދާނައެވެ. ޝަކުވާކުރާނެ ފުރުސަތަކަށް ނިޔާތީ އިންތިޒާރުކުރިޔަސް، އެކަންކުރާން ދެން ފަސޭހައެއްވެސްނުވާނެއެވެ. އެފަދަ ކޮންމެ ކަމެއް ހައްލުކުރަންޖެހުނުގޮތަކަށް އެވަގުތެއްގައި ޒާކް ހައްލުކުރާނެއެވެ. މުޅިހަޔާތް އުޖާލާކުރުމަށްޓަކައި ޒާކްގެ ގިނަވަގުތުތަކެއް އަނބިދަރީންނަށްޓަކައި ހުސްކުރުމަށް ރޭވިރޭވުން މިއަދު ކާމިޔާބުވެފައިވަނީ ކުންފުނީގެ ބޮޑު އޮފީހެއް ހުޅުވައި އެކިމަގާމުތަކަށް އެމީހެއްގެ ޒިންމާ ހަވާލުކޮށްފައިވާތީއެވެ.

ރެއަކީ ރޫބީއަށް ޚާއްސަރެއެވެ. މިރޭމިއީ ޒާކްގެ އެންމެ ހިތްގައިމުރެއެވެ. އެންމެ ލޯބިވާ އަނބިމީހާގެ ރެއެވެ. ދެމީހުންދެކެ އެއްވަރަކަށް ލޯބިނުވެވޭނެކަން ޒާކްއަށްވުރެން ބޮޑަށް ގަބޫލުކުރާނެމީހަކު ނޫޅޭނެއެވެ. އެހެންނަމަވެސް ހިތަކީ ރައްކާކުރެވިފައިވާ އެއްޗެކެވެ. އޭގައި އޮތްއެއްޗެއް ހާމަކުރުން، ހުރިހާ ވަގުތެއްގައި ލާޒިމެއްނޫނެވެ.

ތިންކުދިން ލިބުމުންވެސް ރޫބީގެ ހަށިގަނޑަށް ބަދަލެއް ނާދެއެވެ. ކަސްރަތުކުރަން ތާކަށް ނުދިޔަޔަސް، ފަތިސްނަމާދުން ފައިބައިގެން ގަޑިއެއްހާއިރު ދުވެލުމަކީ ރޫބީގެ ދުވަހުގެ ފެށުމުގެ ބައެކެވެ.

"އެހެންމީހުންވެސް ކަސްރަތުކުރޭ... އެކަމަކު ތިހާ ފުރިހަމައެއްނޫން... ރޫބީ ތިހާ ރީތީ ކީއްވެ؟ ތިންކުދިން ލިބުނަސް، ހަށިގަނޑަށް ބަދަލުނާންނަނީ ކީއްވެ؟" އެނދުމަތީގައި އޮތް ރޫބީއަށް ބަލާލަމުން ޒާކްބުނެލިއެވެ. ލަދުވެތިކަމާއެކު އެސްފިޔަތައް ތިރިކޮށްލިވަގުތު ރޫބީއަށް އިވުނީ މުޅީން ތަފާތުއަޑެކެވެ.
"ތީއްޔޭ އެދޭލޯތްބަކީ
ދުށުމަށްއެދޭ މަންޒިލަކީ
ތިޔަޚިޔާލްތަކޭ ހިތުގައިވަނީ، ދޫކޮށްނުދާނަން ހުވާ!" ހިތްގައިމު ރާގެއްގައި ޒާކްގެ އަޑުން ރޫބީގެ ހަށިގަނޑަށް ލޮޅުންނެގުވިއެވެ.

"ތިލޯތްބާނުލާ ނޫޅެވޭނެ... ދުވަހަކުވެސް، ދުވަހަކުވެސް، ވަކިނުވާނަން، ފުރާނަނެތިގެން ވަކިވެދިޔަޔަސް، ތިލޯބި މިހަށިގަނޑުގައި ލޮބުވެތިކަމާއެކު ރައްކާކުރާނަން... އަބަދައްޓަކައި... ހަމައެކަނި ޒާކްއަށްޓަކައި، އަހަރުމެންގެ ދަރީންނަށްޓަކައި، ދެހިތުގެ ލޯތްބަށްޓަކައި" ރޫބީގެ ހިތް ލޯބިން މަސްތުވަނީއެވެ.

"ތިއީ ހަމައެކަނި އަހަރެންގެ ހައްގެއް! އަހަރެންގެ އެންމެ ލޯބިވާ ރޫބީ! ރޫބީއަށްވުރެން ލޯބިވާ އެހެން އިންސާނަކު ނުހުންނާނެ! އަހަރެންގެ ދުޢާއަކީ ދެދުނިޔޭގައިވެސް އަހަރެންނަށް ރޫބީ ދެއްވުން! މިހިތުގެ މޭވާއެއްގެ ގޮތުގައި، އަބަދައްޓަކައި ރޫބީ ދެއްވުން! އާމީން" ޒާކްގެ ލޯތްބަކީ ރޫބީގެ ދިރިހުރުމުގެ ކާނާއެވެ.

އިތުބާރައި އޯގާތެރިކަމަކީ ޒާކްއާއި ރޫބީގެ މުސްތަގުބަލްގެ ކާނާއެވެ. އެނދުގެ އެއްއަރިމަތީގައި ބަހައްޓާފައިވާ ނިދާބޮކީގެ އަލި ފަނޑުވެގެންދިޔައީ ދިގުރެއަކަށްފަހު، ފަތިހުގެ ރަންއަލިގެނެސްދިނުމަށް، ފާޅުވަމުންދިޔަ ރަންދޯދިތަކަށް ފުރުސަތުދެމުންނެވެ.

=އާމީން! ވާހަކަ ނިމުނީ=

މިވާހަކަ ލިޔުމުގެ ހިތްވަރާއި ކުޅަދާނަކަން ދެއްވިﷲސުބުޙާނަހޫވަތަޢާލާއަށް ހަމްދުކުރަމުން، ތިޔަ އެންމެހާ ކިޔުންތެރީންނަށް ޝުކުރުދަންނަވަމެވެ. ފުރުސަތު ލިބުނިއްޔާ އިތުރު ވާހަކައެއް ދާދިއަވަހަށް ފެށުމަށް އުއްމީދުކުރަމެވެ. ކިޔުންތެރިންގެ ފަރާތުން ލިބޭ، ހިތްވަރާއި ލޯތްބަށްޓަކައި ފަށްފަށުން ޝުކުރުވެރިވަމެވެ!
–ފުނަމާ-
ގުޅުންހުރި
ހިޔާލު

ގުޅުންހުރި
ޔޫސުފް
ސަޅިއޭ
ޚިޔާލާއި ފިކުރު ސިފަކުރުމުގައި ވަގުތާއި ތަނާއި ހާލަތު ގުޅުވާލާފަ ތިހުންނަނީ ހިތަށް އަސަރު ނުކުރާވަރަކަށްނޫން
ހުނި
ވަރަށް ރީތި ވާހަކަ އޭޒް އޯލްވޭސް. ލަވް ޔޫ ފުނަމާ. ކީޕް އިޓް އަޕް.
ާހަސީ
ފުނަމާ އަޅެހާދަ ރީޗޭ ނިންމުން ދެންއިން ތިޒާރު ކުރެވެނީ އަނެއްކާ ވެސް މިކަހަލަ ރީތިއެހެން ވާހަކައަކައް ހެޔޮރަގަޅު ކޮންމެ ކަމެއްގަ ފުނަމާޔައް ކާމިޔާބު ދެއްވާށި ވަރައް ލޯބިވޭ ފުނަމާ😘😘😘
ރާބީ
ރޫބީ ހޮސްޕިޓަލް ގަ އޮތީމަ ޒާކަކަށް ހޮސްޕިޓަލުން ބޭރަކަށް ނުދެވޭ...ނިޔާތީ އޮތް އިރު ރޫބީ އާއި އެކު މާ ފޮޅުވުމުގަ..އަސްލު ދެ އަންބަށް އިނދެގެން އުަޅޭ އިރު ހަމަ ހަމަ އަށް ކަންތަކެއް ނުކޮށްދެ ވޭނެ...ހަޤީޤީ ދިރި އުޅުމުގައި ވެސް...ނިޔާތީ މާ ގޯސްކޮށްފަ އޮތީމަ އެހާ ކަމަކު ނުދޭ...އެކަމަކުވެސް ލިޔުންތެރި ކަން ވަރަށް ސަޅި..އިބާރާތް ކުރުމާއި ސިފަ ކުރުންތަކުގައި ވެސް ކިޔާހިތްވާ ގޮތް ހުރޭ
ޕްރިންސެސް
ވވވވވ ސަޅި...ކީޕް އިޓް އަޕް
ޢަޒޫ
މާޝާ ﷲ ވާހަކަ ވވވވ ރީތި....ފުނަމާގެ އެހެން ވާހަކަޔަކަށް އިންތިޒާރު ކުރަން.....ވާހަކަ ލިޔުމުގައި ކުރިއެރުން ދެއްވާށި...އާމީން
ނަތޫ
ވަރަށް ރީތި މިވާހަކަ، ވަރަށް ފުރިހަމަ
ދިޔެ
ފުނަމާގެ މަސައްކަތައް ސާބަސް👏🏻👏🏻👏🏻ރޫބީއަކީ ވ ރީތި ވާހަކައެއް...ފުނަމާގެ ހުރިހާ ސްޓޯރީއެއް މިކިޔަނީ އެއްވެސް ފޫހިކަމެއްނެތި އުފަލާއިއެކުގައި...ފުނަމާ ވަރެއްނެތް ތީހަމަ ބެސްޓް...
މަންޖެ
ވަރަށް ރީތި
އަލް
ޒާކް ދެކެ ވަރަށް ފޫހިވޭ.ކުޑަކޮށްވެސް ލޯތްބެއް ނުވެވުން.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]