Guest Housethaka eku Maafushi Bodu Masala Gandege thereyah!
vfp.mv
MIB
MIB
ގެސްޓްހައުސްތަކާއެކު މާފުށި "ބޮޑު މައްސަލަ ގަނޑެއް" ގެ ތެރެއަށް!؟
inage
  ރިޕޯޓް | އިޖުތިމާއީ | 19 މެއި 2017 | 14 ކޮމެންޓް
މަސްވެރި ކ. މާފުއްޓަށް މީގެ ހަ އަހަރު ކުރިން ތައާރަފްކުރި ޓޫރިޒަމުން އަންނަ ބަދަލުތަކާއެކު ރަށަށްވަނީ ބޮޑު ތަނަވަސްކަމެއް ލިބެން ފަށާފައެވެ. އެތަނަވަސްކަމާއެކު ރަށުގެ ކަންކަން ބަދަލުވެގެންދާ މަންޒަރު މިހާރުވެސް ދަނީ ފެންނަމުންނެވެ. އުސްކޮށް ހަދާ އިމާރާތްތައް ގިނަވަނީ އެވެ. އެރަށަށް އަންނަ ޓޫރިސްޓުންގެ އިތުރުވަނީ އެވެ. އެރަށާ ދިމާލަން މިސްރާބު ޖަހާ މީހުންގެ އަދަދު ގިނަވެ އެރަށުގެ ބިމުގެ އަގު މައްޗަށް ދަނީ އެވެ. މިއީ ހައްތަހާވެސް ވަމުންދާ އަދި އަންނަމުންދާ ބަދަލުތަކެވެ.
އާބާދީގައި 2340 މީހުން ދިރިއުޅެމުން އަންނަ މާފުއްޓަށް އެ އަންނަ ބަދަލުގެ ސަބަބުން އުފެދޭ ސުވާލުތަކެއް އެބަހުއްޓެވެ. އެރަށުގައި ޓޫރިޒަމް ތަރައްގީކުރަން ފެށި ފެށުމުން ލިބޭ މަންފާ ލިބެމުންދަނީ އެންމެ ރަނގަޅަށްތޯ އާއި އެ ސިނާއަތު ތަރައްގީވަމުންދަނީ މާފުށީގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށްތޯ އާއި އެރަށުގައި ޓޫރިޒަމް ތަރައްގީވަމުންދާގޮތުން ބިމުގެ މައްސަލަތަކެއް ކުރިމަތިވާނެތޯ ވެސް ބަލަން ޖެހެއެވެ. އަދި މާފުށީގައި ޓޫރިޒަމް ތަރައްގީވަމުންދާގޮތުން އެއްވެސް މައްސަލައެއް ނުކުމެދާނެތޯ އާއި ނުކުމެދާނެ މައްސަލަތަކުގެ ތެރޭގައި އިޖުތިމާއީ މައްސަލަތައް ފެންމަތިވެދާނެތޯ ވެސް މިއީ ކުރަންޖެހޭ އަދި ބަލަން ޖެހޭ ކަންކަމެވެ.

މާލެއިން ފުރައިގެން ސްޕީޑް ލޯންޗެއްގައި ވިއްސަކަށް މިނިޓްތެރޭގައި ދެވޭ މާފުށީގައި ޓޫރިޒަމް ތަރައްގީވަމުން އަންނަ މަންޒަރު ފެށި އެކަމުގެ ނަފާ އެރަށު ރައްޔިތުންނަށް ލިބެން ފެށުމާއެކު އެރަށު މީހުންގެ އިތުރުން އެހެން މީހުންގެ ލޯ އެރަށަށް ހުއްޓުނެވެ. މާފުއްޓާ ދިމާލަށް މެދުފަންތީގެ ވިޔަފާރިވެރިން މިސްރާބު ޖެހިއެވެ. ނަތީޖާއެއްގެގޮތުގައި އަމިއްލަ ގޭގައި ހިންގަން ފެށި ގެސްޓްހައުސްތައް މިއަދު ދަނީ ބޮޑެތި ހޮޓާތަކަށް ބަދަލުވަމުންނެވެ. މި ބަދަލާއެކު އުފެދޭ ސުވާލަކީ މާފުށީގައި މިހާރު ތަރައްގީވަމުންދާ ގޮތަށް ޓޫރިޒަމް ކުރިއަރައިގެންދާ ނަމަ އެރަށުގެ އަސްލު ވަޒަންވެރިންނަށް މައްސަލަތަކާ ކުރިމަތިލާން ޖެހޭނެއެވެ.

އެންމެ ފުރަތަމަ މައްސަލައެއްގެ ގޮތުގައި ބިމުގެ މައްސަލަ އެވެ. ބިން ފުރިފައިވާ މާފުށިން ގޯތި ނުދޭތާ މިހާރުވެސް 12 ވަރަކަށް އަހަރުވެފައިވާއިރު، ގޯއްޗެއްގެ އިންތިޒާރުގައި ކިޔުމުގައި ތިބި މީހުންގެ އަދަދު 400 އަށްވުރެ ގިނަ އެވެ. ގިނަ ބަޔަކު ގޯތި ހޯދުމަށް ކިޔުގައި މަޑުކުރަން ޖެހި އެމައްސަލައަށް ހައްލެއް ނުލިބެއްޖެނަމަ މުޅި ރަށަށް އިޖުތިމާއީ ބަލިމަޑުކަމެއް ފެތުރުމުގެ ފުރުސަތު އެބައޮތެވެ.

- އަލަށް އިމާރާތްކުރާ ގެސްޓް ހައުސެއް

އެ މައްސަލަ އެގޮތަށް ބަދަލުވުމުގެ ފުރުސަތު އޮތް އިރު، މާފުށިގައި ޓޫރިޒަމް ތައާރަފްކުރި މައިގަނޑު ވިސްނުމާވެސް ދުރަށް އެރަށުގައި އެމަސައްކަތް ކުރާ މީހުން ވަނީ ޖެހިފައެވެ. މާފުށީގައި ޓޫރިޒަމް ތަރައްގީކުރަން ފެށީ ގެސްޓްހައުސް ކޮންސެޕްޓަށެެވެ. ނަމަވެސް މިހާރުވަނީ މުޅި ސިސްޓަމް ބަދަލުވެފައެވެ. އެންމެ ފުރަތަމަ ގެސްޓްހައުސް ހަދައި ހިންގި ނަމަވެސް މިހާރު އެރަށުގައި ގެސްޓުން ގެންގުޅެނީ ބޮޑެތި ސިޓީ ހޮޓާތައް ކަހަލަ ހޮޓާތަކުގައެވެ.

ގޭގައި ދެތިން ކޮޓަރި ހަދާލުމަށް ފަހު އެތަނުން ދެކޮޓަރީގައި ގެސްޓުން ގެންގުޅުމުގެ ވިސްނުމާއެކު ތައާރަފް ކުރި ގެސްޓްހައުސް ވިޔަފާރި އެހެން މިސްރާބަކަށް ބަދަލުވުމާއެކު މާފުށީގެ ވަޒަންވެރިންނަށް މިހާރުވަނީ ކޮންމެ ވެސް ވަރެއްގެ ގޮންޖެހުމަކާ ކުރިމަތިވެފައެވެ. އެއީ އެމީހުންނަށްވުރެ ބޮޑެތި ވިޔަފާރިވެރިން މާފުށިގައި ގަދަކުރަމުންދާތީއެވެ.

މާލެއިން ފުރައިގެން ސްޕީޑް ލޯންޗެއްގައި ވިއްސަކަށް މިނިޓްތެރޭގައި ދެވޭ މާފުށީގައި ގެސްޓްހައުސް ހެދުމަށް ޝައުގުވެރިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ރަށުގެ މީހުންގެ އިތުރުން ރަށުން ބޭރު މީހުންގެ ލޯ ވެސް ވަނީ އެރަށަށް ހުއްޓިފައެވެ. ނަތީޖާއެއްގެ ގޮތުން ބޮޑެތި އަގު ދައްކާފައި ބިން ކުއްޔަށް ހިފުން ވަނީ އާންމުވެފައެވެ. އެކަމުގެ ސަބަބުން ބިމުގެ ޑިމާންޑު ވަނީ މައްޗަށް ގޮސްފައެވެ.

ބިމުގެ ޑިމާންޑް ވަރަށް ބޮޑުވެފައިވާއިރު ހާއްސަކޮށް އަތިރިމަތި ސަރަހައްދުގެ ބިންތަކަށް އޮތް ޑިމާންޑު މާ ބޮޑެވެ. ޑިމާންޑު ބޮޑުވެގެން ގޮސް އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މާލެއިން ތަންތަން ކުއްޔަށް ހިފާފަ ދޭން އެބަ ހުށަހަޅައެވެ. ވަރަށް ބޮޑެތި އެޑްވާންސް ދޭންވެސް ހުށަހަޅައެވެ. އެހުށަހެޅުންތަކާއެއްގޮތަށް ބިން ކުއްޔަށް ދެއެވެ. ވިހި ފަންސަވީސް އަހަރަށް އަމިއްލަ ގޯތި ކުއްޔަށް ދޭއިރު ފަހުން ނުކުމެދާނެ މައްސަލަތަކަށް ކުއްޔަށް ދޭ މީހާ ބަލާ ހެނެއް ހިއެއްނުވެއެވެ. އެގޮތަށް އެކަން ހިނގާ ނަމަ އެއީ ވެސް އިތުރު މައްސަލައެއް ފެންމަތިވާނެކަމެވެ. އެކަން އެރަށުގެ ބައެއް މީހުން ވެސް ގަބޫލުކުރެއެވެ.

މާފުށިން ވާހަކަ ދެއްކި އަހުމަދު ހަސަން ގަބޫލުކުރާގޮތުގައި އެހާ ދިގުމުއްދަތަށް ބިން ކުއްޔަށް ދިނުމުގެ ސަބަބުން މައްސަލަތައް ކުރިމަތިވާނެއެވެ. މައްސަލަތައް ކުރިމަތިވާނީ މާފުށިން ގޯތި ދޫނުކޮށް ގިނަ ދުވަސްވެގެންދާއިރު ކުއްޔަށް ދޭ ބިމުގެ އަހުލުވެރިންނަށް ދިރިއުޅޭނެ ބިން ނުލިބިގެންދާ ހާލަތުގައެވެ. އެހާލަތު މެދުވެރިވުމަކީ ދުރުކަމެއް ނޫން ކަމަށް އޭނާ ގަބޫލުކުރެއެވެ.

"ބަލާ އަހަރެންގެ އުމުރުން 50 އަހަރުވަނީ. އަހަރެންގެ އެބަހުރި ހަ ކުދިން. އެކުދިންނަކަށް ގޯއްޗެއް ނެތް. މިހެން އޮތްވާ އަހަރެންގެ ގޯތި 20 އަހަރަށް ކުއްޔަށް ދީފިނަމަ އަހަރެންގެ ދަރިން ދިރިއުޅޭނީ ކޮންތާކު. ގެ ކުއްޔަށް ދީގެން ލިބޭ ފައިސާއިން ހަ ދަރިންނާއި އެ ދަރިންގެ ދަރިން އުޅޭނެ ތަނެއް ހޯދުމަކީ ދަތިކަމަކަންވާނެދޯ. އެހެންވެއްޖެނަމަ އިތުރު މައްސަލަ ނުކުންނާނެ،" އަތިރިމަތީގައި ހުރި ޖޯލިފަތީގައި އޮވެ އަހުމަދުގެ ގެ އަށް އިޝާރާތްކޮށް ބުންޏެވެ.

އޭނާ ބުނީ އެފަދަ ހާލަތެއް މެދުވެރިވާ އިރަށް ކުއްޔަށް ދިން ގެ އަނބުރާ ހޯދޭނެ ގޮތެއްވެސް ގިނަ ފަހަރު ނޯންނާނެކަމަށެވެ. ބޮޑު ހަރަދެއްކޮށްފައި ހަދާ ނިމިފައިވާ ގެ އަތުލުމަކީ ވާނޭކަމެއް ނޫން ކަމަށާއި އެހެންވެ ދިގުމުއްދަތަށް ކުއްޔަށް ދެމުން އަންނަ އައުމަކީ ވެސް މައްސަލަތަކެއް ފެންމަތިވުމުގެ ފުރުސަތު އޮތް ކަމެއްކަމަށް އޭނާ ގަބޫލުކުރެއެވެ.

މާފުށީ ބައެއް މީހުންގެ ކަންބޮޑުވުން އެހެން ހުރިއިރު މާފުށީގައި ޓޫރިޒަމް ތަރައްގީވަމުންދާގޮތާ ބެހޭ ގޮތުން އެރަށު ކައުންސިލުގެ ކުރީގެ ރައީސް އަހުމަދު މުސްތަފާ ވިދާޅުވަނީ އެއް ވާހަކަ އެކެވެ.

"މިހާރު ޓޫރިޒަމް ތަރައްގީވަމުންދާގޮތަށް ބަލާއިރު އެންމެ ފުރަތަމަވެސް ދިމާވާނެ މައްސަލައަކީ ބިންވެރިނުކުރެވުމުން ނުކުންނާނެ މައްސަލަ. ބިންވެރިނުކުރެވޭ ނަމަ އިޖުތިމާއީ މައްސަލަތަކާ ކުރިމަތިލާން މަޖުބޫރުވާނެ. އެހެންކަމުން މިހާރުވެސް ބިންވެރިކުރުމުގެ މަސައްކަތް ކުރަން ޖެހޭ،" މާފުށި ކައުންސިލުގެ ކުރީގެ ރައީސް މުހައްމަދު މުސްތަފާ ވިދާޅުވި އެވެ.

ކ. މާފުށި

އޭނާ ވިދާޅުވިގޮތުގައި މާފުށީގައި ޓޫރިޒަމް ތައާރަފްވެގެންދިޔައީ މިހާރު މިސްރާބު ޖަހާފައިވާ ދިމާލަށް ނޫނެވެ. ނަމަވެސް ތަފަތު ސަބަބުތައް މެދުވެރިވެގެން ނަމަވެސް މިހާރު ދަނީ މުޅިން ތަފާތު މަންޒަރެއް ފެންނަމުންނެވެ. އެގޮތުން ހޮޓާ ފެންވަރުގެ ތަންތަން އިމާރާތްކޮށް ހިދުމަތަށް ދަނީ ނެރެމުންނެވެ. އަނެއްކޮޅުން މާލޭގެ ބައެއް ވިޔަފާރިވެރިންގެ މިސްރާބު ހުރީ މާފުއްޓަށެވެ. އަދި މިހާރުވެސް މާފުށީގައި ގެސްޓްހައުސް ހިންގުމުގައި އެ މީހުން ހަރަކާތްތެރިވަމުންދެއެވެ. އެކަމުގެ ސަބަބުން ގެސްޓްހައުސް ވިޔަފާރި ތައާރަފްކުރި މަގުސަދު ހާސިލުވަމުންދާނެތޯ އޭނާ ސުވާލު ކުރައްވައެވެ.

"މިހާރު ކަންކަން ހުރިގޮތަށް ބަލާއިރު ބިމުގެ މައްސަލަ ހައްލުނުކުރެވޭ ނަމަ ވަރަށް ބޮޑު މައްސަލައެއް ނުކުންނާނެ. ބިންވެރިކުރުމުގެ ކަންތައްތައް އަވަސްކުރަންޖެހޭ. އެއާއެކު ގާނޫނުތަކަށް ބަދަލު ގެންނަންޖެހޭ. އޭރުން ގެސްޓްހައުސް މިރަށުގައި ތައާރަފްކުރި މަގުސަދު ހާސިލްވަނީ،" ތަފާތު މައްސަލަތަކާ ކުރިމަތިވެވަޑައިގެންނެވުމަށް ފަހުން ރައީސްކަމުން އިސްތިއުފާ ދެއްވި ކުރީގެ ރައީސް ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ ބިމުގެ މައްސަލައަކީވެސް ހައްލުކުރެވެން އޮތް ކަމެއްކަމަށާއި އެކަންކަން ހައްލުކޮށްފި ނަމަ މިހާރު ކުރިމަތިވެދާނެކަމަށް ފެންނަ މައްސަލަތަކާ ކުރިމަތިލާން ނުޖެހި ހިނގައިދާނެކަމަށެެ. އަދި ގާނޫނުތަކަށް ބަދަލު ގެނެސްގެން ގެސްޓްހައުސް ވިޔަފާރި އަކީ ހޮޓާ ހިންގުން ނޫންގޮތުގައި ހިންގިދާނެ ވިޔަފާރިއެއްގެގޮތުގައި ހެދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މާފުއްޓަށް ކުރިމަތިވެދާނެކަމަށް ފެންނަ މައްސަލަތަކަކީ ގޯހުންގޯހަށް ނުދަނީސް ހައްލުކުރެވޭނެ ކަންކަމަށްވާއިރު އުފެދޭ ސުވާލަކީ އެމައްސަލަތަކާ މެދު ކަމާބެހޭ ފަރާތްތަކުން ވިސްނާ ފިކުރު ކުރަނީ ކިހާވަރަކަށްތޯ އެވެ. އެމައްސަލަތަކަށް އަވަސް ހައްލެއް ނުގެނެވި ލަސްވާ ނަމަ މާފުށި ވެއްޓިގެންދާނީ އިޖުތިމާއީ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށެވެ.
ހިޔާލު

ގައުމު
ކޮމެންޓްކުރާ މީހުން ބަލާލުން މުހިންމު މިއާޓިކަލުގައި ބުނެފައިވާ ވާހަކަތައް ސާފު. މަށަށް ލަފާކުރެވޭ ގޮތުގައި ފުރަތަމަ ކަމަކަން ބުނެފައި އެވަނީ ދިރިއުޅެން ދޫކުރާ ގޯތިތަކުގައި ގެސްޓް ހައުސް ހަދާއިރު ހަމައެއް ނެތުމުން ނިކުންނާނެ ގޯސް ނަތީޖާގެ ވާހަކަ. ދެވަނަ ކަމަކަން ފާހަގަވަނީ މާލޭއިން ނުވަތަ ބިޔަ ވިޔަފާރިވެރިން މާފުއްޓަށް އަރައިގެން ގެސްޓް ހައުސް ވިޔަފާރީގެ ތެރެއަށް ވަނުމުން ކުދިކުދި މީހުންނަށް ދިމާވާނެ މައްސަލަ. ތިން ވަނަ ކަމަކަން ބުނެފައި އެވަނީ ބިން ފުރިފައިވާއިރު ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ ކުއްޔަށް ދޭ ގޯތީގެ އަހުލުވެރިންގެ ތެރޭގައި ތިބޭ މީހުންނަށް ހިޔާވަހިކަން ލިބުމުގައި ދަތިތައް އިހްސާސްކުރަން ޖެހޭނޭކަން. އަނެއްކަމަކަން ފާހަގަ ވަނީ ގެސްޓް ހައުސް ނަމުގައި ފެށި މަސައްކަތް މިހާރު ބޮޑެތި ހޮޓާތަކަށް ބަދަލުވި ވާހަކަ. އެގޮތަށް ބަދަލުވުމަކީ ވެސް މުޅިން ފުރިހަމަ ކަމަކަން ނުވެދާނެކަން. ބިން ހިއްކީމަ ހައްލު ލިބޭނެކަން އެނގޭނެ. އެކަމަކު ބިން ހިއްކާނެ ދުވަހެއް ނޭނގޭ. އަނެއްކާ މިހާރުވެސް 400-500 މީހުން ތިބީ ގޯތި ނުލިބިގެން ކިޔުގައި. އެހާ ގިނަ ބަޔަކު ގޯތި ނުލިބި ތިބޭއިރު ދިރިއުޅެން ދޫކުރާ ބަންޑާރަ ގޯތި ވިޔަފާރި މަރުކަޒަކަށް ކުއްޔަށް ދިނުމަކީ ވެސް މައްސަލައެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވަނީ. އެއީވެސް ރަނގަޅު ވާހަކައެއް. ގެސްޓް ހައުސް އައިލެންޑެއްގެ ގޮތުގައި މާފުށި ހަދާނަމަ ގެސްޓް ހައުސް ހެދުމަށް ހާއްސަކޮށް ބިން ހިއްކާފައި އެތަންތަނުގައި ގެސްޓް ހައުސް އެޅޭމަ މިހާރު ދިމާވާނެކަމަށް ބުނާ މައްސަލައަށް ހައްލު އަންނާނެ. އެ ބިންތައް ހަމަހަމަ އުސޫލުން ކުއްޔަށް ދޭންވީ. އޭރުން ރަނގަޅުވާނެ. މި ލިޔުމަށް ފާޑު ކިޔާއިރު މި ފާހަގަކުރި ކަންކަން ނުވިސްނޭކަމީ ހިތާމައެއް. މި ރިޕޯޓަކީ މާފުއްޓަށް ދިމާވާނެ މައްސަލަތަކެއް ފެންމަތިކޮށްފައިވާ ލިޔުމެއް. ވަރަށް ސަލާމް އެންމެންނަށް
ޖަމީ
މީދެން ރިޕޯޓެއްތަ؟ މިނޫހުގައި އަދި މިލިޔަނީ ވަރަށް ޒުވަން ކުދިންނަށްވީމާ ރިޕޯޓެއްގެ ސިފަވެސް ނެތީ. ވަރަށް ފެންވަރު ދަށް. ސުރުޚީއަކުން ލިޔެފައޮތް އެއްޗެއް ދޭހައެއް ނުވޭ. ވިހި އަހރެއްގެ ވާހަކަ އޮތީ. ދެން ގޭގަ ދިރިއުޅެންބަލާއިރު މާފެންވަރުގެ ގެއެއްނޫންތަ ހުންނާނީ. ދެން ހިންގާނީ އަމިއްލައަށް. ކޮބާ މައްސަލައަކީ. އާނދެން އިޖުއތިމާޢީ މައްސަލަތައް ނިކުންނާނެކަން ކަށަވަރުތާ؟ އޮރިޔާމުންވިއްޔާ ދޮންމީހުން އުޅޭނީ. ދެން ރަށުމީހުންވެސް އުޅޭނީ އެގޮތާށް. ރަށުގެ މުއްސަނދިކަން އިތުރުވާނީ ރަށުމީހުން ހިންގަން ފެށީމަ. މުޅިން މާލޭ މީހުނެއްނޫން ގެސްޓް ހައުސް ހިންގަނީ.
ޙހ
ބިން ކުއްޔަށްދެނީ 6 ކުދިންނަށް ދިރިއުޅޭނެ މަގު ފަހި ނުވާ އެވަރު އަގެއްގައި ނޫންނަމަ ކުއްޔަށް ދިނުމުގެ ބޭނުމަކީ ކޮބާ.
ފާރޫޤް
މާފުށީގަ ހިއްގައިގެން ތަރައްގީ ކުރާނެ ބިން އެބައޮތް. ފާޑުގެ އާޓިކަލް ލިޔާއިރު ވިސްނާލުން ބުއްދިވެރި.
ރާއްޖެތެރެ
މާލޭއިންވެސް މާލޭ މީހުނަށް ފައިދާ ރާއްޖެތެރޭންވެސް މާލޭ މީހުނަށް ހުރިހާ ފައިދާއެއް.ވިސްނާންވީ ކަމެެއްމީ.ލ.ގަމުގަވެސް ހުސް މާލޭ މުއްސަދިން ގޯތި.އެމީހުން އަހަރުމެން މާލެ ދިޔައީމަ ރުފިޔާ ކޮޅު ހިފައިގެން އައިސް
އަންތަރީސް
ބުއްދި ހަމަޖެހޭ މީހެއްގެ ލިޔުމެއްތަމީ. ކިތަންމެ ޖޭވިޔަސް މާފުށި އިޒް މަޗް ބެޓަރ ދެން މާލެ. ހޮއެހޮއެ.
އަހުމަދު
ކިހިނެއް ކޮންވިސްނުމެއްގައި ލިޔެފަ އޮތް ލިޔުމެއް ކަމެއް ނޭގުނު. ރަގަޅު ފެކްޓް ތަކެއް ބޭނުން ކޮށްފައި ނުވޭ. ވިޔަފާރީގެ ދެކޮޅު ބެލިފައެއް ނުވޭ. އިޖުތިމާއީ މައްސަލަ ތަކުގެ ދެކޮޅު ބެލިފައި ނުވޭ. މާފުށިގެ ބިމުގެ ކުލިން މިހާރު ރާއްޖޭގެ ކޮންމެ ތަނެއްގައިވެސް ދިރިއުޅެވޭނެ. ފަޅު ހިއްކައިގެން ގޯތި ދޫކުރަންވީ ހަމަ.
އިކް
ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްގެން ހަދާ ލަގްޒަރީ ހޮޓާތަކާ - ގެސްޓްހައިސްތަކާ ހުރި ތަފާތު ވެރިކަމަށް އަރާހުރި މީހަކަށް ނުވަތަ ބަޔަކަށް ނޭނގެންޏާ ވަރަށް ކަންތައްތައް ގޯސްވާނެ
ހަސަން
20 އަހަރައް ކުއްޔައްދެނީ ހިލޭ ތަ ؟ ހާދަ ބޮޑު އަގުގައޭ.. ކުއްޔައް ދީފަ ދަރިންގޮވައިގެން ލަންކާ ނޫނީ އިންޑިޔާގަ ބޮޑެތި ގެތަކުގައޭ އުޅެނީ ..
ޢަހުމަދު
ކޮން ވިސްނުމަކުން ލިޔެފަ އޮތް ލިޔުމެއްކަން ނުވިސްނުނު.
ސޯދުބެ
އަހަރެން ހީކުރީ ވަރަށް ބޮޑެތި މައްސަލަތައް ދިމާވެގެން އުޅެނީ ކަމަށް. ޢެކަމަކު މުޅި ރިޕޯޓް ކިޔާ ނިއްމާލި އިރުވެސް މި ފެންނަނީ އެއް ވާހަކައެއް. ބިމުގެ ވާހަކަ. ބިމުގެ މައްސަލަ އަކީ މާފުއްޓަށް އެކަނި ދިމާވެގެން އުޅޭ ކަމެއް ނޫން. މުޅި ދިވެހިރާއްޖެ އަށް ކުރިމަތިވެފައިވާ މައްސަލައެއް އެއީ. އެހެންވީމަ މި ލިޔުން ހަމަޖެހޭ ހެން ހިޔެއް ނުވޭ. މީގަ އަލި އަޅުވާފަ މި އޮތީ ގެ ކުއްޔައް ދޭ މީހާގެ ގެ 20 އަހަރަށް ނުލިބޭ ވާހަކަ. އެކަމަކު އެ 20 އަހަރު ތެރޭގަ އޭނައަށް ލިބޭ މަންފާއާއި ނުވަތަ ފައިސާގެ ތަނަވަސް ކަމުގެ ވާހަކަ ނެތް ބަޔާންވެފަ. އަދި 20 އަހަރު ފަހުން ރަނގަޅު ފެންވަރެއްގައި ހަދާފައި ހުރި އުސް އިމާރާތެއް އެބަ ލިބޭ އަމިއްލައަށް ބޭނުން ކުރަން. މީގަ ހުރިހާ ސައިޑަކުން ވާހަކަ ދައްކަން ޖެހޭނެ. އޭރުން ރިޕޯޓް ރިޕޯޓަކަށް ވާނީ. ހީކުރަން މި ކޮމެންޓް ޖަހާނެ ކަމަށް
އަލީ
މިޒަމާނުގަ ހުޅުވިފައިވާ ވިޔަފާރި މީ ކިހިނެއް ހިނގާ ކަމެއްކަން ދަސްކޮށްފަ ލިއުނީމަ ތަންކޮޅެއް ރަނގަޅުވާނެ....
އެދުރު
އެމީހުންގެ ގޯތީ ރުފިޔާގެ ބޭނުމުގައި ކުއްޔަށް ދިނުމަށްފަހު ދެން ޑިމާންޑްކުރަނީ ގޯތީ ހޯދަން..
އަލީ
މިޒަމާނުގަ ހުޅުވިފައިވާ ވިޔަފާރި މީ ކިހިނެއް ހިނގާ ކަމެއްކަން ދަސްކޮށްފަ ލިއުނީމަ ތަންކޮޅެއް ރަނގަޅުވާނެ....

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]